ދުނިޔެ

އިންޑިއާގެ ހޯމް މިނިސްޓަރު ޕާކިސްތާނަށް ވަރުގަދަ އިންޒާރެއް ދެއްވައިފި

May 22, 2017
1

ކަޝްމީރުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އިންޑިއާގެ ހޯމް މިނިސްޓަރު ރާޖްނާތު ސިންހް ޕާކިސްތާނަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

ކަޝްމީރުގައި އިންޑިއާގެ ބާރު ހިނގާ ސަރަހައްދުގެ ރައްޔިތުން އިންޑިއާ ސަރުކާރާ ދެކޮޅަށް މިހާރު ކުރަމުންދާ މުޒާހަރާތަކަކީ ޕާކިސްތާނުން ކުރުވާ ކަމެއް ކަމަށް ތުހުމަތު ކުރައްވައި ވާހަކަފުޅު ދައްކަމުން ސިންހް ވިދާޅުވީ ޕާކިސްތާނުން ގެންގުޅޭ އިންޑިއާގެ ހަމަޖެހުން ނަގައިލުމުގެ ވިސްނުން ބަދަލުވާން ޖެހޭ ކަމަށެވެ.

"އަހަރެމެން އުއްމީދު ކުރަނީ ޕާކިސްތާނު ބަދަލުވާނެ ކަމަށް. އެގައުމު ބަދަލުނުވާ ނަމަ އަހަރެމެންނަށް ޖެހޭނީ އެމީހުން ބަދަލު ކުރަން،" ރާޖްނީތު ސިންހް ވިދާޅުވި ކަަމަށް ދަ ހިންދޫ ނޫހުން ބުންޏެވެ.

ކަޝްމީރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކަޝްމީރުގެ އިންޑިއާ ފަޅީގައި އިންޑިއާ ސިފައިންނާއި ދެމެދު މިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތައް ފެށުނީ އިންޑިއާގެ އަތްދަށުން ކަޝްމީރު މިނިވަންް ކުރުމަށް ހަނގުރާމަކުރަމުންް އަންނަ ޖަމާއަތެެއްގެ ކޮމާންޑަރެއް ކަމަށްވާ ބުރުހާން ވާނީ މަރައިލުމުންނެވެ. އިންޑިއާ ސިފައިން އޭނާ މަރައިލީ މިދިޔަ އަހަރުގެ ޖުލައިމަހުއެވެ. ކަޝްމީރުގައި މިހާރު ކޮންމެ ދުވަހަކުހެން ކުރަމުންދާ މުޒާހަރާތަކުގައި ގިނަ އަދަދެއްގެ ދަރިވަރުން ވެސް ބައިވެރިވެއެވެ. އެ މުޒާހަރާތައް ހުއްޓުވުމަށް އިންޑިއާ ސިފައިން އެޅި ފިޔަވަޅުތަކުގެ ސަބަބުން މިހައިތަނަށް 80 މީހުން ވަނީ މަރުވެފައެވެ