ސްރީލަންކާ

ލަންކާ އެއާޕޯޓްގައި ސަލާމަތީ އާ ގަވައިދު ތަކެއް ތައާރަފްކުރަނީ

May 25, 2017

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓްގައި ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމުގެ ގޮތުން އަންނަ ޖޫން މަހުގެ ފުރަތަމަ ދުހުން ފެށިގެން އާ ގަވައިދު ތަކަކަށް އަމަލުކުރަން ނިންމައިފި އެވެ.

ލަންކާގެ އެއާޕޯޓް ސެކިއުރިޓީ ސާވިސްއާ ހަވާލާދީ ކޮލަމްބޯ ގެޒެޓް ނޫހުން ބުނީ އާ ގަވައިދުތަކަކީ ސަލާމަތީ ކަންތައްތައް ހަރުދަނާ ކުރަން އިންޓަނޭަޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަނުގެ އުސޫލުތަކާ އެއްގޮތަށް ތައާރަފްކުރާ ގަވައިދުތަކެއް ކަމަށެވެ.

އަމަލު ކުރަން ފަށަން އުޅޭ ގަވައިދުގައިވާ ގޮތުން ދަތުރުވެރިންގެ އަތް ދަބަހުގައި ނުވަތަ ފޮށިތަންމަތީގެ ތެރޭގައި އުފުލަން ހުއްދަދޭ ދިޔައި ތަކެތީގެ މިންވަރު މަދު ކުރާނެ އެވެ. އަދި އާތްވަށް އަރާ ވައްތަރުގެ ތަކެއްޗާއި ޖެލް ވެސް ބަލާނީ ދިޔާތަކެތީގެ ގޮތުގަ އެވެ. ދަތުރުވެރިއަކަށް ގެންދެވޭނީ ދިޔައިތަކެތީގެ އެންމެ ލީޓަރެކެވެ. އެގޮތަށް ގެންދާ ދިޔާތަކެތި ވެސް ބަންދުކޮށްފައި ހުންނަން ޖެހޭނީ އެތެރެ ފެންނަ ކޮތަޅުގަ އެވެ.

ބޭހާައި ކުޑަކުދިންނަށް ކާންދޭ ތަކެތި އުފުލޭ އިރު އެފަދަ ތަކެތި އުފުލޭނީ ޑޮކްޓަރެއްގެ ލިއުމެއް އޮވެގެން ކަމަށް ވެސް އާ ގަވައިދުގައި ވެއެވެ.

ލަންކާ އެއާޕޯޓް ސެކިއުރިޓީ ސާވިސަސް އިން ބުނެފައި ވަނީ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ދަތުރުވެރިންގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ދޭ ހަމަލާތައް ފަހަކަށް އައިސް އިތުރުވެފައި ވާތީ އެއާޕޯޓްތަކާއި މަތިންދާބޯޓްތަކުގެ ސަލާމަތީ ގަވައިދުތައް މުޅި ދުނިޔޭގައި ވެސް އަންނަނީ ހަރުދަނާ ކުރަމުންނެވެ.