ދުނިޔެ

ފޭސްބުކްގެ މޮޑަރޭޝަން ޕޮލިސީ ގާޑިއަން އިން އާންމުކޮށްފި

May 22, 2017

ސޯޝަލް މީޑިއާ ފޭސްބުކްގައި މީހުން ޝެއާ ކުރާ ތަކެތި މޮޑަރޭޓް ކުރުމުގައި އަމަލުކުރާ ގޮތުގެ ގައިޑްލައިންތަކެއް އިނގިރޭސިވިލާތުގެ ދަ ގާޑިއަން ނޫހުން އާއްމުކޮށްފި އެވެ.

ދަ ގާޑިއަން އިން މިއަދު ބުނީ ފޭސްބުކްގެ މުވައްޒަފުން ތަމްރީނު ކުރުމަށް ބޭނުންކުރާ މެނުއަލް ތަކާއި ސްޕްޑްޝީޓްތަކާއި ފްލޯޗާޓްތަކުގެ ތެރެއިން 100 އަށް ވުރެ ގިނަ ލިޔެކިއުން އެނޫހަށް ލިބިފައިވާ ކަމަށެވެ. ހޭޓް ސްޕީޗާއި ޓެރަރިޒަމާއި ނަަސްލީ އިމްތިޔާޒާއި ޕޯނޮގްރަފީ ފަދަ މައްސަލަތައް މޮޑަރޭޓްކުރުމުގައި އަމަލުކުރާ ގޮތް އެ ލިއުންތަކުން އެނގޭ ކަމަށް ވެސް އެނޫހުން ބުންޏެވެ.

ގާޑިއަން އަށް މައުލޫމާތު ދިން މަސްދަރުން ބުނެފައިވާ ގޮތުގައި ފޭސްބުކް ފުޅާވެފައިވާލެއް ބޮޑުކަމުން ކޮންޓެންޓް މޮޑަރޭޓްކޮށް، މީހުން ރިޕޯޓް ކުރާ ކަންކަން ބަލައި ފިޔަވަޅު އެޅުން ވަނީ ވަރަށް އުނދަގޫ ކަަމަކަށް ވެފައެވެ. އެގޮތުން ބައެއް ކަންތައްތަކުގައި ގޮތެއް ނިންމަން ފޭސްބުކްގެ މުވައްޒަފުންނަށް ލިބެނީ އެންމެ 10 ސިކުންތުކަމަށް އެ މަސްދަރުން ބުނެފައި ވެއެވެ.

ގާޑިއަންގެ ރިޕޯޓްގައި ވާގޮތުން އެއް ވައްތަރެއްގެ ކަންކަމުގައި ވެސް ފޭސްބުކް އިން ދެގޮތަކަށް ބަލައެވެ. އެގޮތުން "ޓްރަމްޕް ގަޔަށް ބަޑިޖަހާ" މިހެން ލިޔެފި ނަމަ އެއީ ހަމަނުޖެހުން ކަމަށް ބަލާ އިރު އަންހެނެއްގެ ކަރުގައި ބާރަށް ހިފަން ބުނުމަކީ ހަމަނުޖެހުން ކަމަކަށް ނުބަލައެވެ. ފަލަ ކުޑަކުދިންގެ ގައިގައި ތަޅަން ގޮވައިލުމަކީ ވެސް މައްސަލައަކަށް ނުވެއެވެ.

މީހުން އަމިއްލަ ނަފުސަށް ގެއްލުންދޭ މަންޒަރު ފެންނަ ފޮޓޯ ވީޑިއޯ ވެސް ފޭސްބުކް އިން ޑިލީޓް ނުކުރާނެ ކަން ވެސް ގާޑިއަން އަށް ލިބުނު ލިއުންތަކުން އެނގޭ ކަަމަށް އެނޫހުން ބުންޏެވެ. އަދި ނުރައްކާތެރި ކަންތައްތަކުގެ ސަބަބުން މީހުން މަރުވާ މަންްޒަރުވެސް ޑިލީޓެއް ނުކުރާނެއެވެ. އެފަދަ ޕޯސްޓްތަކަށް ޖާގަ ދޭނެ ސަބަބެއް ކަމަށް ފޭސްބުކް ގެ ލިއުންތަކުގައި ބުނެފައި ވަނީ އެފަދަ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމެވެ.

ފޭސްބުކްގެ މޮޑަރޭޝަން ޕޮލިސީ އާއްމުވެފައި މިވަނީ ފޭސްބުކް އިން މޮޑަރޭޓްކުރާ ގޮތަށް ޔޫރަޕްގެ ބައެއް ގައުމުތަކުން ވަރަށް ބޮޑަށް ފާޑުކިޔާފައި ވަނިކޮށެވެ. ގާޑިއަން އަށް ލިބުނު ލިއުންތަކަކީ ސައްހަ ލިޔުން ތަކެއް ކަން ނުވަތަ ނޫންކަން ފޭސްްބުކް އިން ކަަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް ގާޑިއަންގެ ރިޕޯޓްގައިވާ ވާހަކަ ތަކާ ދެކޮޅެއް ވެސް ނުހަދައެވެ.