ދުނިޔެ

ތަވާފްކުރާ ސަރަހައްދުގައި ސުންްނަތް ނަމާދު ކުރުން ވަގުތީ ގޮތުން މަނާކޮށްފި

މާތްވެގެންވާ މައްކާގައި ހުންނަ އަލް މަަސްޖިދުލް ޙަރާމްގައި ކައުބާގެ ވަށައިގެން ތަވާފް ކުރަން އޮންނަ ސަރަހައްދުގައި ފަރުޟު ނަމާދުތައް ފިޔަވައި އެހެން ނަމާދުތައް ކުރުން ސައުދީ އަރަބިއްޔާ ސަރުކާރުން ވަގުތީ ގޮތުން މަނާކޮށްފި އެވެ. ސައުދީ ސަރުކާރުން އެކަން މަނާކޮށްފައި ވަނީ ރޯދަމަސް ނިމެންދެނެވެ.

ސައުދީ ގެޒެޓް ނޫހުން ބުނީ މަތާފްގައި ސުންނަތް ނަމާދު ކުރުން ރޯދަމަސް ނިމެންދެން މަނާ ކުރިކަން އަންގަވާފައި ވަނީ ޙަރަމްފުޅު ބަލަހައްޓާ ފަރާތްތަކަށް މައްކާގެ އަމީރު ޕްރިންސް ޚާލިދު އަލް ފައިސަލް ދެއްވި އިރުޝާދުތަކުގެ ތެރޭގައި ކަމަށެވެ.

އެ އިރުޝާދުތަކުގައިވާ ގޮތުން އެ ސަރަހައްދުގައި ރޯދަ ވީއްލުން ވެސް މަނާވާނެ އެވެ. މައްކާގެ އަމީރު އެގޮތަށް އަމުރު ކުރެއްވީ އުމްރާއަށްދާ މީހުންނަށް ފަސޭހައިން ތަވާފު ކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށެވެ. ސައުދީ ގެޒެޓް ނޫހުން ބުނީ އޭނާ އެގޮތަށް އިރުޝާދު ދެއްވީ ސުންނަތް ނަމާދުކުރަން ތިބޭ މީހުންގެ ސަބަބުން ތަވާފް ކުރުމަަށް ހުރަސް އެޅޭކަމުގެ ރިޕޯޓްތަކެއް ލިބިވަޑައިގެންނެވުމުން ކަމަށެވެ.

ރޯދަމަހު އުމްރާއަށް ދާ މީހުންނަށް ފަސޭހަ ކޮށްދިނުމަށްޓަކައި މައްކާގެ މެދުތެރޭގައި ހަރަމްފުޅު ހުންނަ ސަރަހައްދަށް ކާރުތައް ވަނުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި ހަރަމްފުޅަށް ދާ މީހުންގެ ވެހިކަލްތައް ޕާކް ކުރާނެ ސަރަހައްދެއް ވަނީ ހަމަޖައްސާފައެވެ. ހަރަމްފުޅާ ހަމައަށް ދަތުރުކުރެވޭނީ ހަމަ އެކަނި ބަހުގައެވެ.