ދުނިޔެ

ފިލިޕީންސްގެ މިންޑަނާއޯގައި އަސްކަރީ ގާނޫނު ހިންގައިފި

May 24, 2017

ފިލިޕީންސްގެ ދެކުނުގައިވާ މިންޑަނާއޯ ޖަޒީރާގައި އެ ގައުމުގެ ސަރުކާރުން އަސްކަރީ ގާނޫނު ހިންގަން ފަށައިފި އެވެ.

ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓް އިއްޔެގައި އިއުލާން ކުރައްވާފައި ވަނީ މިންޑަނާއޯ ޖަޒީރާގައި ދެ މަސް ދުވަސް ވަންދެން ހިންގާނީ އަސްކަރީ ގާނޫނު ކަމަށެވެ. ޑުޓާޓް އެ ފިޔަވަޅު އެޅުއްވީ މިންޑަނާއޯ ޖަޒީރާގައިވާ މަރާވީ ސިޓީގެ މައްޗަށް ހަނގުރާމަވެެރިންގެ ބަޔަކު ގަދަވެގަތުމުންނެވެ. އަސްކަރީ ގާނޫނު އިއުލާން ކުރެއްވި އިރު ޑުޓާޓް ހުންނެެވީ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން ރަޝިޔާގެ ވެރިރަށް މޮސްކޯގަ އެވެ. ނަމަވެސް ހާދިސާ ހިނގުމުން އޭނާ ވަނީ ދަތުރުފުޅު ކުރުކޮށްލައްވާފަ އެވެ.

މިންޑަނާއޯގައި އަސްކަރީ ގާނޫނު ހިންގާނީ ދެ މަސް ދުވަހަށް ކަމަށް ޑުޓާޓް ފުރަތަމަ އިއުލާން ކުރެއްވި ނަމަވެސް އޭނާ ފަހުން ވިދާޅުވެފައި ވަނީ އެކަން އަހަރަކަށް ވެސް ދެމިގެން ހިނގައިދާނެ ކަަމަށެވެ. ޑުޓާޓް އާއްމު ކުރެއްވި ވީޑިއޯ މެސެޖެއްގައި އޭނާ ވިދާޅުފައި ވަނީ ޓެރަރިޒަމާ މުއާމަލާތް ކުރެއްވުމުގައި އޭނާ ވަރަށް ހަރުކަށިވެ ވަޑައިގަންނަވާނެ ކަމަށެވެ.

"އެކަމަށް އަހަރު ދުވަސް ހޭދަވާނަމަ އަހަރެމެން އެކަން އެގޮތަށް ކުރާނަން. އެކަން މަސްދުވަހުގެ ތެރޭގައި ނިމިއްޖެ ނަމަ އަހަރެން އުފާވާނެ،" ވީޑިއޯ މެސެޖްގައި ޑުޓާޓް ވިދާޅުވެފައި ވެއެވެ.

އިސްލާމިކް ސްޓޭަޓް (އައިއެސް) އާ ގުޅިފައިވާ ހަނގުރާމަވެރިންް ވަނީ މަރާވީގެ ސިޓީހޯލަކާއި ހޮސްޕިޓަލެއް އެމީހުންގެ ބާރުގެ ދަށަށް ގެންފގޮސްފައެވެ. ރޯމަން ކެތަލިކް މަަޒްހަބުގެ ނަސާރާއިންގެ ފަށްޅިއަކާއި ޖަލެއް އެމީހުން އަންދާލާފައިވާ ކަމަށް ވެސް ފިލިޕީންސްގެ އޮފިޝަލުންނާ ހަވާލާދީ ޓައިމްސް ނޫހުން ބުންޏެވެ.

ހަނގުރާމަވެެރިން މަރާވީއަށް ދިން ހަމަލާގައި ފިލިޕީންސް ސިފައިންގެ ދެމީހަކާއި ފުލުހުންގެ މީހަކު މަރުވެ އިތުރު 12 މީހަކު ޒަހަމްވިއެވެ. ހަނގުރާމަވެރިންނާ ދެކޮޅަށް ފިލިޕީންސް ފުލުހުން ދިން ހަމަލާތަކުގައި ގިނަ އަދަދެއްގެ ހަނގުރާމަވެރިން މަރުވިއެވެ. ހަމަލާ ބަދަލުކުރުމުގެ ތެރޭަގައި މުޅި ރަށުން ވަނީ ކަރަންޓް ކެނޑިފައެވެ.

މަރާވީއަކީ 200000 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެރަށުގެ އާބާދީގެ ބޮޑު ބަޔަކީ މުސްލިމުންނެވެ.