ކުޅިވަރު

ރެޑްބުލް ނޭމާ ޖޭއާރް މުބާރާތް ކާމިޔާބުކޮށް ޓީނޭޖް ބްރެޒިލަށް

May 21, 2017

ރެޑްބުލްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ނޭމާ ޖޭއާރް ފައިވް ސައިޑް" ފުޓްސަލް މުބާރާތުގެ ރާއްޖޭގެ ޗެމްޕިއަންކަން ހޯދައި ބްރެޒިލްގައި އޮންނަ ރަސްމީ މުބާރަތުން ޓީނޭޖަށް ޖާގަ ހޯދައިފި އެވެ.

ފައިނަލުގައި ޓީނޭޖް 2-0 ކާމިޔާބު ހޯދީ ކުލަބު ޕިކޭގެ މައްޗަށެވެ. ޓީނޭޖްގެ ލަނޑުތައް ކާމިޔާބު ކުރީ މުހައްމަދު ރިފްއަތު (ރިއްޕެ) އާއި އިބްރާހިމް މުބީން (މުއްކި) އެވެ.

ބްރެޒިލްގައި އޮންނަ ރަސްމީ މުބާރަތަށް ޓީނޭޖްގެ ކުޅުންތެރިން، އެގައުމަށް ދާނީ ޖުލައި މަހުގެ ދެ ވަނަ ދުވަހު އެވެ.

ނޭމާ ޖޭއާރް ފައިވް ސައިޑަކީ ދުނިޔޭގެ 50 ށް ވުރެ ގިނަ ގައުމުން ވާދަ ކުރާ މުބާރާތެވެ. ކޮންމެ ގައުމެއްގައިވެސް އެކި ހިސާބުތަކުގައި ކޮލިފައިން ކުޅެ، މުބާރަތަށް ދާނީ އެގައުމެއްގެ ޗެމްޕިއަން ޓީމެވެ.

ރާއްޖޭގައިވެސް ވަނީ ނުވަ ސަރަހައްދެއްގައި ކޮލިފައިން މުބާރާތް ކުރިއަށް ގެންގޮސްފަ އެވެ. މިދިޔަ ތިން އަހަރުވެސް ރާއްޖޭގައި މުބާރާތް ކުރިއަށް ގެންދިޔަ އެވެ.

ނޭމާ ޖާއާރް ފައިވްގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން، ކީޕަރާއެކު ކޮންމެ ޓީމެއްގައި ހިމެނޭނީ ފަސް ކުޅުންތެރިން ނެވެ. ކޮންމެ މެޗެއްގައި ކުޅޭނީ 10 މިނެޓެވެ. އިދިކޮޅު ޓީމުން، ލަނޑު ޖަހާ ކޮންމެ ފަހަރަކު، ލަނޑު ވަން ޓީމުން، ކުޅުންތެރިޔަކު މަދު ކުރާނެ އެވެ.