ދުނިޔެ

ސައުދީ ކުންފުނިތަކާއެކު އެމެރިކާއިން އެއްބަސްވުންތަކެއް ގާއިމްކޮށްފި

May 21, 2017

އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ސައުދީ އަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅާ ދިމާކޮށް އިއްޔެ ބޭއްވި ވިޔަފާރި ފޯރަމްގައި ސައުދީ ކުންފުނިތަކާއި އެމެރިކާގެ ކުންފުނިތަކާ ދެމެދު އެތައް ބިލިޔަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުންތަކެއް ގާއިމްކޮށްފި އެވެ.

ސައުދީ އަރަބިއްޔާގެ އަރަބް ނިއުސް އިން ބުނީ އެެމެރިކާގެ ޖެނެރަލް އިލެކްޓްރޯނިކްސް (ޖީއީ) އިން ސައުދީގެ ކުންފުނިތަކާއެކު ހެދި ވިޔަފާރީގެ އެއްބަސްވުންތަަކުގެ އަގު 15 ބިލިޔަން ޑޮލަރަށް އަރާ ކަމަށެވެ.

ސައުދީ އަރަބިއްޔާގެ ގައުމީ ތެޔޮ ކުންފުނި އާރަމްކޯއާއި އެމެރިކާގެ ޖޭކޮބްސް ގުޅިގެން ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދުމުގެ އެއްބަސްވުމެއްގައި ވެސް އިއްޔެ ސޮއި ކުރިއެވެ. އެ އެއްބަސްވުމުގެ ދަށުން އުފައްދާ ކުންފުނިން ކުރާނެ ކަމަކީ ސައުދީ އަރަބިއްޔާއާއި ގަލްފް ސަރަހައްދުގެ އެހެން ގައުމުތަކުގައި އިންފްްރާސްޓްރަކްޗާ ބިނާ ކުރުމެވެ. ސައުދީ އާރަމްްކޯއިން ވަނީ އެމެރިކާގެ ހަނީވެލް ނަމަކަށް ކިޔާ ކުންފުންޏާ އެކުގައި ވެސް އެއްބަސްުވުމެއްގައި ސޮއިކޮށްފަ އެވެ.

"ސައުދީ-ޔޫއެސް ސީއީއޯ ފޯރަމް" ގެ ނަމުގައި އިއްޔެ ބޭއްވި ފޯރަމްގައި އެމެރިކާގެ 50 ކުންފުންޏެއްގެ ވެރިންނާއި ސައުދީ އަރަބިއްޔާގެ 40 ކުންފުންޏެއްގެ ވެރިންނާއި ބައިނަލް އަގުވާމީ އިތުރު ނުވަ ކުންފުންޏެއްގެ ވެރިންނާއި ސައުދީ ސަރުކާރުގެ ނުވަ އޮފިޝަލަކު ބައިވެރިވެވަޑައި ގެންނެވިއެވެ.

އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ޓްރަމްޕް ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވީ އިއްޔެ އެވެ. ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގެ ވައިގެ ބަނދަރުން ޓްރަމްޕަށް މަރުހަބާ ވިދާޅުވީ އެ ގައުމުގެ ރަސްގެެފާނު ސަލްމާން ބިން ޢަބުދުލް ޢަޒީޒު އަލް ސަޢުދެވެ.

ޓްރަމްޕް ސައުދީ އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅުގައި މައިގަނޑު ތިން ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އެއީ ސައުދީގެ އިސްބޭފުޅުންނާއެކު ބާއްވާ ބައްދަލުވުމަކާއި ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ހަ ގައުމުގެ އޮފިޝަލުންނާއެކު ބާއްވާ ބައްދަލުމަކާއި އަރަބި އަދި އިސްލާމީ ވެރިންނާއެކު ބާއްބާ މެންދުރުގެ ފަރިއްކޮޅެކެވެ. އެ ފަރިއްކޮޅަށް 56 ބޭފުޅަކަށް ވަނީ ދައުވަތު އަރުވާފަ އެވެ.