ވާހަކަ

މުޅިޖާންހިތާ

( 21 މެއި 2017 އާ ގުޅޭ)
ރުބީނާއަށް ވީގޮތެއް ނޭނގިފައި އައިރާ އޭނާގެ ކޮޓަރީގައި އިނީ ރުބީނާ ގުޅާނެ އިރެއްގެ އިންތިޒާރުގައެވެ. ދެތިން ދުވަހެއްގެ ތެރޭގައި ރުބީނާގެ ކައިވެނި ކުރެވޭނެކަމަށް ބުނެފައި އޮތުމުން އައިރާ ވެސް ހުރީ ތައްޔާރުވެގެންނެވެ. ރުބީނާ ބުނެލާއިރަށް އޭނާގެ ކައިވެނީގައި ބައިވެރިވުމަށް ނިންމައިގެންނެވެ.

ރުބީނާގެ ޚަބަރެއް ނުވެ ދެ ދުވަސް ވެގެން ދިޔައިރު ޝިމްލާއަށް ތަފާތުތަކެއް އައިރާގެ ފުށުން ފާހަގަވިއެވެ. ޝިމްލާއަކީ ގޭގައި ހުންނަ މީހަކަށްވާތީ އައިރާ އެޕާޓްމެންޓަށް ވަދެ ނުކުމެ ހާދާތަން އޭނާއަށް ފެނެއެވެ. އަދި ނުކުންނަ ފަހަރަކު ދަނީ ކޮންތާކަށް ކަން އައިރާ ބުނެލާނެއެވެ. ނަމަވެސް މި ދެ ދުވަހު އައިރާ ފެންނަނީ ގޭތެރޭގައި ހުންނަ ތަނެވެ. ރުބީނާ އުޅޭ ބަޔަށް ދާތަނަށް އެއްގޮތަކަށް ވެސް ނުފެނެއެވެ. މައްސަލައެއް ޖެހުނީއޭ ޝިމްލާގެ ހިތް ބުންޏެވެ. އެހެންވެ ރަނގަޅު ދަނޑިވަޅެއް ހޯދާ މާބޮޑުކަމަކަށް ނަހަދާ ޝިމްލާ ސުވާލުކޮށްލިއެވެ.

"މަންމަގެ ފޯނަކަށް ނުއެއްގުޅޭ. އެޕާޓްމެންޓުގައި އުޅޭ ހެނެއް ވެސް ހިޔެއްނުވޭ" ސޯފާގައި އިން އައިރާ ބުންޏެވެ.

"ވެދާނެ ކައިވެނީގެ ކަންތައްތަކުގައި އުޅޭތީކަމަށް ނުގުޅިގެން އެ އުޅެނީ" މަޞްލަޙަތަށް ޓަކައި ޝިމްލާ ބުނެލިއެވެ. ނަމަވެސް އޭނާގެ ހިތުގައިވީ މުޅިން އެހެން ވާހަކައެކެވެ.

"ކުރީން ވެސް އަހަންނަށް ހީވި ރުބީނާ މިކަހަލަ ކަމެއް ކޮށްފާނޭ. ނަސީބެއް އައިރާ ގެންދާ ކަހަލަ ޚިޔާލެއް އޭނާ ނުކުރިކަން. އެވާނީ އެނާ އިން މީހާގެ މުއްސަނދިކަމާ ހުރެ އައިރާ ފަދަ ދެރަ އަންހެންކުއްޖަކު ގެންދަން ބޭނުންނުވީކަމަށް. ރަނގަޅީ އެގޮތް. ކޮންމެހެން އައިރާއަށް ދެރައެއް ދޭކަށް އެކުއްޖާ ގެންދާނެކަމެއް ވެސް ނެތް. އަމީރަށް ވެސް ހީވަނީ ކަންނޭނގެ އަހަރެން ބުނާއެއްޗަކީ ރުބީނާއާއި އައިރާ ދުރުކުރަން ވެގެން ކިޔާހާ އެއްޗިއްސޭ" އައިރާއަށް ފުރަގަސްދީގެން އިސްތިރިކުރާން ހުރި ޝިމްލާ އަމިއްލަ ހިތާ ވާހަކަދެއްކިއެވެ.

ނިދުމުގެ ކުރީން ގައިދޮވެލަން ވެގެން އައިރާ ހުރީ ފާޚާނާގައެވެ. އޭނާއަށް ނުނިކުމެވެނީސް އެނދުގެ އަރިމަތީ ކަބަޑުގެ މަތީ ބޭއްވީ ފޯނު ރިންގުވާ އަޑު އިވުނެވެ. މިގަޑީގައި އޭނާއަށް ގުޅާނީ ކާކުބާއޭ ހިތަށް އެރުމުން ކުއްލިއަކަށް ހިތަށް ވަނީ ލިޒީގެ ނަމެވެ. ރަށަށް އެނބުރި ދިޔަ ފަހުން ދެތިން ފަހަރު ވައިބަރއިން ގޮވާލުން ފިޔަވާ މާގިނަ ވާހަކައެއް ދެ އެކުވެރީންގެ ދެމެދުގައި ނުދެކެވެއެވެ. އެހެންވެ އަވަސް އަވަހަށް ގައި ހިއްކާލުމަށްފަހު ތުވާލިކޮޅުން ހަށިގަނޑު ނިވާކޮށްލައިގެން ފާޚާނާއިން ނުކުމެ ފޯނުނަގާ ބަލާލިއެވެ. އައިރާ ނުކުން އިރު އެ ކޯލު ވަނީ މިސްވެއެވެ. އެހެންވެ ފޯނު ހުޅުވާލާފައި ބަލާލިއެވެ. އޭނާއަށް ގުޅީ ލިޒީއެއް ނޫނެވެ. އެހެންނަމަވެސް މިވަގުތު އޭނާ އެމީހެއްގެ ކޯލަށް އިންތިޒާރު ކުރަމުންދާ މީހެކެވެ.

"ދައްތަ ބުނިހެން ކައިވެނީގެ ކަންތައްތަކުގައި މަންމަ މާ ބުރަކޮށް އުޅެނީކަންނޭނގެ. އެ ގުޅީ ވަގުތެއްވީމަކަން ޔަގީން. އެކަމަކު މަންމަ އަހަރެންގެ އެހީތެރިކަމެއް ވެސް ހޯދާނަމަ" ހިނިތުންވެލައިގެން ހުރެ އެނދުމަތީ ފޯނު ބާއްވަމުން އައިރާއަށް އަމިއްލަ ނަފްސާ ވާހަކަދެއްކުނެވެ. އަދި އޭނާ ނިދަން ތައްޔާރު ވެލުމަށްފަހު އައިސް އެނދަށް އަރާ ރުބީނާއަށް ގުޅިއެވެ.

"އައިރާ! މަންމަމެން މި ތިބީ ގެއަކުނޫން. އައިރާ ވެސް މާދަމާ ތައްޔާރުވެގެން ހުރޭ. ބޭނުންވާ ހުރިހާ އެއްޗެއް ފޮށްޓަށް އަޅައި ރެޑީވެގެން. މެންދުރު އެކެއް ނޫނީ ދޭޖަހާކަން ހާއިރު ދާނެ އައިރާ ބަލާ މީހަކު. އޭނާ އައިރާ ގެނެސްދޭނެ މަންމަމެން މި ތިބި ގެއަށް" ރުބީނާ ބުންޏެވެ. އޭނާގެ ވާހަކަ ކަނުލައި އަޑުއަހަން އައިރާ ހުއްޓެވެ.

"މަންމަ ކޮންދުވަހަކުން މެރީ ކުރަނީ. މިހާ އަވަހަށް ޗޭންޖުވަނީތަ؟" އައިރާއަށް އަހާލެވުނެވެ.

"އެކަންތައްތަކާ އައިރާ ނުވިސްނާ. މަންމަ ބުނީމަ ދެން އަވަހަށް އާދޭ... އައީމަ ކިޔައިދޭނަން ހުރިހާ ވާހަކައެއް. ދެން ބާއްވަނީ އިނގޭ" އައިރާއަށް އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ރުބީނާ ފޯނުކޯލު ކަނޑާލައިފިއެވެ.

އެރޭ އައިރާ ނިދީ ފޮނި އުންމީދުތަކަކާއެކުއެވެ. އެހެންނަމަވެސް ފަތިސްނަމާދަށް ގޮވުމުގެ ކުރީން އޭނާއަށް ހޭލެވުނީ ނުބައި ހުވަފެނެއް ފެނިގެނެވެ. ހެލޭވުނު އިރު ހުވަފެނުގައި ފެނުނު އެއްޗެއް އޭނާއަށް ބަޔާންކުރާން ނޭނގުނަސް ހިތްވަނީ ވަރަށް ބޮޑަށް ބިރުގެންފައެވެ. ފޯނުން ގަޑި ބަލާލިއިރު ފަތިސްނަމާދަށް ގޮވަން ބައިގަޑިއެއްހާއިރު ހުއްޓެވެ. އެނދުގައި އިށީނދެލައިގެން އިނދެ ހަށިފުރާ ދެތިން ނޭވާ ލިއެވެ. ބާރަށް ތެޅެމުންދިޔަ ހިތް މަސަލަސްކުރެވޭތޯއެވެ. އަދި އަރިމަތީ ކަބަޑުގައި ބަހައްޓާފައި ހުރި ފެންފުޅި ނަގާ އެއިން ފެންފޮދެއް އަނގަޔަށް އޮއްސާލާ ކޯވަރެއް ބޯލިއެވެ. އިތުރަށް އޮށޯންނަ ޚިޔާލެއް އައިރާ ނުކުރިއެވެ. އޭނާ ތެދުވެގެން ދުވަހާ ކުރިމަތިލުމަށް ތައްޔާރުވާން ފެށިއެވެ.

"ސައިތަށްޓެއް ހަދައިދެންތަ؟" ފަތިސްނަމާދުކޮށްގެން ގޭތެރެއަށް އައިރާ ނުކުން އިރު ޝިމްލާ ވެސް ނުކުމެ އުޅެއެވެ. އޭނާއަށް އައިރާ ފެނުމުން އަހާލިއެވެ. އަމީރު ވެސް ފަތިސްނަމާދުން މިހާރު އަންނަން އުޅޭނެކަން އައިރާއަށް އެނގެއެވެ. ޝިމްލާ އެ އުޅެނީ އޭނާ އަންނަންވާއިރަށް ކޮފީ ހަދަން ހޫނުފެން ކައްކާށެވެ.

ކޮފީތަށި ހިފައިގެން ސޯފާގައި އަމީރު އައިސް ހަމަޖެހިލިއެވެ. އެކަކަށް އިށީނދެވޭނޭހެން ހުރި ސޯފާގޮނޑީގައި ޝިމްލާ ގެނެސްދިން ސައިތަށި ބޯން އައިރާ އިނެވެ. ޝިމްލާ ވެސް ގިނައިރެއްނުވެ ކޮފީތަށްޓެއް ހިފައިގެން އައިސް އެމީހުންނާ ބައިވެރިވެއްޖެއެވެ. އެންމެން ހަމަވުމުން އައިރާ އެ ފުރުޞަތުގެ ބޭނުންހިފާ ރުބީނާ ރޭގައި ގުޅިކަން އަންގާލިއެވެ. އަދި އައިރާ އެމީހުންނާ ވަކިވާންޖެހޭ ވަގުތު އަތުވެއްޖެކަން ބުނެދިނެވެ. އަމީރާއި ޝިމްލާ ހިމޭންކަން ޚިޔާރުކޮށްގެން ތިބީއެވެ.

"އަހަރެން ދާން ބައްޕަމެން ޤަބޫލުނޫނީތަ؟" ޔަގީން ނުވެފައި އިންހެން އައިރާ އަހާލިއެވެ. އެއާއެކު އަމީރު ހިނިތުންވެލިއެވެ. އަދި ރުބީނާ އެދުނުހެން އައިރާ ތައްޔާރުވުމަށް އޭނާ ބުންޏެވެ. އެއްވެސް ކަމެއް ބޭނުންވަންޏާ އަމީރުމެން ގާތުގައި ބުނުމަށް ވެސް އެދުނެވެ.

* * * *

ދޭއްޖެހިއިރު ރުބީނާ ފޮނުވި މީހަކު އައިރާ ބަލާ އައިސް ހުއްޓެވެ. އާދައިގެ އިސްކޮޅެއް ލިބިފައިވާ އެ މީހާ ހުރީ ރީތިކޮށް ހެނދުން އަޅާފައެވެ. ދިވެހިބަހުން ރީތިކޮށް ވާހަކަދެއްކި ނަމަވެސް އޭނާއަކީ ބިދޭސީއެއްކަން ބުނާން އެނގެއެވެ. އަމީރާއި ޝިމްލާގެ އިތުރުން އެމީހުންގެ ދަރިފުޅު އިޝްވާ ވެސް ދޮރޯށި ދޮށަށް ނުކުތެވެ. އައިރާއާ ސަލާމް ކުރުމަށެވެ. އައިރާ ގާތުގައި މަޑުކޮށްލުމަށް ބުނެފައި ބިދޭސީ މީހާ ގޮސް ކާރު ބާއްވާފައި އޮތް ތަނުން ކާރު ދުއްވާލާފައި އައިރާމެން ގޭ ކުރިމައްޗަށް އައިސް މަޑުކޮށްލިއެވެ. އެހިނދު އޭނާގެ ފޮށި ކާރަށް އެރުވީ އަމީރެވެ.

"އެއްކޮށް ވަކިވީކީނޫނެއްނު. އެހެންވީމަ އައިރާ ވާނެ މިގެއަށް އަންނަން. މިގޭގައި ވެސް މި ތިބީ ހަމަ އައިރާގެ ބައްޕައާއި މަންމަ... އެކަން ހަނދާންނައްތާ ނުލައްޗޭ. ކޮންމެ ދުވަހަކު ވެސް ވާނެ ގުޅަން" ކާރަށް އަރަން އުޅުނު އައިރާގެ ގާތުގައި ޝިމްލާ ބުންޏެވެ. އައިރާ ބޯޖަހާލަމުން އެއްބަސްވެފައި ކާރުގެ ފަހަތު ސީޓަށް އަރާ ހަމަޖެހިލިއެވެ. އެއާއެކު ކާރުގެ ދޮރު ޝިމްލާ ލައްޕާލިއެވެ. މާޔޫސްވެފައި ތިއްބެއްކަމަކު އަމީރާއި ޝިމްލާ ހިނިތުންވެލިއެވެ. އަދި އަތްހިއްލާލާ ވަދާއުގެ ސަލާމްކޮށްލިއެވެ.

އައިރާ ގޮވައިގެން ކާރު އައިސް މަޑުކޮށްލީ ހުޅުމާލެއަށްދާ ގިމަތަ ކައިރިއަށެވެ. ކާރުން އައިރާ ފޭބުމަށް ޑްރައިވަރު އެދުނެވެ. އޭނާ ފޭބުމުން އެތަނުން އިތުރު ފިރިހެނަކު އައިރާއާ ހަވާލުވިއެވެ. އައިރާގެ ފޮށި ހިފައިގެން އައިރާއަށް މަގު ދައްކަމުން ގެނެސް ލާންޗަކަށް އެރުވިއެވެ. މި ހުރިހާ ކަމެއް ހިނގަމުންދާއިރު ރުބީނާ ނައިސް ހިލޭ މީހުން އައިރާއަށް އެހީވުމުގައި އުޅޭތީ އެކަމާ އޭނާ ހުރީ ހިތްނުތަނަވަސްވެފައެވެ.

ހުޅުމާލޭގެ ފާލަމަކާ ލާންޗު ކައިރިކޮށްލުމާއެކު އެ އިން އައިރާ ފޭބުމަށް އޭނާއާ ހަވާލުވެގެން ހުރި މީހާ އެހީތެރިވިއެވެ. އަދި އޭނާ އައިރާ ގޮވައިގެން އައިސް ޕާކިން ސަރަޙައްދުގައި އޮތް ކަޅުކުލައިގެ ޕްރައިވެޓް ކާރަކަށް އެރިއެވެ. ދުއްވަން އިނީ ޚުދު އޭނާއެވެ. އައިރާ އިނީ ފަހަތު ސީޓުގައެވެ. ކަނޑު ހުރަސްކޮށް އާދެވުނު ހިސާބާ މެދު އައިރާ ވިސްނާލިއެވެ. ފާޑަކަށް ހިތްބިރުގަންނަން އޭނާ ފަށައިފިއެވެ. ދެވޭ ނުދެވޭތަނެއް ނޭނގޭހެން ވެސް ހީވެއެވެ. ނިޔާނާއެކު ހުޅުމާލެއަށް ދާން މަޝްވަރާ ކުރެވުނެވެ. އެހެންނަމަވެސް އެ ނަސީބެއް އައިރާއަށް ނުލިބެއެވެ. އެހެންވެ މީ އޭނާ ހުޅުމާލެއަށް އެރި ފުރަތަމަ ފަހަރެވެ. އުޅޭނެގޮތެއް ދާނޭ ދިމާލެއް އޭނާއަކަށް ނޭނގެއެވެ. ކާރު އައިސް މަޑުކޮށްލީ ނިކަން ރީތިކޮށް ހަދާފައި ހުރި ގެއެއްގެ ކުރިމައްޗަށެވެ. ކާރުދުއްވަން އިން މީހާ ފޭބުމުން އައިރާ ވެސް ކާރުން ފޭބީއެވެ. އޭނާ އައިރާގެ ފޮށި ގެނެސް އެ ގޭގެ ގޭޓުގެ ކުރިމަތީ ބެހެއްޓިއެވެ. އަދި ފާރުގައިވާ ރަނގަބީލަކަށް އޮބާލިތާ އިރުކޮޅެއް ފަހުން ދުވަސްވެފައި ހުރި އަންހެނަކު ގޭޓާ ދިމާއަށް އަންނަތަން އައިރާއަށް ފެނުނެވެ. ކާރު ދުއްވަން އިން މީހާ އައިރާއަށް ހިނިތުންވެލާފައި އެނބުރި ކާރަށް އެރީއެވެ. އޭނާ މަޑުކުރުމެއްނެތި ކާރު ދުއްވާލީއެވެ.

"ރުބީނާ އެބައިން ތިކުއްޖާއަށް މަޑުކޮށްގެން" އަންހެންމީހާ އައިސް ގޭޓު ހުޅުވާލަމުން ބުންޏެވެ. އަދި އައިރާއަށް އަންނަންވީކަމުގައި އަތުން އިޝާރާތްކޮށްލާފައި އައިރާގެ ފޮށި ދަމަމުން އެ އަންހެންމީހާ ކުރިއަށް ހިނގައިގަތެވެ.

"ތީ ރުބީނާގެ ކޮއްކޮއެއްތަ؟" ހިތްހެޔޮ ގޮތަކަށް އެ އަންހެންމީހާ އަހާލިއެވެ.

"ޅީދަރިއެއް" ޖެހިލުންވެފައި ހުރެ އައިރާ ބުނެލިއެވެ.

"ތީ އޭނާ އެބުނާ މަރުވި ދަރިފުޅުގެ އަންހެނުން ދޯ" އައިރާއަށް އެ އަންހެންމީހާ ބުނެލި އެއްޗަކުން ހިތަށް އުނދަގޫތަކެއް ވެގެންދިޔައެވެ. އެހެންނަމަވެސް އެ އަންހެންމީހާއަކީ އެގޭގެ ކާކުކަން ނޭނގޭތީވެ އިތުރު ވާހަކައެއް ދައްކަން އައިރާ ބޭނުންނުވީއެވެ.

ފުޅާ ހަރުފަތްތަކެއް ހުރަސްކުރުމަށްފަހު ބޮޑުކޮޓަރިއަށް އައިރާއަށް ވަދެވުނު ހިނދު ހީވީ ޝާހީ ގަނޑުވަރުކޮޅަކަށް ވަދެވުނު ހެނެވެ. ތަނުގެ ބޮޑުކަމާއި ފެންނަމުންދާ އެއްޗެހީގެ ޗާލުކަމުން އަމިއްލަ ނަފްސުގެ ދެރަކަން ހިތަށް ވަންނަ ގޮތްވިއެވެ. އަގުބޮޑު ސޯފާސެޓުގައި އިން ރުބީނާ ތެދުވެ އައިރާއަށް ގޮވާލިއެވެ.

"މީގެ ފަހުން އައިރާ ހުންނާނީ މިގޭގައި. އައިރާ ކަމެއް ބޭނުންވެއްޖެއްޔާ މީނަ ގާތުގައި ބުނޭ. މީ މަރިޔަންދީ... ދޭބަލަ އިސްމައިލަށް ގޮވަން. ބުނޭ އައިރާގެ ފޮށި މައުރީންގެ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރިއަށް ގެންދާށޭ" ރުބީނާ މިހެން ބުނުމުން މަރިޔަންދީ އެތެރެއަށް ގޮސް ގެއްލުނެވެ.

"އައިރާ! އާދެބަލަ މިތާ އިށީންނަން" ރުބީނާ ބުންޏެވެ. އޭނާއަށް ވެސް ބަދަލުތަކެއް އަތުވެއްޖެހެން އައިރާއަށް ހީވިއެވެ. ނަމަވެސް އެކަން މާބޮޑަށް ފާހަގަވާވަރަށްވުރެ އައިރާ ހުރީ ތަނުގެ ރީތިކަމަށް ގެއްލިފައެވެ. އެފަދަ ބޮޑުގެއެއްގައި އުޅެން ލިބުމަކީ ކޮންމެ މީހެއްގެ އުޅުމަށް ވެސް ބަދަލުތަކެއް އަތުވެދާނޭކަމެއްހެން އައިރާއަށް ޤަބޫލުކުރެވޭތީއެވެ.

"ޤައިސްއާ ކައިވެނިކޮށްފިން. އައިރާ ގާތުގައި ނުބުނެވުނީ ޤައިސް އެގޮތް ބޭނުންވީމަ. އޭނާ ބޭނުންވީ ކައިވެނީގެ ފަހުން އައިރާ މިގެއަށް ގެންނަން" ރުބީނާ އެއްވެސް ޖެހިލުމެއްނެތި އައިރާއަށް އޮޅުވާލިއެވެ. އޭނާ ހެދި ދޮގު އައިރާ ބަލައިވެސް ގަތެވެ. އެ ގެއަކީ ޤައިސްގެ ގެއަކަށްވާއިރު އޭނާގެ ބާރު ރުބީނާގެ މައްޗަށް ގަދަވާނޭކަން އައިރާއަށް މިހާރު ވެސް ހީވާން ފަށައިފިއެވެ.

"މަންމައަށް ވީގޮތެއް ނޭނގިގެން އަހަރެން ހުރީ ވަރަށް ކަންބޮޑުވެފައި" ހިނިތުންވެލަމުން އައިރާ ބުންޏެވެ.

"މަރިޔަންދީއަކީ މިގޭ މަސައްކަތްކުރާ މީހުންގެ ތެރެއިން އެންމެ އިސްކޮށް ހުންނަ މީހާ. އޭނާއާއެކު ދެން ދޭ ކޮޓަރިއަށް. މެންދުރު ކާން މަރިޔަންދީ ގޮވާނެ. މަންމަގެ އެދުމެއް އެބައޮތް. މިގެއަށް އާދެވުނަސް ކޮޓަރިން ބޭރަށް އެހާ ގިނައިން ނުކުމެ ނުހަދައްޗޭ. ގޭގެ އެތަން މިތަނަށް ގޮސް ނޫޅޭތި އިނގޭ. ޙާއްޞަކޮށް ޤައިސްގެ ކުރިމައްޗަށް ނާރާ އުޅެވޭތޯ ބަލާތި. ކަމެއްބޭނުންވެއްޖެއްޔާ މަރިޔަންދީ ހުންނާނެ. އެއްވެސް ކަމެއް އައިރާ އަމިއްލައަށް ކުރާން ނޫޅޭތި" މަރިޔަންދީ އެނބުރި އައުމުން ރުބީނާ ބުންޏެވެ. އައިރާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލާފައި މަރިޔަންދީއާއެކު ހިނގައިގަތެވެ.

* * * *

އެވަރލޭންޑް-204 ގެއަކީ ޤައިސްގެ މާލޭގައި ހުރި ގެ ވިއްކާލާފައި ހުޅުމާލޭއިން ގަތް ބިމެކެވެ. މިހާރު އެތަން "މެހެލް"އެއްހެން ހުއްޓެއްކަމަކު އެތަންހެދުމަށް ޤައިސްވަނީ ބޮޑެތި ޚަރަދުތަކެއް ކޮށްފައެވެ. ލޯބިވާ އަނބިމީހާއާއެކު އުޅޭން ގަސްދުކުރި ނަމަވެސް އެ ނަސީބެއް އޭނާއަކަށް ނުލިބުނެވެ. އެ "މެހެލް"ގެ ރާނީއަކަށް ވީ ޤައިސްގެ ދެވަނަ އަނބިމީހާ ރުބީނާއެވެ.

ފުރަތަމަ ދެ ހަފްތާ އައިރާއަށް ހޭދަވެގެން ދިޔައީ ފުރިހަމަ އިއްޒަތުގައެވެ. އޭނާއަށް ނުފުދޭ ކަމެއް ނެތެވެ. އެންމެ ހިތްހަމަޖެހެނީ އެ ގޭގެ ބިއްދޮށުގައި ހުންނަ ބޮޑު ގަހުގެ ދަށުގައި މަޑުކޮށްލައިގެން ތިބޭނޭ ގޮތް ހަދާފައި ހުރުމުން އެތަނެވެ. އެތާ ހުންނަ މޭޒުގެ ދޮށުގައި އައިރާ ލެޕްޓޮޕް ހިފައިގެން އިނދެއެވެ. ނަމަވެސް އެ ސަރަޙައްދަކީ އެގޭގައި ގެންގުޅޭ މީހުން އުޅޭ ތަނެކެވެ. ގޭގެ ވެރިން އެ ދިމާއަށް ނުކުމެއެއް ނުހަދައެވެ. ޕޫލު ވެސް އޮންނަނީ އެ ފަރާތުގައި އުޅޭ މީހުންނަށް ނުފެންނާނޭ ގޮތް ހަދާފައެވެ. އެތަނަށް އައިރާ ނުކުތެއްކަމަކު ރުބީނާ މައްސަލައެއް ނުޖައްސައެވެ.

"ރޫބީ! މާދަމާ އަޅުގަނޑުގެ ދަރިފުޅު އެބައާދޭ... އަދިކިރިޔާ އޭނާއަށް ޗުއްޓީ އެ ލިބުނީ" ރޭގަނޑުގެ ކެއުމުގައި ބައިވެރިވަމުންދިޔަ ޤައިސް ބުނެލިއެވެ. އޭނާގެ އެއްފަރާތުގައި ރުބީނާ އިންއިރު އެތަނުގައި ދެން އިނީ މައުރީނެވެ.

"އެއްކޮށް މިކޮޅަށް ބަދަލުވަނީތަ؟" ރުބީނާ އަހާލިއެވެ.

"އެއްކޮށް ބަދަލުވާށޭ މި ކިޔަނީ. އެކަމަކު އޭނާ މަޑެއްނުކުރާނެ. އެ އަންނަނީ ޗުއްޓީއަކަށް... އަޅުގަނޑު ކައިވެންޏަށް އަންނާށޭ ބުނީމާ އެ އަންނަނީ... ރޫބީ! ކޮބާތަ ރޫބީ ގެނައި އަންހެންކުއްޖާ... އަދި އެއްފަހަރު ވެސް މަށެއް ނުދެކެން" ޤައިސް ބުންޏެވެ.

"އޭނާ... އޭނާ ވަރަށް ލަދުރަކިވާނެ... ބޭރަށް ނުކުމެއުޅޭކަށް ބޭނުމެއްނުވާނެ. އެހެންނޫނަސް ޤައިސް ކީއްކުރަން އޭނާއާ ބައްދަލުކުރަންވީ. އަޅުގަނޑު އޭނާގެ ކަންތައްތައް ހަމަޖައްސާނަން" ރުބީނާ އަވަސްއަރުވާލާފައި ބުނެލިއެވެ. (ނުނިމޭ)