ދުނިޔެ

ހަތިޔާރު ގަތުމުގެ 110 ބިލިޔަން ޑޮލަރުގެ އެއްބަސްވުމެއްގައި ސައުދީއާއި އެމެރިކާ ސޮއިކޮށްފި

May 21, 2017

އެމެރިކާގައި އުފައްދާ ހަތިޔާރު ގަތުމުގެ 110 ބިލިޔަން ޑޮލަރުގެ އެއްބަސްވުމެއްގައި ސައުދީ އަރަބިއްޔާއިން އެމެރިކާއާއި އެކު ސޮއިކޮށްފިއެވެ.

އެމެރިކާއާއި ސައުދީ އަރަބިއްޔާއާ ދެމެދު އެ އެއްބަަސްވުންތަކުގައި ސޮއިކުރީ އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ސައުދީ އަރަބިއްޔާއަށް މިހާރު ވަޑައިގެން އުޅުއްވާ ޑޮނަލްޑް ޓްރަމްޕް ބައިވެރިވަޑައިގެންނެވި ރަސްމިއްޔާތެއްގައި މިއަދުއެވެ.

އެއްބަސްވުންތަކުގައި ސިޮއިކުރުމުގެ ރަސްމިއްޔާތުގެ ފަހުން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ސެކްރެެޓަރީ އޮފް ސްޓޭޓް ރިކްސް ޓިލާސަން ވިދާޅުވީ ހަތިޔާރު ވިއްކުމުގެ އެއްބަސްވުމާއި އެކު ޓްރަމްޕްގެ ދަތުރުފުޅުގައި ދެގައުމުން ސޮއިކުރި ވިޔަފާރި އެއްބަސްވުންތަކުގެ އަގު 350 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށެވެ.

ރަސްމިއްޔާތަށް ފަހު ޓްރަމްޕް ވިދާޅުވީ އެއްބަސްވުންތަކުގެ ސަބަބުން އެމެރިކާގައި އިތުރު އެތައް ވަޒީފާއެއް އުފެދޭނެ ކަަމަށާއި އެކަމަށް ޓަކައި ސައުދީ އަރަބިއްޔާގެ ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އެއްބަސްވުންތަކުގެ ދަށުން އެމެރިކާއިން ސައުދީއަށް ފޯރުކޮށް ދޭނީ ހަތިޔާރާއި އެތަކެތީގެ މެއިންޓެނެންސްއާއި މިސައިލް ޑިފެންސް ނިޒާމުތަކާއި ކަނޑުމަގުން ސަލާމަތީ ކަންތައްތައް ބަލަހައްޓާނެ ވަސީލަތްތަކެވެ.

އެމެރިކާއަކީ ސައުދީ އަށް އެންމެ ގިނައިން ހަތިޔާރު ވިއްކާ ގައުމެވެ. އެގޮތުން އެފް 16 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓްތަކުން ފެށިގެން ކޮމާންޑް އެންޑް ކޮންޓްރޯލް ސިސްޓަމްތައް ވެސް އެގައުމަށް ފޯރުކޮށްދެނީ އެމެރިކާއިންނެވެ.
އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ޓްރަމްޕް ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވީ އިއްޔެ އެވެ. ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގެ ވައިގެ ބަނދަރުން ޓްރަމްޕަށް މަރުހަބާ ވިދާޅުވީ އެ ގައުމުގެ ރަސްގެެފާނު ސަލްމާން ބިން ޢަބުދުލް ޢަޒީޒު އަލް ސަޢުދެވެ.

ޓްރަމްޕް ސައުދީ އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅުގައި މައިގަނޑު ތިން ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އެއީ ސައުދީގެ އިސްބޭފުޅުންނާއެކު ބާއްވާ ބައްދަލުވުމަކާއި ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ހަ ގައުމުގެ އޮފިޝަލުންނާއެކު ބާއްވާ ބައްދަލުމަކާއި އަރަބި އަދި އިސްލާމީ ވެރިންނާއެކު ބާއްބާ މެންދުރުގެ ފަރިއްކޮޅެކެވެ. އެ ފަރިއްކޮޅަށް 56 ބޭފުޅަކަށް ވަނީ ދައުވަތު އަރުވާފަ އެވެ