އޮފްބީޓް

ބޯ ނިވާނުކޮށް ސައުދީއަށް ވަޑައިގަތުމުން މެލޭނިއާ އާއި އިވަންކާ ހޫނު ފެނަށް

އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމަށް ފަހުވެސް ރައީސް ޑޮނާލްޑް ޓްރަމްޕަށް ގައުމުގެ ރައްޔިތުންގެ މާބޮޑު ސަމާލުކަމެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. އަދި ބޭރު ދުނިޔޭގެ ގިނަ ގައުމުތަކުން ވެސް މާބޮޑު ތަރުހީބެއް ނެތް ނަމަވެސް މި ހަފްތާގެ ތެރޭގައި އިސްލާމީ ގައުމުތަކުގެ ވެރިންނާއެކު ސައުދީ އަރަބިއްޔާގައި ބޭއްވި ސަމިޓަށްފަހު ގިނަ ބަޔަކު ވަނީ ޓްރަމްޕަށް ތާއީދު ކުރަން ފަށާފަ އެވެ.

މި ސަމިޓުގައި ބައިވެރިވެޑައިގަތުމަށް ޓްރަމްޕާއެކު އަނބިކަނބަލުން ފަސްޓް ލޭޑީ މެލެނިއާ އަދި ދަރިކަނބަލުން އިވަންކާވެސް ސައުދީއަށް ވަޑައިގަތެވެ. ނަމަވެސް ސައުދީއަށް ވަޑައިގެން އެ ދެ ބޭފުޅުން އިސްތަށިގަނޑު ނިވާނުކޮށް ހެދުން އެޅުމުން ގިނަ ބަޔަކު ވަނީ ފާޑު ކިޔާފަ އެވެ. ހާއްސަކޮށް ސައުދީގައި އިސްތަށިގަނޑު ނިވާނުކޮށް ހުރުމަށްފަހު ރޯމްގެ ވެޓިކަން ސިޓީއަށް ވަޑައިގެން، ރޯމަން ކެތަލިކް ކްރިސްޓިއަނުންގެ އިސް ލީޑަރު ޕޯޕް ފްރެންސިސް އާ ބައްދަލު ކުރެއްވިއިރު އެމީހުން ގަބޫލުކުރާ އުސޫލަތަކާއި އެއްގޮތަށް އިސްތަށިގަނޑު ނިވާކޮށްފައި ހުރުމުން ޓްރަމްޕާއި އަނބިކަނބަލުން އަދި ދަރިކަނބަލުން ނަށް އެތައް ފާޑުކިއުންތަކެއް ލިބި މީޑީއާގައި ވަނީ ހޫނުފެނަށް ވެއްޓިފަ އެވެ.

ސައުދީގައި އެގައުމުގެ އަންހެނުންނަށް ދިގުކޮށް ހުންނަ ހެދުމާ، އިސްތަށިގަނޑު ނިވާކޮށް ބުރުގާ އަޅައިގެން ނޫނީ ބޭރަށް ނުކުތުމަކީ މަނާކަމެކެވެ. ނަމަވެސް އެއީ ގައުމުން ބޭރު އަންހެނުންނަށް މަޖުބޫރުކަމެއް ނޫނެވެ.

ނަމަވެސް މުސްލިމް ގައުމަކަށްވެ އެފަދަ ގޮތަކަށް އަމަލު ކުރުމަށް އެގައުމުގެ ގާނޫނުން އަންހެނުންނަށް މަޖުބޫރުކޮށްފައިވާތީ 2013 ވަނަ އަހަރު އޭރުގެ އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝެލް އޮބާމާ އިސްތަށިގަނޑު ނިވާނުކޮށް ސައުދީއަށް ވަޑައިގަތުމުން އެންމެ ބޮޑަށް އެކަމާ ފާޑުވިދާޅުވި އެއް ބޭފުޅަކީ ޓްރަމްޕެވެ.

މިޝެލް އަށް ފާޑު ފިދާޅުވެ ޓްރަމްޕް 2015 ވަނަ އަހަރުވެސް ޓްރަމްޕް ވަނީ ޓުވީޓު ކުރައްވާފަ އެވެ. އެ ޓުވީޓުތައް ހޯދާ ގިނަ ބަޔަކު ވަނީ އެ ޓުވީޓުތަކަށް ރައްދު ދީފަ އެވެ.

ސައުދީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފެނިގެން ދިޔަ ފޮޓޯތަކުން ފެންނަ ގޮތުގައި މެލޭނިއާ ހުރީ ފައިތިލަ އާ ހަމައަށް އަންނަ އަތް ދިގު، ދޫ ހެދުމެއް ލާފަ އެވެ. އަދި މެޔާއި ހަމައިން ބެލްޓެއްވެސް އަޅާފައި ހުއްޓެވެ. އޭގެ އިތުރުން އިވަންކާ ހުރީ ފައި ތިލަ އާ ހިސާބަށް ހުރި މަ ޖެހި އަތް ދިގު، ހެދުމެއް ލާފަ އެވެ.

އެއާހިލާފަށް ރޯމަނަށް ވަޑައިގެންނެވި އިރު މެލޭނިއާ އަދި އިވަންކާވެސް ހުރީ ކަޅުކުލައިގެ ކަކުލުން ތިރިއަށް ހުންނަ އަތް ދިގު ހެދުމެއް ބޭނުންކުރައްވާފަ އެެެވެ.