އިޒްރޭލް

ޓްރަމްޕް ވަޑައިގެން އުޅުއްވަނިކޮށް އިޒްރޭލަށް ރޮކެޓެއް ފޮނުވާލައިފި

May 23, 2017
1

އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް އިޒްރޭލުގައި ހުންނަވަނިކޮށް މިސްރުގެ ސީނާ ސަރަހައްދުން އިޒްރޭލަށް ރޮކެޓް ހަމަލާއެއް ދީފި އެވެ.

ޖެރުސަލަމް ޕޯސްޓުން ބުނީ އިސްރާއީލްގެ ސަރަހައްދަކަށް ރޮކެޓް އެރިކަން އެ ގައުމުގެ ސިފައިން ކަށަވަރުކޮށްދީފައިވާ ކަމަށާއި އެހެން ނަމަވެސް އެ ރޮކެޓްގެ ސަބަބުން މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ނުވާ ކަމަށެވެ. އެ ރޮކެޓް ވެއްޓުނީ ހުސްބިމަކަށެވެ.

ރޮކެޓް އައީ ހުސްބިމަކާ ދިމާލަށް ކަމަށް ވާތީ އިޒްރޭލުން ސައިރަންއެއް ވެސް ނާޅާ ކަމަށް ސިފައިންނާ ހަވާލާދީ ނޫހުން ބުންޏެވެ.

އިޒްރޭލާ މިސްރުގެ ސީނާ ސަރަހައްދަށް ދެމެދު 240 ކިލޯ މީޓަރު ދިގު ސަރަހައްދީ ރޮނގެއް އޮވެއެވެ. އެ ސަރަހައްދުގައި އިސްލާމިކް ސްޓޭޓް އައި އެސްއާ ގުޅިފައިވާ ހަނގުރާމަވެރި ޖަމާއަތެއް ހަރަކާތްތެރިވެއެވެ. އައިއެސްއާ ގުޅުމުގެ ކުރިން " އަންސާރުލް ބައިތުލް މަގުދިސް " ގެ ނަމުގައި ހަރަކާތްތެރިވި އެ ޖަމާއަތާ ދެކޮޅަށް މިސްރު ސިފައިން އަންނަނީ ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ. އެހަނގުރާމައިގައި އިޒްރޭލުން އަންނަނީ މިސްރަށް މަދަދުކުރަމުންނެވެ.