ވާހަކަ

ވާހަކަ: އަލިފުންޔާ އަށް

May 27, 2017
6

ދަމަކަށް އިރުއަރައިފި އެވެ. ކޮޓަރީގެ ދޮރުގައި އަނީސާ ތަޅަން ފެށުމުން ދޮރު ހުޅުވާލި އިރު ވެސް ތާނިޔާ ހުރީ މޫނު ކުނި ކޮށްގެންނެވެ. ތުން ދަމާ އަސުރަށް ލައިގެންނެވެ.

ފިސާރި އަވަހަކަށް ތާނިޔާ ފެންވަރާ ތާޒާ ވެލި އެވެ. އެކަމަކު މިޒާޖަށް އައި ބަދަލެއް ހަރާމެވެ. މޭޒު ދޮށުގައި ފޫ ޖައްސައި ނުލެވެނީސް ރުންކުރު ވެއްޖެ އެވެ.

ބޮޑު ބަލާއެއް! ތާނިޔާގެ ރުޅިގަނޑު އޮނައާހި ފަހަނައަޅައި ދިޔަ އެވެ.

"އަބަދު ރިހާކުރު. މިނޫން އެއްޗެއް ކާން ދިނިއްޔާ ފާފަވެރި ވަނީތަ؟" ފެލި ގަންނަމުން ތާނިޔާ، ރިހާކުރުތަށި ބުރުވައިލި އެވެ. ހީވީ ކުރު ދޮށީގައި ނެގި ރާތާ މަހެއް މަސްކަނދަށް ތަރަ ކޮށްލި ހެންނެވެ.

ދަހި އަންހެނެއް. ލަގޮނޑީގައި ލައިފަ ތިހިރީ ނާއްޓަށް ވުރެ ވެސް ހަރު އެއްޗެއް! ތާނިޔާ އުޅުނީ މަންމައާ ދިމާއަށް އެހެން ވެސް ބުނާށެވެ. އާދައިގެ މަތިން ގެރި ޒުވާބު ކުރާށެވެ.

ޕާޓީ! ތާނިޔާ ވިސްނައިލި އެވެ. މަންމައާ ދެކޮޅު ހަދައިގެން ޕާޓީއެއް ނުބޭއްވޭނެ އެވެ. ދެން ތައްޔާރުވީ ބޭރަށް ދާށެވެ. ދެންވެސް ވީ ތާނިޔާ ނަރުގަނޑުގައި ޖެހޭ ގޮތެވެ. ގަހާ އަށްވުރެ ހުޅަނގުން މާ ނޫން ރޯޅިފަށެއް ވައްޓަލައިފި އެވެ. މާ ބާރަކަށް ވައި ޖެހިގެންފައި ވާރޭ ބަންޑުން ކޮށްލީ އެވެ.

ވާރޭ ތިއްކެއް ޖަހައިފިއްޔާ ދުވަހަކު ފޯނު ނަގާކަށް ނުދަންނާނެ! ފޯނު ނުނަގާތީ ޓެކްސީ ސެންޓަރު ތަކަށް ކުދި ކިޔަމުން ފިއްތަކާ ކުޅެކުޅެ އިންދާ މެންދުރުން ލަނބައިފި އެވެ. އެންމެ ފަހުން ދޭއް ވެސް ޖަހައިފި އެވެ.
ހޫނ، އިނިގިލި ކުރިލައިގެން މުޅި މާލެތެރޭ ހިނގަން ތިއޮތީ ބިޓެއް ލިބިފައި! ކެރިގަނޑު ތަންކޮޅެއް ލާހިކުވީ ތޯއްޗެކެވެ. ލައިޝާ އާއި މާދިހު އައިސް ތާނިޔާ ކުރި މައްޗަށް އެރިއިރު ދެގަޑި ބައިވަނީ އެވެ.

"އޭ ވިއްސާރަ އެއްވެސް ނޫންތަ؟" ލައިޝާ ފެނުމުން ތާނިޔާ ބުންޏެވެ. އެކަމަކު ހިތުގެ އަޑިން ކުރީ މާލާމާތެވެ.
ހުރިގޮތަށް ހުރި ފުލައިވުޑެއް! ތާނިޔާގެ ހިތުގައި އޮތީ އެހެންނެވެ. ލައިޝާ ބައިމަތީގައި ކިއްސަރެއް ނެތިފައި ތާނިޔާހާ ބުރުސޫރަ ރީތި ނޫނީ ކަމަށް ވެދާނެ އެވެ.

"ވާރޭ ހުއްޓަލިތާ ކޮން އިރެއް. ހިނގާބަލަ މާށާއެކު ޔުމްއަށް ޕްރެޒެންޓެއް ގަންނަން." ލައިޝަ އެހެން ބުނުމާއެކު ތާނިޔާ އިނގިލީގައި ދަތް އެޅި އެވެ.

"އަޅެ ޔުމްގެ ބާތުޑޭ ދޯ؟" ޔުމްނާ މަތިން ތާނިޔާ ހަދާންވީ ކުއްލިއަކަށެވެ. ލައިޝާ އާއި މާދިހަށް ގޮނޑި އެއް ދެއްކުމަށްފަހު އެތެރެއަށް ވަނެވެ.

"ދީބަލަ ފައިވް ހަންޑްރެޑް ރުފިޔާ؟"
"ތާނީ ރޭގަވެސް މަންމަ ދިނީމެއްނު؟" ފަހާފޮށި ކައިރީގައި އިން އަނީސާ ބަލާލި އެވެ.
"ކޮންމެހެން ކަލަ ގޮވާނެ ކަމެއް ނެތް؟ ދެންޏާ ދޭންވީ ނުދެންޏާ ވެސް ބުނޭ،" ތާނިޔާ އަމުރު ކުރި އެވެ.
ނުދިނިއްޔާ ވަގަށް ވެސް ނަގާނަން! އޭނާގެ ހިތުގެ އަޑިން ގޮތެއް ނިންމި އެވެ.

ދެވަނަ ފަހަރަށް ތާނިޔާ ރުޅި އަޔަދޭކަށް އަނީސާ ބޭނުމެއް ނޫނެވެ. އެކަމަކު ބަސް ބުނާ އިރަށް ދޭނެ ފައިސާ ނެރޭނީ ކޮންތާކުން ހެއްޔެވެ؟ މި މަހު ގޭ ކުލިން ލިބުނު ހުރިހާ ފައިސާ އެއްހެން ހޭދަވީ މާދަމާ ބާއްވާ ތާނިޔާގެ ޕާޓީ އަށެވެ.

"މަންމަ އަތުގައި ތި ވަރަކަށް ނެތް. މިއިން ވާނެތަ؟" ފަހާފޮށީގެ ވަތްގަނޑުން ނެގި ސަތޭކަ ރުފިޔާ އަނީސާ ދިއްކޮލި އެވެ.

"ހޫނ، ގެނޭ، ދުވަހަކު ވެސް އެއްޗެއް އޮންނަ ކަމަކަށް ނުވެއެއްނު!" ފެހި ނޫޓު އަތަށް ބޮނޑި ކޮށްލަމުން ތާނިޔާ ހިނގައިގަތީ އެއިން ފުއްދާނެ ގޮތް ރާވާލައިގެންނެވެ.

ލައިޝާ އާއި މާދިހު ގޮވައިގެން ތާނިޔާ ހިނގަމުން ދިޔަ އެވެ. އަރިކަށިން ކައިވަތެއް ފެންނަހާ ކުރުކުރު ހެދުން އިރުއިރުކޮޅާ ތިރިއަށް ދަމައިލަ އެވެ. އުނަގަނޑު ފިތޭހާ ބާރު ޖީންސްގައި ހަށިގަނޑަށް އެހެރަ ގެންނަ ބަނޑިތަކެވެ. ހީވަނީ މަގު ހިނގާ ފިރިހެނުންގެ ހިތް ކުދި ކުރާން ނަދުރެއް ބުނެފައިވާ ހެނެވެ.

"ލައި، އިރާގު ހަނގުރާމައާ ހެދި ކިހާބޮޑު ކަމެއް! އެކަމަކާ ހުރެ ލާރިއެއް ދޭށޭ ބުނެއްފިއްޔާ މަންމާ ހީވަނީ އަހަރެންގެ ކަރު އަޅާލަފާނެ ހެން. އަބަދު ކިޔަނީ ބޭކާރު ހަރަދު ނުކުރާށޭ..!"

"ދެން.... ކިހިނެއް ޕްރެޒެންޓެއް ގަންނާނީ؟" ލައިޝާ އަށް ވުރެ ކުރިން މާދިހު އެހި އެވެ.

"ހާސްނުވޭ! މަށާ އަޅައިގަނެފައި ހުންނަ ސޭޓުގެ ފިހާރަ އަށް ދާނީ! ޔަގީން މި ހަންޑްރެޑުން ހުރިހާ ކަމެއް ޗަލާނެ. ބާކީ ފައިސާއިން 'މޫވެންޕިކް' އިން އައިސް ކްރީމް ބޮއިފަ ގާޑިޔަލަކުން ސަޅިކޮށް ދުފާލެވޭނެ!" ތާނިޔާގެ ރޭވުން ހުށަހެޅީ މަޖީދީމަގަށް ނުކުމެފަ އެވެ. އަޅައިގަނެގެން އުޅޭ މުއްސަނދި މީހާ ދަވާލުމުގެ ހިޔާލު އޭނާގެ ސިކުނޑި ކަމުންދާތާ ދުވަސްކޮޅެއްވެއްޖެ އެވެ.

"ލައި، ފިހާރައަށް ވަދެފައި މަށާ މާދީ ހަވާލު ކުރާތި! މާދީގެ އަތުގައި އަހަރެން ހިފާލީމަ އެ ސޭޓުގެ ހިތް އޮންނާނީ އިރައިގެން ގޮސްފައި،"

އެހެން ނޫނަސް މާދިއާ ގުޅެނީ މަށާ! ތާނިޔާގެ ހިތަށް އެރި އެވެ.

މަޖީދީމަގުގައިވާ ސެންޓު ފިހާރައާ ހަމައަށް ދިޔައިރު ވެސް މާދިހާއި ލައިޝާ ހީނލަ ހީނލާ ތިބީ އެވެ. ތާނީގެ ރޭވުން މޮޅު ކަމުންނެވެ.

"އޭ ލައި ކުރީގަ ހުރޭ!" ފިހާރައިގެ ތެރެއަށް ބަލާލައިފަ ލައިޝާ ހީގަތުމުން ތާނިޔާ ސިއްރު ސިއްރުން ބުންޏެވެ.
"ތާނީ ބުނީމެއްނު އެއީ ބޮޑު މުސްކުޅި އެކޭ!" ލައިޝާ ހައިރާންވެފައި އެހި އެވެ.
"އުމްމް... އޯލްމޯސްޓް... އެ ތަނުން ކާކުމަށް ތި ހީކުރަނީ! ރެޑް އެއްޗެއް ލައިގެން އެހެރީއޭ."
"އޭ .. ވަރައް ވައްތަރު ދޯ ޓޮމް ކުރޫޒާ.." ލައިޝާ އެހެން ބުނުމުން ތާނިޔާ އަނގަހުޅުވުނެވެ. މާދިހު ވެސް ބިއްލޫރިގަނޑު އެތެރެ ބަލައިލި އެވެ. ހަގީގަތުގައި ވެސް އެމީހާގެ މޫނުމަތިން ޓޮމް ކްރޫޒާ ވައްތަރު ގޮތެއް ހުރެ އެވެ.

"ކޮން ނަމެއް ކިޔާ މީހެއްތަ؟"

"އަހުމަދެކޯ... ބަލައްޗޭ އަހަރެން ވަންނަ އިރަށް ފަހަތުން އަޅުވާލާނެ. ބޭނުން އެއްޗެއް ގެންދާށޭ ކިޔަން ފަށާނެ." ފިހާރަ ތެރެއަށް ވަންނަމުން ތާނިޔާ ވައިއަޑުން ބުންޏެވެ.

ރަނގަޅަށް އެތެރެއަށް ނުވަދެވެ އެވެ. އެ މީހާ ތާނިޔާގެ ގާތަށް އަތުވެއްޖެ އެވެ. ފުރަތަމަ ނަޒަރާއެކު ހީނލި ގޮތުން މަތީ ދަތްޕިލަ ކޮލު ދަތްތަކާ ހަމައަށް ފާޅުވި އެވެ. އެހާ ރީއްޗެއްކޮށް ފެނުނީ ދަތްތައް ހުދުވެފައި މޫނުމަތި މާ އަލި ނޫންވީމާހެން ހީވެ އެވެ.

"މީ ވަރަށް މީރުވަސްދުވާ ސެންޓެއް ގެންދަންވީނު؟" ތާނިޔާ ގަންނަން ދިޔައީ ކޮން އެއްޗެއްތޯއެއް އެމީހާ ނާހަ އެވެ.

"ކޮބާ އަހަރެން ބުނީމެއްނު އަޅައިގެންފައޭ. ރީތި ލަނޑެއް ދޭންވާނެ،" ތާނިޔާ ލައިޝާގެ ކޮނޑުގައި ކޮއްޓާލި އެވެ.

"ހަމަ ގެންދަންވީތަ؟" އެމީހާގެ މޫނަށް ތާނިޔާ ބަލަން ފެށި އެވެ. ބޮޑަށް ލަންބުވާލަން ހަތަރުކަޅި ބައްދަލު ކުރުވި އެވެ. ހޫނު ނޭވާ ފޯރާހާ ގާތަަށް ނޭވާ ގެންދިޔަ އެވެ.

"އާނ، ގެންދަންވީ! ވަރަށް ލުއިލުއި މީރު ވަހެއް ހުންނާނެ. ވަސް ބަލައިލަން ޓެސްޓު ކޮށްލަން ވީނު؟" ހަ ސަތޭކަ ރުފިޔާ އަށް ދޭ "ގްލެމަރަސް" ސެންޓުފުޅި ދިއްކޮލަމުން ޝޯކޭސް މަތީގައި އޮތް މޮބައިލް ފޯނު އެމީހާ ނެގި އެވެ.

"ހާދަ ސަޅި ފޯނެއް! ކަލަ ޑިސްޕްލޭއެއްތަ؟ ކޮން ނަމްބަރެއް؟ ޕާޓީއަކަށް ގެންދަން ގުޅާލެވޭނީ ވެސް ނަމްބަރު އެނގެންޏާނު!" އަތްތިލައިގެން ކަޅު ހަމަށް ތާނިޔާ ސެންޓު ބުރުވާލީ ސުމާރެއް ނުބަލަ އެވެ.

"ވާއޮ! ހާދަ ރީތި ނަމްބަރެއް ގަނެފަތަ... އަހަރެން ބޭނުން މީގެ ތިން ފުޅި!" އެ މީހާގެ ސިކުނޑިއާ ކުޅެމުން ތާނިޔާ މާދިހުގެ އަތުގައި ހިފި އެވެ. އޮޅާލި ކަފުނެއްހެން މާދިހުގެ ގައިގައި ތަތްވެލައިގެންހުރެ ސޭޓުގެ މޫނަށް ނަޒަރު ހިންގައިލި އެވެ. ތާނިޔާއަށް ސިހުމެއް ލިބުނީވެސް އެހިނދު އެވެ.

ސޭޓުގެ ލޮލުން ކަރުނަ ތިއްކެއް! ތާނިޔާ އަނެއް ފަރާތަށް އެނބުރުނެވެ. ދިމާ ކޮށްފާނެތީ ލައިޝާ އާއި މާދިހަށް ފެނުނަ ނުދިނުމަށެވެ. ހިނި އައިސްގެނެވެ.

އަވަހަށް ދާންވީ.. އެ ފަކީރުގެ ހިތަށް އަރާނެ، ހިތުލައިގެން އުޅޭއިރު ބީހެނީ އެހެން ފިރިހެނެކޭ! ތާނިޔާ މާދިހުގެ އަތުން ދޫކޮށްލުމަށްފަހު ގުޅަކަރުވާލާފައިވާ ސަތޭކަ ރުފިޔާ ދިއްކޮށްލި އެވެ.

"މިއޮތީ" ސޭޓު ހިފި އެވެ. ރަނގަޅަށް ބަލައިލި ހެނެއްވެސް ހިޔެއްނުވެ އެވެ. ވަތްގަނޑަށް ލުމަށްފަހު ނެގީ ފަންސާސް ރުފިޔާގެ ދެ ނޫޓާއި ވިހި ރުފިޔާގެ ފަސް ގަނޑެވެ.

"އަން" ސޭޓް ދިއްކޮށްލުމުން އެނގޭ ކަމަށް ވެސް ނުހަދާ ފައިސާތަކުގައި ހިފައިގެން ތާނިޔާ އަވަސް އަވަހަށް ހިނގައިގަތެވެ. ސެންޓުފުޅިތައް ހުރި ކޮތަޅު ނެގީ ލައިޝާ އެވެ.

ދޮރުން ބޭރަށް ނުނިކުމެވެ އެވެ. ލައިޝާ ހީނގަތެވެ. ފަހަތުން މާދިހު ޕަކަޕަކަ ލައްވާލި އެވެ. ތާނިޔާ ހީނގަތް އަޑު އައީ ރިޔާ ފޮތިގަނޑެއް އިރާލި ހެނެވެ.

"ތާނި، އަޅެ އެއީ މޮޔައެއްތަ؟ ހިއެއްނުވޭ އެއްކޮށް ކަނޑާ ގުނަކުރަން އެނގޭހެނެއް ވެސް. ފައްސަތޭކަ ރުފިޔާއަށް ދޭ ތިންފުޅި ސެންޓަށް ސަތޭކަ ރުފިޔާ އަތުލާފައި ބާކީ އެ ދިނީ ޓޫ ހަންޑްރެޑް!" ހުނުމާއެކު މާދިހު ހައިރާންކަން ފާޅު ކުރި އެވެ.

"އޭ..އޭ.. އޭނަ އާ ނުބެހެއްޗޭ.. އެކި މީހުންނަށް ލިބޭނީ އެކި ކަހަލަ މުއްސަނދިކަން .. އިރާގަށް އޮތީ ތެޔޮ. މަށަށް ސޭޓުގެ ސެންޓު ފިހާރަ... އިރާގު ތެޔޮވަޅުތައް ފެނިފައި އެމެރިކާ އަރައިގަތްގޮތަށް މިކަމުގައި ލައި ފަނި ހަދައިގެނެއް ނުވާނެ!" ސަމާސާ ކުރިޔަސް ތާނީ އެ ބުނީ ތެދެކެވެ. އޭނާ ބޭނުމިއްޔާ މުޅި ފިހާރަ ދޭންވެސް އެމީހާ ފަހެއް ނުޖެހޭނެ އެވެ. އެއީ ތާނިޔާ ކުރިމަތީގައި ހުޅުވިފައިވާ ބޮޑު ހަޒާނާ އެކެވެ.
ހެމުން ހެމުން "މޫވެންޕިކާ" ދިމާއަށް ހިނގައިގަތް ވަގުތު މަގުން އައި ބަންގާޅީއަކު ތާނިޔާ ގައިގައި ޖެހިގަތީ ކުއްލިއަކަށެވެ. ބޯކޮށް ވާރޭވެހި މަގުން ހިރަަފުސް އޮބިފައި އޮތުމުން އެވަގުތު ތާނިޔާ ކައްސާނުލީ ހަމަ ކިރިޔާ އެވެ.

"އޭތް، ބަލާއެއްނު!" އެ މީހާއަށް ވަށިވަށިން ދޭން ތާނިޔާ އެނބުރުނެވެ. ނުކެރުނެވެ. ތަންކޮޅެއް ދުރުގައިވާ ސެންޓު ފިހާރައިގެ ކުރިމަތީގައި ބަލަހައްޓައިގެން ހުރި ސޭޓު ފެނުމުން ފިނިވީ އެވެ.

****

އޮއްސުނުއިރާއެކު މުޅި ގެ ކާނިިވަލަަކަށް ހެދުމަށްފަހު އަނީސާ އަވަދިވީއިރު އިނީ ދެވަރުން އެއްވަރުވެފަ އެވެ. ދެން ވެސް ވެއްޓުނީ ރިހޭ ފައިމައްޗަށް ފޮއި އެވެ. ތޫނު ކަށިތައްކެއް ހެން ހެރި، ހިތުން ލޭ އޮހުރުވާލީ ތާނިޔާގެ ލަފުޒު ތަކެވެ.

"މިރޭ އެ ފަރާތަށް ނުދާތި! މަގޭ ރައްޓެހިން ކުރިމަތީގައި މާ ހެޔޮ މީހަކަށް ހެދިގެން އުޅޭތަން ދެއްކޭނެ ކަމެއް ނެތް،"

އަށެއް ޖެހީ ފެއްސާއި ރަތާއި ރީނދުލާއި ނޫކުލައިގެ ނިވި ދިއްލޭ އަލީގަ އެވެ. ހިނދުރި ދުއްވާލާހާ ގަދަ އަޑުހުރި މިއުޒިކްގެ ތެރޭގަ އެވެ. ގޭ ތެރޭގައި ބޯ ގިނަ އެވެ. ކަށިތުނޑެއް ޖައްސާލާނެ ފަދަ ވެސް ނެތެވެ. އެއް ބަޔަކު ޅިސް ޖެހެންދެން ކަނީ އެވެ. އެހެންނާ ހޭ ވައްޓާލާފައި ނަށަނީ އެވެ. މުޅި ގެ އޮތީ ރަކަރަކަލައިލައެވެ. ނަލަހެދިފައިވާ ގަހެއްހެން ތާނިޔާ ހުރީ ބަރިޖަހާލައިފައިވާ ހަދިޔާތަކުގެ ކައިރީގަ އެވެ.

ސޭޓަށް ޅަ ކުއްޖަކު ފެނުމުން އެހެރީ ދެލޯ ބޮޑުވެފަ! ކޯންޗެއްބާ އޭގަ އޮންނާނީ! ލައްކައެއްހާ ރުފިޔާ ވެސް އޮވެދާނެ! އެ މަތިމައްޗަށް ހުރި ހަދިޔާތަކުގެ އެންމެ މަތީގައި އޮތީ ސޭޓު ގެނައި ޕާރުސަލެވެ. ތާނިޔާ ހުރީ އެއާ ދިމާލަށް ބަލަހައްޓައިގެނެވެ. ހީނލުން ފިޔަވައި އެއްވެސް ވަރަކަށް އަޅައި ނުލައި ސޭޓު ވަދެގެން ދިޔައީ މީހުންތަކުގެ ތެރެއަށެވެ. އެންމެންގެ ތެރެއިން ތާނިޔާއާ ދިމާއަށް ބަލަން އިރުކޮޅަކު ހުރެފައި ގެއްލިއްޖެ އެވެ.ލިބުނު ހައިރާން ކަމާއެކު ތާނިޔާ ވެސް ރަތް ތުންފަތުގައި ދަތް އަޅައިލި އެވެ.

މަށަށްވާނީ ކީއް! ތާނިޔާ ހިތަށް އަރުވާލި އެވެ.

ގޭތެރެ ތައްކަތުވެލި ދަނޑިވަޅެކެވެ. ތާނިޔާ ސިހުނެވެ. ފިޔާތޮށިކުލައިގެ ޕާރުސަލާއެކު އަނީސާ ވަދެގެން އައިތަން ފެނުމުން ދަތްކުނޑި ވިކިގެންދިޔަ އެވެ. ވިންދު ހަމައިން ނައްޓާލަން އުޅުނެވެ.

މަންމަގަނޑު....ނާންނާށޭ ބުނީމަ ވެސް އައީނު! އަނީސާ އައިސް ތާނިޔާ އަތުގައި އަތް ބީއްސައިލި އެވެ. ދެން ޕާރުސަލް ބާއްވައިފައި ހިނގައިގަތެވެ. ތާނިޔާއަށް އެއްޗެއް ބުނަން ނުކެރުނީ އެއްނޫނެވެ. އެންމެން ތެރޭގައި ވިޔަރިގަނޑު ނާރުވާން މަޑުން ހުރީ އެވެ.

****

ޕާޓީ ނިމިއްޖެ އެވެ. ހުރިހާ ހަދިޔާތައް ކޮޓަރި އަށް ވެއްދުމަށްފަހު ތާނިޔާ އުޅުނީ އޮސްކާ އެވޯޑްގެ ރަސްމިއްޔާތު ބަލާށެވެ. އެކަމަކު ހަނގުރާމައާ ހެދި ރަސްމިއްޔާތު ލައިވް ނުކުރާކަން އެނގުމުން ފޫހިވެފައި އިނދެވުނީ އެވެ. އެއަށްވުރެ ރުޅި އައީ ޓީނޭޖުން ކެޓުމުންނެވެ. އެންމެ ފަހުން ކޮޓަރި އަށްވަދެ ކާޑުތަކާއި ޕާރުސަލްތައް ކަނޑަންފެށި އެވެ.

ހެޕީ ބާތުޑޭ ތާނީ، އެންޑް ހޭވް އަ ބްރައިޓް ފިއުޗާ! ހުޅުވައިލީމާ ރާގެއް ކުޅެފައި ނިވި ދިއްލެއްމުން ދިޔަ ކާޑެއް ކިޔާލުމަށްފަހު ދެން ނެގުނު ޕާރުސަލާއެކު ތާނިޔާއަށް ހީވީ މޫނުގައި މީހަކު ވަކި އެޅިހެނެވެ. ހިނދެއް ނަގައިނުލައި ދުރަށް އެއްލާލި އެވެ. ވީ ފޫހިން ބޮކި ނިއްވާލުމަށްފަހު ނިދަން އޮށޯވެއްޖެ އެވެ. ހެދުން ވެސް ބަދަލުނުކޮށެވެ.

ފުރަތަމަ ނިދި އައެވެ. ނަމަވެސް ފަޖުރު ނުލަނީސް އެސްފިޔަތަކުގެ ފަރުދާގެ ފޫ ދުއްވާލައިފި އެވެ. ނުނިދުނެވެ. އަތުކޮޅަށް ހޫރާލި، ޕާރުސަލް ނަގައި ކަނޑައިލާ ހިތްވެއްޖެ އެވެ. މަންމަގެ ހަދިޔާ ބަލައިލާ ހިތްވެއްޖެ އެވެ. އެއީ ކޮންއެއްޗެއްބާވަ އެވެ؟

ބޮކި ދިއްލާލުމަށްފަހު ޕާރުސަލް ނަގައި ކަނޑާލި އެވެ.

ފޮތެއް! ތާނިޔާ ހައިރާންވި އެވެ. ފޮތުގެ ބޭރުގައި އިނގިރޭސިން ޖަހާފައިވަނީ ދެ ނަމެކެވެ. ފުރަތަމަ "ބޭބީ ރިކޯޑް ބުކް" އެވެ. ދެން "ތާނީިޔާ" އެވެ.

އެނދުމަތީގައި ބަންޑުން އޮވެ ފޮތް ހުޅުވާލުމާއެކު ދެފައިގަ ހިލިހިލާ އެޅުނެވެ. އުކަންފެށި ސޮފްހާތަކުން އެތެރެ ހަށި ގަނޑުކޮށްފި އެވެ. ލޮލުގެ ބޮނޑި ދުޅަކޮށް ކަރުނައިގެ ކޯރެއް އުފައްދައިފި އެވެ. ކެތްތެރިކަމުގެ ތަށި ފުރި ބަނޑުންވެއްޖެ އެވެ.

ފުރަތަމ ސޮފްހާގައިވަނީ އަހަރުތަކެއް ކުރިން "ހަވީރު" ނޫހުން ކަފައި ތަތްކޮށްފައިވާ ހަބަރެކެވެ. ދުވަސްވުމުން ކުލަ ރީނދޫވެފައިވާ ކަރުދާސްގަނޑުގައިވަނީ ސްކޫލްގައި ކިޔަވަމުންދިޔަ ދަރިވަރަކު ބަލިވެ އިނދެ ސިއްރުކޮށްގެން އުޅެނިކޮށް ވިހެއުމުން ޒިނޭގެ ހައްދެއް ޖެހި ވާހަކަ އެވެ. އެހުރިހާ ވާހަކަ އެއް އަލިފުން ޔާ އަށެވެ. ދެވަނަ ގަނޑުގައި ވަނީ ލޭ ހިކިފައިވާ ލޭބަލް ކޮޅެކެވެ. އޭގައި ޖަހާފައިވެ އެވެ.

އަނިސާ ބޭބީ (ފީމޭލް) އުފަން ދުވަސް: 1984 މާޗް 24
ބަރުދަން: 2.1 ކިލޯ.

އޭގެ ތިރީގައި ލިޔެފައިވެ އެވެ.
ލޯބިވާ ދަރިފުޅު ތާނީ އެވެ. މިއީ ދަރިފުޅު އުފަންވީ ވަގުތު ހޮސްޕިޓަލުން ދަރިފުޅުގެ އަތުކުރީގައި ޖެހި ލޭބަލް ކޮޅެވެ!

ތިންވަނަ ގަނޑުގައިވާ ބޭބީ ފޮޓޯގެ އަރިމަތީގައި ލިޔެފައިވެ އެވެ.

ލޯބިވާ ތާނީ އެވެ. މިއީ ދަރިފުޅުގެ ފުރަތަމަ ފޮޓޯ އެވެ!

ތާނިޔާ ފަހަރަކު ގަނޑެއް އެއްލަމުން ދިޔަ އެވެ. ފުރަތަމަ ބޮލުން ކަނޑާލި އިސްތަށިކޮޅާއި ފުރަތަމަ ކެނޑި ނިޔަފައްޗާއި ފުރަތަމަ ރޮއިލި ވަގުތާއި ހިނިތުންވުމާއި ހުރިހާ އެއްޗެއް، ސުރެންސުރަށް ހިމަނާފައިވެ އެވެ. ކޮންމެ ގަނޑެއްގެ ތިރީގައި "ތާނީދެކެ އެންމެ ލޯބިވާ މަންމަ" ޖަހާފައިވެ އެވެ. އެންމެ ފަހު ސޮފްހާ ހުޅުވާލުމުން ތާނިޔާ ލޯ ފޮހެލި އެވެ. ލިޔެފައިވެ އެވެ:

ލޯބިވާ ދަރިފުޅު، ތާނީ އެވެ. މަންމަ އަށް މާފުކުރާށެވެ. ބައްޕަ އަށް ވެސް މާފުކޮށްދޭށެވެ. ދަރިފުޅަށް އެ ބައްޕަގެ ލޯބި ހޯދައި ނުދެވުނީ އެކަނި މަންމަގެ ކުށަކުން ނޫނެވެ... ނޭނގުމެއްގެ ތެރޭގައި ހިނގި އެ ހާދިސާ އަށް ފަހު ދަރިފުޅުގެ ބައްޕަގެ އާއިިލާ އެކަމާ ނުރުހުނީ އެވެ... ދަރިފުޅަށް 19 އަހަރު ފުރުމުން މިރޭ މަންމަ ވަރަށް އުފާވެ އެވެ. އުފަން ދުވަހުގެ ހެޔޮ ތަހުނިޔާ ކިޔަމެވެ. ލޯބިވާ ދަރިފުޅާ އެވެ. މި ނޯޓް ލިޔެފައިވާ ގަނޑު މަޑުމަޑުން ނައްޓާލާށެވެ. މީގެ ދަށުގައި ދަރިފުޅު ތި އިންތިޒާރުކުރާ، ދަރިފުޅުގެ ބައްޕަ ފޮޓޯއެއް ވާނެ އެވެ. ރުޅި އިސްނުކޮށް ބަލައިލާށެވެ. ބައްޕަ ފެނުމުން ބައްޕައަށް ހިތްހެޔޮ ކުރާށެވެ. ހެޔޮ ދުޢާ ކުރާށެވެ ބައްޕައަކީ ވަރަށް ރަނގަޅު އިންސާނެކެވެ.... ތާނީ ދެކެ ލޯބިވާ މަންމަ.

ތެޅިތެޅި އޮތް ހިތަކާއެކު ތާނިޔާ ފަހު ސޮފްހާގެ ކަރުދާސްގަނޑު ނައްޓާލި އެވެ. އަޑިން ތަތްކޮށްފައިވާ ފޮޓޯ ފެނުމުން އޭނާގެ ލޯ ހުޅުވުނީ އެތަކެއް ފަހަރު އެސްފިޔަ ޖަހައިފަ އެވެ. ސޭޓު!.. ސޭޓު... އަހަރެންގެ ބައްޕަ! ފޮޓޯއާއެކު ފޮތް މޭގައި ޖައްސަމުން ތާނިޔާ ލޯ މަރައިލި އެވެ. ދުނިޔެ ބުމަރެއްހެން އެނބުރި ގަތެވެ.

"ބައްޕާ" މަޑުމަޑުން ތާނިޔާ ބައްޕައަށް ގޮވާލި އެވެ. އަވަސް އަވަހަށް ޕާރުސަލްތައް ހާވައިގަތުމަށް ފަހު ކުޑަކުޑަ އެހެން ޕާރުސަލެއް ކަނޑައިިލި އެވެ. އެއީ ރަތްކުލައިގެ މަހުމަލުގެ ފޮއްޓެކެވެ. ހިތުގެ ބައްޓަމަށްވާ ފޮށީގެ ތެރޭގައި ވިދަވިދާ އޮތީ ރަން ކެވެލިކޮޅެކެވެ. މެދުގައި ވިދާ އަލިމަހުގެ އެސްތަކަކުން ލިޔެފައިވަނީ ތާނިޔާގެ ނަމެވެ. ނަމުގެ ފަހު އަކުރުތައް ހަމަވާ ގޮތަށް "ތާނިޔާ އަހުމަދު" އެވެ.

ތާނިޔާ އަހުމަދު! ތާނިޔާ ރޯން ފެށި އެެވެ. ކޮޓަރި ދޫކޮށްލުމަށްފަހު ދުވެފައި މަންމަގެ ހިމާޔަތަށް ދިޔަ އެވެ. މަންމަގެ ގައިގައި އޮޅުލައިގަތުމާއެކު ދެމައިންގެ ބަޑި ފަޅައިގެންދިޔަ އެވެ. އެކަކަށް ވެސް ބަހެއް ނުބުނެވުނެވެ. ގިސްލަ ގިސްލާފައި ރުއީ އެވެ. ރުއިމަކީ ބަހުރުވަ އެކެވެ. އަލި ދަންމަތި ނިމި އާ ދުވަހެއްގެ އަލިކަން ދުނިޔެއަށް ފަޅުވަންދެން ރުއިމުގެ ބަހުރުވައިގައި ދެމައިން ތިއްބެވެ. (ނިމުނީ)