ދުނިޔެ

ޓްރަމްޕް ވެޓިކަން އަށް ވަޑައިގެން ޕޯޕްއާ ބައްދަލު ކުރައްވައިފި

May 24, 2017
4

އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް މިއަދު ވެޓިކަން ސިޓީއަށް ވަޑައިގެން، ރޯމަން ކެތަލިކް ކްރިސްޓިއަނުންގެ އިސް ލީޑަރު ޕޯޕް ފްރެންސިސް އާ ބައްދަލުކުރައްވައިފިއެވެ.

ޕޯޕްއާ ބައްދަލުކުރައްވަން ޓްރަމްޕް ވަޑައިގެންނެވީ އަނބިކަނބަލުން މިލޭނިއާއާއި ދަރިކަނބަލުން އިވަންކާ އަދި ދަނބިދަރިކަލުން ޖެރެޑް ކުޝްނާ އާ އެކުގަައެވެ. އިޓަލީގެ މެދުތެރޭގައި މިނިވަން ދައުލަތެއްގެ ގޮތުގައި އޮންނަ ވެޓިކަންގައި ޕޯޕްއާ ބައްދަލުކުރެއްވުމަށް ފަހު އިޓަލީގެ ވެރިންނާ ވެސް ޓްރަމްޕް މިއަދު ބައްދަލުކުރަައްވަން ވަނީ ހަމަޖެހިފައެވެ. އެގޮތުން ޓްރަމްޕް ބައްދަލުކުރައްވާނީ އިޓަލީގެ ރައިސާއި ބޮޑުވަޒީރާއެވެ. އިޓަލީއަށް ފަހު ޓްރަމްޕް ވަޑައިގަންނަވާނީ ބެލްޖިއަމްގެ ވެރިރަށް ބްރަސުލްއަށެވެ. އެއި ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން( ނޭޓޯ)ގެ ވެރިންގެ ސަމިޓްގައި ބައިވެރިވަޑައިގެންނެވުމަށެވެ.

އެމެރިކާގެ ރައީސް ކަމަށް ވަޑައިގެންނެވުމަށް ޓްރަމްޕް ކެމްޕޭން ކުރެއްވި ދުވަސްވަރު ޕޯޕާއި ޓްރަމްޕާ ދެމެދު ބޮޑު އަރައިރުމެއް ހިނގިއެވެ. އެއީ މެކްސިކޯއާއި އެމެރިކާއާއި ދެމެދު ފާރެއް ލައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވުމުން ޕޯޕް އެކަމަށް ފާޑުވިދާޅުވުމުންނެވެ. ޕޯޕް އޭރު ވިދާޅުވީ އެއްވެސް ކްރިސްޓިއަނަކު އެފަދަ ފިޔަވަޅެއް ނާޅާނެ ކަމަށެވެ. ޖަވާބުގައި ޓްރަމްޕް ވިދާޅުވީ އައިސިސް އިން ވެޓިކަން އަށް ހަމަލާ ދިނުމުން " ޓްރަމްޕް އެމެރިކާގެ ރައީސަކަށް ވި ނަމައޭ" ޕޯޕްގެ ހިތްޕުޅަށް އަރާވަޑައިގަންނަވާނެ ކަމަށެވެ.