ދުނިޔެ

މެންޗެސްޓާގައި ބޮމެއް ގޮއްވާލައި 19 މީހުން މަރާލައިފި

May 23, 2017

އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީގައި ކޮންސެޓެއް ކުރިއަށް ދިޔަ ތަނެއްގައި ބޮމެއް ގޮއްވާލައި 19 މީހުން މަރާލައިފިއެވެ.

އެމެރިކާގެ ލަަވަކިއުންތެރިއެއް ކަމަށްވާ އަރިއާނާ ގްރޭންޑް ލަވަކިއުމަށް ބޭއްވި އެ ކޮންސެޓަށް ހަމަލާ ދިނީ ގައިގައި ބޮން ހަރުކޮށްގެން ހުރި މީހެއް ކަމަށް ބެލެވޭ ކަމަށް އެމެރިކާ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް ބުންޏެވެ. އިނގިރޭސިވިލާތުގެ ގަޑިން ރޭ 10.35 އެހާއިރު ދިން އެހަމަލާގައި މަރުވިމީހުންގެ އިތުރުން 50 މީހަކު ޒަހަމްވެސް ވިއެވެ.

ބޮމުގެ ހަމަލާ ދިންތާ ގަޑި އިރުތަކެއް ފަހުން އެތަނުން ފެނުނު އެހެން ބޮމެއް އިނގިރޭސި ފުލުހުން ވަނީ މީހުންނަށް ގެއްލުމެއް ނުވާނެ ގޮތަށް ގޮއްވާލައި ނައްތާލާފައެވެ. އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭ ދާދި ދެންމެ ވިދާޅުވެފައި ވަނީ އިނގިރޭސި ފުލުހުން އެހާދިސާ ތަހުގީގު ކުރަމުން އަންނަނީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ބަލައިގެން ކަމަށެވެ.

ރޭ ދިން ހަމަލާއަކީ ޓެރަރިސްޓް ޖަމާއަތަކުން ދިން ހަމަލާއަކަަށް ވެއްޖެ ނަމަ އެހަމަލާ ވާނީ އިނގިރޭސިވިލާތުގައި 2005 ވަނަ އަހަރު ލަންޑަންގެ ދަތުރުފަތުރުގެ ނިޒާމުގައި ދިން ހަމަލާގެ ފަހުން ދިން އެފަދަ އެންމެ ނުރައްކާތެރި ހަަމަލާއަށެވެ. އެފަހަރުގެ ހަމަލާގައި 52 މީހުން މަރުވިއެވެ.