ދުނިޔެ

އދ. ގެ ގަރާރުތަކާ ހިލާފު ނުވާން ޗައިނާއިން އުތުރު ކޮރެއާއަށް ގޮވާލައިފި

May 23, 2017

ނިއުކްލިއަ މަޝްރޫއާއި މިސައިލް އުފެއްދުމުގެ މަޝްރޫއު ހިންގައިގެން އދ. ގެ ގަަރާރުތަކާ ހިލާފު ނުވުމަށް ޗައިނާއިން އުތުރު ކޮރެއާއަށް ގޮވާލައިފިއެވެ.

ގަރާރުތަކާ ހިލާފު ނުވާން ޗައިނާއިން އުތުރު ކޮރެއާއަށް ގޮވައިލީ މެދުރާސްތާގެ ބެލިސްޓިކް މިސައިލެއް ކާމިޔާބު ކަމާއެކު ޓެސްޓް ކޮށްފައިވާކަން އުތުރު ކޮރެއާއިން އިއްޔެ އިއުލާން ކުރުމާ ގުޅިގެންނެވެ.

"އދ. ސަލަމާތީ މަޖިލީހުގެ ގަރާރުތަަކާ ހިލާފުވާ ފަދަ އެއްވެސް ކަމެއް އަނެއްކާވެސް ނުކުރަން އަހަރެމެން އުތުރު ކޮރެއާއަށް ގޮވައިލަމެވެ" ޗައިނާގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓްގައި އެގައުމުގެ ފޮރިން މިނިސްޓަރު ވާން ޔީ މިއަދު އާއްމު ކުރެެއްވި ބަަޔާނެއްގައި ވިދާޅުވެފައި ވެއެވެ.

އުތުރުކޮރެއާ އިން ހިންގާ ނިއުކްލިއަ ހަތިޔާރު އުފެއްދުމުގެ މަޝްރޫއު ހުއްޓުވުމަށް އިތުރު ފިޔަވަޅުތައް އަޅައި ދިނުމަށް އެމެރިކާއިން ދަނީ ޗައިނާއަށް ބާރު އަޅަމުންނެވެ. ބައިނަލް އަގުވާމީ މުޖުތަމައުން ވަރަށް ބޮޑަށް އެކަހެރިކޮށްލާފައިވާ އުތުރުކޮރެއާއާ ގުޅުން އޮންްނަ ބޮޑު ހަމަ އެކަނި ގައުމަކީ ޗައިނާ އެވެ.

އުތުރުކޮރެއާއިން ނިއުކްލިއަ ޓެސްޓްތައް ކޮށް، ނުރައްކާތެރި ނިއުކްލިއަ ހަތިޔާރެއް އުފެއްދުން ހުއްޓުވުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ވަނީ ގަރާރުތައް ފާސްކޮށްފަ އެވެ. އެ ގަރާރުތައް ފާސް ކުރުމުގައި ވެސް އެމެރިކާއިން ވަނީ އިސް ދައުރެއް އަދާކޮށްފަ އެވެ. އެއިން އެއްވެސް ގަރާރަކަށް ބޯ ނުލަނބައި އުތުރު ކޮރެއާއިން ވަނީ މިހާތަނަށް ނިއުކްލިއަ ފަސް ޓެސްޓެއް ކޮށްފައެވެ.