ދުނިޔެ

އީރާނާ ހެދި އަަރަބިންނާއި އިޒްރޭލް ގާތްވޭ: ޓްރަމްޕް

May 23, 2017
1

އީރާނާމެދު އޮންްނަ ކަންބޮޑުވުން ހިއްސާ ކުރާ ބައެއްގެ ހައިސިއްޔަތުން އިޒްރޭލާއި އަރަބި ގައުމުތަކާ ދެމެދު ގާތްކަން އުފެދެމުންދާ ކަަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިމޭރުމުން ވާހަކަފުޅު ދެއްކެވީ ސައުދީ އަރަބިއްޔާގައި އަރަބި އިސްލާމީ 56 ގައުމެއްގެ ވެރިންނާ ބައްދަލު ކުރެއްވުމަށް ފަހު އިޒްރޭލަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގުދުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިޒްރޭލުން ހިފާފައިވާ ގުދުސްގައި އިޒްރޭލުގެ ރައީސް ރިއުވިން ރިވްލިން އާ ބައްދަލު ކުރެއްވުމަށް ފަހު މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ "އީރާނާ މެދު ކަންތައް ހިނގި ގޮތުން މެދު އިރުމަތީގެ ގިނަ ސަރަހައްދުތަކެއް އިޒްރޭލާ ގާތްވެފައިވާ" ކަމަށެވެ. އޭނާގެ ވާހަކަފުޅުގައި އިޝާރާތް ކުރައްވާފައި ވަނީ އީރާނުގެ ނިއުކްލިއަ މަޝްރޫއާ ގުޅިގެން ކުރިން އަަޅާފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތަކަށް އެމެރިކާގެ ކުރީގެ ސަރުކާރުން އިސްްނަގައިގެން ދިން ލުޔަށް ކަމަށް ބެލެވެއެވެ. އެމެރިކާއާއި ދުނިޔޭގެ ބޮޑެތި އެހެން ބާރުތަކުން ސޮއިކުރި އެއްބަސްވުމެއްގެ ދަށުން އީރާނަށް ވަނީ ލުއިތަކެއް ދީފައެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫއާއެކު ޓްރަމްޕް ބޭއްވި ބައްދަލުވުމުގައި ޔަމަނާއި ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގައި އީރާނުގެ ނުފޫޒު އޮތް މިންވަރާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

އިޒްރޭލުގެ ވެރިންނާއި އިއްޔެ ބައްދަލު ކުރެއްވުމަށް ފަހު ޓްރަމްޕް މިއަދު ވަޑައިގަންނަވާނީ ހުޅަނގު އައްސޭރީގައިވާ ފަލަަސްތީނު މީހުންގެ ސަރަހައްދަށެވެ. އެތަނުގައި ފަލަަސްތީނުގެ ރައީސް މަޙުމޫދު އައްބާސްއާ ބައްދަލުކުރައްވާނެއެވެ.