ދުނިޔެ

ޔޫކޭގައި ޓެރަރިޒަމްގެ ނުރައްކާ މަތީ ދަރަޖައަށް، ސިފައިން މަގުތަކަށް

May 24, 2017

އިނގިރޭސިވިލާތުގައި ޓެރަރިޒަމްގެ ނުރައްކާ އެންމެ މަތީ ދަރަޖައަށް އޮތް ކަމަށް ނިންމައި އެގައުމުގެ މުހިއްމު ތަންތަން ހިމާޔަތްކުރަން ސިފައިން ނެރެފިއެވެ.

އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭ ވިދާޅުވި ކަމަށް ބީބީސީ ބުނީ ނުރައްކާ އެންމެ މަތީ ދަރަޖައަށް އޮތް ކަމަށް ނިންމީ މެންޗެސްޓާގައި އިއްޔެރޭ އަމިއްލައަށް މަރުވެގެން ބޮމުގެ ހަމަލާ ދިން މީހާ އެކަން ކޮށްފައި ވަނީ އަމިއްލަ އަމިއްލައަށް ކަމަށް އެހާދިސާގެ ތަހުގީގުން ނިންމިފައި ނުވާތީ ކަަމަށެވެ.

މޭ ވިދާޅުވެފައި ވަނީ އާއްމުން ހިމާޔަތް ކުރުމަށް އާއްމު ތަންތަނުގައި ހަރަކާތްތެރިވާ ފުލުހުންނަށް މަދަދު ކުރުމަށް އެމީހުންނާއި އެކު ސިފައިން ވެސް ހަރަކާތްތެރިވާނެ ކަމަށެވެ. ކުރިއަށް އޮތް ހަފްތާ ތަކުގައި ބާއްވާ ކޮންސަޓް ފަދަ ހަރަކާތްތަކުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން ވެސް ސިފައިން ހަރަކާތްތެރިވާނެ ކަމަށާއި އެހެން ނަމަވެސް އެމީހުން މަސައްކަތްކުރާނީ ފުލުހުންގެ ކޮމާންޑުގެ ދަށުން ކަމަށް ވެސް މޭ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގައި ޓެރަރިޒަމްގެ ނުރައްކާ އެންމެ މަތީ ދަރަޖައަށް އޮތް ކަމަށް ނިންމީ އެގައުމުގެ ޖޮއިންޓް ޓެރަރިޒަމް އެނަލިސިސް ސެންޓަރުންނެވެ. އެ ސެންޓަރަކީ ފުލުހުންނާއި ސަރުކާރުގެ އެހެން ބައެއް މުއައްސަސާތަކުގެ މާހިރުން ހިމެނޭ ސެންޓަރެކެވެ.

އިނގިރޭސިފުލުހުންގެ ކައުންޓާ ޓެރަރިޒަމްއާ ބެހޭ ބައިގައި އިސްކޮށް އުޅުއްވާ އެސިސްޓެންޓް ކަމިޝަނަރު މާކް ރޯލީ ވިދާޅުވެފައި ވަނީ މެންޗެސްޓާ ހަމަލާގެ ތަހުގީގު ކުރިއަށް ދަނީ ވަރަށް ބާރަށް ކަމަށާއި ކުރިއެރުން ލިބެމުން އަންނަ ކަމަށެވެ.
ޓެރަރިޒަމްގެ ނުރައްކާ އެންމެ މަތީ ދަރަޖައަށް އުފުލުނު މިއީ ތިންވަނަ ފަހަރެވެ.

އެމެރިކާގެ ލަވަކިއުންތެރިއެއް ކަމަށްވާ އަރިއާނާ ގްރޭންޑް ބޭއްވި ކޮންސެޓެއް ނިމުނު ވަގުތު އެ ކޮންސެޓް ބޭއްވި ތަނަށް ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 22 އަށް އަރާފަ އެވެ. ގައިގައި ބޮން ހަރުކޮށްގެން ހުރި ފިރިހެނަކު ދިން އެހަމަލާގައި މަރުވިމީހުންގެ އިތުރުން 58 މީހަކު ޒަހަމްވެސް ވިއެވެ.