ރިޕޯޓް

ޒަމާން ބަދަލުވުމުން ބައެއް ގާނޫނުތައް ޖޯކަށް ވެފައި

ޒަމާނަށާއި މީހުންގެ ވިސްނުމަށް އަންނަ ބަދަލުތަކާ އެކު ތާކުންތާނު ނުޖެހޭ ގާނޫނުތަކާއި ގަވާއިދުތައް ހުރުމަކީ ދުނިޔޭގައި އަބަދުވެސް ހިނގަމުން އަންނަ ކަންތައްތަކެވެ. މީގެ އެތައް އަހަރެއް ކުރިން ގާނޫނެއް ހެދިއިރު ލިޔެފައި އޮންނަ އެއްޗެއް އެއީ މިޒަމާނުގައި ބައެއް މީހުންނަށް މަޖާ އެއްޗަކަށް ވެދާނެ އެވެ. އަދި އެކަން ބޮޑު ޖޯކެއްގެ ގޮތުގައި ވެސް ބައެއް މީހުން ބަލާފާނެ އެވެ. ރާއްޖެ ވެސް މިކަމުން އިސްތިސްނާއެއް ނުވެއެވެ. މީގެ އެތައް އަހަރެއް ކުރިން ހަދާފައިވާ އެ ގާނޫނުތަކުގައި މިޒަމާނާ ނުގުޅޭ އެތައް ކަމެއް ހިމެނޭއިރު އޭގެ ތެރެއިން ގިނަ ގާނޫނުތަކަކީ މިހާރު ވެސް އަމަލު ކުރަމުންދާ ގާނޫނުތަކެވެ.

ސަރުކާރަކުން ނުވަތަ އަމިއްލަ ފަރާތަކުން ދޭ ސްކޮލާޝިޕެއްގައި ކިޔަވާ މީހަކު އެތަނަކަށް ޚިދުމަތް ކުރަންޖެހޭ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އެގޮތަށް ކިޔަވާ ކުދިންނަށް، ކިޔަވާ ނިމުމުން ވަކި މުއްދަތަކަށް ޚިދުމަތް ކުރަންޖެހޭއިރު އެކަން ނުކުރާ ނަމަ ކިޔެވުމުގެ ޚަރަދު އަނބުރާ ދައްކަންޖެހޭ ވާހަކަ ވެސް ދިވެހިންނަކަށް އަލެއް ނުވާނެ އެވެ. ނަމަވެސް ސަރުކާރުގެ ސްކޫލެއްގައި ނުވަތަ ސަރުކާރުން އެހީވާ އަމިއްލަ ސްކޫލެއްގައި ކިޔަވާ ކުދިން ވަކި މުއްދަތަކަށް ސަރުކާރުގައި ޚިދުމަތް ނުކުރާ ނަމަ ކުށްވެރިވާ ގޮތަށް ގާނޫނެއްގައި އޮންނަ ކަން އެނގެނީ ކިތައް ދިވެހިންނަށް ބާވެ އެވެ؟ އެ ވިސްނުން އެހާ ދުރަށް ގެންދާކަށް ނުޖެހެ އެވެ. މިއީ ރާއްޖޭގައި ހަދާފައި އޮތް ގާނޫނެއްގެ ވާހަކަ އެވެ.

މީގެ 38 އަހަރު ކުރިން ހަދާފައިވާ އެ "ސަރުކާރުގެ މަދަރުސާތަކުގައި ކިޔަވައިދޭ ކުދިންނާއި ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި ސަރުކާރުގެ ފަރާތުން ތަމްރީނު ދެވޭ މީހުން ސަރުކާރަށް ޚިދުމަތް ކުރުމާބެހޭ ގާނޫނު" ބުނާގޮތުން ޖީސީއީ އޯލެވެލާއި އޭލެވެލް ކިޔަވާ ކުދިން ވެސް ސަރުކާރުން ބޭނުންވެއްޖެ ނަމަ ވަކި މުއްދަތަކަށް ސަރުކާރަށް ޚިދުމަތް ކުރަން މަޖުބޫރުވެ އެވެ. އެގޮތުން ސަރުކާރުގެ ސްކޫލެއްގައި އޯލެވެލް ނިންމާ ކުދިންގެ ތެރެއިން ސަރުކާރުން ބޭނުންވާ ކުދިން މަދުވެގެން ތިން އަހަރު ދުވަހުގެ މުއްދަތަކަށް ސަރުކާރަށް ޚިދުމަތް ކުރަން ޖެހޭއިރު އެފަދަ ސްކޫލަކުން އޭލެވެލް ނިންމައިފި ނަމަ އެ މުއްދަތު ހަތަރު އަހަރަށް އިތުރުވެގެން ދެ އެވެ. އަދި ސަރުކާރުން އެހީވެދޭ އަމިއްލަ ސްކޫލްތަކުން އޯލެވެލާއި އޭލެވެލް ނިންމާ ކުދިން ވެސް ސަރުކާރުން ބޭނުންވެއްޖެ ނަމަ ވަކި މުއްދަތަކަށް ސަރުކާރުގައި މަސައްކަތް ކުރަންޖެހޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ.

އެ ގާނޫނާ ޚިލާފްވެއްޖެ ނަމަ އެ މީހަކު ސަރުކާރަށް ޚިދުމަތް ކުރަން ޖެހޭ މުއްދަތުގެ ބާކީ އޮތް މުއްދަތަށް ގޭގައި ބަންދު ކުރުމުގެ ބާރު ނުވަތަ ރަށުން ބޭރުގައި ބަންދު ކުރުމުގެ ބާރު އެ ގާނޫނުން ރައީސަށް ލިބިދެ އެވެ. ނަމަވެސް އެގޮތަށް އަދަބު ދިނުމުގެ ބާރު ރައީސަށް ލިބިދޭ މާއްދާ ބާތިލްކުރަން ރައްޔިތުންގެ މަޖިލީހަށް މިހާރު ބިލެއް ހުށަހަޅާފައި އެބައޮތެވެ.

މިހާރު އަމަލު ކުރަމުންދާ ފެހި ގާނޫނު އަސާސީގެ ދަށުން ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ގައިދެއް ނެތި ލިބިދީފައިވާއިރު ފެހި ގާނޫނު އަސާސީ އައުމުގެ ކުރިން އެކަން އޮތީ އެގޮތަކަށް ނޫނެވެ. މީގެ އެތައް އަހަރެއް ކުރިން ފެށިގެން އަމަލު ކުރަމުން އަންނަ ނޫސް މަޖައްލާތަކާ ބެހޭ ގާނޫނުގެ ދަށުން އެ ނޫހެއް ނުވަތަ މަޖައްލާއެއްގެ އިސްވެރިއަކު ކުށްވެރިވިޔަސް އޭގެ "ހިތި ރަހަ" އެ ނޫހަކަށް ވެސް އަންނާނެ ކަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ނޫސްވެރިކަމުގެ މިނިވަންކަން ލިބިގެން ތޮށިގަނޑު ފަޅާލާފައި ނޫސްވެރިން ނިކުމެ ބޭނުން ގޮތަކަށް ނޫސްވެރިކަން ކުރަމުންދާއިރު 1978 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުންދާ "ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނު" ބުނާގޮތުން ނޫހެއް ނުވަތަ މަޖައްލާއެއްގެ މަސްއޫލުވެރިއަކު ގާނޫނީ ނުވަތަ ޝަރުއީ ބަންދެއްގައި 15 ދުވަހަށް ވުރެ ދިގު މުއްދަތަކަށް ހުރެއްޖެ ނަމަ އެ ނޫހެއް ނުވަތަ މަޖައްލާއެއް އުވޭނެ އެވެ.

މީގެ އިތުރުން ނޫހެއް ނުވަތަ މަޖައްލާއެއްގައި ޝާއިއުކުރި އެއްޗެއް ސަބަބުން ނޭދެވޭ ނަތީޖާއެއް ނިކުމެއްޖެ ނަމަ އެ އެއްޗެއް ލިޔުނު މީހަކު ކުށްވެރިވާއިރު އެފަދަ ލިޔުމެއްގެ ސަބަބުން އެއްވެސް މައްސަލައެއް ޖެހިއްޖެ ނަމަ އެކަމުގެ ޒިންމާ އެޑިޓަރު އުފުލަންޖެހޭނެ ކަމަށް ވެސް އެ ގާނޫނުގައި އޮވެއެވެ. އާ ގާނޫނު އަސާސީ އައުމާ އެކު ބޭނުން ގޮތަކަށް ނޫސްވެރިކަން ކުރަމުންދާއިރު މި ގާނޫނުގެ ނުރައްކާ އަދިވެސް ނޫސްތަކަށް އެބައޮތެވެ. ފެހި ގާނޫނު އަސާސީ އައިފަހުން ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވީއިރު ވެސް މި ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހުން ހަނދާނެއް ނެތެވެ.

އެތައް ހާސް ބިދޭސީންނެއް މިހާރު ރާއްޖޭގައި އުޅެމުންދާއިރު އޭގެ ތެރެއިން ގިނަ މީހުންނަކީ ކޮންމެވެސް ބައެއްގެ "އަޅުންގެ" ގޮތުގައި މަސައްކަތް ކުރަން އައިސް ތިބޭ މީހުންނެވެ. ގޭގޭގަޔާއި ފިހާރަތަކާއި ކުންފުނިތަކުގައި "އަޅުންގެ" ގޮތުގައި އެ މީހުން މަސައްކަތް ކުރަންޖެހޭއިރު މަހު މުސާރަ ކޮޅު ވެސް ނުދީ ބިދޭސީން ލައްވައި ގަދަކަމުން މަސައްކަތް ކުރުވާ ފަރާތްތައް ވެސް އެބަތިބެ އެވެ. ނަމަވެސް މިފަހަރު މިއީ އެހެން ވާހަކަ އެކެވެ. ބިދޭސީން ރާއްޖޭގައި ވިޔަފާރިއެއް ކުރަންޖެހޭ ނަމަ އުޅެންޖެހޭ ހާލުގެ ވާހަކަ އެވެ.

ރާއްޖޭގައި ބިދޭސީން ވިޔަފާރި ކުރުމުގެ ގާނޫނު ބުނާގޮތުން ކޮންމެ ކޮންމެ އެއްޗެއްގެ ވިޔަފާރި ބިދޭސީންނަކަށް ނުކުރެވޭނެ އެވެ. އެގޮތުން ބިދޭސީން ގެނެސް ވިއްކަން ޖެހެނީ ދިވެހިން އާންމު ދިރިއުޅުމަށް ބޭނުންނުކުރާ އަގުބޮޑެތި ތަކެތި ކަމަށް ވާއިރު އެ ތަކެތި ވެސް ވިއްކަން ޖެހެނީ ގަނޑުކޮށެވެ. ނަމަވެސް ސަރުކާރުން އަންގައިފި ނަމަ ދިވެހިން އާންމުކޮށް ބޭނުންކުރާ ތަކެތި ރާއްޖެ ގެނެސް ވިއްކަން އެ މީހުންނަށް އެ ގާނޫނުން މަޖުބޫރު ކުރެއެވެ.

އެވަރުން ނިމުނީކީ ނޫނެވެ. އެގޮތަށް ސަރުކާރުން އަންގައިގެން އެއްޗެއް ގެނެސް ވިއްކާ ނަމަ ވިއްކަން ޖެހެނީ ވެސް ސަރުކާރުން ކަނޑައަޅާ އުސޫލަކުން ހަމައެކަނި އެސްޓީއޯއަށެވެ. އަދި ބިދޭސީ ވިޔަފާރިއެއްގެ ސަބަބުން ރާއްޖޭގެ އެއްވެސް ވިޔަފާރިއަކަށް ގެއްލުންވާ ކަމަށް ސަރުކާރަށް ފެނިއްޖެ ނަމަ އެ ވިޔަފާރިއެއް ހުއްޓުވުމުގެ ބާރު ވެސް އެ ގާނޫނުން ސަރުކާރަށް އޮވެއެވެ. ނަމަވެސް މިހާރު މި ގާނޫނަކީ "ވާތްގެއް ނެތް، ބޭކާރު" އެއްޗަކަށް ވަނީ ވެފަ އެވެ. ގާނޫނުގައި ކޮންމެ ގޮތަކަށް އޮތް ނަމަވެސް ދިވެހިން ކުރާ ފަދަ ވިޔަފާރިތައް މާލޭގައި މިހާރު ވެސް ބިދޭސީން ކުރެއެވެ.

ވަކި ތަނަކުން ވައްކަން ކުރުމުން ނުވަތަ ވަކި ބާވަތެއްގެ އާލާތެއް ބޭނުންކޮށްގެން ވައްކަންކޮށް، ފޭރުމުން އަދަބު ބޮޑުވާ ވާހަކައަކީ މިހާރު ދިވެހިންނަށް އާ ވާހަކައަކަށް ނުވެދާނެ އެވެ. އަދި ވައްކަމާއި ފޭރުމުގެ ކުށް ސާބިތުވާ ކޮންމެ ފަހަރަކު އަދަބު ބޮޑުވަމުންދާނެ ވާހަކައަކީ ވެސް މިހާރު އާ ވާހަކައަކަށް ނުވެދާނެ އެވެ. ފިހާރަތަކުން ލޯޝަން ފުޅި ވަގަށް ނަގައިގެންނާއި ރިހާކުރު ފުޅި ވަގަށް ނަގައިގެން މީހުން ޖަލަށްލާން ހުކުމް ކުރި "މޫސުމުގައި" އެކަން ކޮންމެވެސް ވަރަކަށް އޮންނާނީ އެނގިފަ އެވެ. ނަމަވެސް މިފަހަރު މިއީ ވަކި ވަގުތެއްގައި ވައްކަންކޮށް ފޭރުމުން އަދަބު ބޮޑުވާ ވާހަކަ އެވެ.

މީގެ ބައި ގަރުނު ކުރިން އަމަލުކުރަމުންދާ ގާނޫނު އުގޫބާތު ބުނާގޮތުން ހަވީރު 6:00 ފެށިގެން ހެނދުނު 6:00 އާ ދެމެދު ހަތިޔާރެއް ހިފައިގެން ވައްކަންކޮށްފި ނަމަ ނުވަތަ ފޭރުމުގެ އަމަލެއް ހިންގައިފި ނަމަ އަދަބު ދިނުމުގައި ބޮޑު އަދަބެއް ކަނޑައެޅޭނެ އެވެ. އަދި އެކަން ކަނޑައެޅޭނެ ގޮތްތައް ވެސް އެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އެހެންވެ މިއީ ވައްކަމާއި ފޭރުމުގެ އަމަލުތައް ހިންގާ މީހުން އެކަން ކުރާ ވަގުތާއި އިރުވަރަށް ބަދަލު ގެނެސްދާނެ ސަބަބެއް ކަމަށް ބެލެވެ އެވެ.

ދޮގު ހެދުމަކީ އިސްލާމް ދީނުގައި މަނާ ކުރައްވާފައިވާ ކަމެއް ނަމަވެސް މިހާރުގެ މުޖްތަމައުގައި އެކަންކަން ދެކެމުން އަންނަނީ ވަރަށް އާދައިގެ ކުދިކުދި ކަންތައްތަކުގެ ގޮތުގަ އެވެ. ސިޔާސީ ޕޯޑިއަމްތަކާއި ހޮޅުއަށިތަކުގައި އެތައް ބަޔަކާ މެދު ގޯސް ތުހުމަތުތައް ކޮށް އެ މީހުންގެ އަބުރު ކަތިލަމުންދާއިރު އެއީ ގާނޫނީ ގޮތުން ވެސް ކުށެއް ކަމަށް ބެލިދާނެ ކަން ގިނަ ބަޔަކަށް ނޭނގެ އެވެ. ގާނޫނުލުް އުގޫބާތުގެ 125 ވަނަ މާއްދާގައިވަނީ ހަދައިގެން ވާހަކައެއް ދައްކައިފި ނަމަ ނުވަތަ ވާހަކައެއް ދެއްކި މީހަކީ ކާކުކަން ސާބިތުކޮށް ނުދެވޭ ގޮތުގައި ވާހަކައެއް ދައްކައިފި ނަމަ އެ މީހަކު ކުށްވެރިވާނެ އެވެ.

އެކަމުގެ އަދަބެއްގެ ގޮތުން އެއް މަހާއި ހަ މަހާއި ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދު ކުރެވޭއިރު 25ރ. އާއި 200ރ. އާ ދެމެދު އަދަދަކުން ޖޫރިމަނާ ވެސް ކުރެވިދާނެ އެވެ. މިޒަމާނުގައި 25ރ. ޖޫރިމަނާއެއްގެ ގާނޫނެއްގައި އޮތް ތަން ފެނުމުން ބަޔަކު އެކަން މަޖަލަކަށް ހެދިޔަސް މީގެ ބައިގަރުނު ކުރިން އެ ގާނޫނު އައިއިރު 25ރ. އަކީ ވެސް ވަރަށް ބޮޑު ޖޫރިމަނާ އެކެވެ.

މީގެ އަހަރުތަކެއް ކުރިން ހަދާފައިވީ ނަމަވެސް މިހާރު ވެސް އަމަލުކުރަމުންދާ ގިނަ ގާނޫނުތަކެއްގައި މިޒަމާނާ ނުގުޅޭ އެތައް ކަމެއް ކަމެއް ހުރިއިރު އެންމެ ޖުމްލައަކުން ބުނެވޭ އެއްޗެއް ބުނެލުމަށް ވެސް ރާއްޖޭގައި ގާނޫނުތައް ހަދާފައި ހުރިއިރު އެފަދަ ގާނޫނުތަކަށް މިހާރު ވެސް އަމަލު ކުރެއެވެ. މީގެ 30 އަހަރު ކުރީއްސުރެން ފެށިގެން އަމަލު ކުރަމުން އަންނަ މަގުމަތީގައި ހިނގާ އުޅުމާ ބެހޭ ގާނޫނުގައި ހަމައެކަނި އޮތް އިބާރާތަކީ "މަގުމަތީގައި ހިނގަންވާނީ ގަވާއިދުން ދުއްވާ އެއްޗެއްސަށް ދަތިނުވާ ގޮތަށެވެ،" މިހެންޏެވެ. ރާއްޖޭގެ މިނިވަން ދުވަހަކީ ޖުލައި މަހުގެ 26 ވަނަ ދުވަސް ކަން ހަމައެކަނި ބުނެލުމަށް ގާނޫނެއް ހަދާފައި އޮތްއިރު ގުރުއާނުގައި އޮންނަ ހާލަތްތައް ފިޔަވައި އެހެން ކަންކަމުގައި އަންހެނުންނާއި ފިރިހެނުންގެ ހެކިބަސް ހަމަހަމަވާނެ ކަމަށް ބުނެލުމަށް ވެސް އެއް ޖުމްލައިގެ ގާނޫނެއް އެބައޮތެވެ.

މީގެ އިތުރުން ދައުލަތުގެ އެކި މުއައްސަސާތަކުގެ މެއިންޑޭޓާއި އެތަންތަނަށް ލިބިދޭ ބާރުތައް ބަދަލުވެފައިވާއިރު ގާނޫނުތަކުގައި އެކަން އަދިވެސް އޮތީ މީގެ 30 ހަކަށް އަހަރު ކުރީއްސުރެން ފެށިގެން އޮތް ގޮތަށެވެ. ބޭކާރު ގާނޫނުތައް އުވާލައި، އެންމެ ޖުމްލައަކުން ބުނެލެވޭ އެއްޗެއް ބުނެލުމަށް ހަދާފައިވާ ގާނޫނުތަކުގައި އޮންނަ އެއްޗެހި ކަމާ ގުޅޭ އެހެން ގާނޫނުތަކުގެ ތެރެއަށް ފައްތަން އެބަޖެހެ އެވެ. ރައްޔިތުންގެ މަޖިލީހާއި ސަރުކާރު ގުޅިގެން ނަމަވެސް އެކަން ކަމަށް ހައްލު ހޯދައިދޭން ޖެހެއެވެ.