ޔާމީން ރަޝީދުގެ މަރު

ޔާމީންގެ ހަނދާނުގައި މިއަދު ހިނގާލުމެއް ބާއްވަނީ

ރަހުމުކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ ހަނދާނުގައި މިއަދު ހިނގާލުމެއް ބާއްވަން ޔާމީންގެ އާއިލާއިން ނިންމައިފި އެވެ.

އާއިލާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަދު ބާއްވާ ހިނގާލުމަކީ އާއިލާ އާއި ރައްޓެހިން ގުޅިގެން ބާއްވާ ސުލްހަވެރި ހިނގާލުމެއް ކަމަށެވެ. އަދި އެ ހިނގާލުން މިއަދު ހަވީރު 4:30 ގައި އާޓިފިޝަލް ބީޗުން ފެށިގެން ރަސްފަންނާއި ހަމައަށް ކުރިއަށް ދާނެ ކަމަށެވެ.

އާއިލާއިން ބުނީ ޔާމީންގެ މަރުގެ ތަހުގީގު ފުލުހުން ކުރަމުންދިޔަ ނަމަވެސް އޭނާގެ މަރަށް މިއަދު އެއްމަސް ވެފައިވާއިރު އޭނާގެ މަރުގެ މައްސަލާގައި ހައްޔަރުކުރި އެއްވެސް ފަރާތެއްގެ މައުލޫމާތު ހިއްސާ ކޮށްފައި ނުވާ ކަމަށެވެ.

ޔާމީން މަރާލާފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ކައިރީގަ އެވެ. ތޫނު އެއްޗަކުން އޭނާއަށް ވަނީ ގިނަ ހަމަލާތަކެއްދީފަ އެވެ. ޔާމީން މަރާލި މައްސަލާގައި މިހާތަނަށް ހަތް މީހަކު ހައްޔަރު ކޮށްފައި ވެއެވެ. އޭގެ ތެރޭގައި ޔާމީން މަރާލުމުގައި އަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ވެސް ހިމެނެ އެވެ. ޔާމީންގެ މަރުގެ މައްސަލާގެ ތަހުގީގަށް ކުރި އެރުން ލިބެމުންދާ ކަމަށާއި ތަހުގީގު ކާމިޔާބު ވާނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ފުލުހުން ބުނެފައި ވެއެވެ.