ފިނިޕޭޖް

"ކުލަނބު" ޝޯ މިފަހަރު މާ ތަފާތު!

މުނިފޫހި ފިލުވައިދިނުމުގެ ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ކަމުދާ އެއް ޕްރޮގްރާމަކީ ޗެނަލް 13 އިން ގެނެސްދޭ ކުލަނބު ޕްރޮގްރާމެވެ. މި ޕްރޮގްރާމްގެ އަވައިގައި ނުޖެހޭ ޒުވާނުން ނިކަން މަދެވެ. ކޮންމެ ހުކުރު ދުވަހެއްގެ ރޭ ވަގުތު ހުސްކޮށްގެން ޓީވީ ދޮށަށް އަންނަނީ ސަބަބެއް ނެތިއެއް ނޫނެވެ.

ފިލްމީ ތަރިންނާއި ލަވަ ކިޔުންތެރިން އަދި މަޝްހޫރު އެހެން ފަންނާނުންނާ އެކު ކުރިއަށް ގެންދާ މި ޓޯކް ޝޯގައި އާންމު ކޮށް ފޭނުން ކުރަން ބޭނުންވެފައި ހުންނަ ސުވާލުތަކަށް ޖަވާބު ހޯދައިދެ އެވެ. އަދި ސްޓޫޑިއޯގައި އެކި ކަހަލަ މަޖާ ގޭމްތައް ކުޅެ އެވެ. މިއަހަރުގެ ރޯދަމަސް ކައިރިވެގެން އައި އިރު ކުލަނބުގެ ބެލުންތެރިން ތިބީ އެ ޕްރޮގްރާމް މިއަހަރުވެސް ގެނެސްދޭތޯ އިންތިޒާރުގަ އެވެ. އެމީހުންނަށް މިއީ އުފާވެރި ހަބަރެކެވެ.

މިއަހަރުވެސް މި ޝޯ ކުރިއަށް ގެންދާނެ އެވެ. އަދި މިއަހަރުގެ ޝޯ ކުރިއަށް ގެންދާނީ މިދިޔަ ދެ ސީޒަނާއި ތަފާތުކޮށްނެވެ. މި ފަހަރު ބައިވެރިން ގެންނާނީވެސް ކޮންމެސް ގޮތަކުން ގުޅިފައިވާ ދެ ބައިވެރިން ދެ ބައިވެރިންނެވެ. އަދި ހަމައެކަނި ޕާސަނަލް ސުވާލުގެ އިތުރުން އެހެނިހެން ގުޅުންހުރި ސުވާލުތައްވެސް މިފަހަރު އަމާޒުވާނެ އެވެ.

ގްރޭންޑް ފިނާލޭގައި ވީޑިއޯ ލަވަ ގެނެސްދިނުމުގެ ބަދަލުގައި މި ސީޒަނުގައި ކޮންމެ ޝޯއެއްގައިވެސް ލަވައެއް ގެނެސްދޭނެ އެވެ. މީގެ އިތުރުން ސީޒަން ފިނާލޭވެސް މާބޮޑަށް ތަފާތުވެފައި ހާއްސަވާނެ އެވެ. އަމިއްލަ ލަވައެއް ގެނެސްދެވޭތޯ ކުލަނބުގެ ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ.

އަދި އިތުރު ސުވާލެއް އެބަ އޮތެވެ. އެއީ ކުލަނބުގެ ޓީޒާ ލޯންޗުކުރި އިރު ޝޯގެ ހޯސްޓް އަޒްހާނާއެކު ލަވަ ކިޔުންތެރިޔާ މީރާ ފެނިގެން ދިއުމުންނެވެ. މިދިޔަ ސީޒަންގައި މީރާ އެ ޝޯގައި ފީޗާ ކޮށްފައިވާއިރު މި ސީޒަންގައިވެސް އެންމެ ފުރަތަމަ ޝޯގައި އަނެއްކާ މީރާ ފީޗާ ކުރަނީ ހެއްޔެވެ؟ މީރާ އާ އެކު މިއަހަރުވެސް ފިރިމީހާ ފާލިހު ހެއްޔެވެ؟

ނުވަތަ އަޒްހާނާ އެކު މިފަހަރު މީރާ ޝޯ ހުށަހަޅައިދެނީ ހެއްޔެވެ؟ އެހެން ކަމަށްވާނަމަ މިއަހަރުގެ ޝޯ އަދި މާބޮޑަށްވެސް ތަފާތުވާނެ އެވެ. ވާގޮތެއް ބަލަން ތިބެމާ ހިނގާށެވެ.