ކުޅިވަރު

"ދައުރުވަނީ ބައްސާމްގެ ޓްވީޓެއް ނޫން، މަސްލަހަތު ނަގާނުލާ"

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ނިސްބަތާވާ ގޮތަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޓްވީޓަކީ، ބައްސާމްގެ ޓްވީޓެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި، އެކަމާ ހެދި ފުޓްބޯޅަ އާއިލާގެ މަސްލަހަތު ނަގާ ނުލުމަށް ވިކްޓަރީގެ ކޯޗް އަލީ ސުޒޭން އިލްތިމާސް ކޮށްފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ، ބައްސާމްގެ ޓްވީޓެއް ކަމަށް ބުނެ، ސޯޝަލް މިޑިއާގައި ދައުރު ކުރުވަމުންދާ ފޮޓޯގައި، ވަނީ، ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު، ގައުމީ ޓީމުގައި ހޭދަކުރި، 17 އަހަރުވީ ކެރިއާ ބެހޭގޮތުން ސުވާލު އުފައްދައި ބައްސާމް ޓްވީޓެއް ކޮށްފައިވާ ކަމަށް ބުނެ އެވެ.

އެ ފޮޓޯގައި ފެންނަ ގޮތުގައި، ސުޒޭން ވެސް ވަނީ ޓެގް ކޮށްފަ އެވެ. އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން، ސުޒޭން ބުނީ، އެފްއޭއެމްގެ ރައީސް އަކީ އެހާ "ޗީޕް' ބޭފުޅެއް ނޫން ކަމަށާއި އެއީ ބައްސާމްގެ ޓްވީޓެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

ޓްވިޓާގައި ބައްސާމްގެ ނަމުގައި އެހެން އެކައުންޓެއްވެސް ދައުރު ވެއެވެ. ބައްސާމްގެ ނަމުގައި ހަދާފައިވާ "ފޭކް" އެކައުންޓް ޓްވީޓާ ބޭނުން ކުރަން ފަށާފައި ވަނީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. --- ތިރީގައި މިވަނީ ބައްސާމްގެ ނަމުގައި ހަދާފައިވާ "ފޭކް' އެކައުންޓްގެ ލިންކެވެ.

"އިމްރާނަކީ އެންމެންގެ އިހްތިރާމް ދޭން ޖެހޭ މީހެއް، އެކަން އެންމެ ބޮޑަށް އެނގިވަޑައިގަންނަވާނީ އެފްއޭއެމްގެ ރައީސަށް، އަޅުގަނޑުމެންނަށްވުރެ ބޮޑަށް އެފްއޭއެމްގެ ރައީސްގެ ވިސްނުން ފުޅު ހުންނަނީ އެގޮތަށް ކަންނޭނގެ، އެހެންވީމަ އެއީވެސް އޭގެ ފެކްޓެއް، އަނެއްކާ އެހާ ޗީޕް ޓްވީޓެއް އެފްއޭއެމްގެ ރައީސް ކުރައްވަ ފާނެބާއޭ އެއީ ވެސް ސުވާލެއް، އެއަށް ބަލާފައި އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އެއީ ބައްސާމްގެ ޓްވީޓެއް ކަމަކަށް،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ، ސޯޝަލް މީޑިއާއިން އެގޮތަށް ފެންނަ އެއްޗަކާ މެދު، ފުޓްބޯޅަ އާއިލާގެ ތެރޭގައި މަސްލަހަތު ގެއްލި، ފިތުނަ އުފެދިގެން ދިއުން އެއީ ވަރަށް ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށެވެ.

"އެކަން ކުރާ ބަޔަކު، މިހާރުން މިހަރަށް އެކަން ހުއްޓާލުމަށް ވަރަށް އަދަބުވެރިކަމާއެކު، އަޅުގަނޑު އެދެން، ހަގީގަތުގައި އަދިވެސް މީގެ ތެރޭގައި ހުރި ކަންކަން ހައްލު ކުރެވޭނީ، މިގޮތަށް މަސްލަހަތު ގެއްލުވާލައިގެނެއް ނޫން، އެކުވެރި ކަމާ ބަދަހި ކަމާއެކު މަސައްކަތް ކޮށްގެން،" ސުޒޭން ބުންޏެވެ.

އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވާ ނިންމުމަކަށް ފާޑު ކިޔަން އޭނާ ބޭނުން ނުވާ ކަމަށާއި ނަމަވެސް، އިމްރާނަށް ދީފައި އޮތީ އެންމެ ރަނގަޅު އަދަބުތޯ ސުޒޭން ވަނީ ސުވާލު އުފައްދާފަ އެވެ.

މާޒިޔާގެ ކޯޗް ސެކްލޮސްކީ ބުނީ، ބައްސާމް އަކީ ރާއްޖޭގެ ފުޓްބޯޅަ އިދާރާގެ ރައީސް ކަމަށް ވަރަށް ގާބިލު ބޭފުޅެއް ކަމަށެވެ.

"އަހަރެން ރާއްޖޭގައި މި ހޭދަކުރީ ވަރަށް ކުޑަ ދުވަސްކޮޅެއް، ވަރަށް ގިނަ މީހުންނާ އަހަންނާ އެކުވެރިކަން އުފެދިއްޖެ، ތަޖުރިބާތަކެއް ކުރެވިއްޖެ ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސްއަކަށް މިހުރީ ވަރަށް ރަނގަޅު ބޭފުޅެއް އަދި ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ކަމަށް އޭނާ އަކީ ވަރަށް ގާބިލު ބޭފުޅެއް،" ބައްސާމްއާ ބެހޭގޮތުން، ސްކޮލޮސްކީ ބުންޏެވެ.

އޭނާ ބުނީ ރާއްޖޭގެ ފުޓްބޯޅައިގައި ޝާމިލުވާ ހުރިހާ ފަރާތްތަކުން އެކަކު އަނެކަކަށް އިހުތިރާމެއް ކުރަން ޖެހޭ ކަމަށާއި ރާއްޖޭގެ ފުޓްބޯޅަ ރަނގަޅު ކުރަން ހުޅުވިފައިވާ މާހައުލެއްގެ ތެރެއިން ވާހަކަ ދައްކަންޖެހޭ ކަމަށެވެ.

"ހަމަނުޖެހުން އޮވެގެން ކުރިއަކަށް ނުދެވޭނެ، އަހަންނަށް ހީވަނީ ހަމަޖެެހުމާއެކު ކުރިއަށްދާން ޖެހޭހެން، ބައްދަލުވުންތަކެއް ބާއްވައި ރާއްޖޭގެ ފުޓްބޯޅައާ ބެހޭގޮތުން ހުޅިވިފައިވާ މާހައުލެއްގައި ވާހަކަ ދައްކަން ޖެހޭ، ސޯޝަލް މީޑިއާގައި ވާހަކަ ދައްކައިގެން، ފަރުދާގެ ފުރަގުގައި ތިބެ ވާހަކަ ދައްކައިގެން ފުޓްބޯޅައަކަށް ކުރިއެރުމެއް ނުލިބޭނެ،" ސެކްލޮސްކީ ބުންޏެވެ.

ފުރަތަމަ ޑިވިޝަން ކުލަބެއްގެ އިސް ބޭފުޅަކު ވިދާޅުވީ، ބައްސާމް އާއި އަދި އެހެން މީހަކަށްވެސް ރައްދުވާ ގޮތަށް ސޯޝަލް މީޑީއާގައި ވާހަަކަ ދައްކައިގެން، އެއްވެސް މީހެއްގެ ޝަހްސިއްޔަތައް ލިބޭނެ ގެއްލުމެއް ނެތް ކަމަށާއި ހުރިހާ ގެއްލުމެއް ވާނީ ހަމަ ދިވެހި ފުޓްބޯޅައަށް ކަމަށެވެ.