ދުނިޔެ

ޣައްޒާއިން ބޭސް ހުސްވަނީ، ގިނަ ބޭސްތައް މިހާރުވެސް ނެތް

May 25, 2017

އިޒްރޭލާއި މިސްރުން ހިސޯރު ކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ޣައްޒާއިން ބޭހުގެ ގިނަ ބާވަތްތަކެއް ހުސްވެ، އެރަށުގެ ސިއްހީ ނިޒާމު ވަރަށް ދެރަހަ ހާލަތަކަށް ވެއްޓިއްޖެ އެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރުން ބުނީ ޣައްްޒާގެ ހޮސްޕިޓަލުތަކާއި ކްލިނިކް ތަކުގެ ހާލަތު ދަށް ދިޔައީ ޕެލަސްޓީނިއަން އޮތޯރިޓީން (ހުޅަނގު އައްސޭރީގައި ގާއިމްކޮށްފައިވާ ފަލަސްތީނު މީހުންގެ ސަރުކާރުން) އެރަށަށް ބޭސް ފޯރުކޮށްދިނުން ހުއްޓައިލުމުން ކަމަށެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީގެ ފާމަސީ ޑިޕާޓްމަންޓުގެ ފަރާތުން ޣައްޒާގައި ހުންނަވާ ޑައިރެކްޓަރު މުނީރު އަލް ބަރްޝު ވިދާޅުވީ ބޭސްފަރުވާގެ 270 ބާވަތެެއް ޣައްޒާއިން މުޅިން ހުސްވެފައިވާ ކަމަށެވެ. ގައްޒާގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ އިތުރު 170 ބާވަތެއް މިހާރު ވަރަށް މަދުވެފައިވާ ކަމަށެވެ.

ޣައްޒާއަށް ބޭހުގެ ޝިޕްމަންޓެއް އެންމެ ފަހުން ލިބިފައި ވަނީ ތިން މަސްދުވަސް ކުރިންނެވެ. އެރަށަށް ކުރިން ބޭސް ގެންނަނީ ދެމަސް ދުވަހަކުން އެއް ފަހަރުއެވެ. ޣައްޒާއަށް ބޭސް ފޯރުކޮށްދިނުން ފަލަސްތީނު ސަރުކާރުން ހުއްޓައިލީ ކީއްވެގެން ކަމެއް އަދި ނޭނގެއެވެ،