ދުނިޔެ

ދެކުނުކޮރެއާގެ ކުރީގެ ރައީސްގެ ޝަރީއަތް ފަށައިފި

May 23, 2017

ދެކުނުކޮރެއާގެ ކުރީގެ ރައީސް ޕާކް ގޫން ހައި ޚިޔާނާތްތެރިވި މައްސަލައިގެ ޝަރީއަތް މިއަދު ފަށައިފިއެވެ.

ޝަރީއަތުގެ އަޑުއެހުމަށް ޕާކް ކޯޓަށް ގެންދިޔައީ އަތްޕުޅުގައި ބިޑިއަޅުވައިގެން ޖަލުގެ ވޭނެއްގައި ކަމަށް ބީބީސީ ބުންޏެވެ. ނަމަވެސް ޖަލު ހެދުމުގެ ބަދަލުގައި ޕާކް ތުރުކުރައްވައިގެން އިންނެވީ ކަޅުކުލައިގެ ސޫޓެކެވެ. އޭނާގެ ޖަލު ނަމްބަރުކަމަށްވާ 503 ޖަހާފައިވާ ބެޖެއް ސޫޓްގައި ހަރުކޮށްފައި ވެއެވެ.
ޕާކް އާ ދެކޮޅަށް ދެކުނު ކޮރެއާ ސަރުކާން އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ރިޝްވަތު ހިފިކަމުގެ ނަހަމަގޮތުގައި ބާރުތައް ބޭނުންކުރެއްވުމާއި ދައުލަތުގެ ސިއްރުތައް ހާމަކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.

ދެކުނުކޮރެއާގެ ރައީސް ކަމުން ޕާކް ދުރުކުރީ މިއަރުގެ މާޗްމަހުއެވެ. އޭނާ ވެރިކަމުން ދުރުކުރީ ދެކުނުކޮރެއާގެ ގިނަ ބަޔަކު އޭނާއާ ދެކޮޅަށް ގިނަ މުޒާހަރާތަކެއް ކުރިފަހުންނެވެ.




ޕާކްއަށް ކޮށްފައިވާ މައިގަނޑު އެއް ތުހުމަތަކީ އޭނާގެ އަރިސްބޭފުޅެއްކަމަށްވާ ޗޮއި ސޫން ސިލް މެދުވެރިކުރައްވައި ސެމްސަން އިން ފައިސާ ހޯއްދެވިކަމުގެ ތުހުމަތެވެ. އެމައްސަލައިގައި ދައުވާ އުފުލާފައި ވާއިރު ޕާކް އާއި އެކު އޭނާވެސް މިއަދު ކޯޓަށް ހާޒިރުކުރިއެވެ. ކޯޓްގައި ދެބޭފުޅުން ދާދި ކަައިރީގައި ތިއްބެވި ނަމަވެސް އެއްބޭފުޅަކު އަނެއް ބޭފުޅަކާ ދިމާލަށް ބައްލަވައިވެސް ނުލައްވައެވެ.

ޚިޔާނާތުގެ ކުށުގައި ދެކުނުކޮރެއާގައި ދޭ އެންމެ ބޮޑު އަދަބަކީ އުމުރަށް ޖަލަށްލުމެވެ.