މާލޭ ލީގްގެ ގަދަ ހަތަރެއްގެ ރޭހުގައި އީގަލްސް އޮންނަން ބޭނުން ނަމަ، މިރޭ ޔުނައިޓަޑް ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކުރުން މަޖުބޫރު ކަމަށް، އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ ސާންތީ ބުނެފި އެވެ.
ލީގް ފެށުމުގެ ކުރިން، ސާންތީ ބުނެފައި ވަނީ، އީގަލްސްގެ ޓާގެޓަކީ ކިރިޔާ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނިލެވޭ ވަރަށް ފުރުސަތު ހޯދުން ކަމަށެވެ. ފުރަތަމަ ބުރު ނިމުނު އިރު، އީގަލްސް އޮތީ ގަދަ ހަތަރެއްގެ ބައުންޑަރީ ތެރެއަށް އެތެރެ ވެފައެވެ.
ނަމަވެސް ފުރަތަމަ ބުރަށް ވުރެ، ދެ ވަނަ ބުރުގެ މެޗުތައް ވާދަވެރިވެފައި އުނދަގޫ ވާނެކަން ސާންތީ ގަބޫލު ކުރެ އެވެ. އެހެންވެ، ފުރަތަމަ ބުރުގައި ކުރި މަސައްކަތަށް ވުރެ ދެގުނަ މަސައްކަތް ކުރަން ޖެހޭކަން އޭނާ ފާހަގަ ކުރި އެވެ.
"އީގަލްސްއަށް އާންމުކޮށް މައްސަލަތަކެއް ދިމާވޭ، އީގަލްސް އަށް ވުރެ ކުޑަ ޓީމަކާ ދެކޮޅަށް ކުޅެން ޖެހޭއިރު މާ އުނދަގޫ އަބަދުވެސް ބޮޑު ޓީމަށް ޕްރެޝަރު އަންނާނީ، ނަމަވެސް އަޅުގަނޑު ހިތްހަމަޖެހޭ ވަރަށް ކުޅުންތެރިން އެތިބީ ފޯމްގައި މި މެޗު މޮޅުވާން ކުރަން ޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނަން،" ސާންތީ ބުންޏެވެ.
ފުރަތަމަ ބުރުގައި، އީގަލްސް، ޔޫވީއާ ކުރިމަތި ލިއިރު، އެ ޓީމުގެ ކޯޗް ބަދަލެއް ނުވެއެވެ. އޭރު ކޯޗަކަށް ހުރީ މިހާރު އަންހެން ގައުމީ ޓީމުގެ ކޯޗް މުހައްމަދު އާތިފް (އާތީ) އެވެ. މިހާރުގެ ކޯޗް މުހައްމަދު ނަޒީހް ހަވާލުވެ، ޔޫވީގެ ކުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅު ކޮށްފަ އެވެ.
ސާންތީ ބުނީ ޔޫވީވެސް ތިން ޕޮއިންޓްގައި އޮތުމުން، އެޓީމު އިތުރަށް މަސައްކަތް ކުރާނެ ކަމަށާއި އެކަމަށް އީގަލްސް ތައްޔާރު ވާނެ ކަމަށެވެ.
މިރޭގެ މެޗަށް އީގަލްސް ނިކުންނާނީ، މި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ނިއުރޭޑިއަންޓާއި އީގަލްސް ކުޅުނު މެޗުގައި ހިނގާދިޔަ ކުރިމަތިލުންތަކާ ގުޅިގެން ދެ މެޗަށް ސަސްޕެންޑް ކޮށްފައިވާ އީގަލްސްގެ އިބްރާހިމް މުބީން (މުއްކި) ނުލަ އެވެ. ސާންތީ ބުނީ މުއްކި ނެތުމަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
"ނެތް ކުޅުންތެރިޔާގެ ވާހަކަ ދައްކާ މީހެއް ނޫން އަޅަުގަނޑަކީ މުއްކި ނެތިއްޔާ އަޅުގަނޑުމެން މި މެޗު ކުޅޭނީ މުއްކިއަށް ޓަކައި، ޒުވާން ކުޅުންތެރިންތަކެއްވީމަ އެރޫހް ކުޅުންތެރިންގެ މެދުގައި ހުރޭ، މިދިޔަ އަހރު ޕްރެޒިޑެންޓް ކަޕްގެ ފައިނަލު މެޗުވެސް އަޅުގަނޑުމެން ކުޅުނީ (އަނިޔާގެ ސަބަބުން) މުއްކި ނުލައި، ވަކި ކުޅުންތެރިޔަކު ނެތިއްޔާ ހުރިހާ ކުޅުންތެރިން މަސައްކަތް ކޮށްގެން އެތަން ފޫބައްދައިގެ ކުޅޭނީ." ސާންތީ ބުންޏެވެ.