ރޯދަ މަހާ ރޯއްޖާ

ރޯދަ އިނާޔަތް ނުދޭ މައްސަލަ ވަނީ ފާހަގަވެފައި: ލޭބާ އޮތޯރިޓީ

ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތަށް މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދޭ މައްސަލަ ފާހަގަ ކުރެވިފައިވާ ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީއިން މިއަދު ބުނެފި އެވެ. އެ އޮތޯރިޓީން މިއަދު ވަނީ ގާނޫނުގައި ބުނާ ގޮތަށް ރޯދަ އިނާޔަތް ދިނުމަށް ގޮވާލާފަ އެވެ.

އެ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ އޮތޯރީޓީން ކުރި އިންސްޕެކްޝަންތަކުން ބައެއް ފަރާތްތަކުން ރޯދަ އިނާޔަތް ނުދޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި، ރޯދަ އިނާޔަތް ދިން ނަމަވެސް ވަޒީފާއާބެހޭ ގާނޫނުގައި ބުނާ ގޮތަށް ނުދޭ މައްސަލަ ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ، ވަޒީފާއަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ވެސް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ރޯދަ މަސް ފެށުމުގެ ކުރިން ދޭންޖެހޭނެ ކަމަށެވެ. ވަޒީފާއަދާކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް އިނާޔަތް ދިނުމަކީ އިހްތިޔާރީ ކަމެކެވެ.

ގާނޫނުގައިވާ ގޮތަށް ރޯދަ އިނާޔަތް ނުދޭ މައްސަލަ ފާހަގަކުރެވިފައިވާއިރު، މި އަހަރު ސަރުކާރުން ނިންމާފައިވަނީ ރޯދަ އިނާޔަތް މި މަހުގެ މުސާރައާއެކު ދިނުމަށެވެ. ސަރުކާރު ކޮންމެ މުވައްޒަފަކަށް ވެސް އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދިނުމަށް ފިނޭންސް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.