ކުޅިވަރު

ޓީސީ އާއި ގްރީންގެ މެޗަށް ހަމަހަމަ ނިމުމެއް

May 20, 2017

މާލޭ ލީގްގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި، ޓީސީ އާއީ ގްރީން ސްޓްރީޓް ބައްދަލު ކުރި މެޗު 1-1 އެއްވަރުވެގެން ނިމިއްޖެ އެވެ.

ފުރަތަމަ ބުރުގައި ގްރީން ވަނީ ޓީސީގެ މައްޗަށް، ކާމިޔާބު ހޯދާފަ އެވެ. މި އަދުގެ މެޗުން، އެ ޓީމު މޮޅުވިނަމަ، 16 ޕޮއިންޓާއެކު، ތާވަލުގެ ދެ ވަނަ އަށް ޖެހިލެވުނީހެވެ. އެ ޓީމު ތިން ވަނައިގައި އޮތީ 14 ޕޮއިންޓާއެކު އެވެ.

މިއަދުގެ މެޗުގައި ވެސް ފުރަތަމަ ލީޑް ނެގީ، ގްރީން އެވެ. މެޗުގެ 30 ވަނަ މިނެޓްގައި، އެ ޓީމަށް ލަނޑު ޖަހައިދިނީ، ބިދޭސީ ކުޅުންތެރިޔާ ސޮބެލް އިލިއާ އެވެ.

ދެ ވަނަ ހާފުގައި ވެހުނު ބޯ ވާރޭ ތެރޭ ކުޅެމުން ގޮސް ލީޑްގައި ހިފަހައްޓަން، ގްރީން މަސައްކަތް ކުރިނަމަވެސް، އެޓީމަށް އެކަން ހާސިލު ނުވިކަން، އެޓީމުގެ ކޯޗް ސޮބާހް މުހައްމަދު ފާހަގަ ކުރި އެވެ.

ޓީސީގެ ލަނޑަކީ އެޓީމަށް ލިބުނު ޕެނަލްޓީ އެއްގައި ކާމިޔާބު ކުރި ލަނޑެކެވެ. އެ ޓީމުގެ އަބްދުﷲ އައްޒާމް ބޯޅަ ހިފައިގެން، ހުސްކޮށް ގްރީންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމުން، އެބޯޅަ ދިފާއު ކުރަން ނިކުތް ގްރީންގެ ކީޕަރު ޖޫން ކޮޗީ، އައްޒާމް އަށް ފައުލު ކުރުމުން ދިން ޕެނަލްޓީ ގައި ލަނޑު ކާމިޔާބު ކުރީ ކެލޯނިއަސް ސްތޭވާޓެވެ.

ޓީސީއިން ވަނީ، ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފަ އެވެ. އެ ޓީމުގެ ކޯޗް މުހައްމަދު ނިޒާމް ބުނީ، ލިބުނު ފުރުސަތުތަކާ ބަލާފައި، މެޗަކީ މޮޅުވާން ޖެހޭ މެޗެއް ކަމަށާއި، ނަމަވެސް އެއްވަރު ވުމުން ވެސް ހިތްހަމަޖެހޭ ކަމަށެވެ. ނިޒާމް ބުނީ ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު ވަރަށް ފަހިކޮށް އެބައޮތް ކަމަށާއި ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނެތް ކަމަށެވެ.