ބޭރު ކުޅިވަރު

ލީގު ޗެމްޕިއަންކަމާމެދު ނުވިސްނަން: ވެން ހާލް

Dec 15, 2014

މެންޗެސްޓާ (ޑިސެމްބަރު 15) – އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އަތުން 3-0 އިން އަމިއްލަ ދަނޑުގައި މޮޅުވެ މެންޗެސްޓާ ޔުނައިޓެޑް އިން ހަ ވަނަ މޮޅު ހޯދި ނަމަވެސް، މި ސީޒަންގައި ލީގު ޗެމްޕިއަންކަން ހޯދުމާމެދު ޔުނައިޓެޑް އިން އެއްވެސް ވަރަކަށް ނުވިސްނާ ކަމަށް އެ ޓީމުގެ ކޯޗު ލުއީ ވެން ހާލް ބުނެފި އެވެ.

ޔުނައިޓެޑް ތާވަލްގެ ތިން ވަަނައިގައި އޮތްއިރު، ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީން ވަނީ އެ ޓީމުގެ މައްޗަށް ފަސް ޕޮއިންޓްގެ ލީޑެއް ހޯދައިފަ އެވެ. އަދި އެއްވަނައިގައި އޮތް ޗެލްސީން ވަނީ ޔުނައިޓެޑްގެ މައްޗަށް އަށް ޕޮއިންޓްގެ ލީޑެއް ހޯދައިފަ އެވެ.

ޔުނައިޓެޑަށް މި ސީޒަންގެ ލީގު ޗެމްޕިއަންކަން ލިބިދާނެތޯ ރޭގެ މެޗަށް ފަހު ނޫސްވެރިއަކު ސުވާލުކުރުމުން ވެން ހާލް ބުނީ އެއީ މި ވަގުތު ވިސްނުމުގައި އޮތް ކަމެއް ނޫން ކަމަށެވެ.

"އަހަރެން މި ހުރީ ވަރަށް އުފަލުން. އެކަމަކު ކުރިއަށް އޮތް މެޗު (އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗު)ގެ މުހިންމުކަން ވަރަށް ބޮޑު. މިއީ ރަށުން ބޭރުގައި ކުޅޭ މެޗެއް. ރަަށުން ބޭރުގައި ކުޅޭ މެޗުތަކުގައި އަހަރެމެންނަށް ގިނަ ފަހަރު މައްސަލަ މި ދިމާވާނީ،" ވެން ހާލް ބުންޏެވެ.

ޔުނައިޓެޑް ޖެހިޖެހިގެން ހަ ވަނަ މެޗުން މޮޅުވި ނަމަވެސް، ވެން ހާލް ބުނީ ޔުނައިޓެޑް އިން ރަނގަޅުކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށެވެ. އަދި މެޗުގައި ލިވަޕޫލް އިން ގިނަ ފުުރުސަތުތަކެއް ތަނަވަސްކުރުމުން ހިތްހަމަނުޖެހޭ ކަމަށެވެ.

"މެޗުގެ ނަތީޖާއާމެދު އަހަރެން ވަރަށް ހިތްހަމަޖެހޭ. އެކަމަކު އަހަރެމެން އެބަޖެހޭ ވަރަށް ގިނަ ކަންތައްތައް ރަނގަޅުކުރަން. އަހަރެން ގެއްލުވާލި ބޯޅަތަކުގެ ސަބަބުން ލިވަޕޫލަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވުނު،" ވެން ހާލް ބުންޏެވެ. "އަހަރެމެންނަށް މެޗު ޑޮމިނޭޓެއް ނުކުރެވޭ. މުޅި މެޗު ޑޮމިނޭޓްކުރެވުނު ނަމަ އަހަރެން ކުޅުމާމެދު ހިތްހަަމަޖެހޭނެ. މި މެޗު ވެސް އަހަރެމެންނަށް ޑޮމިނޭޓްކުރެވޭނެ. އެކަމަކު އަހަރެމެން މާގިނައިން ބޯޅަ ގެއްލުވާލީ." -- ބީބީސީ