މާލެއިން ކަރަންޓު ކެނޑުމުގެ މައްސަލަ އެއްކޮށް ހައްލުވެގެން ދާނީ އާ އިންޖީނު ބެހެއްޓުމުގެ މަސައްކަތް ނިމުމުން ކަމަށާއި އެ މަސައްކަތް ނިމެން އަދި މަހެއްހާ ދުވަސް ނަގާނެ ކަމަށް ރާއްޖޭގެ މައި ކަރަންޓު ކުންފުނި، ސްޓެލްކޯ އިން ބުނެފި އެވެ. ސްޓެލްކޯއިން އާ ޖެނަރޭޓަރު ބެހެއްޓުމުގެ މަސައްކަތް ކުރަން ފެށިފަހުން މާލެއިން އަންނަނީ ދޭތެރެދޭތެރޭން ކަރަންޓު ކެނޑެމުންނެވެ. އަދި ރޭ މެނދަމު 2:00 ހާއިރު ވެސް ވަނީ މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިފަ އެވެ.
އެ ހާދިސާ ދިމާވީ ގޮތުގެ ތަފްސީލު ދިނުމަށް ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަބްދުލް ޝުކޫރު ވިދާޅުވީ ފަހަކަށް އައިސް މާލެއިން ކަރަންޓު ކެނޑެނީ އާ ޖެނަރޭޓަރު ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން ދާތީ ކަމަށާއި ނަމަވެސް ރޭ ކަރަންޓު ކެނޑުނީ އިންޖީނު ގެއިން ނިކުމެފައި އޮތް ހައި ވޯލްޓޭޖް ކޭބަލަކަށް ލިބުނު ގެއްލުންތަކާ ގުޅިގެން ކަމަށެވެ. އެހެންކަމުން ލޯޑު ބޮޑުވާ ގަޑީގައި މިއަދު ވެސް ކަރަންޓު ކަނޑާގެން ދިޔުން އެކަށީގެންވާ ކަމަށް ޝުކޫރު ވިދާޅުވި އެވެ.
"ގްރައުންޑްވީ ކޭބަލްގެ ހުރިހާ މައްސަލައެއް ފުރަތަމަ ވެސް އައީ އާ އިންޖީނު ބެހެއްޓިފަ އަދި މުޅިން ޓެސްޓުކޮށް ނުނިމޭ އެއްޗަކަށް ވާތީ. އެހާ ސެންސިޓިވް ވަގުތެއްގައި އެންމެ ފަސޭހައިން އޭގެ ހުރިހާ ނުރައްކަލެއް އަންނަނީ އެއަށް ކަމަށްވާތީ އޭތި ނިވުނީ. އެއާ ގުޅިގެން އެ ވަގުތު ހުރި އެންމެ މަތީ ލޯޑު ހިފާގެން ތެދުވަން ދަތިވުމުން އެ އިންޖީނުވެސް ނިވުނީ،" ޝުކޫރު ވިދާޅުވި އެވެ. "އަޅުގަނޑުމެން ގިނަ ޖެނަރޭޓަރުތައް އޮޕަރޭޓު ކުރާތީ މިފަދަ ހާދިސާތަކުގައި އަލުން ކަރަންޓު ގެންނަން ގިނަ ވަގުތުތަކެއް ހޭދަވޭ،"
ޝުކޫރު ވިދާޅުވީ ކޭބަލަށް ދިމާވި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިހާރުވެސް ފަށާފައިވާ ކަމަށާއި އެގޮތުން މާދަމާ މެނދުރުގެ ވަގުތެއްގައި އެ މަސަައްކަތް ނިމޭނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ކަރަންޓު ކެނޑުމުގެ މައްސަލަ މުޅިން ހައްލުވާނީ އާ ޖެނަރޭޓަރުގެ މަސައްކަތް ނިމުމުން ކަމަށާއި އެ މަސައްކަތް އަންނަ މަހު 21 ގައި ނިންމާލެވޭނެ ކަމަށް ޝުކޫރު ވިދާޅުވި އެވެ.
ސްޓެލްކޯ ކުރިން އިން ބުނެފައި ވަނީ އާ ޖަނެރޭޓަރާ އެކު މާލޭގެ ކަރަންޓް ކެޕޭސިޓީ 70 މެގަވޮޓަށް ވުރެ މިހާރު އިތުރުވާނެ ކަމަށާއި މިހާަރު މާލޭގައި ކަރަންޓް އުފައްދަން ޖުމްލަ 27 ޖަނަރޭޓަރު ބޭނުންކުރަމުން އަންނަ ކަމަށެވެ.