އިނގިރޭސިވިލާތުގެ މެންޗެސްޓާގައި ދިން ބޮމުގެ ހަމަލާގެ ބައެއް ފޮޓޯތައް ލީކްވި މައްސަލައިގައި އެ ހަމަލާއާ ބެހޭ މައުލޫމާތު އެމެރިކާއާ ހިއްސާކުރުން އެ ގައުމުން ހުއްޓާލައިފި އެވެ.
ބީބީސީ ބުނީ އެމެރިކާއާއި މައުލޫމާތު ހިއްސާކުރުން ހުއްޓައިލީ ހަމަލާދިނުމަށް ބޭނުންކުރި ބޮމުގެ ބައެއް ބައިތަކުގެ ފޮޓޯތައް އެމެރިކާގެ ނޫސްތަކަށް ލިބުމުން އިނގިރޭސި ފުލުހުން އެކަމާ ހިތްހަމަނުޖެހިގެން ކަމަށެވެ. ބޮމުގެ ބައިތަކުގެ ފޮޓޯތައް އާއްމުކުރުމުގެ ކުރިން އެމެރިކާގެ ބައެއް ނޫސްތަކުން ވަނީ ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހާގެ މައުލޫމާތުވެސް އާއްމުކޮށްފައެވެ. އެމައުލޫމާތުތައް އާއްމު ވުމަކީ ތަހުގީގަށް ހުރަސް އެޅޭނެ ކަމެއް ކަމަށް އިނގިރޭސި ފުލުހުން ދެކެއެވެ. އެގައުމުގެ އޮފިޝަލުން ގަބޫލުކުރައްވަނީ މައުލޫމާތު ލީކް ވީ އެމެރިކާގެ ސަލާމަތީ ހިދުމަތްތަކުގެ ތެރެއިން ކަމަށެވެ.
ބީބީސީން ބުނީ އެމެރިކާއާއި މައުލޫމާތު ހިއްސާކުރަން ފަހުން ފަށަން މެންޗެސްޓާ ފުލުހުން އުއްމީދުކުރާ ކަމަށާއި އެހެން ނަމަވެސް މިހާރު އެމީހުން ތިބީ ރުޅިއައިސްފައި ކަމަށެވެ.
ބީސީ ބުނީ ނޭޓޯ ސަމިޓްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕާ ބައްދަލުވެވަޑައިގެންނެވުމުން އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭ އެ މައްސަލައިގެ ޝަކުވާ އުފުއްލަވާނެ ކަމަށް ބެލެވޭ ކަމަށެވެ.
މެންޗެސްޓާގައި ބޮން ގޮއްވައިލި ސަލްމާން އަބީދީއާ ގުޅުންހުރި މީހުން ހޯދަން އިނގިރޭސި ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ސަލްމާން އަބީިދީގެ ބޭބެ އިސްމާއީލް އަބީދީ ވަނީ އެ ތަހުގީގަށް ހައްޔަރުކޮށްފައެވެ. ހަމަލާ ދިން އިރު ސަލްމާންގެ ބައްޕައަކާއި ކޮށްކޮއެއް ތިބީ ލީބިޔާގައެވެ. ލީބިޔާގައި އުޅޭ ހަނގުރާމަވެރި ޖަމާއަތަކުން އެ ދެބަފައިންވެސް ވަނީ ހައްޔަރުކޮށްފައެވެ.
ހަމަލާ ދިނުމުގައި ބޭނުންކުރި ބޮން ގޮއްވައިލުމަށް ބޭނުންކުރި ޑިޓޮނޭޓާ ކަމަށް ބެލެވޭ އެއްޗެއްގެ ފޮޓޯ އެންމެ ފުރަތަ އާއްމުކުރީ ނިއުޔޯކްޓައިމްސް އިންނެވެ. އެކަމާ އިނގިރޭސި ފުލުހުންގެ ވެރިން ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އެގައުމުގެ ހޯމް މިނިސްޓަރު އަމްބާ ރުޑް ވެސް އެކަމާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަަދި ދެވަނަ ފަހަރަށް އެކަން އެހެން ވިޔަނުދޭން އޭނާ ގޮވައިލެއްވިއެވެ.
ނަމަވެސް އޭގެ ފަހުން އިނގިރޭސިވިލާތުގެ ނޫސްްތަކުން ވަނީ ހާދިސާގެ އިތުރު ފޮޓޯތައް އާއްމުކޮށްފައެވެ. އެގޮތުން ގޮއްވައިލި ބޮން ލާފައި އޮތް ދަބަސް ކަމަށް ބެލެވޭ އެއްޗެއްގެ ފޮޓޯވެސް އެމީހުން ވަނީ އާއްމުކޮށްފައެވެ.
މިއުޒިކް ކޮންސެޓެއް ނިންމައިލި ވަގުތު މެންޗެސްޓާގައި ދިން ހަމަލާގައި 22 މީހުން މަރުވެ 64 މީހުން ޒަހަމްވިއެވެ.