ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައަކީ ވަކި ދީނަކާ ދެކޮޅަށް ކުރާ ހަނގުރާމައެއް ނޫންް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ސައުދީ އަަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި މިހާރު ކުރިއަށްދާ އަރަބް އިސްލާމިކް- އެމެރިކާ ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެ ހަނގުރާމައަކީ ކުށްވެރިންގެ ބަޔަކާއި އަބުރުވެރި މީހުންނާ ދެމެދު ހިނގާ ހަނގުރާމައެއް ކަމަށެވެ.
"އަހަރެމެންނަށް މިނުބައިގެ މައްޗަށް ގަދަވެވޭނީ ރަނގަޅު ބާރުތައް އެއްބައިވެގެން، ޓެރަރިޒަމް ވަނީ މުޅި ދުނިޔެއަށް ފެތުރިފައި، ސުލްހައަށް އޮތް މަގު މިފެށެނީ ސީދާ މިހިސާބުން، މި ގަދިމީ ބިމުގައި، މި މުގައްދަސް ބިމުގައި،" ޓެރަރިޒަމާ ހަނގުރާމަ ކުރުމުގައި އެއްބައިވަންތަ ވުމަަށް ގޮވާލައްވައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.
ސަލާމަތްތެރިކަމާއެކު ދިރިއުޅެ ބޮޑުވުމުގެ ފުރުސަތު މުސްލިމް ކުދިންނަށް ލިބެން ޖެހޭނެ ކަމަށެވެ.
އިސްލާމްދީނަކީ މަތިވެރި އަގީދާއެއް ކަމަށް މިއަދުގެ ތަގުރީރުގައި ޓްރަމްޕް ސިފަކުރެއްވިއެވެ. ސައުދީ އަރަބިއްޔާގެ މުހިއްމުކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެގައުމަކީ "ދުނިޔޭގެ އެންމެ މަތިވެރި އެއް އަގީދާގެ މުގައްދަސް ތަންތަން ހުރި ގައުމު" ކަމަށެވެ.
ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާގެ ކުރީގެ ސަރުކާރުން ގެންގުޅުނު ސިޔާސަތުން މަންފާއެއް ނުކުރި ކަމަށާއި އެހެންވީމާ ދެން އެ ސިޔާސަތަށް އަމަލު ނުކުރައްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
ސަމިޓް ބާއްވާ ސައުދީ އަރަބިއްޔާއާ އެންމެ ހަތުރުވެރި ގައުމުކަމަށްވާ އީރާނާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެގައުމު އެކަހެރި ކުރުމަށް އެންމެން ގުޅިގެން މަަސައްކަތް ކުރަން ޖެހޭ ކަަމަށެވެ.
މިއަދުގެ ސަމިޓް އިންްތިޒާމްކޮށްދެއްވި ކަމަށްޓަކައި ސައުދީ ރަސްގެފާން ސަލްމާން ބިން އަބުދުލް އަޒީޒް އަލް ސައުދަށް ޓްރަމްޕް ޝުކުރު އަދާކުރެއްވިއެވެ.
އިސްލާމީ 56 ގައުމަކުން ބައިވެރިވާ ސަމިޓް ފަށްޓަވައި ދެއްވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ސައުދީ ރަސްގެފާނު ސަލްމާން އެވެ.
އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ޓްރަމްޕް ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވީ އިއްޔެ އެވެ. ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގެ ވައިގެ ބަނދަރުން ޓްރަމްޕަށް މަރުހަބާ ވިދާޅުވީ އެ ގައުމުގެ ރަސްގެެފާނު ސަލްމާން ބިން އަބުދުލް އަޒީޒު އަލް ސައުދެވެ.
ޓްރަމްޕް ސައުދީ އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅުގައި މައިގަނޑު ތިން ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެންނެވިއެވެ އެއީ މިހާރު ކުރިއަށްދާ ސަމިޓާއި ސައުދީގެ އިސްބޭފުޅުންނާއެކު ބޭއްވެވި ބައްދަލުވުމަކާއި ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ހަ ގައުމުގެ އޮފިޝަލުންނާއެކު ބޭއްވެވި ބައްދަލުވުމެކެވެ.