މާލޭގެ ބޮޑު ބަޔަކުން ރޭ ދަންވަރު ކަރަންޓް ގޮސް ބޮޑެތި ދަތިތަކާ ކުރިމަތިވެއްޖެ އެވެ. ކަރަންޓް ކެނޑުނީ ރޭ ދަންވަރު ގާތްގަނޑަކަށް 2:10 އެހާކަން ހާއިރު އެވެ.
ކަރަންޓް ކެނޑިފައި ވަނީ ހެންވޭރުގެ ސަރަހައްދަކުންނާއި މައްޗަންގޯޅި އަދި މާފަންނުގެ ބައެއް ސަރަހައްދުންތަކުންނެވެ. ސްޓެލްކޯ އިން ބުނީ ކަރަންޓް ކެނޑެން މެދުވެރިވީ އާ ޖަނަރޭޓަރެއް ގުޅައި ޓެސްޓް ކުރަމުން އަންނަނިކޮށް ދިމާވި ޓެކްނިކަލް މައްސަލައެއްގައި އާ ޖަނަރޭޓަރު ހުއްޓުމުން ކަމަށެވެ. އަދި އެ މަސައްކަތް ކުރަނިކޮށް އާތްފޯލްޓެއް އައުމުގެ ސަބަބުން ބައެއް ސަރަހައްދުތަކަށް ކަރަންޓް ދިނުމަށް އެތައް ގަނޑިއިރެއް ވީ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން އަންނަނީ 8.9 ކިލޯ ވޮޓްގެ އާ ޖަނަރޭޓަރެއް ބަހައްޓައި ޓެސްޓް ކުރަމުންނެވެ. އަދި އެ ޖަނަރޭޓަރު ޓެސްޓް ކުރުމުގެ މަރުހަލާގައި ކަރަންޓް ދިިޔުން އެކަށީގެންވާ ކަމަށް ސްޓްެލްކޯ އިން މީގެ ކުރިން ވެސް ބުނެފައިވެ އެވެ.
މީހުން ހާރުކާ ވަގުތާ ދިމާވެފައި ވަނިކޮށް ކަރަންޓް ކެނޑުމުގެ ސަބަބުން އާންމުންގެ ޝަކުވާތައް ސޯޝަލް މީޑިއާގައި ބަންޑުންވި އެވެ. އެ މީހުންނަށް ދިމާވި ދަތިތަކުގެ ވާހަކަ ސޯޝަލް މީޑިއާއަށް އެތައް ބަޔަކު ދިޔައީ ބަންޑުން ކުރަމުންނެވެ. މިފަހުން މަހެއްހާ ދުވަހުގެ ތެރޭގައި ކަރަންޓް ކެނޑުނު މިއީ ތިން ވަނަ ފަހަރެވެ.
މާލޭގައި ކަރަންޓް ބޭނުން ކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ އިރު ރޯދަ މަހާ ދިމާކޮށް ކަރަންޓް ބޭނުން ކުރާ މިންވަރު އަނެއްކާ ވެސް އިތުރު ވާނެ އެވެ. އެހެން ކަމުން ކަރަންޓް ބޭނުން ކުރުމުގައި އިސްރާފު ކުޑަވާނެ ގޮތަކަށް އެކަން ކުރުމަށް ސްޓެލްކޯއިން އިލްތިމާސް ކުރެ އެވެ.