(23 މެއި 2017 އާ ގުޅޭ)
"އޭނާ... އޭނާ ވަރަށް ލަދުރަކިވާނެ... ބޭރަށް ނުކުމެއުޅޭކަށް ބޭނުމެއްނުވާނެ. އެހެންނޫނަސް ޤައިސް ކީއްކުރަން އޭނާއާ ބައްދަލުކުރަންވީ. އަޅުގަނޑު އޭނާގެ ކަންތައްތައް ހަމަޖައްސާނަން" ރުބީނާ އަވަސްއަރުވާލާފައި ބުނެލިއެވެ.
ލުއި ހީނލުމަކާއެކު ޤައިސް އޭނާ ދައްކަމުން ދިޔަ ވާހަކައިގެ މިސްރާބު އަނެއްކާ ވެސް ބަދަލުކޮށްލިއެވެ. ރުބީނާއަށް އޭނާ ވަރަށް އިތުބާރުކުރެއެވެ. އަހަރުތަކަކަށްފަހު ޤައިސްގެ ދިރިއުޅުމަށް އައިސްފައި އޮތް ފަޅުކަން ނެތި ރުބީނާގެ ސަބަބުން އާރޯކަން ވެރިވެއްޖެއެވެ. އެހެންވެ އޭނާ ވެސް ބޭނުންވަނީ ރުބީނާ އެދޭ ކަންތައްތައްކޮށްދީގެން އުޅޭށެވެ. ރުބީނާއަށް ގޭތެރޭގެ ކަންތައްތައް ނިންމުމުގެ ބާރު ދިނުމާއެކު އޭނާގެ ނިންމުންތަކަށް ޤައިސް ގޮތް ކިޔާން ގަސްދުނުކުރުމެވެ.
އައިރާ އޮތީ ކޮޓަރީގައި ފޯނެއްގައެވެ. ލިޒީއަށް ގުޅައިގެން އޮވެ އޭނާ ރުބީނާއާއެކު އެގެއަށް ބަދަލުވި ވާހަކަ ކިޔައިދެމުންދިޔައިރު ހުރީ ވަރަށް ހިތްހަމަޖެހިފައިކަން އޭނާގެ އަޑުން ވެސް މީހަކަށް ދޭހަވާނެއެވެ. އަމީރާއި ޝިމްލާ ގުޅާލިޔަސް އައިރާގެ ފަރާތުން އިވިގެންދަނީ ހިތްހަމަޖެހިފައި ހުރިކަމުގެ ބަސްތަކެވެ. އެހެންވެ އިތުރަށް އެއްވެސް ކަމެއް އޮޅުން ފިލުވާކަށް އެކަކު ވެސް އައިރާއާ ސުވާލެއް ނުކުރެއެވެ. މީހެއްގެ ގާތުގައި ނުބުނިކަމުގައި ވިޔަސް ޚުދު އައިރާ މިހާރުވަނީ އެ ގޭތެރޭގައި ކަންކަން ހުންނަ ގޮތާ މެދު ސުވާލު އުފެދެން ފަށާފައެވެ. ލިޒީގެ ކޯލު ނިންމާލީ މަރިޔަންދީ އައިސް އައިރާއަށް ކާން އައުމަށް ގޮވީމައެވެ.
"މަންމަމެން ކެއީތަ؟" އާދައިގެ މަތީން އައިރާ އަހާލިއެވެ. އެއާއެކު މަރިޔަންދީ ވެސް "ހޫން" ލައްވާލީ އެހެންޏާ ވެސް އޭނާ ހޫން ލައްވާލާ އުސޫލުންނެވެ.
ތަނަވަސް ބޮޑު ކާކޮޓަރީގައި ހުރި މޭޒުގެ ދޮށުގައި އައިރާ އެކަނިމާ އެކަނި އިނެވެ. މަރިޔަންދީ އޭނާއަށް ތަށިތައް ކައިރިކޮށްދެމުންދިޔައެވެ.
"މަރިޔަންދީ އަހަންނާއެކު ކާން އަންނަންވީނު. އެކަނި އިނދެ ކާން ވަރަށް އުނދަގޫ" އައިރާ ބުނެލިއެވެ.
"އަޅުގަނޑު ކާނީ ފަހުން. މި ސުފުރާ މަތީ ކެއުމަކީ ގޭގެ ޚާދިމުންނަށް މަނާ ކަމެއް" މަރިޔަންދީ ބުނެލިއެވެ. އޭނާގެ ބެލުމުގައި އެ ހުންނަ ގޮތެއް އައިރާއަކަށް ނަގައިގަންނާކަށް ފަސޭހައެއްނުވިއެވެ. ބައެއްފަހަރު އައިރާއަށް ކަމެއް އަންގައިދޭން އުޅޭ ކަހަލައެވެ. އަނެއްބައި ފަހަރު ކަންތައްތަކެއް ސިއްރު ކުރާ ކަހަލައެވެ.
"މިރޭ ވެސް އެކަނި އިނދެތަ ކާންވީ. މަންމަ ކޮބާބާ... ޤައިސްއަކީ އެހާ ނުލަފާ މީހެއްތަ؟ އޭނާ އުޅޭ ތަންތަނަށް އަހަރެން އައިސްގެން ނުވޭ. އޭނާއަށް ފެނިގެންނުވޭ. އެންމެން އެކުގައި ކާގަޑިއެއްގައި ވެސް އަހަރެން ބައިވެރިއެއް ނުކުރޭ. ކީއްވެބާ މަންމަ އެކަހަލަ މީހަކާ އިނީ؟ ކިހިނެއް އަބަދު މިހެން އުޅޭނީ... މައު ވެސް ހުންނަނީ ފާޑަކަށް. އެކުއްޖާ ވެސް ވާހަކަދައްކާނީ ހިތަށް އަރައިފިއްޔާ. އެހެންނޫންނަމައެއްނު އެއްޗެއް އަހާލެވޭނީ. މަންމައަށް ވެސް އަހަންނާ ވާހަކަދައްކާލާނޭ ފުރުޞަތެއް ނުލިބޭ. ނޫނީ އެ މީހާ މަންމައަށް ފުރުޞަތެއް ނުދެނީ ކަންނޭނގެ"
"އައިރާ! ގިނައިރުނުކޮށް އަވަހަށް ކާލާ... ބަތްތަށި ހާވަން އިންނާކަށް ނުވާނެ" ޚިޔާލުތަކުން އައިރާ ބޭރުކޮށްލީ މަރިޔަންދީގެ އަޑެވެ. އޭރު އޭނާ އައިރާގެ ކުރިމަތީ ހުރި ގޮނޑީގެ ފުރަގަހުގައި ހުއްޓިލައިގެން އައިރާއަށް ބަލަން ހުއްޓެވެ. މަޑުމަޑުން ބޯޖަހާލާފައި އައިރާ ކާންފެށިއެވެ.
"ކޮއްކޮ ބަނޑުބޮޑުތަ؟" އައިރާއަށް ބަލަން ހުރެ މަރިޔަންދީ އަހާލިއެވެ. އެއާއެކު އައިރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. އަދި ބަނޑުގައި އަތްޖައްސާލުމާއެކު ނިކަން އަވަހަށް ބޯޖަހާލިއެވެ.
"އެހެންވީރު ރަނގަޅަށް ކާންވާނެ. މިހާރު ކިތައް މަސް މިވީ. ބަނޑަކުން އެހާ ބޮޑަކަށް އަދި ނޭނގޭ ދޯ" މަރިޔަންދީ ބުނެލިއެވެ.
"ދެ މަސް" ތަފާތު އުފާވެރިކަމެއް އައިރާއަށް ލިބިފައިވާ ކަހަލައެވެ. އޭނާގެ ހިނިތުންވުން މަރިޔަންދީގެ ތުންފަތަށް ވެސް ހިނިތުންވުމެއް ގެނުވިއެވެ. އެވަގުތު އެތަނަށް ކެތްލީން އައިސް ވަނެވެ. ގޭގައި އުޅޭ ޚާދިމުންގެ މެދުގައި އައިރާ ވަރަށް މަޤުބޫލެވެ.
"ކޭޓް. މިގަޑީގަ ވެސް ހާދަ ބިޒީކޮށް" އައިރާ ބުނެލިއެވެ. މަރިޔަންދީއާ ޚިލާފަށް ކެތްލީން ވަރަށް ވާހަކަދައްކާނެއެވެ. ބައެއްފަހަރު އޭނާ އެއްވެސް ޚިޔާލެއް ފިކުރެއްނެތް މީހަކު ފަދައިން އެއްޗެހި ބުނެލާނެއެވެ. ހިނި އަންނަ ޒާތުގެ ހަމަނުޖެހޭ ވާހަކަ ވެސް ދައްކަ ފާނެއެވެ. އެހެންވެ ދޭތެރެ ދޭތެރެއިން އޭނާ ހަމަމަގަށް ގެންނާނީ މަރިޔަންދީއެވެ. ގޭގެ ހުރިހާ ޚާދިމުން ވެސް މަރިޔަންދީއަށް ވަރަށް ޤަދަރު ކުރާކަން އައިރާއަށް ފާހަގަ ކުރެވެއެވެ. އެންމެން ވެސް ދައްތަ ކިޔައިގެން ނޫނީ މަރިޔަންދީއާ ވާހަކައެއް ނުދައްކައެވެ.
"ބޮސްގެ ސަން އަންނަނީނު.. މެޑަމް ނުބުނޭތަ؟ ސެކަންޑްފްލޯ ރޫމު ރެޑީ ކުރަނީ މި" ކެތްލީނު ބުނެލިއެވެ. އޭނާއަށް އިތުރަށް އެއްޗެއް ނުބުނެވުނީ މަރިޔަންދީ ގޮވާލުމުންނެވެ. އެ ގޮވާލުމުން ވެސް ކެތްލީނަށް ކަމެއް އަންގާލި ކަހަލައެވެ. އޭނާ އަވަސް އަވަހަށް އެތަނުން ދިޔައީ އެހެންވެއެވެ.
"ޤައިސްގެ ދަރިއަކު ހުރޭތަ؟" މަރިޔަންދީއަށް ބަލާލަމުން އައިރާ އަހާލިއެވެ. މިފަހަރު ވެސް އޭނާ ޖަވާބަކަށް "ހޫން" ލައްވާލިއެވެ.
"މަންމައަށް އެނގޭބާ ޤައިސްގެ ދަރިއަކު ހުންނަކަން؟ އެކަން އެނގި ހުރެބާ އިނދެގެން އެ އުޅެނީ" އައިރާ އަމިއްލަ ހިތާ ސުވާލުކޮށްލިއެވެ. ރުބީނާގެ ކައިވެންޏާ ގުޅޭ ގޮތުން ނޭނގޭ އެތައްކަމެއް ހުރިކަން އައިރާގެ ޟަމީރު ބުނަމުންދިޔައެވެ. އެ ހުރިހާ ހަޤީޤަތެއް އައިރާއަށް ސިއްރުކުރަނީކަމެއް ނޫނީ އައިރާއަށް އެނގެން ނުޖެހޭތީ ރުބީނާ ނުބުނީކަމެއް ޔަގީންކުރާކަށް ނޭނގެއެވެ.
ކައި ނިންމާފައި އައިރާ ނުކުމެ ފަހަތުގައި ހުރި ބޮޑު ގަސް ދޮށުގައި މަޑުކޮށްލިއެވެ. ކޮޓަރީގެ ބަންދުކަމުގެ ތެރެއަށް ދިއުމުގެ ކުރީން ހާމަ ފަޒާގެ ފިނިކަން އިހުސާސްކޮށްލަން އައިރާ ބޭނުންވީއެވެ. މޭޒުދޮށުގައި އިން އައިރާއަށް ގޭގެ ދެވަނަ ފަންގިފިލާގައި އެހެންޏާ ނުދިއްލާ ހުންނަ ކޮޓަރިއެއް ދިއްލާފައި ހުރިތަން ފެނުނެވެ. އެއާއެކު ކެތްލީން ބުނި ވާހަކަ އަނެއްކާ ވެސް ހިތަށް އެރިއެވެ. ޤައިސްއަކީ އެހާ ގޮތްބޮޑު މީހަކަށްވާއިރު އަދި އޭނާގެ ދަރިފުޅުގެ ހާލު މާބޮޑުވާނޭ އައިރާގެ ހިތަށް އެރިއެވެ. އެ ޚިޔާލުން އޭނާގެ މޫނަށް ފޫހިކަމެއް ވެރިވެގެންދިޔައެވެ.
* * * *
ފޫހިކަމާއެކު ރުބީނާ ތުންއަނބުރާލިއެވެ. ގޭގެ ހާމަފެންޑާގައި އޭނާއާއެކު ސަލްމާއާއި ހިދާ ތިއްބެވެ. ދެކެވެމުންދިޔައީ ރުބީނާގެ ކުޅަދާނަކަމުގެ ވާހަކައެކެވެ. އޭނާގެ ދަލުގައި އައިރާ ޖެއްސި މޮޅު ގޮތެވެ. އަދި ޤައިސްއަށް އެއްވެސް ކަމެއް އަންގާނުލާ ރުބީނާ ކަންކަން ރާވަމުންދާލެއް ހުޝިޔާރުކަމެވެ.
"މާދަމާ ޤައިސްގެ ދަރިފުޅު މިކޮޅަށް އަންނައިރު އަހަރެން ބޭނުމެއްނޫން އޭނާ މިބައިގައި ބަހައްޓާކަށް" ރުބީނާ ބުންޏެވެ.
"ދެން އޭނާ ކޮންތާކަށް ފޮނުވާލާނީ" ސަލްމާ އަހާލިއެވެ.
"ހިތަށް މި އަރަނީ މިގޭ ގެންގުޅޭ މީހުން ތިބޭ ބަޔަށް އޭނާ ބަދަލުކުރަންވީއޭ"
"މަށަށް ދެރަވީ ފުރަތަމަ ވެސް އޭނާ ގެނެސް އަރާމު ބޮޑުކޮޓަރީގައި ބެހެއްޓިކަން. މިހާރު އޭނާއަށް ހުންނާނީ ފެންވަރު ވެސް އޮޅިފައި. މިރެއިން މިރެއަށް ތިކަން ކުރާން މަށަށް ފެންނަނީ. އެހެންނޫނީ މިގެއަށް ވެރިވެގެންނާކަށް ވެސް ފަހަކަށް ނުދާނެ" ހިދާ ބުންޏެވެ.
"އަހަރެން ބޭނުންވަނީ އޭނާގެ ބަނޑުގައި އޮތް ދަރިފުޅު. އެހެންވެ ޤައިސްއަށް ނޭންގީ އެއީ ކާކުކަން ވެސް. އަހަރެން ބުނާ ކޮންމެ އެއްޗެއް ޤައިސް ޤަބޫލުކުރާނެކަން މަށަށް މިހާރު އެނގޭ. ވިހޭމަ ދަރިއަތުލާފައި މިގެއިން އެ އަންހެނާ ބޭރުކޮށްލަން އަހަރެން ވިސްނީ... އެހެން ހަދާނީ ވެސް. އޭނާއަކަށް މިގެއަކަށް ގަދައެއް ނުވެވޭނެ. މިހާރު އެ އިނީ އަހަރެންގެ ބާރުގެ ދަށުގައި. އަހަރެން ބޭނުން އެއްޗެއް ހަދާނީ" ރުބީނާ ޔަގީންކަމާއެކު ވާހަކަދެއްކިއެވެ.
"އޭނާ އެނބުރި އަމީރުމެން ގާތަށް ހިނގައްޖެއްޔާ ދެނޯ" ސަލްމާ އިނދެފައި ބުންޏެވެ.
"މި ސަލް އަބަދުވެސް ވިސްނާނީ އަހަރުމެންގެ ޕްލޭން ޕްލޮޕްވާނޭ ގޮތްގޮތަށް. ބައެއްފަހަރު މަށަށް ހީވޭ މީނާ އެ އައިރާއަށް ކަމެއްވެދާނޭތީ ކަންބޮޑުވެޔޭ އަހަރުމެންނަށްވުރެ" ހިދާ އިނދެފައި ބުންޏެވެ.
"ސާބަސް ހިދާ. ހުރިހާ ކޮޅަކަށް ވެސް ވިސްނަންޖެހޭނެ. އަމީރުމެން އެ ތިބެނީ އައިރާ ބޭނުންވެފައި. އެމީހުން ވެސް ހަޤީޤަތުގައި ބޭނުންވެގެން އެ އުޅެނީ އައިރާގެ ބަނޑުގައި އޮތް ނިޔާނުގެ ދަރިފުޅު. ރޫބީ ވެސް ބޭނުންވަނީ އެކުއްޖާ. ރޫބީ އޭނާއަށް ގޮތެއް ހަދާލާއިރަށް އޭނާ އެނބުރި އަމީރުގެ ގާތަށް ދާކަށް ފަހެއް ނުޖެހޭނެ. ރޫބީ ދޯ ބުނީ މިހާރު ވެސް ދޭތެރެއަކުން އަމީރުމެން ގުޅާފައި އައިރާގެ ހާލު ބަލާ ވާހަކަ" ސަލްމާ ހަރުކަށި ރާގަކަށް ބުނެލިއެވެ.
"ސަލް އެބުނީ ދޮގުވާހަކައެއްނޫން. އަދިވެސް އަމީރުމެންނާ އޭނާއާ އޮތް ގުޅުން ވަރުގަދަ. އެ އަމީރު މަށަށް އިތުބާރެއްނުކުރާނެ. އެހެންވެ އައިރާއަށް ގުޅައިގެން ހާލު އެބަލަނީ. ބޭނުންވަނީ އަހަރެން އައިރާއާ މެދު ކަންތައް ކުރަނީ ކިހިނެއްތޯ އެނގެން. އެވަރު ވިސްނައިގެން އަހަރެން ވެސް މި އުޅެނީ... ހުރިހާ ގޮތަކުން އެ އަންހެނާ ނިކަމެތިކޮށްލައިގެން ނޫނީ އަހަރުމެންނަށް ކުރިއެއް ނުލިބޭނެ" ވިސްނަން އިނދެފައި ރުބީނާ ބުންޏެވެ.
"އެހެންވީރު ރޫބީ ކިހިނެއް ހަދަން ތި ގަސްދުކުރަނީ" ހިދާ އަހާލިއެވެ.
"އޭނާ އަހަރުމެންނާއެކު ނުބެހެއްޓޭނެ. އެއީ އަހަރެންނާ ވާ މީހެއް ވެސް ނޫން. މިރޭ އޭނާ ބަދަލުކުރާނަން މަސައްކަތްކުރާ މީހުން ނިދާ ބަޔަށް. އޭނާ ގެންގުޅޭ ފޯނު ވެސް އަތުލާނީ. އޭރުން ހުންނާނީ ރަނގަޅަށް އަމީރަށް ގުޅިފަ. ހުރިހާ އެންމެންނަށް އަންގާނަން އައިރާއަށް ފޯނުކުރުމުގެ ހުއްދަ އެކަކު ވެސް ދީގެން ނުވާނޭކަން. މިގޭގައި މަސައްކަތްކުރާން ބޭނުންނަމަ ޖެހޭނީ އަހަރެން ބުނާގޮތް ހަދަން... އައިރާ މިހާރު އެންމެ ކަންބޮޑުވެ ހާސްވާނީ ބަނޑުގައި އޮތް ދަރިފުޅާ މެދު. އެކުއްޖާއަށް ކަމެއްވާން އޭނާ ނޭދޭނެކަން ޔަގީން. އެއީ ވެސް އަހަރުމެންގެ ކޮޅު މޮޅުވާނެ ކަމެއް. އެ ދަރިފުޅަށް ކަމެއްވާން ބޭނުންނުވަންޏާ އޭނާ ޖެހޭނީ އަހަރުމެން ބުނާ ގޮތަކަށް އުޅޭން" ރުބީނާގެ ގާތުގައި ތިބި ދެ އެކުވެރީންނަށް ހިނިތުންވުމެއް އޭނާ ބަދަލުކޮށްލިއެވެ. އޭނާގެ މަކަރުވެރި ޚިޔާލު އެނގުމުން ހިދާއާއި ސަލްމާ ވެސް ހިނިތުންވެލިއެވެ.
ގޭގެ ހާމަފެންޑާގައި ހުރި ފޯނަކުން މަރިޔަންދީއަށް ރުބީނާ ގުޅިއެވެ. އޭނާ ގުޅިތާ ގިނައިރެއް ނުވަނީސް މަރިޔަންދީ އައިސް އެމީހުންގެ ގާތުގައި އަދަބުވެރިކަމާއެކު މަޑުކޮށްލިއެވެ.
"ލައްބަ" ރުބީނާއަށް ބަލާލަމުން މަރިޔަންދީ ބުންޏެވެ.
"މަސައްކަތްކުރާ މީހުން ތިބޭ ބައިން ކޮޓަރިއެއް ތައްޔާރުކުރޭ. އަދި އައިރާގެ އެއްޗެހި އެ ކޮޓަރިއަށް ބަދަލުކުރޭ. އޭނާ ގާތުގައި ބުނޭ އަހަރެން ބުނެގެންނޭ އެކަން ކުރަނީ. މިރޭ އޭނާއާ ބައްދަލުކުރާން އަހަރެން ދާނަމޭ ވެސް ބުނާތި... ދެން ދިޔަޔަސް އެންމެ ރަނގަޅު"
"ލައްބަ" މަރިޔަންދީ އެނބުރި އައިކޮޅަށް ހިނގައިގަތެވެ. ރުބީނާއަށް ނުފެންނަ ހިސާބަށް ދެވުމާއެކު ފުންނޭވާއެއް މަރިޔަންދީ ބޭރުކޮށްލިއެވެ. އަދި ދެފަރާތަށް ބޯހޫރާލިއެވެ.
"ޤައިސްއަށް އޭނާ ނޫން އަންހެނަކު ހަމަ ނުވީބާ؟" މަރިޔަންދީގެ ހިތަށް އެރިއެވެ. އޭނާ ބިއްދޮށްފަރާތަށް ނުކުން އިރު އެކަނިމާ އެކަނި ބޮޑު ގަސް ދޮށުގައި ހުރި މޭޒުގެ ކައިރީ އައިރާ އިންތަން ފެނުނެވެ. އެ ތަން ހުރަސް ކަނޑާފައި ޚާދިމުން ތިބޭ އިމާރާތުގެ ތެރެއަށް މަރިޔަންދީ ވަދެގެން ދިޔައެވެ. ހިމަދިގުކޮށް ދެބަޔަށް ވާގޮތަށް މައްޗަށް ނަގާފައި ހުރި އެ އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި ހުންނަނީ ތިންކޮޓަރިއެވެ. މިވަގުތު އެއްވެސް މީހަކު ނޫޅެ ހުސްކޮށް ހުރީ ދެވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެކެވެ.
"ކެތްލީން... ތިކުރާ ކަމެއް ކޮށް ނިންމާފައި އައިސް ސްޓާފްކުއާޓާގެ ޓޫބީ ކޮޓަރި ސާފުކޮށް އެނދުގެ ބެޑްޝީޓު ބަދަލުކޮށްފައި އަހަންނަށް އަންގާ" ކޮޓަރީގެ ހާލަތު ބަލާފައި އެނބުރި ކެތްލީނު ހުރި ތަނަކަށް މަރިޔަންދީ އައިސް އޭނާއަށް އިރުޝާދު ދިނެވެ.
"ދައްތާ! ނިއު މެއިޑެއް އަންނަނީތަ" ހައިރާންވެފައި ކެތްލީން އަހާލިއެވެ.
"މެޑަމް ބުނުއްވީ އައިރާ މީގެ ފަހުން އުޅޭނީ އަހަރުމެންނާއެކުގައި ކަމަށް. އެކަމަކު އަދި އައިރާ ގާތުގައި ނުބުނާތި. އަހަރެން އޭނާއާ ވާހަކަދައްކާނީ" ރުބީނާގެ ނިންމުން ނަގައިނުގަނެވިފައި ކެތްލީން ހުއްޓެވެ. އެހެންހުއްޓާ މަރިޔަންދީ އެތަނުން ހިނގައްޖެއެވެ. (ނުނިމޭ)