ރޯދަ މަހާ ރޯއްޖާ

ޑޮންޑޮން: ފިނިކަން ނުކެނޑުނު ފިނި ބުއިން!

May 29, 2017
2

"ޑޮންޑޮން" ނުބޯ ދިވެއްސަކު މަދުވާނެއޭ ބުނެވިދާނެ އެވެ. މި ބުއިމުން ހިތަށް ފިނި ނުކުރާ ދިވެއްސަކު ހުންނާނެ ހެންވެސް ހީއެއް ނުވެ އެވެ. އާއްމުންގެ މި ބުއިން "ޑޮންޑޮން" ގެ ނަމުން މަގުބޫލުކަން ހޯދިނަމަވެސް، މީގެ އަސްލު ނަމަކީ "ތްރީޗޮއިސް" އެވެ. މި ބުއިން އުފަންވެފައިވަނީ ކުރީގެ ރައީސް އިބްރާހީމް ނާސިރު "ބީޗްވިލާ“ ހިންގަވަން ފެއްޓެވި ދުވަސްވަރު 1961 ވަނަ އަހަރު އެވެ. ދިވެހިން ފަހުރުވެރިވާ މި ފިނިބުއިން ވެގެން ގޮސްފައިވަނީ ދިވެހިންގެ ހިތަށް ތާއަބަދަށް ފިނިކުރާނެ ފިނި ބުއިމަކަށެވެ.

"[ތްރީޗޮއިސް] އަށް ޑޮންޑޮން ކިޔުނު ގޮތަކީ އާކަކޭގޭ ބޭފުޅުން ގެންގުޅުނު ސޮޑާ ގެއެއް ހުރޭ. އެތަނުގައި އުޅުނު އަލިފުޅު މުދިމު. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު. އެ ދުވަސްވަރު ބޭރުން ގެނައި އެސެންސެއްގައި ޖަހާފައި މި އޮންނަނީ 'ޑޮމްޑޮމް' އެހެންވެ މި ޑޮންޑޮން ކިޔަން ފެށުނީ،" ޑޮންޑޮން އުފެދުނު ގޮތް މި މަސައްކަތް ދިރުވުމުގައި އެންމެ އިސްކޮށް އުޅުއްވި، ލޯޖެހި އަހްމަދުމަނިކު "އަވަސް" އަށް ހިއްސާ ކުރެއްވި އެވެ.

"ތްރީޗޮއިސް" އުފެއްދުމުގެ މަސައްކަތް އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި 1989 އިން ފެށިގެން ކުރައްވަމުން ގެންދެވި އަހުމަދު މަނިކު ވިދާޅުވި ގޮތުގައި ރައީސް ނާސިރު ލަންޑަނުން މެޝިންތައް ގެނެސް ކުރައްވަން ފެއްޓެވި މި މަސައްކަތުން އަތް ދޫކޮށްލެވުމާއެކު، މިކަން އިތުރަށް ވަރުގަދަ ކުރަން ގިނަ މަސައްކަތް ތަކެއް ކުރެއްވި އެވެ.

"އޭގެ ފަހުން ނާސިރުގެ މުދަލަށްވާތީ ސަރުކާރުން އެއްޗިހިތައް [ތްރީޗޮއިސް އުފައްދާ ސާމާނު] ސަރުކާރުން ނީލަން ކިއުއްވީ. ނީލަން ކިއުމުން އަޅުގަނޑު ނެނގީ،" އުމުރުން 20 އަހަރުން ފެށިގެން ތްރީޗޮއިސް އުފައްދާ ތަނުގައި މަސައްކަތް ކުރި އަހުމަދު މަނިކު ވިދާޅުވި އެވެ.

އޭގެ ފަހުން، ތްރީޗޮއިސް ފެކްޓްރީ ފެނިގެން ދިޔައީ، މެދު ޒިޔާރަތް ދޮށުގޭގަ އެވެ. މިތަނުގައި 2015 ވަނަ އަހަރާ ހަމައަށް މި މަސައްކަތް ކުރި އެވެ. އެ ދުވަސްވަރު ޑޮންޑޮން އަޅަމުން ދިޔައީ، ބިއްލޫރި ފުޅިއަށެވެ. އެހެންވެ ދެން ފެނިގެން ދިޔައީ ޑޮންޑޮން ފުޅި އަށް ޒަމާނީ ބަދަލު ތަކެއް އައިތަނެވެ. މީގެ އެއް ސަބަބަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބިއްލޫރި ފުޅި އުފުލަން ޖެހުމުން، ވިޔަފާރިވެރިންނަށް ދިމާވަމުން ދިޔަ ތަކުލީފުތަކުން ސަލާމަތް ކުރުމެވެ.

"ފްލާސްޓިކް ފުޅިއަށް ބަދަލު ކުރަން ޗައިނާ އިން މެޝިން ގެނެސްގެން 2005 ވަނަ އަހަރު ގެނައީ. މި ހިސާބުން ޕްލާސްޓިކް ފުޅިއަށް ބަދަލު ކުރީ،" ވިޔަފާރީގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ލިބިފައިވާ، އަހުމަދު މަނިކު ވިދާޅުވި އެވެ.

ތްރީޗޮއިސް "ވަގުތީ ގޮތުން" ހުއްޓިފައިވަނީ 2015 ވަނަ އަހަރު އެވެ. މި މަސައްކަތް ހުއްޓުނު ސަބަބެއް ކަމަށްވަނީ މި މަސައްކަތް ކުރަމުން އައި އިމާރާތް ހަދަން ޖެހުމާއެކު ގޭގެ ވެރި ފަރާތުން ބޭނުން ވެގެން ބިން ހުސް ކުރަން ޖެހުމެވެ.

"ހުއްޓުނަސް މިހާރުވެސް އެބަހުރި ވިސްނުން މި މަސައްކަތް އަލުން ފަށަން. އެކަމަށް މި ބަދަލީ ކޮންމެވެސް ރަށެއްގައި ފެށޭތޯ؟ އެ ވިސްނުން ހުރީ،" ޑޮންޑޮން އުފެއްދުމުގައި ގައިގަނޑަކަށް ބައި ގަރުނު މަސައްކަތް ކުރެއްވި އަހުމަދު މަނިކު ވިދާޅުވި އެވެ.

"މިއީ ރާއްޖޭގެ އުފެއްދުންތެރިކަމެއް. އެހެންވެ މިކަން އުވިގެން ދާކަށް ބޭނުމެއް ނޫން. އެހެންވެ މެޝިންތައް ވެސް ބަހައްޓާފައި ހުންނާނެ."

ތްރީޗޮއިސް ނުވަތަ ޑޮންޑޮން އުފެއްދިއިރު، ގާތްގަނޑަކަށް 22 ވައްތަރު އުފެއްދި އެވެ. އެ ދުވަސްވަރު އެންމެ މަގުބޫލު އެއް ރަހައަކަށްވީ "ޕޯޓިލޯ" އާއި "އައިސް ކްރީމް ސޮޑާ" އެވެ.

"އޭރު 1961 ހިސާބު ޑޮންޑޮން 24 ފުޅީގެ ކޭހެއްގެ އަގަކީ ހަތަރު ރުފިޔާ. ނަމަވެސް ފަހުން ފުޅިއެއް 10ރ، އަށް ވެސް ފިހާރަތަކުން ވިއްކި،" އަހުމަދު މަނިކު ވިދާޅުވި އެވެ.

ކޮންމެއަކަސް ޑޮންޑޮން ވެފައިވަނީ ދުވަހަކުވެސް ދިވެހިންގެ ހިތުން މި ބުއިމުގެ ފިނިކަން ނުކެނޑޭނެ އެއްޗަކަށެވެ. އުންމީދަކީ ދިވެހިންގެ މި އުފެއްދުން އަލުން ބާޒާރަށް ގެނައުމެވެ.