(25 މެއި 2017 އާ ގުޅޭ)
"މެޑަމް ބުނުއްވީ އައިރާ މީގެ ފަހުން އުޅޭނީ އަހަރުމެންނާއެކުގައި ކަމަށް. އެކަމަކު އަދި އައިރާ ގާތުގައި ނުބުނާތި. އަހަރެން އޭނާއާ ވާހަކަދައްކާނީ" ރުބީނާގެ ނިންމުން ނަގައިނުގަނެވިފައި ކެތްލީން ހުއްޓެވެ. އެހެންހުއްޓާ މަރިޔަންދީ އެތަނުން ހިނގައްޖެއެވެ.
"އައިރާ!... ރުބީނާ އެދިގެން މިއައީ. އައިރާގެ އެއްޗެހި ސްޓާފްކުއާޓާގައި ހުރި ކޮޓަރިއަކަށް ބަދަލުކުރާން ޖެހިގެން. މިރޭ މިވަގުތު އެކަން ކުރުމަށް ވަނީ އަންގާފައި. އެހެންވެ އަޅުގަނޑު މި އައީ އައިރާ ގޮވައިގެން ކޮޓަރިއަށް ދާން" މަރިޔަންދީ ވާހަކަދެއްކި އިރު އޭނާގެ އަމިއްލަ ހިތަށް ވެސް އުނދަގޫވެފައި ހުރި ކަހަލައެވެ.
"ކިހިނެއްވީ އަހަރެން އެތަނަށް ބަދަލުކުރަނީ؟ ކޮބާ މަންމަ؟" މަރިޔަންދީގެ ވާހަކައިން އައިރާއަށް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެވެ. ގޮނޑިން ތެދުވެވުނީ ރުބީނާގެ ގާތަށް ދާން އައިރާ ބޭނުންވި ވަރުންނެވެ. ނަމަވެސް އޭނާގެ ކޮނޑުގައި މަޑުމަޑުން އަތްޖައްސާލީ މަރިޔަންދީއެވެ. އެއާއެކު އައިރާއަށް ހުއްޓެވިއްޖެއެވެ.
"ރުބީނާ މިރޭ އައިރާގެ ގާތަށް އަންނާނަން ކަމުގައި ބުނި. މިވަގުތު އުޅެނީ ކަމެއްގައި... އެހެންވީމަ ރުބީނާ އެދުނު ގޮތަށް ކަންތައް ކުރާންވީހެން އަޅުގަނޑަށް ފެންނަނީ. ރުބީނާ އައީމަ އަހަން ބޭނުންވާ ވާހަކައެއް އެހިދާނެއެއްނު" ރުބީނާ ހުރި ތަނަކަށް އައިރާ ހިނގައްޖެނަމަ އޭނާ އިތުރަށް މާޔޫސްވުން ނޫންކަމެއް ނުވާނޭކަން މަރިޔަންދީއަށް އެނގޭތީވެ ބުނެލިއެވެ. އެހެންނަމަވެސް އައިރާގެ ހިތަށް އެރީ ރުބީނާގެ އެ ނިންމުމަކީ ޤައިސްގެ ނުފޫޒުކަމުގައެވެ. ތުންފިއްތާލުމާއެކު ދެބުމަ ކައިރިކޮށްލިއެވެ. އަދި މަރިޔަންދީއާއެކު އައިރާ އުޅޭ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.
"އައިރާ ފޮށި ތައްޔާރު ކުރޭ. އިސްމާއިލް ގާތުގައި ބުނެފައި އަންނާނަން ފޮށިގެންދަން" އައިރާ އައިސް އޭނާގެ ކޮޓަރިއަށް ވަނުމުން މަރިޔަންދީ ބުންޏެވެ.
ތަފާތު އެތައް ޚިޔާލުތަކެއް ބޮލުގައި އައިރާގެ ބޮލުގައި އެނބުރެމުންދިޔައެވެ. އެހެންނަމަވެސް ރުބީނާގެ އެދުމާ ދެކޮޅު ހެދުމުން ޤައިސްގެ ފަރާތުން ރުބީނާއަށް ކުރިމަތިވެދާނެ ފިއްތުންތަކާމެދު އައިރާއަށް ވިސްނާލެވުނެވެ. އެކަމަކު ސިކުނޑިއަށް ވިސްނައިގަންނަން އުނދަގޫ ކަމަކީ ޤައިސް ފަދަ ނުފޫޒު ގަދަ ހަރުކަށި ފިރިހެނަކާ ރުބީނާ ކައިވެނިކުރާން ޖެހުނު ސަބަބެކެވެ. ރުބީނާއަކީ ރީތި އަންހެނެކެވެ. ކޮންމެ ފިރިހެނެއް ވެސް އުފަލުން ބަލައިގަންނާނޭ ފަދަ ގޮތެއް ހުންނަ އަންހެނެކެވެ. ހަމައެއާއެކު އޭނާއަކީ މީހެއްގެ ދަށުވެގެން އުޅޭނޭ ފަދަ ޠަބީޢަތެއް ލިބިފައިވާ މީހެއްނޫނެވެ. ފޮށްޓަށް އެއްޗެހި އަޅަމުންދިޔައިރު އައިރާގެ ސިކުނޑި މަސައްކަތް ކުރަމުންދިޔައީ މި އައި ކުއްލި ބަދަލުގެ ފަހަތުގައިވާ ކަމެއް ދެނެގަތުމަށެވެ.
ޚާދިމުންތިބޭ އިމާރާތުގައި އައިރާއަށް ޚާއްޞަކުރެވިފައި ހުރި ކޮޓަރިއަށް މަރިޔަންދީއާއެކު އައިރާ އައިސް ވަނެވެ. އޭރު އޭނާގެ ފޮށި ކޮޓަރީގައި ބަހައްޓާފައި އިސްމާއިލު ނުކުމެގެން ދަނީއެވެ. ވަށައިގެން ނަޒަރު ހިންގާލިއިރު އާދައިގެ ވަރެއްގެ ކޮޓަރިއެކެވެ. މަޑުޕީޗު ކުލަ ހަތަރު ފާރުގައި ލާފައި ހުރިއިރު އެކަކަށް ނިދޭނޭވަރުގެ އެނދަކާއި އަލަމާރިއެއްގެ އިތުރުން ރީތިވާ މޭޒެއް ހުއްޓެވެ. އެތަކެއްޗަށް ބަލާއިރު ގިނަ ދުވަސްވެފައި ހުރި ވައްތަރެއް ނުޖަހައެވެ. އޭސީގެ ބަދަލުގައި ކޮޓަރީ މެދުގައި އެލުވައިފައި ހުރީ ފަންކާއެކެވެ. ހުރި ހަމައެކަނި ކުޑަދޮރު ހީވަނީ ފެންލައިޓެއް ހެންނެވެ. އައިރާ އިހު އިން ކޮޓަރިއަށް ވުރެ އެތައް ގޮތަކުން އާދައިގެއެވެ. ނަމަވެސް އެއްވެސް ޝަކުވާއެއް އައިރާގެ ނެތެވެ. އޭނާ އިތުރު ކަމަކަށް ބޭނުންވާނެތޯ ބެލުމަށްފަހު މަރިޔަންދީ އެ ކޮޓަރިގަނޑުން ނުކުތެވެ.
ތިންދޮރުފަތްލީ އަލަމާރިއަށް އައިރާގެ ހެދުންތައް އަޅާ ކޮޓަރިތެރޭގައި އިންސާނަކު ދިރިއުޅޭ ސިފަ މަޑުމަޑުން ޖެހިގެންދިޔައެވެ. ބޭރަށް ނުކުމެލަން ހިތަށް އަރާފަ ވެސް ދިހައެއް ޖެހުމުން އައިރާ ގަސްދުކުރީ ކޮޓަރީގައި މަޑުކޮށްލާށެވެ. ނިޔާނުގެ ލެޕްޓޮޕް ހިފައިގެން އައިރާ އެނދުގައި އޮތެވެ. އެހެން އޮންނަތާ އެތައް އިރެއްވީފަހުން މަޑުމަޑުން އައިރާއަށް ނިދިޖެހެންފެށިއެވެ. ރުބީނާ އައިސް އެ ކޮޓަރިއަށް ވަނީ އައިރާގެ ދެ ލޯ މެރެމުންދަނިކޮށެވެ.
"އައިރާ" އައިރާ އޮތް އެނދުގައި އޭނާގެ މަގަތުން ރުބީނާ އިށީނެވެ. ނިދިޖެހިފައި އޮތް އައިރާ އަވަސް އަވަހަށް ދެ ލޯ ހުޅުވާލުމާއެކު ތެދުވެ އެނދުގެ ބޯލާކޮޅު ފަޑީގައި ލެނގިލިއެވެ. އަދި ރުބީނާ ބުނަން އުޅޭ އެއްޗެއް ދެނެގަތުމަށް އޭނާއަށް ހުރިހާ ސަމާލުކަން ހުއްޓާލިއެވެ.
"ޤައިސްގެ ދަރިފުޅު އަންނާތީ އޭނާ ބޭނުމެއްނުވޭ ގޭތެރޭގައި އައިރާ އުޅޭކަށް. އެކަމަކު މަންމަ ބޭނުމެއްނޫން އައިރާ ފޮނުވާލާކަށް. އެހެންވެ މިތަނަށް ބަދަލު ކުރީ. މިގޮތުގައި ވެސް އައިރާ އުޅޭނީ މަންމައާއެކުއެއްނު. އެހެންހިތައް އަރާފައި ވަރަށް ހިތްހަމަޖެހޭ. އެކަމަކު އައިރާ މިތަނަށް ބަދަލުވި ވާހަކަ އެކަކު ކައިރީ ވެސް ނުބުނައްޗޭ..." އައިރާގެ ސިކުނޑިއަށް އޮޅުވާލުމަށް ޓަކައި ރުބީނާ އެތައް ދޮގެއް ހެދިއެވެ. ބަދަލުގައި ރުބީނާއާ ޖަދަލުކުރާނޭ ހިތްވަރެއްނެތުމުން އައިރާ ހިމޭނުން އިނީއެވެ. ޚާދިމުން އުޅޭ އިމާރާތުގައި އައިރާ އުޅޭން ޖެހޭނީ ކިހާ ދުވަހެއްގައި ކަމެއް ވެސް ރުބީނާ އެ ކޮޓަރިން ނުކުމެގެން ދިޔައިރު ބުނެވެސް ނުލައެވެ. އޭނާގެ އެންމެ ފަހު ބަހަކަށްވީ މަރިޔަންދީ ހުރިހާ ކަމެއް ހަމަޖައްސައިދޭނެކަމެވެ.
* * * *
މައުރީންއާއި ރުބީނާ ބޮޑުކޮޓަރީގައި ސޯފާގައި ހަމަޖެހިލައިގެން ތިބީ ޤައިސްގެ އިންތިޒާރުގައެވެ. ހެނދުނު އެއަރޕޯޓަށް ދަރިފުޅު ބަލާ ޤައިސް ދިޔަ ގޮތަށް އަދި ނާންނާތީއެވެ. ދޭތެރެއަކުން މަރިޔަންދީއަށް ގޮވާލާފައި ސައިތައްޔާރުތޯ ރުބީނާ އަހާލައެވެ. ހަމަޖެހޭގޮތް ދައްކަން މަސައްކަތް ކުރި ނަމަވެސް ރުބީނާގެ ހިތަށް ތަފާތު ވަސްވާސްތައް ވަންނަމުން ދިޔައެވެ. ޤައިސްގެ ދަރިފުޅު އޭނާ ބަލައި ނުގެންފިއްޔާ ކަންތައްތައް ވަރަށް ގޯސްވާނެއޭ އޭނާގެ ހިތަށް އަރަނީއެވެ. ހަމައެއާއެކު މިހާރު ރުބީނާއަށް އެ ގޭތެރޭގައި ލިބިފައި އޮތް މިނިވަންކަން ގެއްލިދާނޭތީ އެކަމާމެދު ވެސް އޭނާއަށް ވިސްނެއެވެ. އެކިއެކި ފިކުރު ތަކުގައި ބަނދެވިފައިވަނިކޮށް ޤައިސްގެ ކާރުގެ އަޑު ރުބީނާއަށް އިވުނެވެ. ނިކަން ބޮޑަށް ހިނިތުންވެލުމާއެކު ރުބީނާ ސޯފާއިން ތެދުވިއެވެ. އެއާއެކު ގިނައިރެއްނުވެ ޤައިސް އެތެރެއަށް ވަދެއްޖެއެވެ.
ރޫބީ!... ލޫކަން..." ބޮޑުކޮޓަރިއަށް ވަދެގެން އައިސް ސޯފާތައް ކައިރީ މަޑުކޮށްލި ޤައިސް އޭނާގެ ދަރިފުޅަށް ރުބީނާ ތަޢާރަފުކޮށްދިނެވެ. ލޫކަން ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.
މައުރީން ހުރީ އާޝޯޚުވެފައި ހުރި މީހަކު ފަދައިން ލޫކަންއަށް ބަލަހައްޓައިގެންނެވެ. އޭނާގެ ފުރާވަރުގެ ހިތުގައި އެ އުމުރުގެ އެހެން އަންހެންކުދީންނެކޭ އެއްފަދައިން ތަފާތު ވިންދެއް ޖަހަންފެށިއެވެ. ބޭއިޚްތިޔާރުގައި ލޫކަންއަށް ބަލަންހުރި މައުރީން ހިނިތުންވެލިއެވެ. އޭނާގެ ލޯ ކުރިމަތީ ޒުވާންކަމާއި ފިރިހެންވަންތަ ކަމުގެ އިތުރުން ފުރިހަމަކަމުގެ މިސާލެއް ހުއްޓިލައިގެން ހުއްޓިލައިގެން ހުރި ކަހަލައެވެ. ޤައިސްގެ ގައިގާ ރާއްޖޭގެ ގޮތް ހުއްޓެއްކަމަކު ލޫކަންގެ ގައިގާ ރާއްޖޭ މީހެއްގެ ސިފައެއް ނުޖަހައެވެ. ތަފާތު ދޮންކަމެއް ލިބިފައިވާ އިރު ލޮލުގައިވަނީ މަޑުމަޑު މުށިކުލައެއްގެ ކަޅިއެކެވެ. ޤައިސްއާ އެއްވަރުގެ ދިގު އިސްކޮޅެއް ލިބިފައިވާއިރު ހަށިގަނޑުގެ މަސްތަކުން ލޫކަންއަކީ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ކަސްރަތުކުރާ މީހެއްކަން އެނގެއެވެ.
"ހީޒް ޕާފެކްޓް" އަމިއްލަ ހިތާ ހިނިތުންވެލައިގެން ހުރި މައުރީން ވާހަކަދެއްކިއެވެ.
"އަޅުގަނޑު ކޮޓަރިއަށް ދިޔަޔަސް އެންމެ ރަނގަޅުތަ ބައްޕާ" ދިގު ދަތުރަކަށްފަހު ލޫކަން ހުރީ ވަރުބަލިވެފައެވެ. އެކަން ޤައިސްއަށް ވެސް ވިސްނޭތީ އޭނާ ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. ރުބީނާއާއި މައުރީން އިތުރަށް ހައިރާންވެ އަންތަރީސްވީ ލޫކަން ވާހަކަދެއްކި އިރު އިނގިރޭސި ބަހުން ވާހަކަދެއްކުމުންނެވެ. އެއްވެސް އަޅައިގަތުމެއްނެތި ރާއްޖޭން ބޭރު މީހަކު ވާހަކަދެއްކި ފަދައެވެ. ލޫކަން މައްޗަށް ދިއުމަށް ހިނގައިގަތުމުން މައުރީން ވެސް އޭނާގެ ކޮޓަރިއަށް ދަނީ ކަމުގައި ބުނެ ލޫކަންގެ ފަހަތުން ހިނގައިގަތެވެ. މިޔައަކު ފަދައިން ފާޑަކަށް ހިނިއައިސްފައި ހުރެއެވެ.
"އަޅުގަނޑު މިހުރީ ސައިހަދައިގެން" ލޫކަން ދިއުމުން ޤައިސްއާ ކުރިމަތިލާ ރުބީނާ ބުންޏެވެ.
"އޭނާ އެ އައީ ވަރަށް ދިގު ދަތުރެއްކޮށްފައި. މިވަގުތު އެއްވެސް ކަމެއް ކުރާނެ މޫޑެއް ވެސް ނުހުންނާނެ. ހިނގާ އަހަރެން ސައިބޯނަން" ސިޑިއާ ދިމާއަށް ބަލަން ހުރި ޤައިސްގެ ލޮލުގައިވަނީ އާދަޔާ ޚިލާފު ފިނިކަމެކެވެ. އޭނާގެ ވަރަށް ބޮޑު އުންމީދެއް މިއަދު ފުރިހަމަވީއެވެ. ކޮންމެ ބޭނުމެއްގައި ވިޔަސް ލޫކަން މާލެ އައީތީ އޭނާ ހުރީ ނުހަނު އުފަލުންނެވެ.
"އަނެއްކާ އަޅުގަނޑު ދެކެ ހިތްހަމަނުޖެހިފަތަ ލޫކަން އެ ހުރީ" އޮޅުންފިލުވާލާ ހިތުން ނުހުރެވިގެން ކަހަލަ ގޮތަކަށް ރުބީނާ އަހާލިއެވެ. އެއާއެކު ޤައިސް ލުއި ގޮތަކަށް ހީނލިއެވެ.
"ނުރުހެންވީ ކޮންކަމަކާ؟ ރޫބީ ބަލާލި ނަމަ އެނގޭނެ އެ މޫނުގައި ހަމައެކަނި ވަނީ ވަރުބަލިކަމުގެ އަސަރުކަން" ޤައިސްއަށް ރުބީނާގެ ހާލު އެނގުނު ކަހަލައެވެ. ދެމަފިރިން އެކުގައި ކާކޮޓަރިއަށް ވަދެ މޭޒުދޮށުގައި އިށީނެވެ. އެއާއެކު ތައްޔާރުކުރެވިފައި ހުރި ތަށިތަކުގެ މަތިތައް މަރިޔަންދީ ނަގާފައި އެ ތަނުން ބޭރުގައި މަޑުކޮށްލިއެވެ.
"ވާހަކައެއް އަހާލަންތަ؟" ސައިބޮމުންދިޔަ ރުބީނާ އަހާލިއެވެ.
"އަހާލަބަލަ" ހިނިއައިސްފައި ޤައިސް ބުންޏެވެ.
"ލޫކަންގެ އިސްކޮޅާ އޭނާގެ ޝަޚްޞިއްޔަތު ފިޔަވާ ޤައިސްއާ ވައްތަރުގޮތެއް ނެތް. ހީވަނީ ބޭރު މީހެއްހެން" ޤަބޫލުކުރަން ދަތިވެފައި އިނދެ ރުބީނާ ބުންޏެވެ.
"ރޫބީއަށް އަޅުގަނޑުގެ ފުރަތަމަ ކައިވެނީގެ ވާހަކަ ކިޔައިނުދެވި އޮތީމަ ތިފަދަ ވާހަކަ ތި ދައްކަނީ. ލޫކަންގެ މަންމައަކީ ތުރުކީ އަންހެނެއް. ސަލީންގެ ރީތިކަން ލޫކަންއަށް ލިބިފައި އެވަނީ. ރުބީއަށް އެކަންޏެއް ނޫން ލޫކްފެނި ތި އޮޅުނީ... އެކަމާ ދެން އެހާ ބޮޑަށް ނުވިސްނާ. އުމުރުން ވަރަށް ޅައިރުން ފެށިގެން ރައްޖޭން ބޭރުގައި އެ ހުންނަނީ. އެހެންވެ އިނގިރޭސި ބަސް އެވަނީ އޭނާ އާންމުކޮށް ބޭނުންކުރާ ބަހަށްވެފައި. އޭނާއަށް ދިވެހި ވާހަކަދައްކަން ވަރަށް އުނދަގޫވާނެ... ލޫކް އަރާމުކޮށްލައިގެން ނުކުތީމަ މައުރީންއާ ވެސް އަދި ބައްދަލުކޮށްދޭން ޖެހޭނެ" ޤައިސްގެ ފުރަތަމަ އަންހެނުންގެ ވާހަކަ ބުނެލިއިރު އެ މޫނުމަތިން ފެނިގެން ދިޔަ އާދަޔާ ޚިލާފު ހިނިތުންވުން ރުބީނާގެ ހިތަށް އުނދަގޫކުރިއެވެ.
މީހަކަށް އުނދަގޫކުރުމެއްނެތި ލޫކަން އައިސް އޭނާގެ ކޮޓަރިއަށް ވަންނަ އުޅުނު ވަގުތު ކޮޓަރި ކައިރީ ހުއްޓިލައިގެން ހުރި މަރިޔަންދީ ފެނުނެވެ. އެއާއެކު ލޫކަންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. ހިނިތުންވެލައިގެން ހުރެ ލޫކަންގެ ކޮޓަރީގެ ދޮރު މަރިޔަންދީ ހުޅުވާލަ ދިނެވެ. އަދި ލޫކަންގެ ފަހަތުން އެ ކޮޓަރިއަށް ވަދެ އަތުގައި އޮތް މަތިޖަހާފައިވާ ކިރުތަށި އެނދުގެ އަރިމަތީ ކަބަޑުގެ މަތީ ބެހެއްޓިއެވެ.
"ޝުކުރިއްޔާ" ކޮށި ގޮތަކަށް ލޫކަން ބުނެލިއެވެ. ހިނިތުންވެލައިގެން ހުރި މަރިޔަންދީ ބޯޖަހާލާފައި ކޮޓަރިންނުކުމެގެން ހިނގައްޖެއެވެ.
* * * *
ހެނދުނުގެ ސައި އައިރާއަށް ލިބުނީ ގޭގެ ޚާދިމުން އުޅޭ ބައިންނެވެ. މެންދުރުވުމުން ވެސް އައިރާއަށް މަރިޔަންދީ ކާން ގޮވީ ޚާދިމުން ކާން އަރާ މޭޒު ދޮށަށެވެ. ރުބީނާގެ ޚަބަރެއް ނުވިއިރު ގޭގެ ޚާދިމުންތައް ވެސް ފެންނަނީ އެހެންޏާ ނޫޅޭހާ އަވަދިނެތި އުޅޭ ތަނެވެ. ފޫހިވެފައި އައިރާ އައިސް ގިނަ ވަގުތު އޮތީ ކޮޓަރީގައެވެ. އެ ފޫހިކަމުގައި އައިރާއަށް ކެތްކުރަން އުނދަގޫވިއެވެ. އޭނާއަށް ހީވަނީ ތަނެއްގައި ބަންދުކޮށްފައި އިން ޤައިދީއެއް ހެންނެވެ. ޤައިސް އެ ވަނީ މައުރީން ދަރިއެއްކަމުގައި ބަލައިގެންފައެވެ. އެކަން އައިރާއަށް އެނގެއެވެ. އޭނާއަށް އައިރާ ކަމުނުދާންވީ ސަބަބެއް އެއްގޮތަކަށް ވެސް ނޭނގެއެވެ. ރުބީނާއާ އިތުރަށް ވާހަކަދައްކަން އައިރާ ބޭނުމެވެ. ހިސާބެއްގެ ހިތްހަމަނުޖެހުމާއެކު އައިރާ ނުކުމެ އާދައިގެ މަތީން އިންނަ މޭޒު ދޮށުގައި އިނެވެ. އެހެން އިންއިރު އޭނާއަށް ކުރިމަތިން ފެންނަން ހުރި މައިގެއިން ކެތްލީން ސާފުކުރި ކޮޓަރިތެރޭގައި މީހަކު ހަރަކާތްތެރިވާތަން ފެންނަމުންދިޔައެވެ. އެހެންނަމަވެސް ފަރުދާ ދަމާފައި ހުރުމުން ފެންނަނީ ހަމައެކަނި އެ މީހެއްގެ ހިޔަންޏެވެ. (ނުނިމޭ)