ބޮލީވުޑް

"ޓިއުބްލައިޓް" ޓްރެއިލާ: ސަލްމާންގެ މައުސޫމް ކަމާއި ދެބެއިންގެ ވަރުގަދަ ލޯބި

May 26, 2017

އެތަކެއް ދުވަހެއްގެ އިންތިޒާރަކަށްފަހު ސުޕަސްޓާ ސަލްމާން ހާންގެ އަންނަ މަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމު، "ޓިއުބްލައިޓް" ގެ ޓްރެއިލާ މިވަނީ އާންމުކޮށްފަ އެވެ.

އިއްޔެ ހަވީރު ޖޫހޫގައި ހުންނަ ސަބާބަން ތިއޭޓަރުގައި މި ފިލްމުގެ ޓްރެއިލާ ދައްކާލާފައިވަނީ ސަލްމާން އާއި ޑައިރެކްޓަރު ކަބީރް ހާން އަދި ފިލްމުގައި ސަލްމާނާ އެކު މުހިންމު ރޯލަކުން ފެނިގެންދާ ސޮހެއިލް ހާން އެވެ.

ކުރިން މި ފިލްމާ ގުޅޭގޮތުން އަޑުތައް އަރާފައިވާ ގޮތަށް މި ފިލްމަކީ އިންޑިއާ އާއި ޗައިނާއާ ދެމެދު ހިނގި ހިނގުރާމައިގެ އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ.

ގާތްގަނޑަކަށް އަހަރެއްހާ ދުވަސްފަހުން ސަލްމާންގެ ރިލީޒްވާ ފިލްމު "ޓިއުބްލައިޓް" ޓްރެއިލާ ބެލި ކޮންމެ މީހެއް ވެސް ބުނެފައިވަނީ ފިލްމު ރިލީޒްވާނެ ދުވަހަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުން އަންނަ ކަމަށެވެ.

މި ފިލްމުގެ ޓްރެއިލާގައި ފެނިގެންދަނީ ލަކްޝްމަން ސިންގް ބިޝްޓް (ސަލްމާން) ނުވަތަ އޭނާގެ ގާތް މީހުންގެ ނަމުން ނަމަ ޓިއުބްލައިޓް، އޭނާގެ ބޭބެ، ބާރަތް (ސޮހެއިލް) އިންޑޯ-ޗައިނާ ބޯޑަރުގައި ހަނގުރާމަކުރަން ގޮސް އަނބުރާ ނައުމުން އެނާ ހޯދުމުގެ މަސައްކަތް ފަށަ އެވެ. ކުރިން ކަންކަމާ ކުރިމަތިލާން ފަސްޖެހުނު ނަމަވެސް ބޭބެ ހޯދުގެ މަސައްކަތުގެ ތެރެއިން ޓިއުބްލައިޓް އަށް އެނާ އަކީ ކަންކަމާ ކުރިމަތިލާން ކެރޭ މީހެއްކަމާއި އޭނާ އަކީ އާދަޔާ ހިލާފު ބާރެއް ލިބިގެންވާ މީހެއްކަން އިނގެ އެވެ.

"ޓިއުބްލައިޓް" ގެ ދެ މިނިޓްގެ ޓްރެއިލާގައި ދެބެއިންގެ ދެމެދުގައި އޮންނަ ވަރުގަދަ ލޯތްބާއި އެކަކު އަނެކަކަށްޓަކައިވާ ގުރުބާނީ ފެނިގެންދެ އެވެ.

މި ފިލްމުގެ މަންޒަރުތައް ނަގަމުން ދަނިކޮށް ކުއްލިއަކަށް މަަރުވި ކުރީގެ މަޝްހޫރު އެކްޓަރު އޯމް ޕޫރީ ވެސްް ޓްރެއިލާގައި ފެނިގެންދެ އެވެ.

"ޓިއުބްލައިޓް" ގެ ޓްރެއިލާ:

"ޓިއުބްލައިޓް" ގެ ޓްރެއިލާ އަށް ތައުރީފު ބަންޑުންވަމުން އަންނައިރު، ފިލްމުގެ ޓްރެއިލާއާ ބެހޭގޮތުން ބެލުންތެރިންނަށް ކަމުނުދިޔަ ކަމަކީ ފިލްމުގައި ބަތަލާގެ ރޯލުން ފެނިގެންދާ ޗައިނާގެ ތަރި ޒޫ ޒޫ ގެ މަބޮޑު ފެނިލުމެއް ޓްރެއިލާގައި ފެނިގެންނުދާތީ އެވެ. ޒޫ ޒޫ ފެނިގެންދަނީ ޓްރެއިލާގައިި އެންމެ މަންޒަރެއްގަ އެވެ. ފަހަރުގައި އެއީ މި ފިލްމަކީ ދެބެެއިންގެ ދެމެދުގައި އޮތް ވަރުދަގަ ގުޅުން ދައްކުވައިދޭ ފިލްމަކަށް ވުމުން ޒޫ ޒޫގެ ސަބަބުން ފިލްމުގެ ޕްލޮޓް ގެއްލިދާނެތީ ކޮށްފައިވާ ކަމެކެވެ.

މުޅި މި ފިލްމުގެ ޓްރެއިލާއިން ބެލުންތެރިންގެ ހިތް އަތުލާފައިވަނީ ސަލްމާންގެ މަައުސޫމް ކަމާއި ޅަކުއްޖެއްގެ ގޮތުގައި ދައްކާލާފައިވާ މޮޅު އެކްޓިން އެވެ.

މި ފިލްމުގެ މެހެމާނެއްގެ ރޯލުގައި ޝާހްރުކް ޚާން ވެސް ފެނިގެންދާނެއިރު، ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ފިތުރު އީދާ ދިމާކޮށް އަންނަ މަހުގެ 23 ވަނަ ދުވަހު އެވެ.