ވިޔަފާރި

ރަށް ފަޅުގައި ބޮޑު ބިޔަ މަޝްރޫއެއް ފަށައިފި

May 22, 2017
1
  • މަޝްރޫއު ހިންގަނީ ސިންގަޕޫރު ކުންފުންޏަކުން
  • ތިން ރިސޯޓާއި ޓްރޭނިން އެކަޑަމީއެއް ހަދާނެ
  • ބޮޑު ބައި އަންނަ އަހަރު ނިމޭނެ، ތާރީހީ މަޝްރޫއެއް

ސިންގަޕޫރުގެ "ޕޮނިޓިއާކް" ކުންފުނިން ކ. ރަށް ފަޅު ހިއްކައިގެން އެތައް ސަތާކެ ޑޮލަރުގެ ބިޔަ މަޝްރޫއެއް ފަށައިފި އެވެ.

މި މަޝްރޫއު އިފުތިތާހު ކޮށްދެއްވީ ރަށްފަޅުގައި ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ. މި ރަސްމިއްޔާތުގައި "ޕޮނިޓިއާކް" ކުންފުނީގެ އިސްވެރިން ވެސް ބައިވެރިވި އެވެ.

އެތައް ސަތޭކެ މިލިއަން ޑޮލަރުގެ އިންވެސްޓްކުރާ ބިޔަ މި މަޝްރޫއު ކުރިއަށްދާނެ ގޮތުގެ ޕްރެޒެންޓޭޝަނެއް ޓޫރިޒަމް މިނިސްޓްރީއާ އެ ކުންފުނިން މިއަދު ވަނީ ދީފަ އެވެ.

މި މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަނީ ބިން ހިއްކުމުގައި ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޑްރެޖިން އިންޓަނޭޝަނަލް އެވެ.

ރަށް ފަޅުގައި ހިންގާ މި މަޝްރޫއުގެ ދަށުން، ލަގްޒަރީ ތިން ހޮޓަލާއި މެރީނާއެއްގެ އިތުރުން، ސްޓާފް ކެމްޕަސްއަކާއި ހޮސްޕިޓާލިޓީ އެކެޑަމީއެއް ތަރައްގީ ކުރާނެ އެވެ. އަދި މި މުވައްޒަފުން ތިބުމަށް ހާއްސަކޮށް ހަދާ ސަރަހައްދުގައި އެންމެ ޒަމާނީ ފެންވަރުގެ މިސްކިތެއް ވެސް އަޅާނެ އެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ ބޮޑު ބައެއް އަންނަ މަހު ނިންމާލާނެ އެވެ. ނަމަވެސް މުޅި މަޝްރޫއު އެއްކޮށް ނިންމާލެވޭނީ 2019 ވަނަ އަހަރު އެވެ.

"ޕޮނިޓިއާކް" ކުންފުންޏަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި ރިއަލްއެސްޓޭޓް މަސައްކަތް ހިންގާ ބިނަ ކުންފުންޏެކެވެ. ނަވާރަ ސަތޭކަ ފަންސާސް ނުވަ ވަނަ އަހަރު އުފެދިފައިވާ މި ކުންފުނިން ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުތަކުގެ ތެރޭގައި ސިންގަޕޫރުގެ މިލީނިއަމް ޓަވަރާއި ކޮންޓިނެންޓަލް ޓަވަރު އަދި ރިލްކާލްޓަން ހޮޓަލާއި ކެޕިޓަލް ބިލްޑިން ފަދަ ގިނަ އިމާރާތްތައް ހިމެނެ އެވެ.

ބޮޑު މަޝްރޫއެއް ފެށިއިރު، މި ދައުރުގައި 50 ރިސޯޓު ހުޅުވަން ސަރުކާރުން ދަނީ ތައްޔާރު ވަމުންނެވެ. މިގޮތުން މިދިޔަ އަހަރުވެސް ގިނަ ރިސޯޓުތަކެއް ހުޅުވާފައިވެ އެވެ.