ޑޮނަލްޑް ޓްރަމްޕް

ސައުދީގެ އެންމެ މަތީ ޝަރަފު ޓްރަމްޕަށް އަރުވައިފި

May 21, 2017

ސައުދީ އަރަބިއްޔާގައި ދޭ މަދަނީ ޝަރަފްތަކުގެ ތެރެއިން އެންމެ މަތީ ޝަރަަފް އެ ގައުމަށް މިހާރު ވަޑައިގެން އުޅުއްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕަށް އަރުވައިފި އެވެ.

އަރަބް ނިއުސް ބުނީ ޢަބުދުލް ޢަޒީޒު އަލް ސަޢުދުގެ އިއްޒަތުގެ ހާރު ޓްރަމްޕުގެ ކަރުފުޅުފުޅުގައި އަޅުއްވައިދެއްވީ ވެރިރަށް ރިޔާޒުގައިވާ ސައުދީ ރަސްކަމުގެ ދަރުބާރުގައި އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރަސްގެފާނު ސަލްމާން ބިން ޢަބުދުލް ޢަޒީޒު އަލް ސަޢުދު ކަމަށެވެ.

ޓްރަމްޕަށް ޝަރަފު އެރުވީ ސަރަހައްދަށާއި މުޅި ދުނިޔެއަށް ރައްކާތެރިކަމާއި ހަމަޖެހުން ގެނެސްދެއްވަން އޭނާ ކުރައްވާ މަސައްކަތް ފާހަގަ ކުރުމުގެ ގޮތުން ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފައެވެ. ސައުދީ ސަރުކާރުން ވަނީ ރަޝިޔާގެ ރައީސް ލަޑީމިއާ ޕޫޓިންއަށާއި އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭއަށާއި ޓްރަމްޕްގެ ކުރިން އެމެރިކާގެ ރައީސްކަމުގައި ހުންނެވި ބަރަކް އޮބާމާއަށް ވެސް އެ ޝަރަފު އަރުވާފަ އެވެ.

އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ޓްރަމްޕް ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވީ އިއްޔެ އެވެ. ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގެ ވައިގެ ބަނދަރުން ޓްރަމްޕަށް މަރުހަބާ ވިދާޅުވީ އެ ގައުމުގެ ރަސްގެެފާނު ސަލްމާން ބިން ޢަބުދުލް ޢަޒީޒު އަލް ސަޢުދެވެ.

ޓްރަމްޕް ސައުދީ އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅުގައި މައިގަނޑު ތިން ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އެއީ ސައުދީގެ އިސްބޭފުޅުންނާއެކު ބާއްވާ ބައްދަލުވުމަކާއި ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ހަ ގައުމުގެ އޮފިޝަލުންނާއެކު ބާއްވާ ބައްދަލުމަކާއި އަރަބި އަދި އިސްލާމީ ވެރިންނާއެކު ބާއްބާ މެންދުރުގެ ފަރިއްކޮޅެކެވެ. އެ ފަރިއްކޮޅަށް 56 ބޭފުޅަކަށް ވަނީ ދައުވަތު އަރުވާފަ އެވެ.