(18 މެއި 2017 އާ ގުޅޭ)
"ބައްޕާ! އަހަރެން ވާހަކައެއް އަހާލަންތަ؟" މަޑުމަޑުން އައިރާ އަހާލިއެވެ. އެއާއެކު އަމީރު ހޫން ލައްވާލިއެވެ.
"އަހަރެން މަންމައާއެކު ހިނގައްޖެނަމަ ބައްޕަ އަހަރެންދެކެ ރުޅި އަންނާނަންތަ؟" ނުކެރިފައި އިންހެން އައިރާ އަހާލީ އިސްޖަހާލައިގެން އިނދެއެވެ. އެފަދަ ސުވާލެއް އަމީރާ ހަތަރުކަޅި ހަމަކޮށް އަހާލުމުގެ ކުޅަދާނަކަން އައިރާގެ ނެތީއެވެ.
އަމީރު އެއްޗެއް ނުބުނެ އިރުކޮޅަކު މަޑުކޮށްލިއެވެ. އޭނާއާ އައިރާގެ ފަރާތުން އެ ސުވާލު ކުރިމަތިވެދާނޭކަން މާ ކުރީން ވެސް އެނގޭ ކަހަލައެވެ. އެ މޫނު މަތިން ހައިރާންކަމުގެ އަސަރު ފާޅުނުވީ އެހެންވެއެވެ. ހަމަޖެހިލައިގެން އިނދެ އައިރާއަށް ބަލާލާފައި އަމީރު ހިނިތުންވެލިއެވެ.
"އައިރާ ދެކެ ބައްޕަ ރުޅިއެއް ނާންނާނަން. އެކަމަކު ވަރަށް ވިސްނާފައި ނޫނީ އައިރާ ގޮތެއް ނުނިމައްޗޭ. ބައްޕައާ ދުރުގައި ހުއްޓަސް އައިރާ ބޭނުން ދުވަހަކުން އެނބުރި އާދެވޭނެ މިގެއަށް. ދަރިފުޅަށް ދަތިކަމެއް ދިމާވެއްޖެނަމަ ބައްޕަ ހުރިކަން ހަނދާންކުރައްޗޭ. ދަރިފުޅު ހިތާމަ ކުރުމަކީ ބައްޕަ އެއްގޮތަކަށް ވެސް އެދޭ ގޮތެއްނޫން... ހަމަ އެގޮތަށް ދެރައެއްލިބޭކަށް ވެސް ބޭނުމެއްނޫން. މަންމައާއެކު ދާން ބޭނުންވާނަމަ ދިޔަޔަސް ބައްޕައަށް އެންމެ ރަނގަޅު. މަންމަގެ ޚިޔާލު ބަދަލުވެދާނޭތީވެ ބައްޕަ ބިރުގަންނަނީ. އެހެންވެ މި ހުރިހާ ވާހަކައެއް ދައްކަން މިޖެހެނީ. މަންމަ ބުނިހާ ގޮތެއް ހަދާކަށް އައިރާއަކަށް މަޖުބޫރެއްނުވާނެ" އަމީރު މަޑުމައިތިރިކަމާއެކު ވާހަކަދެއްކިއެވެ.
"ބައްޕާ! ނިޔާނު އަހަންނާ ކައިވެނި ކުރަމުން ވެސް އެންމެ ގިނައިން ދެއްކީ މަންމަގެ ވާހަކަ. މަންމައަކީ ތަފާތު ޚިޔާލެއްގެ މީހެއްކަން ނިޔާނު ބުނެދިން. ނިކަން ފަސޭހައިން ހިތްހަމަނުޖެހި އެއްޗެހި ބުނާނޭކަން ނިޔާނު ވިސްނައިދިން. ހުރިހާ އުނިސިފަތަކަކާއެކު ވެސް އަހަރުމެން މީހުން ބަލައިގަންނަން... ޚާއްޞަކޮށް މިހާރު އަހަރެންގެ ބައްޕައަކީ ވެސް މަންމައަކީ ވެސް ނިޔާނުގެ މަންމައާއި ބައްޕަ. މިއަދު ބައްޕައަށް ހިތްވަރުދޭން ޝިމްލާ ދައްތަ ހުރިއިރު މަންމައަށް ހިތްވަރުދޭނޭ މީހަކުނެތް. މަންމައަކީ ކޮންމެ ކަހަލަގެ މީހަކަށް ވިޔަސް ނިޔާނު ވަރަށް ލޯބިވޭ މަންމަދެކެ. އެތައް ފަހަރަކު އަހަރެންގެ ގާތުގައި ނިޔާނު ބުނި މަންމައާ ގުޅިގެން އުޅެވޭތޯ ބެލުމަށް. މަންމަ ނުރުހުނަސް މަންމައާ ދެބަސްނުވުމަށް. މަންމަ އެދޭ ކޮންމެ ކަމެއް ކޮށްދިނުމަށް. މިއަދު އެ މަންމައަށް އެހީތެރިކަން ފޯރުކޮށްދޭން ނިޔާނު އެނބުރިއެއް ނާންނާނެ.... އެކަމަކު ނިޔާނުގެ އުންމީދަކަށްވާނީ އެ މަންމައަށް އަހަރެންގެ އެހީތެރިކަން ލިބުން. ނިޔާނު އުފާވާނީ ވެސް އޭރުން. ބައްޕަ ދެރަވާނެކަމެއްނެތް... މަންމަގެ ޚިޔާލު ބަދަލުވިޔަސް އަހަރެން މަންމައާއެކު ހުންނާނަން... ނިޔާނު އެދުނު ފަދައިން އެ މަންމައަށް އޯގާތެރިކޮށް ހިތާނަން. ކޮންމެ އިންސާނަކު ވެސް ބަދަލުވާނެ ދުވަހެއް އަތުވެދާނެ... އަހަރެންގެ ހިތް ބުނޭ މަންމައަށް މިހާރު އެ ހުރީ ހެޔޮ ވިސްނުން ލިބިފައޭ"
"އިތުރަށް ބައްޕަ ބުނާނެ އެއްވެސް ވާހަކައެއްނެތް. ދަރިފުޅަށް ފެންނަ ގޮތަށް ކުރިއަށް ދާންވީ.. ނިޔާނަށް އައިރާ ފަދަ އަނތްބަކު ލިބުނީތީ ބައްޕަ ވަރަށް އުފާވޭ"
"ބައްޕާ! ހަޤީޤަތުގައި ނަސީބުވެރިއަކީ އަހަރެން... ނިޔާނުގެ ސަބަބުން އަހަރެންގެ ނިކަމެތިކަން ފިލާ ހިނގައްޖެ. ޢާއިލާއެއް ނެތިފައި ހުއްޓާ ޢާއިލާއެއް ލިބިއްޖެ... ނިޔާނު ނެތް ނަމަވެސް އޭނާގެ ހަނދާންތައް އަހަންނާއެކު އަބަދުވެސް ވާނެ... މިހާރު ވިސްނޭ... ރޮއެ ހެދުމަށްވުރެ ނިޔާނުގެ ރޫހަށް ހަމަޖެހުން ލިބޭނީ އަހަރެން ވެސް ހަރުދަނާ ގޮތުގައި ދިރިއުޅުމުގައި ކުރިއަށް ދިއުމުންކަން" އައިރާގެ އަތުގައި އަމީރު ފިރުމާލިއެވެ. ރުބީނާއާއެކު ދިއުމަށް އައިރާ އެވަނީ ނިންމާފައިކަން އަމީރަށް މިހާރު ޔަގީންވެއްޖެއެވެ. އެކުއްޖާ ހުއްޓުވަން ބޭނުންވި ނަމަވެސް އައިރާގެ ނިންމުމަށް އަމީރު އިޚްތިރާމު ކުރިއެވެ.
މަޢުރިބު ނަމާދަށް ގޮވި އަޑު ފޯނުން އިވުމާއެކު ނިދިފައި އޮތް ޝިމްލާއަށް ސިހިފައި ހޭލެވުނެވެ. އެނދުން ތެދެވި ގޮތަށް އޭނާއަށް މޫނުގައި އަތްހާކާލެވުނީ މާގިނައިރު ނިދުނީކަން އިހުސާސް ކުރެވިގެންނެވެ. އަލަމާރި ކައިރީ ހުރި ހަރުގަނޑުގައި އަޅުވާފައި އަމީރުގެ އޮފީސް ހެދުން ހުރުމުން އޭނާ ގޭގައި އެބައުޅޭކަން ޝިމްލާއަށް އެނގުނެވެ. އަވަސް އަވަހަށް ކޮޓަރިން ބޭރަށް ބޯދިއްކޮށްލަން ހިތާ ތެދުވިތަނާ ދޮރުހުޅުވާލާފައި އެތެރެއަށް ވަނީ އަމީރެވެ.
"މިސްކިތައް ދަމުން ޝިމްއަށް ގޮވާލަން މި ވަނީ" ކޮޅަށް ހުރި ޝިމްލާއަށް ބަލަން ހުރެ އަމީރު ބުންޏެވެ.
"އަހަންނަށް ޖައްސާލިތަނާ ނިދުނީ. އޮފީހުން އައިސް އެއްޗެއް ކައިފިންތަ؟ ދެން ނަމާދުކޮށްލައިގެން އައިސް ދޯ ކާނީ؟"
"ރަނގަޅުވާނެ... އިޝްކޮ ވެއްޖެ އައިރާގެ ކޮޓަރީގައި... ދެން ދަނީ" އަމީރު މިހެންބުނެފައި ކޮޓަރިން ނުކުތެވެ.
އިޝާނަމާދުން ފޭބި ގޮތައް ޝިމްލާ އަވަސްވެލީ އަމީރު އަންނަންވާއިރަށް ކާން ތައްޔާރު ކުރުމަށެވެ. އޭރު އޭނާއަށް އެހީތެރިވުމުގައި އައިރާއާއި އިޝްވާ ވެސް ބަދިގެކޮޅުގައި ހަރަކާތްތެރިވަމުން ދިޔައެވެ. އަމީރު ގެއަށް އަންނަންވާއިރަށް ޝިމްލާ އޭނާގެ މަސައްކަތް ނިންމާލިއެވެ. އައިރާއާއި އިޝްވާ ގޮވައިގެން ސޯފާގައި އޭނާ އިނީ އަމީރު އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އެހެން ރޭ ރެއަށްވުރެ ކުރީން ކާން ހެދުމުން ޝީމްލާއާ އެކަމާ ގުޅިގެން އައިރާ ސުވާލުކުރިއެވެ.
"އަހަރެން ގާތުގައި ވެސް ބައްޕަ ބުނެލިނަމަ ސައި ހަދައިދޭނަން... އެއްގޮތަކަށް ވެސް ނޭނގެ ދައްތައަށް ނިދިފަ އޮތްކަމެއް"
"ބައެއްފަހަރު އެހެންވެސްވާނެ. އަމީރު އެކަހަލަ ކަންތައްތައް މާބޮޑުކަމަކަށް ނަހަދާނެ. އެއްޗެހި ހުރިއްޔާ އޭނާ އަމިއްލައަށް ވެސް ސައިތަށްޓެއް ހަދާލައިގެން ސައިބޯލާނެ" ޝިމްލާ ބުންޏެވެ.
"މިއަދު އެންމެން ސޯފާގައި އަނެއްކާ ކިހިނެއްވީ؟" އެޕާޓްމެންޓުގެ ދޮރުހުޅުވާލާފައި ވަން އަމީރަށް ސޯފާގައި އެންމެން ތިބިތަން ފެނި ހިނިއައިސްފައި އަހާލިއެވެ.
"ބައްޕަ ސައިހަދަން ކީއްވެތަ ނުބުނީ" ފުރަތަމަ ވެސް ވާހަކަދެއްކީ އައިރާއެވެ.
"އޭރު އެހާ ބަނޑުހައި ނުވާތީ ސައިބޯން ނޫޅުނީ" ހީނލާފައި އަމީރު ބުންޏެވެ. އަދި ކާމޭޒު ދޮށަށް ޢާއިލާއެކުގައި ޖަމާވިއެވެ. އެހެން ރޭރެއަށްވުރެ ކުރީން ރޭގަނޑުގެ ކެއުން ނިމިއްޖެއެވެ. އިޝްވާ ނިދަން ތައްޔާރުވާން ދިއުމުން އޭނާއާއެކު އައިރާ ވެސް އެ ކޮޓަރިއަށް ދިޔައެވެ. ސިޓިންރޫމުގައި އަމީރާއި ޝިމްލާ އެކަނިވުމުން ޝިމްލާއަށް އަމީރު ގޮވާލިއެވެ. އޭރު އޭނާ އުޅެނީ އުނދުން ކައިރީ ބާކީ ހުރި ކާއެއްޗެހި ހޫނުކޮށް ބަދިގޭގެ މަސައްކަތްތައް ނިންމާލާށެވެ.
"އަހަރެން މި ދައްކާ ވާހަކަ ޝިމް ވަރަށް ރަނގަޅަށް އަޑުއަހަންވާނެ..." ސޯފާއިން ތެދުވެގެން އައިސް ކޮޓަރިތައް ފެންނާނޭހެން ބަދިގެ ކައިރީ އަމީރު މަޑުކޮށްލިއެވެ.
"ތިހެންވީރު ތި އުޅެނީ ބޮޑުވާހަކައެއް ބުނަންތާ... އަނެއްކާ އައިރާއާ ގުޅުން ހުރި ކަމެއްތަ" ޝިމްލާ ފަސްއެނބުރި އަމީރަށް ބަލާލިއެވެ.
ރުބީނާ ކަންތައްކުރި ގޮތް ޝިމްލާއަށް އަމީރު ކިޔައިދިނީ ދެނެވެ. އަދި އައިރާ ނިންމާފައިވާ ގޮތް އަމީރު އޮޅުން ފިލުވައިދިނެވެ. ނަމަވެސް އެ ނިންމުމާ މެދު ޝިމްލާ އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހުނެވެ. އޭނާ އަމީރުގެ ގާތުން އެދުނީ އައިރާ ހުއްޓުވުމަށެވެ. ރުބީނާގެ ދަލުގައި ޖެހި އައިރާއަށް ދެރައެއް ލިބިދާނޭކަމުގައި ޝިމްލާ ބުންޏެވެ. އެހެންނަމަވެސް އައިރާގެ ނިންމުމާ ޚިލާފުނުވާނޭކަން އަމީރު ބުނުމުން ޝިމްލާއަށް ގޮތް ހުސްވިއެވެ. ހަމައެއާއެކު ރުބީނާގެ ކައިވެނީގެ ޚަބަރު ވެސް އަމީރު ދިނެވެ. އިތުރު ހައިރާންކަމެއް ޝިމްލާއަށް ލިބުނީ ދެނެވެ. ޤައިސް ފަދަ މީހަކާ ރުބީނާ ކައިވެނި ކުރާން އެ އުޅެނީ ކިހިނެއްބާއޭ ވެސް އޭނާގެ ހިތައް އެރިއެވެ.
"އަމީރުއަށް ޓަކައި އަހަރެން އެއްޗެއް ނުބުނާނަން... އެކަމަކު އަހަރެންގެ ހިތެއް ހަމަ ނުބުނޭ ރުބީނާ އެ އުޅެނީ އެކުއްޖާއަށް ހެޔޮ އެދިގެންނޭ" ތިރީ ކަބަޑުސެޓުމަތީ އަޅާފައި އޮތް މާބަލް ހިލައިގައި ލެނގިލައިގެން ހުރެ ޝިމްލާ ބުންޏެވެ. އޭރު ވެސް އޭނާ ކޮންމެވެސް ކަމަކާ ފިކުރުކުރާހެން މޫނުމަތިން ހީވެއެވެ.
"އައިރާ ފަހަރެއްގައި ޝިމް ގާތުގައި ދާން އުޅޭ ވާހަކަ ދައްކަފާނެ. އަހަރެން ބޭނުމެއްނޫން އަހަރުމެންގެ ފަރާތުން ހިތްހަމަނުޖެހުމެއް އެކުއްޖާއަށް ފެންނާކަށް" އަމީރު ބުންޏެވެ.
އައިރާގެ އުފަލަށް ޓަކައި އަމީރާއި ޝިމްލާ ތިބީ ރުބީނާގެ ނިންމުންތަކަށް ރުހޭކަން ދައްކައިގެންނެވެ. ރުބީނާގެ އިޝާރާތާއެކު އެގެއިން އައިރާ ދާންޖެހޭ ވަގުތު ޖެހޭނެކަން އަމީރާއި ޝިމްލާއަށް އެނގެއެވެ. އެ މީހުންނަށް ނޭނގެނީ އެ ވަގުތު ޖެހޭނީ ކޮންއިރަކުން ކަމެވެ.
* * * *
ވަގުތުގެ ދުވެލި މަޑުކުރުމުގެ އިޚްތިޔާރު ލިބިގެން އެކަކަށް ވެސް ނުވެއެވެ. ޤުދުރަތުގެ ޤަނޫނާ ޚިލާފު ނުވެވޭނޭތީއެވެ. ޤައިސްގެ އަމިއްލަ ގޭގެ ބޮޑުކޮޓަރި ތެރެ ތައްޔާރު ކުރެވެމުންދިޔައީ ރޭގަނޑަށް ހަމަޖެހިފައި އޮތް ޚާއްޞަ ހަފްލާއަށެވެ. ހުރިހާ ޚާދިމުންތައް އަވަދިނެތި އުޅެމުންދިޔަ އިރު ޤައިސް ހުރީ އިންތިޒާމުތައް ކުރިއަށް ދާގޮތް ރަނގަޅު ތޯ ބެލުމަށެވެ. އޭނާއަށް އެހީވުމުގައި އެކުވެރިޔާ ވަޖީހު ވެސް އެގެއަށް އައީ ހަވީރުއެވެ. ގިނައިރެއްނުވެ ވަޖީހުގެ އަންހެނުން ސަލްމާއާއެކު ރުބީނާއާއި މައުރީންގެ އިތުރުން ހިދާ ވެސް އެ ގެއަށް އަތުވެއްޖެއެވެ. ރުބީނާއަށް އެވަގުތައް ޚާއްޞަ ކުރެވިފައި ހުރި ކޮޓަރިއަށް އޭނާ ގެންދިޔައީ ޤައިސްއެވެ. އެ މީހުނާއެކު ސަލްމާއާއި ހިދާގެ އިތުރުން މައުރީން ވެސް އައެވެ.
"ރޫބީއަށް އެއްވެސް ދަތިކަމެއް އޮތްނަމަ އަހަރެންގެ ގާތުގައި ބުނޭ" ކޮޓަރިން ނުކުންނަމުން ޤައިސް ބުންޏެވެ. އެއާއެކު ރުބީނާ ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.
"މައި ގޯޑް... މީހަކާ އިނގޭ ތި އިނދެވެނީ" ޤައިސް ނުކުމެ ދޮރު ލައްޕާލުމާއެކު މުއްސަނދިކަން ފާޅުވަމުންދިޔަ ކޮޓަރިއަށް ނަޒަރު ހިންގަމުން ދިޔަ ހިދާ ބުންޏެވެ. އެހިނދު ރުބީނާ އޭނާގެ ނަސީބާމެދު އުފާވެރިކަމުގެ ހީނލުމަކުން ހީނލިއެވެ.
"ރީތިކޮށްދޭ މީހުންނަށް ގުޅަންވީ ދޯ" ހިނިއައިސްފައި ސަލްމާ އަހާލިއެވެ.
"ހައެއް ޖަހާއިރަށް އެޕޮއިންމެންޓް ހައްދާފައި އޮންނާނީ... އަންނާނެ މިކޮޅަށް އެ މީހުން" ރުބީނާ ބުންޏެވެ.
"އެއްޗެހި ވެސް ގެނައީތަ މިހާރު؟" ހިދާ އަހާލިއެވެ.
"އާން! މިރޭ ކައިވެނި ކުރެވޭއިރު ޤައިސް ބޭނުންވީ މިއަދު އަހަންނާއި މައު ބޭނުންކުރާ އެއްޗެހި މިކޮޅަށް ގެންނަން. މައުގެ ކޮޓަރި ވެސް ވަރަށް ރީއްޗޭ... ދޯ މައު" ދަރިފުޅު ހުރީ ހިތްހަމަޖެހިފައިކަން މައުރީންގެ މޫނުމަތިން ރުބީނާ ދެނެގަތެވެ.
ރޭގަނޑު އަށެއް ޖަހަންވިއިރު ގޭތެރޭގައި ހޭލަމޭލަވަމުންދިޔަ ޚާދިމުންތައް މަޑުމަޑުން ގޮސް ގެއްލިޖެއެވެ. އޭރު ބޮޑުކޮޓަރީގައި ހުރި މީގެ ކުރީން ނުދިއްލާ ޗާންދަލީއާއިން މުޅި މާޙައުލަށް ރަންއަލި ފަތުރާލާފައި އޮތެވެ. ދެފަރާތުގައި ހުރި ބޮޑު ކުޑަދޮރުތަކުގައި މަތިމައްޗަށް އަޅުވާފައި ހުރި ތަފާތު ފަރުދާތައް ވެސް ހީވަނީ މިރެއަށް ޚާއްޞަކުރެވިގެން ތައްޔާރުކޮށްފައި ހުރި ހެނެވެ. ހަތަރުގޮނޑީގެ ބޮޑު ސޯފާގައި ޝާހީގޮތް ހުއްޓެވެ. އެކި ދިމާލުން ފެންނަމުންދިޔަ މާވަށިގަނޑުތައް ފުރާލާފައިވަނީ އެކި ވައްތަރުގެ ތާޒާ މާތަކުންނެވެ. ސޯފާތަކުގެ މެދުގައި ހުރި ބިއްލޫރި ތިރި، ދިގު މޭޒުމަތީގައި ވެސް ކާނޭޝަން މަލުން ހަދާފައިވާ ބޮނޑިއެއް މެދަށް ވާގޮތަށް ބާއްވާފައި އޮތެވެ. ދެވަނަ ފަހަރަށް ޤައިސްގެ ކައިވެނި ކުރެވޭއިރު ބޮޑު ހަފްލާއެއް ނުބޭއްވި ނަމަވެސް އަމިއްލަ ގެ އެންމެ ފުރިހަމައަށް ޒީނަތްތެރިކުރިއެވެ. އަނބީމާއަށް އޭނާއަކީ ޚާއްޞަ މީހެއްކަން އިހުސާސް ކުރެވޭނޭ ފެންވަރަށެވެ.
އަށްގަޑި ބައިވިއިރު ބޮޑުކޮޓަރީގެ ސޯފާގައި ވަޖީހުއާއި ޤައިސްގެ ވިޔަފާރީގެ ދުނިޔޭގެ ދެތިން ރަޙުމަތްތެރިން ތިއްބެވެ. އެމީހުންގެ ތެރޭގައި ޤައިސް އިން އިރު އޭނާ ލާފައި ހުރީ އިންޑިއާގައި ކައިވެނި ހަފްލާތަކުގައި ފިރިހެނުން ލާއުޅޭ ފަދަ ކުރުތާއެކެވެ. އޭގެ މަތިން ނެހުރޫ ޖެކެޓެއް ލާފައެވެ. އޭނާގެ ހަށިގަނޑުގެ ތެދުކަމާއެކު ފުރިހަމަ އިސްކޮޅުގެ ސަބަބުން މީހާގެ ހައިބަތު އިތުރުކޮށްދެއެވެ. ހިނިތުންވުމުގައި ވެސް އޭނާގެ އަމިއްލަ ވައްޓަފާޅިއެއް ގެންގުޅޭ ކަހަލައެވެ. ޢަމަލުތައް ހުންނަނީ ވަރަށް ވެސް އަބުއި މީހަކު ފަދައިންނެވެ. އެކަމުގެ ސަބަބުން އޭނާގެ ގައިގާ ޝާހީ ގޮތްގަނޑު ބޮޑެވެ. އެންމެންގެ ސަމާލުކަން އަތުލީ ވަޖީހުއެވެ. އޭނާއަށް އައި ފޯނު ކޯލާއެކުއެވެ.
"އެ އައީ ޤާޟީ... ރޫބީ ގާތުގައި ތިރިއަށް އަންނަން ބުނަންވީނު" ސޯފާއިން ތެދުވެފައި ވަޖީހު ބުންޏެވެ. އެއާއެކު ޤައިސްގެ އަޑު އިވޭ ހިސާބުގައި އަބަދުވެސް އުޅޭ މަރިޔަންދީއަށް ގޮވާލިއެވެ. އަދި އޭނާއަށް އިރުޝާދު ދިނީ ރުބީނާ އިން ކޮޓަރިއަށް ދިއުމަށެވެ. ކައިވެނިކޮށްދޭ މީހުން އެގެއަށް އަތުވެއްޖެކަން އޭނާއަށް އެންގުމަށެވެ.
ފުޅާ ސިޑީގެ ހަރުފަތްތަކުން ރުބީނާ ފައިބަމުން ދިޔައިރު އޭނާގެ ހިތްވަނީ އަވަސްވެފައެވެ. އެންމެ މި ޒަމާނުގެ ހުދުކުލައިގެ ދިގުކޮށް ހުރި ހެދުމެއް ލާފައި ހުރިއިރު މުޅި ހެދުމުގައި މީހުން އަންތަރީސް ވާވަރުގެ ލޭސްގަނޑެއް ލާފައި ހުއްޓެވެ. އުޅަންބޮށްޓާ ހަމައަށް ހެނދުމުގެ އަތް ހުއްޓެވެ. ހަރުފަތްތަކަށް ބަލައިގެން ދެއަތުން ހެދުމުގެ ފަސްބައި ހިއްލާލައިގެން ހުރެ ރުބީނާ ފޭބިއެވެ. ބޮޑުކޮޓަރީގައި އިން ޤައިސްއަށް ރުބީނާ ފެނުމާއެކު ހިނިތުންވެލެވުނެވެ. ރުބީނާއަކީ ރީތި ކަމުގެ ފުރިހަމަ މިސާލެކެވެ. އުމުރުން ދޮށި ނަމަވެސް އޭނާގެ ހަށިގަނޑުން އެކަމެއް އެއްގޮތަކަށް ވެސް ނޭނގެއެވެ. ސިފައަށް ބަލާނަމަ ޤައިސްއަށްވުރެ އެތައް އުމުރެއް ރުބީނާ ހަގު ވައްތަރު ޖަހައެވެ. ރުބީނާ އައިސް ޤައިސްއާ ޖެހިގެން އިށީނެވެ. ރުބީނާއާ ޖެހިގެން މައުރީން އިނެވެ. އޭނާގެ ތުންފަތުގައި ވެސް ވަނީ ހިނިތުންވުމެކެވެ. ރުބީނާގެ ކައިވެނި ކުރެވެން އުޅޭއިރު އެ ކައިވެންޏާ މެދު މައުރީންގެ އެއްވެސް ޝަކުވާއެއް ނެތެވެ. އުފާވެފައި އިނީ ހަމައެކަނި މަންމައަށް ލިބެން އުޅޭ އުފަލަކުން ނޫނެވެ. މައުރީންގެ އަމިއްލަ ދިރިއުޅުމަށް އަންނާނޭ ކުރިއެރުންތައް ހިތަށް އަރާފައެވެ. ޤައިސްއަކީ ކޮންމެ އަންހެންކުއްޖަކު ވެސް ބޭނުންވާނޭ ފަދަ ބައްޕައެކެވެ. އަމިއްލަ ބައްޕައަށްވުރެ ޤައިސްއަށް މައުރީންގެ ހިތުން ދެވުނު މަޤާމު ޚާއްޞައެވެ.
* * * *
ރުބީނާއާ މެދު އައިރާ ވިސްނަން އިނެވެ. މުޅި ދުވަސް ހުސްވެގެން ދާއިރު އެއްފަހަރު ނަމަވެސް ގުޅާ ނުލާ މިފަހަކަށް އައިސް ރުބީނާ ނުހުރެއެވެ. އަނެއްކޮޅުން ރުބީނާ އުޅޭ ބަޔަށް އައިރާ ދިޔައިރު އެބައި ހުރީ ތަޅުލާފައެވެ. ބެލްޖެހުމުން ވެސް ދޮރެއް ނުހުޅުވައެވެ. އިތުރު ހައިރާންކަމެއް ލިބިގެން ދިޔައީ އެޕާޓްމެންޓު ބޭރު ފާރުކައިރީ ހުރި ފައިވަނާއި ބޫޓު އަޅާ ކަބަޑުގައި އެއްވެސް ފައިވަނަކާއި ބޫޓެއް ނެތުމުންނެވެ. ރުބީނާގެ ފޯނަށް ގުޅޭތޯ ވެސް އައިރާ މަސައްކަތް ކުރިއެވެ. ރިންގުވި ނަމަވެސް ރުބީނާ ފޯނެއް ނުނަގައެވެ. މައުރީންގެ ފޯނަށް ވެސް އައިރާ ގުޅިއެވެ. އެކުއްޖާ ވެސް ފޯނަށް ޖަވާބެއް ނުދެއެވެ. ރުބީނާއަށް ވީގޮތެއް ނޭނގިފައި އައިރާ އޭނާގެ ކޮޓަރީގައި އިނީ ރުބީނާ ގުޅާނެ އިރެއްގެ އިންތިޒާރުގައެވެ. ދެތިން ދުވަހެއްގެ ތެރޭގައި ރުބީނާގެ ކައިވެނި ކުރެވޭނެކަމަށް ބުނެފައި އޮތުމުން އައިރާ ވެސް ހުރީ ތައްޔާރުވެގެންނެވެ. ރުބީނާ ބުނެލާއިރަށް އޭނާގެ ކައިވެނީގައި ބައިވެރިވުމަށް ނިންމައިގެންނެވެ. (ނުނިމޭ)