ދުނިޔެ

ޓްރަމްޕަށް ޔޫރަޕުން ކިޔާނީ އިދިކީލި މަރުހަބާއެއް

May 25, 2017
2

އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން ގައުމުން ބޭރަށް ކުރައްވާ ދަތުރުފުޅުގައި ޓްރަމްޕް ފުރަތަމަ ވަޑައިގެންނެވީ ހައްދެއް ނެތް ވަރަށް އޭނާއަށް ތާއީދު ކުރާ ގައުމުތަކަށެވެ.

ސައުދީ އަރަބިއްޔާއާއި އިޒްރޭލުން އޭނާއަށް ކުރީ އެކަށީގެން ނުވާހާ ބޮޑު އިހުތިރާމެކެވެ. ރިޔާޒުގައި ބޭއްވި އަރަބް އިސްލާމިކް-ޔޫއެސް ސަމިޓްގައި ޓްރަމްޕަށް މަރުހަބާ ވިދާޅުވުމަށް ސައުދީ ރަސްގެފާނު އެޑްރެސް ކުރެއްވި ގޮތް އެއީ މީގެ މިސާލެކެވެ. ރަސްގެފާނު ވިދާޅުވީ ޓްރަމްޕްގެ އަމިއްލަ ފުޅު ދެވަނަ ގައުމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

ސައުދީގައި ޓްރަމްޕް އެދިވަޑައިގެންނެވިހާ ވާހަކަފުޅެއް ދެއްކެވުމަށް ފަހު ދެން ވަޑައިގެންނެވީ އިޒްރޭލަށެވެ. އެތަނުން ވެސް ޓްރަމްޕަށް ކިޔާފައި ވަނީ އަމިއްލަ ގައުމުގެ ބަތޮލަކަށް ކިޔާ ފަދަ މަރުހަބާއެކެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ޓްރަމްޕް ދެއްްކެވި ވާހަކަފުޅުތަކާއި ވެރިކަމަށް ވަޑައިގގެން ނެރުއްވި ގަރާރުތައް މެދު އިރުމަތީގެ ވެރިން ހަނދުމަފުޅު ނެތުނީ ކަަމަށް ވެދާނެއެވެ. ނަމަވެސް ޔޫރަޕްގެ ވެރިން އެހާ ހަނދާން ބަލިވާނެ ކަމަކަށް މަޝްރަހު ދިރާސާ ކުރައްވާ ބޭފުޅުން ދެކެވަޑައެއް ނުގަންނަވައެވެ.

ނޭޓޯ އަކީ ބޭނުމެއް ނުހިފޭ ޖަމާއަތެއް؟

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކުގެ ތެރެއިން ޔޫރަޕުން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރީ ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން ( ނޭޓޯ) އާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅެވެ. އެއީ ބޭނުމެއް ނުހިފޭ ޖަމާއަތެއް ކަމަށް ވިދާޅުވި ވިދާޅުވުމެވެ. ވެރިކަމަށް ވަޑައިގެންނެވި ފަހުން ޓްރަމްޕް ވަނީ އެވާހަކަފުޅު އަނބުރައި ގެންދަވާފައެވެ. ނަމަވެސް ޔޫރަޕްގެ ޑިޕްލޮމޭޓުން ތިއްބެވީ އެވަރަކުން ފުއްދަވައިލައްވާ ގޮތަކަށް ނޫނެވެ.

" ނޭޓޯ އުފެއްދި އިރު ކަނޑައެޅި ގަވާއިދު ، އެއީ އެއް ބައިވެރިއަކަށް ދޭ ހަމަލާއަކީ އެންމެނަށް ދޭ ހަމަަލާއެއް ކަމަށް ބެލުން ، އެގަވައިދަށް އޭނާ އަލުން ރުހުން ދެއްވާނެ ކަމަށް އަޅުގަނޑުމެން މިބަލަނީ،" ނޭޓޯގެ ޑިޕްލޮމޭޓަކު ރޮއިޓާސްއަށް ވިދާޅުވެފައި ވެއެވެ.

ނޭޓޯގެ ގައުމުތަކުން މިފަދަ ވިސްނުމެއްގައި ތިބި އިރު ޓްރަމްޕް ވެސް ތައްޔާރުވެވަޑައިގެން ހުންނެވީ ފަސޭހަ ވާހަކަފުޅުތަކެއް ދައްކަވާކަށް ނޫނެވެ. އެގައުމުތަކުން ދިފާއަށް ކުރާ ހަރަދު އިތުރުކުރަން ޓްރަމްޕް ބާރު އަޅުއްވާނެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރިކްސް ޓިލާސަން ރޮއިޓާސް އަށް ވިދާޅުވެފައި ވެއެވެ. އެއީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ނޭޓޯއަށް ފާޑުވިދާޅުވި އިރު ވެސް އޭނާ ދެއްކެވި ވާހަކަފުޅެކެވެ.
" ޓްރަމްޕް އެދިވަޑައިގަންްނަވާ އިސްލާމިކް ސްޓޭޓާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ނޭޓޯ ބައިވެރިވާން،" ރިޔާސީ މަތިންދާބޯޓް ' އެއާފޯސް ވަން' ގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓިލާސަން ވިދާޅުވިއެވެ.

އެކަމުގައި ނޭޓޯގެ ގައުމުތަކުގެ ހިޔާލު ޓްރަމްޕާ އެއްގޮތްކަން އެގައުމުތަކުން ވަނި ހާމަކޮށްފައެވެ.

އީޔޫ ރަނގަޅު؟

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ޓްރަމްޕް ވަނީ ޔޫރަޕިއަން ޔޫނިއަން ( އީޔޫ) އަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެ އިއްތިހާދަކީ " ޖަރުމަަނުން ދުއްވަން އޮތް ވެހިކަލެއް " ކަމަށް އޭނާ ސިފަކުރެއްވިއެވެ. އަދި އެއިއްތިހާދުން ވަކިވާން އިނގިރޭސިން ނިންމި ނިންމުމަށް އޭނާ ވަނީ ތައުރީފުކުރައްްވާފައެވެ. އެހެން ގައުމުތަކުން ވެސް އެގޮތަށް އަމަލުކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

އީޔޫއަށް ރުހިވަޑައިގަންނަވާކަން ޓްރަމްޕް ވަނީ ވައިޓްހައުސްއަށް ވަޑައިގެންނެވި ފަހުން ފާޅުކުރައްވާފައެވެ. ނަމަވެސް މިދަތުރުފުޅުގައި އެވާހަކަ އެއަށް ވުރެ ތަފުސީލުކޮށް ދައްކަވަން އޭނާއަށް ޖެހިވަޑަައިގަންނަވާނެއެވެ.

ޔޫރަޕަށް ސާފު ޖަވާބެއް ދެއްވަން ޖެހިވަޑައިގަންނަވާނެ އަނެއް ކަމަކީ އެގައުމުތަކާއި އެމެރިކާއާއި ދެމެދު އޮންނަ ވިޔަފާރީގެ ގުޅުމުގެ ކުރިމަގާމެދު އޮތް ސުވާލެވެ.

އެ ސުވާލު އުފެދުނީ އެމެރިކާއާއި ކެނެޑާއާއި މެކްސިކޯ ބައިވެރިވާ ވިޔަފާރީގެ މުއާހަދާ ' ނަފްޓާ' އާ ބެހޭ ގޮތުންް އަލުން މަޝްވަރާ ކުރައްްވާނެ ކަަަމަށް ޓްރަމްޕް ވިދާޅުވުމެވެ.
" ޔޫއެސް-އީޔޫ ވިޔަފާރިއަކީ ދުނިޔޭގެ އިގުތިސާދުގެ 46 ޕަސެންޓް. އެކަމަކު އެމެރިކާއާއި އީޔޫއާ ދެމެދު ފުޅާ ދާއިރާއެއްގައި މިނިވަންް ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރުމުގެ މަޝްވަރާތައް ޓްރަމްޕްގެ ކުރިން ރައީސްކަމުގައި ހުންްނެވި ބަރަކް އޮބާމާ ވަކިވެވަޑައިގެންނެވި ފަހުން އޮތީ ކުރިއަށް ނުގޮސް،" ވޮޝިންޓަންގައި ހުންނަަ ސެންޓަ ފޯ ސްޓްރެޓިޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒްގައި މަސައްކަތްކުރައްވާ ޔޫރަޕާ ބެހޭ މާހިރެއް ކަމަށްވާ ޖެފްރީ ރަތުކީ ވިދާޅުވެފައި ވެއެވެ.

" އެ ސަރުކާރުން އަދި ހާމައެއް ނުކުރޭ އިޔޫއާ އޮންނަ ގުޅުމާ ބެހޭ ( ވިޔަފާރީގެ ގުޅުމާ) ބެހޭ އެއްވެސް ކަހަލަ އެޖެންޑާއެއް،" އޭނާ ވިދާޅުވި ކަމަށް ރޮއިޓާސްގެ ރިޕޯޓްގައި ވެއެވެ.

މިކަންތައްތައް މިހެން ހުރުމުން ، ނޭޓޯގެ ވެރިންގެ ސަމިޓްގައި ބައިވެރިވަޑައިގެންނެވުމަަށް ބެލްޖިއަމްގެ ވެރިރަށް ބުރަސުލްސް އަށް މިއަދު ކުރައްވާ ދަތުރުފުޅު ޓްރަމްޕަށް އެހާ ފަސޭހަވާނެ ކަމަކަށް ނުބެލެވެއެވެ.