ހަބަރު

އެކަނިވެރިކަމުގެ ތެރެއިން އުފެދުނު ނޫޓްގެ ފަރުމާތައް

May 28, 2017
1

އެއީ 1942 ވަނަ އަހަރެވެ. ހުޅުލޭގައި ހުރި ކުޑަކުޑަގެއެއްގެ ތެރޭގައި ފެށުނީ ވަރުގަދަ ބޮޑު މަސައްކަތެކެވެ. މުޅި ރާއްޖޭގެ މާލީ ނިޒާމަށް މުޅިންއާ ބަދަލެއް ގެނައުމަށް، ދިވެހި ރުފިޔާގެ ފުރަތަމަ ނޫޓް ތައާރަފް ކުރުމުގެ ހިޔާލުތައް އުފެދި ކޮންމެވެސް ސިފައެއްގައި އެ ކުރެހުންތައް ކަރުދާހަށް އަންނަން ފެށި އެވެ. ހުޅުލޭގައި ހުރި އެ ކުޑަކުޑަ ގޭގައި އެކަނިވެރި ހަޔާތެއްގެ ތެރޭގައި ހުންނެވި ވަރުގަދަ ފަންނުވެރިޔާ ސަރުދާރު ދޮންމަނިކު، ނޫނީ ސަރުދާރު ދޮންބެގެ އެކަނިވެރިކަން ފިލުވާލައިދިން ބައިވެރިޔަކަށްވީ އެ ކުރެހުންތަކެވެ. އޭނާގެ ހިޔާލަށް ތަސްވީރުވަމުން ދިޔަ ރީތި ޗާލު ރާއްޖޭގެ މަންޒަރުތައް އޭނާ ދިޔައީ ކުރެހުމަށް ތިލަ ކުރަމުންނެވެ. ދިވެހި ރުފިޔާގެ ފުރަތަމަ ނޫޓްގެ ޑިޒައިން އާއި ތަސްވީރުތަކުގެ ކުލަޖެހެމުގެ ފެށުމަކީ މިއީ އެވެ.

"އަޅުގަނޑު ހުޅުލޭގައި ވަރަށް އެކަނިވެރި މީހެއްގެ ގޮތުގައި ހުއްޓާ އާދަމް ނަސީރު، އެއީ އުމަރު ޒާހިރު ބައްޕަ އެ ދުވަސްވަރު ސަރުކާރުގެ އެކަހަލަ ކަންކަން ބަލަހައްޓަވަން ހުންނަވާ ބޭފުޅާ އެއީ. އަޅުގަނޑު ކައިރީ ވިދާޅުވީ މިކަހަލަ ކުރެހުންތަކެއް ކުރައްސަވަން ޖެހޭ ވާހަކަ. އެ ހިސާބުން މަސައްކަތް ފެށުނީ. ހުޅުލޭގައި ހުރި ކުޑަކުޑަގެއެއްގެ ތެރޭގައި ހުރެގެން އެ މަސައްކަތް ފެށީ. އާދަމް ނަސީރު އަޅުގަނޑަށް މި ފުރުސަތު ދެއްވީ،" މަސައްކަތުގެ ހަނދާންތައް އާ ކުރައްވަމުން ސަރުދާރު ދޮންބެ ވިދާޅުވި އެވެ.

މުހައްމަދު އަމީނު ގައުމު ހިންގުމުގެ މެނިފެސްޓޯގެ އެންމެ ކުރިޔަށް ލެއްވި އެއްކަމެއްގެ ގޮތުގައި އޮތީ ރާއްޖޭގެ އަމިއްލަ ނޫޓެއް ތައާރަފް ކުރެއްވުމެވެ. އެކަމަށް ދެއްވި ހާއްސަ ކަމާއެކު ސަރުދާރު ދޮންބެ ވިދާޅުވާ ގޮތުގައި ނޫޓް ފަރުމާ ކުރެއްވުމުގެ ރަސްމީ މަސައްކަތް ދުވަސްކޮޅެއްގެ ތެރޭގައި ހަމަ އެ އަހަރުގެ ތެރޭގައި ފުރަތަމަ ގިޔަރުގައި ފަށައިގަތެވެ. އެކަނިމާ އެކަނި ފެށި މަސައްކަތް ރަސްމީވެ ފެންފިޔާޒުގެއަށް ބަދަލުކޮށް، ނޫޓްގެ ފަރުމާތަކުގެ ބޮޑު މަސައްކަތް ފަށައިގަތެވެ. މިފަހަރު މަސައްކަތުގައި ކުރެހުންތެރިޔާ ދ އަލީ ވަހީދާއި ތަބައްއަލިފުޅު ވެސް ބައިވެރިވެ ވަޑައިގަތެވެ. ސަރުދާރު ދޮންބެ ވިދާޅުވި ގޮތުގައި ފަރުމާތައް ކުރައްސަވަމުން ގެންދެވީ އޭނާ އާއި އަލީ ވަހީދެވެ. އަދި ލިޔުންތައް ލިޔުއްވީ ތަބައްއަލިފުޅެވެ.

އެހެން ވީމާ މުޅި މަސައްކަތުގެ ބެލެނިވެރި ފަރާތަކަށްވީ، މާލީ ވުޒާރާގެ ދަށުގައި އޮތް، ކުރެހުމާއި ފަންނު ކުރިއަރުވާ މަޝްރާހު ކިޔާ މުއައްސަސާއެކެވެ. ނޫޓްގެ ޑިޒައިންތައް ނިމުނު އިރު އެ މަސައްކަތް ބަލަމުން އައީ، އަޝްގާލު ކިޔާ މުއައްސަސާއަކުން އެވެ.

އެކަމަކު އެއީ ފަސޭހަ މަސައްކަތެއް ނޫނެވެ. ސަރުދާރު ދޮންބެ ވިދާޅުވާ ގޮތުގައި ކުރެހުމަށް ބޭނުންވާ ދެއްޔާއި ކުލަ ފަދަ ތަކެތި ހޯދުމަކީ އެ ޒަމާނުގައި ފަސޭހަ ކަމެއް ނޫނެވެ. މި ޒަމާނުގައި ފަސޭހައިން ކޮށްލެވޭ މަސައްކަތް ކުރުމަށް އެތައްހާސް ފިޔަވަޅެއް އެ ޓީމަށް އަޅުއްވަން ޖެހިވަޑައިގަތެވެ. އެތައް ސަތޭކަ ހިޔާލީ ފަރުމާތަކެއް ކުރައްސަވަން ޖެހިވަޑައިގަތެވެ. އެތައް ފަރުމާއެއް ވަށިގަނޑަށް އެއްލައިލި އެވެ. ފަރުމާތައް ކުރެއްސެވީ ދެލިއަޅާ ގަލަމުން އެވެ. ނަމޫނާއަކަށް ބެއްލެވީ ޑޮލަރާއި ޕައުންޑް އަދި އަފްގާނިސްތާނުގެ ފައިސާ އެވެ.

"އެކަމަކު އެއްވެސް އެއްޗެއް ކޮޕީއެއް ނުކުރަން. އަޅުގަނޑުމެން ބެލީ މުޅިން ވެސް ހިޔާލީ ކުރެހުންތަކެއްގެ މައްޗަށް ފަރުމާތައް އުފެއްދޭތޯ. ކޮންމެ ދުވަހަކު އަޅުގަނޑުމެން އެ ހަދާ ބައި ނާދީއަށް ގެންގޮސް ބަލާފައި ކަމު ނުދަންޏާ އެ ބާއްވާފައި އަނެއްކާ އަނެއް ކުރެހުން ފަށަނީ. މިހެން ކުރިއަށް ގެންދިޔަ ކަމެއް އެއީ. ދޭތެރެ ދޭތެރެއިން ވެސް މެދުކެނޑުމެއް ވެސް އައިސްފާނެ. އަނެއްކާ އެއް ދުވަހު ކުރަހާ އެތި ހަމަ ވަށިގަނޑަށް ލާފައި އަނެއް ދުވަހު އާ އެއްޗެހި ވެސް ހުންނާނެ ހަދާފައި،" ކުރެހުމާއި އާޓްސްގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ލިބިފައިވާ ސަރުދާރު ދޮންބެ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ބުރަ މަސައްކަތަަށް ދެ އަހަރު ދުވަސް ހޭދަވި އެވެ.

މި ޓީމްގެ ބުރަ މަސައްކަތަށް ފަހު އެ ފަރުމާތަކާ އެކު ދިވެހި ރުފިޔާގެ ފުރަތަމަ ނޫޓް ނިކުތީ، 1947 ގަ އެވެ. އެ ނޫޓްތަކާ އެކު ސަރުދާރު ދޮންބެ ވެފައި މި ވަނީ ރާއްޖޭގެ އާޓިސްޓުންގެ ލެޖެންޑަކަށެވެ. އެހެން ވީމާ މި ލެޖެންޑްގެ ވާހަކަ ނޫޓްގެ ފަރުމާއިން ނިވާކުރެވޭކަށް ވެސް ނެތެވެ. އޭނާގެ އަތުން ކުރެއްސެވި ސްޓޭމްޕްގެ ފަރުމާތައް ވެސް އަދިވެސް އެބަ ހުއްޓެވެ.

ސަރުދާރު ދޮންބެ ވިދާޅުވާ ގޮތުގައި ފަންނުވެރިކަމާއި ކުރެހުމުގެ ތެރެއަށް އޭނާއަށް ވަދެ، ފައިހަރު ކުރެވުނީ އާމްދަނީ ހޯދަން އޭރު ކުރެނުވުނު މަސައްކަތުގެ ތެރެއިން އެވެ. އެކަމަށްޓަކައި އޭނާ ފެހުމާއި ވަޑާންކުރުމުގެ މަސައްކަތް ވެސް ކުރި އެވެ. އެއަށްފަހު ވޯރާ ވިޔަފާރިވެރިންގެ ފޮޓޯ ކުރަހައިދީގެން ވެސް އޭނާ ރަނގަޅު އާމްދަނީއެއް ހޯއްދެވި އެވެ. އެކަމަކު ސަރުދާރު ދޮންބެ ވިދާޅުވާ ގޮތުގައި އޭނާ އެއްޗިހި ނުކުރަހާ ހަދާނެއްނުވެ އެވެ.

"އޭރުގައި މަދަރުސާގައި އުޅުނު އިރު ފުލުސް ކިޔާ އެއްޗެއް ކުރަހާނެ. އެއީ ފުލުހުން ސިފައިން ތިބޭ ގޮތަށް ކުރަހާ އެއްޗެއް. އޭރުވެސް އަޅުގަނޑު އެންމެ ރީއްޗަށް އެ ކުރަހާނީ. ކުރެހުމުގެ މުބާރާތެއް ބޭއްވިޔަސް، ދަނޑުވެރިކަން މިހެން ގޮސް އެކަހަލަ ކޮންމެ މުބާރާތަކުން ވެސް އަޅުގަނޑަށް ހަމަ އެއްވަނަ ލިބޭނީ،" ސަރުދާރު ދޮންބެ ވިދާޅުވި އެވެ.

މިހާ ހިސާބުން އޭނާގެ މި މަސައްކަތްތެރިކަމުގެ ވާހަކައަށް އަދިވެސް ނިމުމެއް ނެތެވެ. ރާއްޖޭގެ ސުވެނިއާ އިންޑަސްޓްރީގައި ވެސް އޭނާ އަކީ ނަމެކެވެ. ޓޫރިސްޓުންނަށް ބޭނުންވާނެ ހަދާނީ ހަދިޔާ ތައްޔާރުކުރުމުގެ ވިޔަފާރީގެ ތެރޭގައި ވެސް އޭނާ އަކީ އެއް ޒަމާނެއްގައި ހަމަ އެންމެ ހިނގާ އެއްނަމެވެ. ޓޫރިސްޓުން ގަޔާވާނެ ކުރެހުންތަކުން ފެށިގެން ގޮސް، އެކި ބާވަތްތަކުގެ މޭޒު މަތީގައި ބަހައްޓާ ތަކެއްޗާއި ހަދާނީ ހަދިޔާ އޭނާ ތައްޔާރު ކުރެއްވި އެވެ. މުސްކުޅި އުމުރުގައި ވެސް އޭނާ، ގޭގައި އިދެ އަދިވެސް އެ މަސައްކަތް ކުރައްވަ އެވެ. ފަނުންނާއި އެކި ކަހަލަ ފަތްފަތުން ތަކެތި ހެއްދެވުމަކީ 94 އަހަރުގެ ސަރުދާރު ދޮންބެގެ އެކަނިވެރިކަން ފިލުވާލަދޭ ބައިވެރިވާ އެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި، އޭނާގެ ހުރިހާ ވެސް ކާމިޔާބީއެއްގެ ސިއްރަކީ "އުފާވެރި ލޮލަކުން އަބަދުވެސް ދުނިޔެ ބަލަމުން" ދިޔުމެވެ.