ދުނިޔެ

މެންޗެސްޓާގައި ގޮއްވާލި ބޮމުގެ ފޮޓޯ އާއްމު ކުރުމުން އިނގިރޭސިން ރުޅިގަދަވެއްޖެ

May 25, 2017

އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީގައި ހޯމަދުވަހުގެ ރޭ ދިން ހަމަލާގައި ގޮއްވާލި ބޮމުގެ ބައިތަކުގެ ފޮޓޯ އެމެރިކާގެ ނިއުޔޯކްޓައިމްސް ނޫހުން އާއްމުކުރުމުން އިނގިރޭސި ސަރުކާރުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފިއެވެ.

ބީބީސީ ބުނީ ނޭޓޯ ސަމިޓްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕާ ބައްދަލުވެވަޑައިގެންނެވުމުން އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭ އެ މައްސަލައިގެ ޝަކުވާ އުފުއްލަވާނެ ކަމަށް ބެލެވޭ ކަމަށެވެ. ބީބީސީގެ ސަލާމަތީ ކަންތައްތައް ކަވަ ކުރާ ކަރެސްޕޮންޑެންޓް ގޯޑަން ކޮރީރާއާ ބުނެފައި ވަނީ ފޮޓޯތައް ލީކް ކުރުމުގެ ފަހަތުގައި ވަނީ އެމެރިކާގެ ސަލާމަތީ ހިދުމަތްތައް ކަމަށް އިނގިރޭސި އޮފިޝަލުން ގަބޫލުކުރައްވާ ކަމަށެވެ.

މެންޗެސްޓާގައި ބޮން ގޮއްވައިލި ސަލްމާން އަބީދީއާ ގުޅުންހުރި މީހުން ހޯދަން އިނގިރޭސި ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ސަލްމާން އަބީިދީގެ ބޭބެ އިސްމާއީލް އަބީދީ ވަނީ އެ ތަހުގީގަށް ހައްޔަރުކޮށްފައެވެ. ހަމަލާ ދިން އިރު ސަލްމާންގެ ބައްޕައަކާއި ކޮށްކޮއެއް ތިބީ ލީބިޔާގައެވެ. ލީބިޔާގައި އުޅޭ ހަނގުރާމަވެރި ޖަމާއަތަކުން އެ ދެބަފައިންވެސް ވަނީ ހައްޔަރުކޮށްފައެވެ.

ހަމަލާ ދިނުމުގައި ބޭނުންކުރި ބޮން ގޮއްވައިލުމަށް ބޭނުންކުރި ޑިޓޮނޭޓާ ކަމަށް ބެލެވޭ އެއްޗެއްގެ ފޮޓޯ އެންމެ ފުރަތަ އާއްމުކުރީ ނިއުޔޯކްޓައިމްސް އިންނެވެ. އެކަމާ އިނގިރޭސި ފުލުހުންގެ ވެރިން ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އެގައުމުގެ ހޯމް މިނިސްޓަރު އަމްބާ ރުޑް ވެސް އެކަމާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަަދި ދެވަނަ ފަހަރަށް އެކަން އެހެން ވިޔަނުދޭން އޭނާ ގޮވައިލެއްވިއެވެ.

ނަމަވެސް އޭގެ ފަހުން އިނގިރޭސިވިލާތުގެ ނޫސްްތަކުން ވަނީ ހާދިސާގެ އިތުރު ފޮޓޯތައް އާއްމުކޮށްފައެވެ. އެގޮތުން ގޮއްވައިލި ބޮން ލާފައި އޮތް ދަބަސް ކަމަށް ބެލެވޭ އެއްޗެއްގެ ފޮޓޯވެސް އެމީހުން ވަނީ އާއްމުކޮށްފައެވެ.

މިއުޒިކް ކޮންސެޓެއް ނިންމައިލި ވަގުތު މެންޗެސްޓާގައި ދިން ހަމަލާގައި 22 މީހުން މަރުވެ 64 މީހުން ޒަހަމްވިއެވެ.