ވާހަކަ

ކަށިތަންމަތި

Jun 13, 2017
4

އެނދުމައްޗަށްވަނީ ބައިވަރު ފިނިފެންމާ ފިޔަ އޮއްސައިލައިފަ އެވެ. ފިޔާތޮށި ކުލައިގެ ފިޔަތަކުން އެނދުގައި ރީތި މަންޒަރެއް ކުރަހާފައިވާއިރު ބިންތު އިށީނދެލައިގެން އިނީ ވަރަށް ލަދުންނެވެ.

"މިރޭ ވަރަށް އުފާވެއްޖެ!" ރުޝްދު ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓަމުން ދިޔަ އެވެ. އޭނާ ބަލަހައްޓައިގެން ހުރީ ސީދާ ބިންތުގެ މޫނަށެވެ.


"އެ ކީއްވެ؟" ބިންތު ހީނލި އެވެ.

"ތީ އަހަންނަށް ލިބުނު ގުދރަތުގެ އާދަޔާޚިލާފު 'އިނާޔަތެއް.' ކޮޓަރީގެ ސޯފާ މައްޗަށް ގަމީސް ދޫކޮށްލާފައި ރުޝްދު އެނދުމަތީގައި ފުރޮޅި ގަތެވެ. ވާން އުޅޭ ގޮތް ބިންތު އަށް އެނގެ އެވެ. އެހެންވެ މޫނުގައި އަތް އެޅި އެވެ. ރުޝްދު ދައްކާ ވާހަކަ އިން މާ ބޮޑަށް ލަދުގަތީ ވެސް އެހެން ވެގެނެވެ.

"ތީ އަހަރެންގެެެ ހަޔާތުގެ އަނދިރި ރޭތަކަށް އަރައިގެން އައި ސާދަ ވިލޭޭރޭގެ ހަނދެއް!" ރުޝްދު އޭނާގެ އުނގުތެރެ އަށް ބިންތު ވެއްދި އެވެ. ބިންތުގެ ތުނިތުނި ދެ އަތްތިލަ މޫނު މަތިން ފޭކޮށްލި އެވެ. އެނދުމަތީގައިވާ ފިނިފެންމަލުގެ ފިޔަތައް ދިމަދިމާއަށް ސޮހެމުން ދިޔައިރު ރުޝްދުގެ ތުންފަތުގެ ނިޝާންތައް ބިންތުގެ މޫނަށާއި ކަނދުރާ އަށް ވެސް އޮހެމުން ދިޔަ އެވެ.

ފިނިފެންމަލުގެ ފިޔަތައް ރުޝްދުގެ އަތަށް ބޮނޑިކޮށްލާފައި ބިންތުއާ ގާތަށް ޖެހުނެވެ. ވެޑިން ޑްރެސްގެ މޭމަތީގައިވާ ޓައީ ލުއި ގޮތަކަށް މޮހެލި އެވެ.

"ކިހާ ރީތި!" ފިނިފެންމާ ފިޔަތައް ބިންތުގެ މޭ މައްޗަށް ރުޝްދު އޮއްސަމުން ދިޔައިރު ބިންތުގެ ހަށިގަނޑު ވާންވަމުން ސީދާވަމުން ދިޔަ އެވެ. ރަތްކުލައިގެ ދެ ތުންފަތް ހުޅުވިގެން ދިޔަ އެވެ.

"އައި ލަވް ޔޫ!" ބިންތުގެ ހަށިގަނޑުން ދުވި މީރު ވަހަކުން މަސްތުވަމުން ދިޔަ ރުޝްދުގެ އަތް ހަރަކާތް ކުރި އެވެ. ބިންތުގެ ވެޑިން ޑްރެސްގެ "ސިއްރު ޒިބު" ކެހެމުން ދިޔަ އަޑު އިވުނެވެ.

"ނޫން!" ބިންތު ތެޅިގަތެވެ. ބޮޑެތި ބާލީސްތަކުގެ ދަށަށް ވަދެ ފިލި އެވެ.

ބިންތު ލަދުން އުޅޭތީ ރުޝްދު ބޮޑާހޭކި އެވެ. މަރުވީ ކަމަށް ހެދުނެވެ. ބިންތު ދެރަވި އެވެ. "ދެން... ނޫން!" ރުޝްދު ގައިމައްޗަށް އަރާ ކޮއްޓަން ފެށި އެވެ. ރުޝްދު ފުންމައިގެން ތެދުވެ އޮޅުލައިގަތެވެ. ބިންތުއާއެކު މުޅި އެނދު ރޫ ގުޅައަކަށް ހަދާލި އެވެ. ދެ މީހުންވަރު ބަލި ވެއްޖެ އެވެ.

"ރުޝް!" ނޭވާ އަވަސްވެފައިވާ ބިންތު ތެދުވެ ރުޝްދުގެ ކޮނޑުގައި ބޯ އަޅައިލި އެވެ.

"އުމމް!" ރުޝްދު މަޑުމަޑުން ބިންތުގެ ބުރަކަށީގައި ފިރުމައިދޭން ފެށި އެވެ.

"ބިރުގަންނަނީ!" ރުޝްދުގެ ކަރުގައި ވަރަށް ބާރަށް ބިންތު ބައްދާލި އެވެ. ނޭވާގެ ހޫނުކަން ކަރުދޮށަށް ފޯރާވަރަށް މޫނު ގާތްކޮށް، ލޯ މަރާލި އެވެ. އިހުތިޔާރާ ނުލައި އިހަށްވުރެ ބޮޑަށް ރުޝްދުގެ ހިމާޔަތަށް ވަދެވުނެވެ. މޭ މައްޗަށް ބިންތު ލެނބެމުންދާ ވަރަކަށް ރުޝްދުގެ ޖަޒުބާތީ ހިއްސުގެ ތެޅުން އަވަސްވަމުންދިޔަ އެވެ.

"ރުޝް އަހަރެން ބިރުގަންނަނީ!" މަޑުމަޑުން ގޮސް ބިންތުގެ މޫނު ރުޝްދުގެ ކޮނޑުމަތިން ފުރަގަހަށް އެލުނެވެ. ކަރާކަރުމަހާލުމެއްގެ ތެރެއިން ރުޝްދުގެ މޫނު ވެސް ބިންތުގެ ކޮނޑުމަތިން ގެންގޮސް ބުރަކަށި މަތީގައި ބާއްވާލި އެވެ.

ރުޝްދުގެ ކޮނޑު މައްޗަށް ފެންތިއްކެއް ޖަހަމުންދާތާ އިރުކޮޅެއް ވެއްޖެ އެވެ. އެ ފެންތިކިތަކުން އޭނާ ފޯވަމުންދާކަން ވެސް އެނގިއްޖެ އެވެ. ރުޝްދު ލޯ މަރާލި އެވެ.

***

ލޯ ހުޅުވަބަލަ. ތި އިނީ ލޯމަރައިގެންނު؟" ލޯ މަރައިގެން އިނުމުން ބިންތުގެ ކޮލުގައި ކޮއްޓާލާފައި ރުޝްދު ބުންޏެވެ.
ކައިވެނީގެ ޕާޓީން ނިމިގެން ގެއަށް ދިޔަ މަގުމަތީގައި ޕޯޓްރެއިޓް ގެލަރީގެ ވެޑިން ޕޯޓްރެއިޓް ސުޓޫޑިއޯގެ ތެރޭގައި ބޭއްވި ފޮޓޯ ސެޝަންގައި ބިންތު އަށް އިނދެވުނު ގޮތުން ރުޝްދު އިނީ ކުޑަކޮށް ނުރުހިފަ އެވެ.

"އަޅެ، މަށަށް އިނދެވުނީ ލޯ މަރައިގެންތަ؟ ރުޝްދު ހިތްހަމަ ނުޖެހިފައި ހުރުމުން ބިންތު ދެރަވި އެވެ. އެކަމަކު އެ ހިޔާލުގައި ދުރަށް ދެވުނީ އޭނާގެ އިހުތިޔާރަކު ނޫނެވެ. ބިންތު ލަދުގަތެވެ. ކުރިމަތީގައި ހުރި ކެމެރާމަން ހެވިފައި ބަލަން ހުރުމުންނެވެ.

"ރުޝް...ސޮރީ!" ރުޝްދުގެ މޫނަށް ބަލައިލާފައި ސްޓޫޑިއޯގެ އެއް ބިތް ފުރެންދެން ހުރި ބޮޑު ޕޯސްޓަރަށް ބިންތުގެ ކަޅި ގެންދިޔަ އެވެ. އެއީ ވަރަށް ގުޅޭ ޕޯސްޓަރެކެވެ. ފިނިފެންމަލުގެ ފިޔަތައް އޮއްސާލާފައިވާ ހުދުކުލައިގެ އެނެދެކެވެ. ވެޑިންޑްރެސްގައި އަންހެން ކުއްޖާ އިނީ އެނދުގައި ޖައްސާލައިގެނެވެ. ގާތުގައި ފިރިހެނަކު ހުއްޓެވެ. ކޯޓު ބާލާށެވެ. މަންޒަރާ ގުޅޭ ގޮތަށް މަތީގައި ފިޔާތޮށި އަކުރަކުން "ޖަސްޓް މެރިޑް" ޖަހާފައި ވެއެވެ.

އެ ހިޔާލުގެ ތެރެއަށް އަހަރެން ގެންދިޔައީ ތިހިރަ ޕޯސްޓަރު! ބިންތުގެ ހިތަށް އެރި އެވެ.

"އަހަންނަށް އިނދެވުނީ ޕޯސްޓަރާ ދިމާ އަށް ބަލައިގެން ދޯ؟" ތެޅިގެންފައި ބިންތު ބުނެލި އެވެ.

"އޯކޭ، އަލުން... ރެޑީ ސްމައިލް!" ޖަވާބުގައި އެއްޗެއް ބުނާނެ ފުރުސަތު ރުޝްދު އަށް ނުލިބެނީސް ކެމެރާމަން ދެ ވަނަ ފަހަރަށް ފޮޓޯ ނަގަން ތައްޔާރުވި އެވެ. ޕޯޒް ކުރަންވީ ގޮތް ކިޔައިދޭން ފެށި އެވެ.

"ގާތަށް ޖެހިލާ!"

ކެމެރާމަން ބުނި ގޮތަށް ރުޝްދުގެ އެއްފައި މަތީގައި އިށީނދެ ކޮނޑު މައްޗަށް ބިންތު ބޯ އަރިކޮށްލި އެވެ. ޖަވާހިރު ވިދަވިދާ އިން އަނގޮޓި ފެންނާނެހެން ރުޝްދުގެ އަތް މަތީ ކަނާތް ބާއްވާލި އެވެ.

"މިއޮތީ!" ބިންތުގެ އަތުގައި ހިފާލާފައި ރުޝްދު އެއްޗެއް ބުނަން އުޅެނިކޮށް އަންހެން ކުއްޖަކު ޕާޓީގެ ފޮޓޯޓަކުގެ ބޮޑު އަލްބަމާއި ސްޓޫޑިއޯގައި ނެގި ޕޯޓްރެއިޓްގެ ފޮޓޯ ލޯގަނޑު ދިއްކޮށްލި އެވެ.

"ޝުކުރިއްޔާ!" ފޮޓޯ ލޯގަނޑާއި އަލްބަމުގައި ހިފަމުން ބިންތު ބުނެލި އެވެ.

ކާރުގައި ގެއަށް ދިޔައިރު އަލްބަމާއި ފޮޓޯ ލޯގަނޑު އޮތީ ބިންތުގެ އަތުގަ އެވެ. ގެންގުޅުނީ ވަރަށް ލޯބިންނެވެ. ހިތާ އެންމެ ކައިރިވާނެެހެން މޭގައި ޖައްސާލައިގެންނެވެ.

"ގެ އަށް ގޮއްސަ މިރޭ ކީއްކުރާނީ؟" ކާރު ދުއްވަމުން ދިޔަ ރުޝްދުގެ އަތުގައި ބިންތު މަޑުމަޑުން ހިފާލި އެވެ. ބައިގަޑިއިރު ކުރިން އޭނާއަށް ފެނުނު ހިޔާލީ ހުވަފެން ހަނދާނަށް އައުމުން ޖެހިލުންވި އެވެ.

"ފުރަތަމަ ކޮޓަރީތެރޭ އުފަލުގައި އުދުހޭނީ، ދެން އެނދުމަތީގައި ފީނާނީ، ވަރު ބަލިވީމަ އަހަރެންގެ މޭމަތީގައި ބިންތި ނިންދަވާނީ!" ރުޝްދު ސަމާސާ ކޮށްލި އެވެ. އާ ކައިވެންޏާ އެކު އަރާމް ތަންމައްޗަކުން ލިބޭނެ މީރު ކަމަކަށްޓަކައި ފަހުރުވެރިވެފައިވާ ކަހަލަ އެވެ. އެކަމަކު ރުޝްދުގެ ކޮނޑުގައި ބޯ ޖައްސާލައިގެން އޮތް ބިންތު އޮތީ ހިމޭނުންނެވެ.

މިރޭ އަހަރެން ކުރަން ޖެހޭނީ ތަފާތު ތަޖުރިބާއެއް! މިރޭ، ރުޝްދު އަހަރެން ނިދިޔަ ދޭނެބާ! ބިންތުގެ ހިތަށް އެރި އެވެ. ބާރެއް ނުފޯރާ ލޯބީގެ އޮއިވަރެއް ތެރޭގައި އޭނާގެ ހަށިގަނޑު ބެހިގެންދާނެ ގޮތް ހިތަށް ގެނެވޭ ވަރުން ކަންބޮޑުވެފައި ވިޔަސް އެކަން ފޮރުވަން ބިންތު ހީލި އެވެ.

ގެއަށް އާދެވިއްޖެ އެވެ؛ ކޮޓަރިއަށް ވަނުމާއެކު ބިންތު ބިރުގަންނަން ފެށި އެވެ. ވާނެ ގޮތަކާއި މެދު އެވެ. ދުވަހަކު ވެސް ނުވާ އާ ގޮތެއް ވާނެ ކަން ޔަގީނެވެ.

"ހިނގާ ފޮޓޯތައް ބަލަން،" ވަގުތު ނަގާލުމުގެ ނިޔަތް ގަނެގެން ބިންތު އެނދުގައި ޖައްސާލި އެވެ.

"ފުރަތަމަ ފޮޓޯ ލޯގަނޑު ހަރުކޮށްލަމާ!" ލައިގެން ހުރި ކޯޓު ބާލައި އަލަމާރީގައި އަޅުވާލަމުން ރުޝްދު ބުންޏެވެ. ބިންތު އަށް ވަގުތުކޮޅެއް ލިބުނެވެ. އެހެންވެ ހިތުން ރުހުމުން ފޮޓޯ ލޯގަނޑު ދިއްކޮށްލި އެވެ.

"އަން، ކޮންތާކު ހަރުކުރާނީ؟"

ރުޝުދު ފޮޓޯ ލޯގަނޑު ކިހިލީ ޖަހައިލި އެވެ. އަލަމާރީގެ ޑްރޯވާ ތެރެއިން މޮހޮރެއް ހޯދައިގެން ތެދުވި ވަގުތު ސިއްސައިގެން ދިޔަ އެވެ. ބިންތު ހުރީ އޭނާ އަރައިގެން ހުރި ހައިހީލް ފައިވާނުގެ އެއްކިބަ އަތަށް ނަގައިގެންނެވެ. ރުޝްދު އެނބުރިލި ވަގުތު ފައިވާނުގެ ކަށި އޭނާގެ ލޮލަށް ނުހެރުނީ ނަސީބަކުންނެވެ.

"ތީ ކޯންޗެއް... ތި އުޅެނީ ކީއްކުރަން؟"

"މޮހޮރު ޖަހާނެ އެއްޗެއް ވެސް ބޭނުންވާނެއެއްނު!" ބިންތު ބުންޏެވެ.

"ހާދަ މޮޅޭ!" ރުޝްދު ގާތަށް އައީ ހިންޏެވެ. މޮހޮރު އަނގައިގެ ތެރެއަށް ލައިގެން އެނދު މައްޗަށް އެރި އެވެ. ބޮޑު އެނދުގެ ބޯލާ ކޮޅާ ދިމާ ފާރުގައި މޮހޮރު ޖައްސާފައި ފައިވާނުން ތަޅަން ފެށި އެވެ.

"އައްދިއްޔޯ... އަތުގަ އެ ޖެހުނީ،" މޮހޮރު ދިޔައީ ބުރައިގެނެވެ. ދެ ވަނަ ފަހަރު މަސައްކަތް ކޮށްގެން ރުޝްދު މޮހޮރު ޖަހައި، ފޮޓޯ ލޯގަނޑު އަޅުވައިލި އެވެ.

"ރީތިތަ... މިތަން ކަމުދޭތަ؟"

"ކަމަކު ނުދޭ. އެނދުގައި ތިބޭއިރު ނުއެއް ފެންނާނެ."

"ތި ވާހަކަ ބުނަން ތީނީ ހަރުކޮށް ނިމެންދެންތަ... ވަރިހަމަ ދެން އެހެންތާކަށް ބަދަލެއް ނުކުރެވޭނެ،" ރުޝްދު ފަރުވާ ކުޑަކޮށްލި އެވެ. ފޮޓޯ މެދަށް ޖައްސާލައި ރީތިކޮށްލި އެވެ.

"ތިތާ ހަރުކުރަން، ރުޝްދު އަހަރެން ގާތުގައި އެހިންތަ... ތިތާ ތިބައިންދަންޏާ ފޮޓޯއިން އަހަރެން ކަނޑާލާ. މަށެއް ބޭނުމެއް ނޫން އެނދުގައި އޮންނައިރު ނުފެންނަ ގޮތަށް ބައިންދާކަށެއް،" ބިންތުވެސް ނުރުހިފައި ޖަވާބު ދިނެވެ.

"ދެން ބިންތު ހިތްހަމަ ޖެހޭ ތާކު ހަރުކުރަންވީނު... މީ މަށަށް ކަމުދާތަން." މޮހޮރުން ލޯގަނޑު ނައްޓާލުމަށް ފަހު ރުޝް، އެނދުމައްޗަށް ލޯގަނޑު އެއްލި އެވެ. ފައިވާން ކިބައިން ތަޅައިގަތްގަތީނުން މޮހޮރުވެސް ނައްޓާލި އެވެ. ފާރު، ހަރުކަމުން މޮހޮރު ވަދެފައި ހުރީ ވަރަށް ކުޑަ ތަންކޮޅަކަށެވެ.

"ގެނޭ ތި މޮހޮރު... އަހަރެން ހަރުކޮށްފާނަން... މިތާ ހަރުކުރާނީ،" ބިންތު ލޯގަނޑު ހިފައިގެން ގޮސް ކޮޓަރީގެ ސޯފާ މައްޗަށް އަރާ އެ ދިމާލުގައި ލޯގަނޑު ޖައްސާލި އެވެ.

"ތިތާ ތި ހަރުކުރަނީ ކާކަށް ދައްކަން."

"އެހެންވީއިރު، މިތާ ހަރުކުރާނީ!" އަނެއްކާ ފާހާނާ ދޮރުގެ މަތީގައި ޖެއްސި އެވެ.

ބިންތު ގަންނަ ގަނޑު ބަލަހައްޓައިގެން ރުޝްދު އަކަށް ނުހުރެވުނެވެ. ފޯރި އަރަމުން ގޮސް ކުޅިވަރު ފެށުނެވެ. ބާރަށް ހިނގައިގަތެވެ. ވިއަރި އަރައިގަތެވެ.

"ބިންތު ރުޅިއަޔަސް ހެޔޮ، ލޯގަނޑު ބައިންދާނީ އަހަރެން ބޭނުންތަނެއްގައި. މީ އަހަރެންގެ ގެ. އަހަރެން ބޭނުން ތަނެއްގައި ލޯގަނޑު އިންނާނީ،" ރުޝްދު ލޯގަނޑު އަތުލާން އުޅުނެވެ. ބިންތު އުޅުނީ ނުދޭށެވެ. އެ ވަގުތު ރާސްލާފައި އެއްޗެއް އިރައިގެން ދިޔަ އަޑު އިވުމުން ދެ މީހުން އެކުގައި ސިހުނެވެ. ބަލައިލިއިރު ބިންތު ލައިގެން ހުރި ވެޑިން ޑްރެސް ފާހާނާގެ ތަޅުގެ އަތްގަނޑުގައި ހުރީ އަޅައިގެންފަ އެވެ. އަރިކަށިން ފެށިގެން ތިރިއަށް ފޫޓެއްހާ ތަން ވަނީ އިރައިގެން ގޮސްފަ އެވެ.

"ކޮބާ ރީތި ވެއްޖެއެއްނު!" ފުރަތަމަ ރުޝްދުއަށް ހީގަނެވުނީ އެވެ.

"އުން... މަށަށް ވަރިހަމަ ރުޝް މި ދިރުވާލިއަސް... އެކަމަކު ފޮޓޯގަނޑުގައި އަހަރެން އިންބައި ކަފާލާފައި ގެނޭ. އެ ގެންގޮސްފާނަން އަހަރެންގެ ގެއަށް،" ބިންތުގެ ރުޅި ގަދަވި އެވެ.

"ބުނަން... ނުވާނެ ކަފާލައިގެނެއް... އެހެންވިއްޔާ މަަށަށް ވެސް އެނގޭނެ ކުރާނެ ކަންތައް،" ދެ މީހުނަށްވެސް ދައުވާ ކުރެވުނީ އެ މީހެއްގެ ގޮތް ކުރިއަށް ނެރުމަށެވެ.

"ހެވޭ... އަދި މަގޭ ފައިވާން ވެސް ހަލާކު ކޮށްލައިފިޔޭ... ދެން ނުދޭނަން މިއެއް،"

"އޭ... ބލއއނ... މަގޭ އަތަށް މޮހޮރޭ އެވަނީ!" ރުޝްދުގާތަށް ވަރަށް ރުޅި އައެވެ. ތަދުވި އިނގިލި ތަޅުވައިގެންފައި އަނގައިގެ ތެރެއަށް ކޮއްޕަމުން ދުއްވައިގަތެވެ. ފޮޓޯ ލޯގަނޑު އެނދުމައްޗަށް އެއްލައިލި އެވެ. އެ ދިއަގޮތަށް ގޮސް ބިންތުގެ ހެދުމުގެ ބަދަނުން ތިރިއަށް އިރާލި އެވެ. މި ފަހަރު އަނެއް ފަރާތުންނެވެ. ބިންތުވެސް މަޑަކުން ނުހުރެ އެވެ. ރުޝްދުގެ މޭމަތީ ނިޔަފަތި އަޅުވައި ދަމައިގަތެވެ. ބާލީސްތައް އުކަން ފެށި އެވެ. އެނދުގެ ބެޑްޝީޓް ދަމައިގަތެވެ. ޑްރެސިން ޓޭބަލް ހާވައިގަތެވެ. "ގޯޝް" މަރުކާގެ ކްރީމް ފުޅީގެ މެދުގައި ހިފާ ފިތާލި ފިތާލީނުން ތަޅުން މައްޗަށް ހުސްކޮށްލި އެވެ.

"މިއޮތީ ގެއެއް ލިބިފައި... މި ގޭގައި މަގޭ ފޮޓޯގަނޑެއްވެސް ބައިންދައިގެން ނުވާނެ،" ކިޔޭ ނުކިޔޭވެސް ބިންތުއަށް ނޭނގެ އެވެ. ރުޅި ގަދަކަމުން ރޫރޫލަ އެވެ. އެންމެ ފަހުން ޑްރެސިން ޓޭބަލް މަތީގައި އޮތް ފޮޓޯ އަލްބަމްވެސް ފާހާނާއާ ދިމާއަށް ހޫރާލި އެވެ.

"ބިންތޫ... މީ ދެން ހަމަ ތިހާ ރުޅި އަންނަންވީ ކަމެއްތަ... އަން ބިންތު ބޭނުން ގޮތެއް މިއަށް ހަދާ... މަށަށް ވަރިހަމަ ފާހާނާގައި ހަރުކުރިޔަސް ބާލީސް ދޮށަށް ލިޔަސް،" މަންޒަރު ބަދަލުވާން ފެށުމުން ރުޝްދު ގޮތް ދޫކުރަން ބޭނުންވި އެވެ.

"މަށެއް ބޭނުމެއް ނޫން ތިއެއް. ބުނެފީމެއްނު ފޮޓޯގަނޑުން އަހަރެންގެ ބައި ކަފާލާށޭ،" ރުޝްދު ފޮޓޯގަނޑު ދިއްކޮށްގެން ހުއްޓާ ބިންތު ޖަހައިގަތެވެ. އޭނާ އުޅުނީ ފޮޓޯ ލޯގަނޑު ރޫޅާލައި ފޮޓޯގަނޑު ދެފަޅި ކޮށްލާށެވެ. ގޮތްދޫކުރަން ބޭނުންވި ރުޝްދުއަކަށް އެ ގޮތް ކަމަކު ނުދިޔަ އެވެ. އެހެންވެ އަނެއްކާވެސް އަންނަން ޖެހުނީ ރުޅި އެވެ.

"މަށަށް ވެސް ހެޔޮ ދެން ކޮންމެ ގޮތެއް ވިޔަސް... ގެނޭ ތި."

ދެ މީހުން އޮޅުލައިގަތެވެ. ފޮޓޯ ލޯގަނޑާއެކު ދެ މީހުން ވެއްޓިއްޖެ އެވެ. ކްރީމްތައް މަތިން ކައްސާލައިގެން ގޮސް ރުޝްދުގެ ބޯ ޖެހުނީ އެނދު ފަޑީގަ އެވެ. ވީ ތަދުން ބޮލުގައި އަތް އެޅުނެވެ.

"އައްދިއްޔޯ" ކުއްލިއަކަށް ބިންތު ރުޝްދުގެ ގައިގައި ދަތް އެޅި އެވެ. ތަދުގެ މައްޗަށް ވެރިވީ އަދި މާގަދަ ވޭނެކެވެ. ރުޝްދު ހަޅޭއްލަވައިގަތެވެ. އަތް ހޫރާލާފައި ބިންތު ކޮއްޕާލި އެވެ. ބިންތު ދިޔަލެއް ބާރުކަމުން އަތުން ދޫވި ފޮޓޯ ލޯގަނޑު ބުރައިގެން ގޮސް ތަޅުމުގައި ޖެހުނެވެ. ފެނުނީ އެކަށް ކުދިކުދިވެފައި އޮއްވަ އެވެ.

"ކޮބާ ރީތި ވެއްޖެ، އެ ދިއައީ ތަޅައިގެން!" ރޮވޭގޮތްވެފައި ހުރި ބިންތު އަށް ބުނެވުނެވެ.

"ދެން ރޯނެ ކަމެއް ނެތޭ... އެކަން އެ ނިމުނީނު. ހުރިހާ ސަކަރާތެއް ތިގަތީ އެހެން ނުވެގެނެއްނު،" އަރައިގެންފައި ހުރި ރުޅީގައި ރުޝްދު ބިންތުއާ ދިމާއަށް ފައި ހޫރާލި އެވެ. ޖެހުނުނަމަ ބިންތުއަށް ވަރެއްވީސްކަން ގައިމެވެ. ނުޖެހުނީ ނަސީބަކުންނެވެ. ރުޝްދު ހިމޭނެއް ނުވި އެވެ. ބިއްލޫރިތަކުގެ ތެރޭގައި އޮތް ފޮޓޯގަނޑު ނަގައި ދެ ފަޅިއަށް އިރާލާފައި ބިންތުގެ ބައި ދުރަށް ހޫރާލި އެވެ. ދުރަށް ގޮސް ސޯފާގެ ތެރެއަށް ވެއްޓިގަތެވެ.

ގަޑި ދިޔަ ގޮތް އެކަކަށް ވެސް ނޭނގެ އެވެ. ކަންވީ ގޮތުން ދެ މީހުންވެސް ދެރަވެފައިވާ ކަހަލަ އަސަރެއް މޫނުން ފާޅުވެ އެވެ. އެކަމަކު އަމިއްލަ ގޮތުގައި ހިފަހައްޓައިގެން ތިބީ އެވެ. ބޮޑާ ހާކައިގެނެވެ. ފޮޓޯ ލޯގަނޑާހެދި އުފަންވި ސަކަރާތްގަނޑު ހިނދެމުން ހިމޭންވަމުން ދިޔައިރު ބިންތު އިނީ ނިޔަފަތި ކާލަކާލަ އެވެ. ނިދި އައިސްފި އެވެ. ތާއްޔާ ޖެހެން ފެށި އެވެ. އެންމެ ފަހުން، ތަރުތީބެއް ނެތް އެނދުމަތީގައި ހުރަހަށް ޖެހުނު ގޮތަކަށް ނިދައިފި އެވެ. ނިތް ކުރީގައި އަތް ބާއްވައިގެން ސޯފާއަށް ވެއްޓިގަނެގެން އޮތް ރުޝްދުއަށް ވީ ގޮތެއް ނޭނގުނެވެ. މަޑު ރާގަކަށް ގުގުރި ދަމަން ފެށި އެވެ. ދެ މީހުން އެދޭ ގޮތަށް ނޫނީ އެއްވެސް ކަމެއް ވިޔަ ނުދޭން ކުރި އުއްމީދުގެ ނަތީޖާ ކައިވެނީގެ ފުރަތަމަ ރޭ ވެސް ޖެހުނީ ދިމާ އިދިކޮޅަށެވެ. އެންމެ ފަހުން ނިދުނީ އެވެ. ކަށި ތަންމައްޗެއްގަ އެވެ. އަރާމެއް މީރު ކަމެއް ނުލިބުނެވެ. ކޮންމެވެސް އެކަކު ބިއްލޫރިތައް ސާފުކޮށް ކުނިވަށިގަނޑަށް އަޅައިލާއިރު އެކަން އިހުސާސް ވާނެ އެވެ. (ނިމުނީ)