ދުނިޔެ

ހުރިހާ ފޮޓޯއެއްގައި ކިމް ވަށައިގެން މިތިބެނީ ކޮންބައެއް؟

May 26, 2017

އުތުރުކޮރެއާއިން މިސައިލްޓެސްޓެއް ކުރާ ކޮންމެ ފަހަރަކު އެގައުމުގެ ލީޑަރު ކިމް ޖޮން އުންގެ އާ ފޮޓޯތަކެއް އާއްމުކުރެއެވެ. އެފޮޓޯތަކުން ފެންނާނީ ޓެސްޓް ކުރުމުގެ ކަންތައްތައް ކުރިއަށްދާގޮތް ކިމް ބައްލަވާ ތަނެވެ. ދެން އޭނާ އެކަމާ އުފާ ފާޅުކުރައްވާ ތަނެވެ. ފާހަގަކޮށްލެވޭ ކަމަކީ ކޮންމެ ފަހަރަކު ވެސް ކިމްގެ އުފަލުގައި ބައިވެރިވަޑައިގަންނަވަން އެއް ބޭފުޅުންތަކެއް ތިއްބަވާ ކަމެވެ. ފޮޓޯތަކުން ފެންނަ ގޮތުން އެފަދަ ދަނޑިވަޅުތަކުގައި ކިމްގެ އަރިހުގައި ތިއްބަވާ ތިން ބޭފުޅުންނަކީ އޭނާއާ އާދަޔާ ހިލާފު ގާތް ގުޅުމެއް އޮންނަ ތިން ބޭފުޅުންނެވެ.

އުތުރު ކޮރެއާ ސަރުކާރުގެ އެހެން އިސްވެރިން ކިމްއާ ވާހަކަ ދައްކަވަނީ ވަރަށް އަދަބުވެރިކާ އެކުގައެވެ. ނަމަވެސް އަސްކަރީ ޔުނިފޯމްްގައި ތިއްބަވާ މިތިންބޭފުޅުން އޭނާއާ ސަމާސާވެސް ކުރައްވައެވެ.

އެއީ ކޮންބޭފުޅުންނެއް؟

ކިމް ޖޮން އުން އަރިހުގައި އުފާފާޅުކުރައްވާ ތިން ބޭފުޅުންނަކީ ކޮބައިކަން ރޮއިޓާސް އިން މިހާރު ވަނީ ދެނެގަނެފަައެވެ.

ރީ ޕިޔޮން ޗޮލްް: އެއް ބޭފުޅަކީ ރީ ޕިޔޮން ޗޮލް އެވެ. އެއީ އުުތުރުކޮރެއާގެ އެއާފޯސްގެ ވެރިއެއްގެ ގޮތުގައި ކުރިން މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. ކިމްގެ އަރިހުގައި ތިން ބޭފުޅުންގެ ތެރެއިން އެންމެ ނުފޫޒު ގަދަ ބޭފުޅަކީ ރީ އެވެ. އޭނާއަކކީ ވެރިކަން ކުރާ ވޯކާސް ޕާޓީގެ ހަތިޔާރު އިންޑަސްޓްރީއާ ބެހޭ ބައިގެ ޑައިރެކްޓަރެވެ.

އުފަންވީ 1948 ވަނަ އަހަރުއެވެ. ކިޔަވާ ވިދާޅުވީ ރަަޝިޔާއިންްނެވެ. އުތުރުކޮރެއާގެ އެއާފޯސް ކޮމާންޑަރުގެ ހައިސިއްޔަތުން އޭނާ ވަނީ ޗަައިނާއަށް އެއް ފަހަރު އަދި ރަޝިޔާއަށް ދެފަހަރު ވަޑައިގެންފައެވެ. ރީގެ މަގާމު މަތިވާން ފެށީ އުތުރުކޮރެއާގައި ކިމް ޖޮން އުންގެ ނުފޫޒު ގަދަވާން ފެށި ހިސާބުންނެވެ. ކިމްގެ ނުފޫޒު ގަދަވާން ފެށީ 2000 ވަނަ އަހަރު އޭނާގެ ބައްޕަ ކިމް ޖޮން އިލް އާލާސްކަންފުޅާ އުޅުއްވަން ފެށުމުންނެވެ.

ކިމް ޖޮންް ސިކް: ދެވަނަ ބޭފުޅަކީ ކިމް ޖޮން ސިކް އެވެ. އެއީ ރޮކެޓް ސައިންޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފަހު ރިޓަޔާ ކުރައްވާފައިވާ ބޭފުޅެކެވެ. އަސްކަރީ ޔުނިފޯމް ތުރުކުރެއްވިޔަސް އޭނާއަކީ އުތުރުކޮރެއާގެ ސިފައިންގެ މީހެއްގެ ގޮތުގައި ދުވަހަކު ވެސް މަސައްކަތްކުރެއްވި ބޭފުޅެއް ނޫނެވެ. އޭނާއަކީ އޮރޮނޯޓިކް ޓެކްނީޝަނެއްގެ ގޮތުގައި އުުތުރުކޮރެއާ ސަރުކާރާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ. އޭނާގެ މަގާމު މަތިވެ، ޖެނެރަލެއްގެ ޔުނިފޯމް ލިބިވަޑައިގެންްނެވީ 2012 ވަނަ އަހަރު ކާމިޔާބު ކަމާއި އެކު ރޮކެޓެއް ޓެސްޓް ކުރެވުމުންނެވެ. އޭނާގެ އުމުރާއި އެފަދަ އެހެން ތަފުސީލެއް ބައިނަލް އަގުވާމީ މީޑިއާތަަކަށް އަދި ނޭނގެއެވެ.

ޖަން ޗަން ހާ: ތިންވަނަ ބޭފުޅަކީ ޖަން ޗަން ހާ އެވެ. އޭނާއަކީ އުތުރުކޮރެއާގެ ހަތިޔާރު އުފައްދާ މަރުކަޒުގެ ވެރިޔާއެވެ. "އެކަޑަމީ އޮފް ޑިފެންސް ސައިންސް" ނަން ދީފައިވާ އެ އިދާރާއަކީ އުތުރުކޮރެއާގައި ޒަމާނީ ހަތިޔާރުތައް އުފައްދައި، ހަތިޔާރުގެ ގޮތުން ބާރުގަދަ ގައުމަކަށް އެގައުމު ހެދުމުގެ ޒިންމާ އުފުލަަން ޖެހޭ އިދާރާއެވެ. ޖަން ގެ ދަށުން 15000 މީހުން މަސައްކަތް ކުރާ އިރު އޭގެ ތެރޭގައި 3000 މިސައިލް އިންޖިނިއަރުން ވެސް ހިމެނެއެވެ.

ފޮޓޯތަކުންނާއި ޓީވީ ފުޓޭޖް ތަކުން ފެންނަ ގޮތުން އެ ތިންބޭފުޅުންްނަކީ ކިމްގެ އަރިހުގައި އެންމެ މަގުބޫލު ބޭފުޅުންނެވެ. އުތުރުކޮރެއާ ސަރުކާރުގެ އިސް އެހެން އޮފިޝަލުންނާ ހިލާފަށް އޭގެ ތެރެއިންް ދެބޭފުޅަކު ވަނީ ކިމް އަރިހުގައި ރިޔާސީ މަތިންދާބޯޓްގައި ދަތުރުވެސް ކުރައްވާފައެވެ.

ތިން ބޭފުޅުން ކިމްގެ އަރިހުގައި ގެންްގުޅުއްވަނީ ކީއްވެ؟

އުތުރުކޮރެއާ ސިފައިންގެ މީހެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު ފިލައިގެން ދެކުނު ކޮރެއާއަށް ގޮސް އުޅޭ އަން ޗަން އިލް ރޮއިޓާސް އަށް ބުނެފައިވާ ގޮތުގައި އެތިން ބޭފުޅުން ކިމްގެ އަރިހުގައި ގެންގުޅުއްވާ ގެންގުޅުއްވުމުން ދޭހަ ވަނީ މިސައިލް ތަރައްގީ ކުރުން އަވަސްކުރައްވަން ކިމް ބޭނުންވެވަޑައިގަންނަވާލެއް ބޮޑުކަމެވެ.

" ރަސްމީ ކަންތައްތަކެއްގެ ތެރެއިން ވަޑައިގެންނެވުމުގެ ބަދަލުގައި ކިމް ޖޮން އުން މި ޓެކްނޮކްރޭޓުން މި ބައިތިއްބަވަނީ އޭނާގެ އަރިހުގައި. އެއީ އޭރުން އެބޭފުޅުންނާ ސީދާ ވާހަކަ ދައްކަވައި، މަސައްކަތް އަވަސް ކުރައްވަން ބާރު އެޅުއްވޭނެތީ،" ދެކުނުކޮރެއާގައި މިހާރު ތިންކް ޓޭންކެއް ވެސް ހިންގާ އަން ޗަން އިލް ބުނެފައި ވެއެވެ.