ސަޢުދީ އަރަބިއްޔާއާއި އިސްލާމީ އެހެން 56 ގައުމެއްގެ ވެރިންނާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވަޑައިގަންނަވާ ސަމިޓް ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ފަށައިފިއެވެ.
އިސްލާމީ ގައުމުތަކުގެ ވެރިންނާއި ޓްރަމްޕް އަދި ސައުދީ ރަސްގެެފާނު ސަލްމާން ބިން އަބުދުލް އަޒީޒު އަލް ސައުދު ބައިވެރިވެވަޑައިގަންނަވާ ސަމިޓް ކުރިއަށް ދަނީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައިވާ ސައުދީ ރަސްގެފާނުގެ ގަނޑުވަރުގައެވެ. އެސަމިޓްގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ސަމިޓްގައި ޓްރަމްޕް ހާއްސަ ތަގުރަީރެއް ދެއްވާނެއެވެ. ދީނުގެ ނަމުގައި ހަމަނުޖެހުން ހިންގުން ހުއްޓައިލުމަށް އެތަގުރީރުގައި ޓްރަމްޕް ގޮވައިލައްވާނެ ކަަމަށް ބީބީސީ ބުންޏެވެ.
އެމެރިކާއަކީ ސައުދީ އަށް އެންމެ ގިނައިން ހަތިޔާރު ވިއްކާ ގައުމެވެ. އެގޮތުން އެފް 16 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓްތަކުން ފެށިގެން ކޮމާންޑް އެންޑް ކޮންޓްރޯލް ސިސްޓަމްތައް ވެސް އެގައުމަށް ފޯރުކޮށްދެނީ އެމެރިކާއިންނެވެ.
އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ޓްރަމްޕް ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވީ އިއްޔެ އެވެ. ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގެ ވައިގެ ބަނދަރުން ޓްރަމްޕަށް މަރުހަބާ ވިދާޅުވީ އެ ގައުމުގެ ރަސްގެެފާނު ސަލްމާން ބިން އަބުދުލް އަޒީޒު އަލް ސައުދެވެ.
ޓްރަމްޕް ސައުދީ އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅުގައި މައިގަނޑު ތިން ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެންނެވިއެވެ އެއީ މިހާރު ކުރިއަށްދާ ސަމިޓާއި ސައުދީގެ އިސްބޭފުޅުންނާއެކު ބޭއްވެވި ބައްދަލުވުމަކާއި ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ހަ ގައުމުގެ އޮފިޝަލުންނާއެކު ބޭއްވެވި ބައްދަލުވުމެކެވެ.