ކުޅިވަރު

މުހިންމު ކުޅުންތެރިން ނެތި ސެންޓޭ ނިއު މޮޅުކޮށްދީފި

May 21, 2017

ސަސްޕެންޝަންގެ ސަބަބުން، މުހިންމު ކުޅުންތެރިން ނުލައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި، އަލީ ފާސިރު (ސެންޓޭ) ކާމިޔާބު ކުރި ލަނޑުން ނިއުރޭޑިއަންޓް މޮޅު ކޮށްދީފި އެވެ.

ފުރަތަމަ ބުރުގައި ނިއު، އީގަލްސްއާ ދެކޮޅަށް، ކުޅުނު އެންމެ ފަހު މެޗަށް ފަހު ހިނގާދިޔަ ކުރިމަތި ލުންތަކުގައި، ނިއުގެ ކެޕްޓަން އަދި ގޯލް ކީޕަރު އިމްރާން މުހައްމަދާއި، ސްޕެއެއިންގެ ފޯވަޑް އެޑްރިއަން ގެލާޑޯ އާއި ހޮލެންޑްގެ މިޑްފީލްޑާ ޖަމިލް ރޮމާނޯ ދެ މެޗަށް ސަސްޕެންޑް ކުރުމުން، ނިއުގެ ކޯޗް ބެނާޑޯ ޓެވަރޭސް ވަނީ ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އަދި މިރޭގެ މެޗުގައި، އަކްރަމް އަބްދުލް ގަނީވެސް ކުޅެފައެއް ނުވެ އެވެ.

ވައިސް ކެޕްޓަން މުހައްމަދު ރަޝީދުވެސް ނެތުމުން މެޗުގައި ދެ ވަނަ ވައިސް ކެޕްޓަންގެ ހައިސިއްޔަތުން ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ސެންޓޭ ލަނޑު ޖެހީ، ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓް ގައެވެ.

ނިއުގެ ކޯޗް ޓެވަރޭސް ބުނީ، ޒުވާން ކުޅުންތެރިންގެ ފަރާތުން ފެނުނު ޕާފޯމަންސާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި އެ ކުޅުންތެރިންނަކީ ޕްރެކްޓިހުގައި ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިން ކަަމަށެވެ.

"އަހަރެމެން ވަނީ ގިނަ އާ ކުޅުންތެރިންނަށް ފުރުސަތު ދިފައި، ޕްރެކްޓިހުގައި އެ ކުޅުންތެރިން ކުރި މަސައްކަތް މެޗުގައިވެސް އެ ކުޅުންތެރިން ވަނީ ކޮށްފަ، މޫސުން ގޯސްކޮށް އޮތްއިރުވެސް ޕާސާ ދީގެން ކުޅެން މަސައްކަތް ކުރި، އެ ކުޅުންތެރިންނަށް ފުރުސަތު ލިބޭ ވަރަކަށް ކުރިއެރުން ލިބިގެންދާނެ." ޓެވަރޭސް ބުންޏެވެ.

އޭނާ ބުނީ، މުހިންމު ކުޅުންތެރިން ނުލައި ކުޅެ ލިބުނު މޮޅާއެކު، ނިއު އަށް އިތުރު ހިތްވަރެއް ލިބިގެން ހިނގައްޖެ ކަމަށާއި ގްރީންސްޓްރީޓާ ދެކޮޅަށް ކުޅޭ މެޗަށް މި މެޗުން ފައިދާ ކުރާނެ ކަމަށެވެ.

އިމްރާންގެ ބަދަލުގައި ގޯލް ބެލެހެއްޓީ، ދެ ވަނަ ކީޕަރު އަބްދުﷲ ޒިޔަޒަން އެވެ. ޓެވަރޭސް ބުނީ ޒިޔަޒަންގެ ޕާފޯމަންސާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި އޭނާ، ކުރި ސޭވްތަކުން، ޓީމުގެ ޑިފެންސަށް އިތުބާރު ބޮޑުވެގެން ދިޔަ ކަމަށެވެ.

ވެލެންސިއާގެ ހެޑްކޯޗް އަހްމަދު ފެސްކޯ ބުނީ، މިއަހަރު ފެށުނީންސުރެ، ވެލެންސިއާއަށް ކުރިމަތި ވެގެން އުޅެނީ ލަނޑު ނުޖެހުމުގެ މައްސަލަ ކަމަށާއި އެމައްސަލަ ފިޔަވައި ގިނަ ކަންކަން މެޗުގައި ރަނގަޅަށް ދިޔަ ކަމަށެވެ. ނަމަވެސް، މެޗުން ބަލިވުމުން ގަދަ ހަތަރެއްގެ އުންމިދު ފަނޑުވެފައިވާކަން، ފެސްކޯ ފާހަގަ ކުރި އެވެ.

"އަޅުގަނޑކަށް ހިއެއްނުވޭ ވެލެންސިއާ ދެން ގަދަހަތަރެއްގެ ފުރުސަތު އޮތް ހެނެއް، ދެން އޮތީ ރަނގަޅު ކުުރެވެން ހުރި ކަންކަން ރަނގަޅު ކޮށްލައިގެން ކުރިއަށް ދިއުން." ފެސްކޯ ބުންޏެވެ.