ސްޓެލްކޯ

ސްޓެލްކޯއިން އާ ޖަނަރޭޓަރެއްް ބަހައްްޓައި ހިދުމަތްދޭން ފަށައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން އިތުރު ޖަނަރޭޓަރެއް ބަހައްޓައި، އެ ޖަނަރޭޓަރުގެ ހިދުމަތް މިއަދު ފަށައިފިއެވެ.

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ގެ ހިލޭ އެހީގެ ދަށުން ގެނައި އަށް މެގަވޯޓްގެ ޖަނަރޭޓަރުގެ ހިދުމަތް މިއަދު ފަށްޓަވައި ދެއްވީ އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބުރާހީމެވެ. އެ ޖަނަރޭޓަރުގެ ހިދުމަތް މިއަދު ފެށީ ޓެސްޓް ކުރުމުގެ ގޮތުންނެވެ. ފުރިހަމައަށް ހިދުމަަތްދޭން ފަށާނީ ޓެސްޓް ކުރުމުގެ ފިޔަވަހި ނިމުމުންނެވެ.

ޖަނަރޭޓަރުގެ ހިދުމަތް ފަށްޓަވައިދެއްވުމަަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މާލޭގައި ކަރަންޓް ބޭނުންކުރާ މިންވަރު އަބަދުވެސް ދަނީ އިތުރުވަމުން ކަމަށެވެ. އެގޮތުން އިތުރުވާ ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަަށް ސަރުކާރުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސްޓެލްކޯއިން ކުރިން ބުނެފައިވަނީ، ކަރަންޓް ކެޕޭސިޓީ އިތުރު ކުރުމަށް ގަނައި އާ ޖަނަރޭޓަރު ބޭނުން ކުރަން ފެށުމާއެކު ކަރަންޓް ކުންފުނީގެ ހަކަތައިގެ ކެޕޭސިޓީ 76000 ކިލޯވޮޓަށް އިތުރުވެގެން ދާނެ ކަމަށެވެ. އަދި ބުނީ އެ މިންވަރު އެއީ މިހާރުގެ ޑިމާންޑާ އެއްވަރުގެ ކެޕޭސިޓީއެއް ކަމަށެވެ.