ކުރު ވާހަކަ

ކަރުނައިގެ ތެރެއަށް

May 30, 2017
2

"ޑެޑީ، ވާހަކަ ދައްކަބަލަ؟ ޑެޑީ... މަންމާ ޕްލީޒް! ޑެޑީ ގާތު ބުނެބަލަ ކޮއްކޮއާ ވާހަކަ ދައްކާށޭ!" ކުޑަކުޑަ އަޒުދަމް ބައްޕަގެ ކުރިމަތީގައި ހުރެގެން ރޯން ފެށި އެވެ.

"ދަރިފުޅާ! ޑެޑީ އަދި ވާހަކަ ދައްކާނޭ... ގަދަވީމަ، ދަރިފުޅަށް ރައިވަރު ވެސް ކިޔައިދޭނެ... އިހަށްދޭ ކުޅެން!" ހަމަޖެހޭ ގޮތް ދެއްކިޔަސް އައްޒަގެ ލޮލުން ވެސް ކަރުނަ ހިލެމުން ދިޔަ އެވެ. އެކަމަކު ފުހެލައިދިނީ އަޒުދަމްގެ ކޯތާފަތް މައްޗަށް އޮހުނު ކަރުނަތަކެވެ.

ޅަ ސާހި ބަލާ ހަދާ ތިޔަ!
ކަކާ ބަދަނާ ލިބާހު ދެން!
ބަތާނައީ މަނަމަ ދެން!

އަދުހަމުގެ ކުރިމަތީގައި ހުރެގެން އައްޒަ ރައިވަރެއް ކިޔައިދިނެވެ؛ އަދުހަމް އައްޒަ އާ ރައްޓެހިވާން އުޅުނު ދުވަސްވަރު ވަރަށް ގިނައިން ކިޔައި އުޅުނު ރައިވަރެކެވެ. އެކަމަކު އަދުހަމް ހަނދާނުގައި އެ ވާހަކަތަކެއް ނުވެ އެވެ.

އެހެންޏާ އައްޒަ ރައިވަރެއް ކިޔާ އަޑު އިވުމުން އަދުހަމް ބިނދިބިނދިފައި ހޭނެ އެވެ. މިފަހަރު އަޅައިވެސް ނުލުމުން އައްޒަގެ ލޯ ފެންކަޅިވާން ފެށި އެވެ. އެސްފިޔަތައް ފިއްތާލުމަށްފަހު އަތުގައި އޮތް ފޮޓޯގަނޑު އަދުހަމްގެ ކުރިމަތީގައި ބޭއްވި އެވެ.

"މީ ކާކު؟ އެނގޭތޯ މަސައްކަތް ކޮށްބަލަ؟" އައްޒަ ސުވާލު ކުރިއެވެ. ފަން އިސްތަށިގަނޑުލީ އަންހެން ކުއްޖާ، ފޮޓޯގަނޑުގައި އިނީ ހެވިފަ އެވެ. ކޮލުގައި އަޑިކޮޅެއް އުފެދިފައިވާ އެ ކުއްޖާ އާ ދިމާއަށް ބަލަހައްޓައިގެން އަދުހަމް އިނެވެ. އެއީ ކާކުކަން އޭނާގެ ހަނދާނުން ވަނީ ފޮހެވިފަ އެވެ.

"ހަނދާން ކޮށްބަލަ؟ ޓްރައި ކޮށްބަލަ؟ ޕްލީޒް އަދުހަމް... ޕްލީޒް!" އައްޒައަށް ރޮވެމުން ދިޔަ އެވެ.

ހިނދުކޮޅަކު އިނުމަށްފަހު އަދުހަމްގެ ހަށިގަނޑު ހަރަކާތް ކުރިއެވެ. ތުރުތުރު އަޅަމުންދިޔަ އަތްތިލަ އައްޒަގެ މޫނުގައި ބީހުމާއި އެކު އައްޒަގެ ބަޑި ފަޅައިގެން ދިޔަ އެވެ. އަދުހަމްގެ ގައިގައި އޮޅުލައިގަތެވެ. ގިސްލަމުން އަދުހަމްގެ މޫނުގައި ބޮސް ދޭން ފެށި އެވެ.

"މަންމާ! ޑެޑީ ވެސް ރޮނީ، މަންމަ ވެސް ރޮނީ... ކޮއްކޮ އަށް ވެސް ރޮވެނީ!" ޓެޑީ ބެއާ ތަކުގެ ތެރޭގައި އިނދެފައި ދުވަމުން އައިސް އަޒުދަމް އައްޒަގެ އަތުގައި ހިފި އެވެ. އައްޒަގެ ހިތް ލޯބިން ފުރުނެވެ. ގާތަށް އަޒުދަމް ގެނެސް އަދުހަމާއެކު ބޮނޑިކޮށް، ދެބެފައިންގެ ބުރަކަށީގައި ފިރުމައި ދެމުން ދިޔަ އެވެ. އެހިނދު އަދުހަމްގެ ލޯ ފުސްވެލި އެވެ. އެސްފިޔަތަކުގެ ހިމާޔަތުން ވީއްލުނު ކަރުނަ ތިކި އަމާޒުހިފީ ފޮޓޯގަނޑުގައިވާ އަންހެން ކުއްޖާގެ ލޯ މައްޗަށެވެ. ކަރުނަތިކި ބަބުޅަމުން ދިޔައީ ބޮޑުވާ ބިއްލޫރީގެ އެހެއް ފަދައިންނެވެ.

***

3 މޭ 2003
(ފަތިހުގެ އަލިދަންމަތި)


އެއްތަނަކުން ގަމީހެއް އަނެއް ތަނަކުން ޖީންސެއް އަދުހަމްގެ ދަބަސް ތެރެއަށް ކޮއްޕަމުންދިޔައީ އައްޒަ އަށް އުދަނގޫ ނުކުރަންވެގެންނެވެ.

އަދުހަމް އުޅުނީ ފަސްގަޑި ބައިވުމުގެ ކުރިން ދަތުރަށް ތައްޔާރު ކޮށްފައި އައްޒަ އަށް ގޮވާށެވެ. އައްޒަ އާއި ނުލައި އަމިއްލައަށް ވެސް ކަންތައް ކުރެވިދާނެކަން އަންގާލާށެވެ.

ކޯއްޗެއް މަދީ! އަދުހަމް ހިތަށް އެރި އެވެ. ހަނދާންވި އެވެ. ދަބަހަށް ނުލެވެނީ ގަމީހާ ގުޅޭ ކަހަލަ ޓައީ އެކެވެ. އަލަމާރީގެ ތެރެއިން ނޫކުލައިގެ ޓައީ ނަގަން އެނބުރިލި އިރު އައްޒަ އިނީ ތެދުވެ އެވެ.

"އައްޒާ!" އެނދުމަތީގައި ދެފައި ވައްކޮށްލައިގެން އައްޒަ އިނުމުން އަދުހަމް ހައިރާނެއް ނުވެ އެވެ. ޝައްކުގެ ނަޒަރަކުން ބަލަން އިނުމުން އައީ ހިންޏެވެ. ޝައްކު ކުރުން އެއީ އައްޒަގެ އެންމެ ބޮޑު ބައްޔެވެ.

"އަމިއްލަ އަށް ދަބަސް ތައްޔާރުކުރަން ފެށީ މަށަށް އޮޅުވާލަންތަ؟" އައްޒަ ޝަކުވާ ކުރަން ފެށި އެވެ.

"ކޯންޗެއްތަ އޮޅުވާލީ... އައްޒަ އެއްނު ބުނަނީ ބައެއް ފަހަރު އަމިއްލައަށް ވެސް ކަންތައް ކުރަން ޖެހޭނެއޭ. އެހެންވެ ދަބަސް ތައްޔާރުކޮށްލަނީ!"

"ހުސް ދޮގު... އިޝާ ގާތަށް ގޮސްފައި ތިޔައީ... އެކަން ސިއްރު ކުރަން ފެށި ކަމެއްތީ!" އައްޒަ ހަމައިން ނައްޓަމުން ދިޔަ އެވެ.

އިޝާގެ ނަން އައްޒަގެ ދުލުން ބޭރުވާނެކަން އަދުހަމަށް އެނގެ އެވެ. އެހެންވެ ހިނިއައިސްފައި ހުރެ ރައިވަރަކުން ޖަވާބު ދިނެވެ. ބޮޑަށް އައްޒަ ނައްޓުވާލާށެވެ.

ކާކުތަ ބުނީ މަދިޔައޭ!
ކައިގެން އޮށޯތް ފަހުން ވިނަމާ!
ކާފަރު ވާނެ ތެދުވިނަމާ!

"ބަލަ މިއޮއް ފަތިހާ އަހަރެން ކީއްކުރަން އިޝާ ގާތަށް ދާންވީ؟ ދުވާލު އޮފީހުން ދިމާވޭ. މި ދަތުރުގައި ވެސް އިޝާ އުޅޭނީ މަށާއެކު. ބޭނުމިއްޔާ ވާހަކަ ވެސް ދެކެވޭނެ... އެކަމަކު އަހަރެން ހިތަކު އެއްވެސް އެއްޗެއް ނެތް... އައްޒަ އަބަދު ތިހެން ކިޔަކިޔާ އަހަރެންގެ ހިތް ވެސް އިޝާއަށް ލެނބެން ފަށައިފިކަން ނޭނގެ!"

"ދައްކަބަލަ ވަސް ބަލާނަން!" އައްޒަ އެނދު މަތިން ތެދުވެގެން ގޮސް އަދުހަމްގެ ކުރިމަތީގައި ހުއްޓުނެވެ.

"ވަސް ބަލާނެ ވަރަކަށް ބަލާބަލަ އަހަރެން ނޫޅެމޭ ދާކަށެއް."

އައްޒަ އަދުހަމްގެ ގަމީހުގައި ވަސްގަންނަމުން ދިޔަ އެވެ. ކަނދުރާގެ އަތްޖައްސާލި ވަގުތު ސިހިފައި ދުރަށް ޖެހުނެވެ. އަދުހަމް ވެސް ފަހަތައް ޖެހިލި އެވެ.

"ޑެޑީ ކީއްވެ ކޮއްކޮއަށް ނުގޮވީ؟"

"ޑެޑީ އަށް އެނގޭ ދަރިފުޅު ތެދުވާނެކަން، ތީ ބެސްޓެއްނު،" އަދުހަމް ބޮޑުވާ އިނގިލީގެ ނިޝާން ދައްކާލި އެވެ.

"ޑެޑީ، އަޅުގަނޑު ދެކެ ވަރަށް ލޯބިވޭ ދޯ؟"

"އާނ، މަންމަ ދެކެވެސް ވަރަށް ލޯބިވޭ... އިނގޭ،"

ލޯބިވެޔޭ ކިޔައިގެން ކަރާކަނޑާ ވަރު ބަލާބަލަ؟ އެއްވެސް ލޯތްބެއް ނުވޭ... ގަހަށް ނުކުރި ލޯތްބެއް ފަތަށް ކުރާނެތަ؟ އައްޒަ ހިތާހިތާ ކިޔާލި އެވެ.

ރަނުގެ ފުރުސަތެއް ލިބުމުން އަދުހަމް، ކުޑަކުޑަ އަޒުދަމާ ވާހަކަ އަޅުވައިލި އެވެ. މޫސުން ނުބައިވި ދަނޑިވަޅަށް އަޒުދަމް އައިކަން އެއީ ނަސީބެކޭ ހިތަށް އެރި އެވެ. އެހެން ނޫންނަމަ އައްޒަގެ ޝަކުވާތަކުން ސިކުނޑީގައި ރޫ ޖައްސާލީހެވެ. އިޝާއާ އަޅުވާ ކޮންމެ ފަދަ އެއްޗެއް ވެސް ކިޔާނެވެ.

އިޝާ ދެކެ އައްޒަ އެހާ ނައްޓަނީ އަދުހަމް އަލަމާރި ތެރެއިން އިޝާގެ ފޮޓޯއެއް ފެނުމާއި ހަމައިންނެވެ. އެއީ އަޒުދަމް ލިބުމުގެ ވެސް ކުރިން ހިނގި ކަމެކެވެ. އެއީ ކިހިނެއް އައި ފޮޓޯއެއްތޯ އަދި ވެސް އައްޒަ ނާހަ އެވެ. ޝައްކު ކުރުމާއި ޝަކުވާތައް އުޅެނީ އެއަށްވުރެ މާ ކުރީގަ އެވެ.

އަދުހަމް އާއި އިޝާ އެއް އޮފީހެއްގައި އުޅުނަސް ރަސްމީ ބޭނުމެއްގައި ނޫނީ ދުވަހަކު ވެސް ވާހަކަ ނުދައްކާކަން ބަލާކަށެއް އައްޒަ ބޭނުމެއް ވެސް ނުވެ އެވެ. ސެކްރެޓަރީއެއްގެ ފޮޓޯއެއް ވެރިއެއްގެ އަތުގައި އޮވެދާނެކަން ނުވިސްނެނީ ކަމަށް ވެދާނެ އެވެ. ނޫނީ އަދުހަމް ދެކެ ލޯބިވާލެއް ބޮޑުކަމުން އަމިއްލަ ހިޔަނި ވެސް އަދުހަމްގެ ގަޔަށް އެޅެން ނޭދެނީ އެވެ. ހީވާ ކަހަލަ އެވެ. އަދުހަމް ގެއްލިދާނެ އެވެ. އެ ނޫން ދެން ކޮންކަމެއް ހެއްޔެވެ؟

"ދަރިފުޅާ ޑެޑީ ދާން ވެއްޖޭ! ގޮސްފައި ފޯނު ކުރާނަން އިނގޭ!" އަދުހަމް، އަޒުދަމްގެ އަތުގައި ހިފާ ތަޅުވާލި އެވެ.

"ޑެޑީ، ދަނީ އެއަރަޕްލޭނެއްގައި ދޯ؟ ޑެޑީ ބިރުގަނޭދޯ؟"

"ނޫން، ޑެޑީ ބިރެއް ނުގަނޭ... އެކަމަކު ކަނޑުން ދަތުރު ކުރަން ޑެޑީ ވެސް ޖެހުލުންވޭ."

"ކަނޑުދެކެ ކޮއްކޮ އެއްވެސް ބިރެއްނުގަނޭ، ދޯ މަންމާ؟ ކޮއްކޮ ވިލިމާލެއަށް ވެސް ދަމެއްނު، މޫދަށް ވެސް އެރެމެއްނު؟"

"ދެން ދޭ މަންމަ ގާތަށް މިހާރު ޑެޑީ އަށް ލަސްވަނީއޭ..." އަދުޒަމްގެ މޫނަށް ދޮނެއް ދިނުމަށް ފަހު އަދުހަމް އައްޒަގެ ނިތް ކުރީގައި ވެސް ތުންފަތް ޖައްސާލި އެވެ.

"ލޯބި، އަހަރެން މަތިން ހަނދާން ކުރާތި... ދެން ރުޅި ނައިސް ސޭފް ޖާނީއަކަށް ވިޝް ކުރޭ." އަދުހަމް އައްޒަގެ ކޮލުގައި ހިފާލުމަށް ފަހު ހިނގައިގަތެވެ. އައްޒަ ހީލީ އަދުހަމް ބޭރަށް ނުކުމެ ދޮރު ލައްޕާލުމުންނެވެ.

އަޒުދަމްގެ އަތުގައި ހިފައިގެން އައްޒަ ހިނގައިގަތެވެ. އަޒުދަމް ލައްވާ ބައްޕައަށް ޓާޓާ ކިޔުއްވާށެވެ. އެހެނަސް އަދުހަމް ގޮވައިގެން ދަތުރުފެށި ހުދު ކުލައިގެ ކާރު ވަނީ ދުރަށް ގޮސް އޮބާފަ އެވެ. އައްޒަ އަތް އުފުލާލި އެވެ. މަގުގެ ކޮޅަށް ބަލަހައްޓައިގެން ހުރެ ވައިގެ ތެރޭގައި އަތް ހިންގާލުމުން ކުޑަކުޑަ އަޒުދަމް ވެސް އަތަށް އެ ހަރަކާތް ގެނަ އެވެ. ބައްޕަ އަށް ހަނާ އަޅައިލި އެވެ.

***

މިހާރު ކޮންމެ ބޭފުޅަކު ވެސް އެ ބޭފުޅަކާ އެންމެ ކައިރީ ހުރި އިމަޖަންސީ ދޮރެއް ފާހަގަ ކުރައްވާ! ކުޑަކުޑަ ފްލައިޓް ވައިގެ ތެރޭގައި އުދުހެން ފެށުމާއެކު ބޯޓުގެ ސަލާމަތީ ކަންތައްތަކުގެ ކުރު ތައާރަފު އަންނަން ފެށި އެވެ. އެންމެ ގާތުގައި ހުރި އިމަޖަންސީ ދޮރު ފާހަގަ ކޮށްލުމަށްފަހު އަދުހަމް ކުޑަ ދޮރުން ބޭރު ބަލައިލި އެވެ. ހުދު ކުލައިގެ ފަރުބަދަތަކެއް ފަދައިން ވިލާތައް ވަނީ ފުނި ޖަހާލާފަ އެވެ. ހުދު ކުލައިގެ ފަރުބަދަތަކެއް ފަދައިން ވިލާތައް ވަނީ ފުނި ޖަހާލާފަ އެވެ. މާތިރިއަކުން ފެންނަ ނޫކަނޑުގައި ރާޅެއް ނެތެވެ. ތަންތަން ކޮޅުން ފެންނަ ދޮން ފަޅުތަކާއި ފެހި ރަށްތައް ހީވަނީ މޮޑަން އާތްގެ މަންޒަރެއް ހެނެވެ.

އަދުހަމް ގޮނޑީގައި ހަމަޖެހިލި އެވެ. ރާޅު ނެތަސް ކަނޑާ ދިމާއަށް ގިނައިރު ބަލަން އޭނާ ބިރުގަނެ އެވެ. ކަމެއް ވެދާނެއޭ ހިތަށް އަރަނީ އެވެ. ބޯޓަށް ގޮތެއް ވެއްޖެނަމަ ދުމެއްހެން ފައިބައިގެން ދާނީ މާކަނޑުގެ އަޑި އަށެވެ. އެތަން ހާދަ ފުން ވާނެ އެވެ. ހާދަ ބިރުވެރި ވާނެ އެވެ. ރާޅުތައް ހާދަ އަނިޔާވެރި ވާނެ އެވެ.

އަމާން ދަތުރެއް ދެއްވާށި! ފިކުރުތައް އަދުހަމުގެ ސިކުނޑީގެ ނާރުތަކުގައި ގޮށް ޖަހަން ފެށުމާއެކު ހިތުން ދުއާ ކުރި އެވެ. ހަނިމާދުއަށް ފޭބުނުއިރު ވެސް ހުރެވުނީ އެ ވިސްނުމުގައު އެވެ.

ހަނިމާދޫ ބަނދަރުން ލޯންޗުގައި އެންމެން ނައްޓާލީ އުތީމަށެވެ. ގައުމީ ދުވަހާ ގުޅުވައިގެން އުތީމުގައި ބާއްވާ ޖަލްސާގައި ބައިވެރި ވާށެވެ.
ލޯންޗުގައި އުތީމަށް ފެށި ދަތުރު ވެސް ދިގުވެގެން ފޫހިވާ ވަރެއް ނުވި އެވެ. ވަރުދައްކާލާފައި ލޯންޗުގެ ދެ ކަންކަށިން ކަނޑު ކަފާ މަންޒަރު ނުލާހިކު ސަޅި އެވެ. ހުޅަނގު ފަރާތު ރެސް މައްޗަށް ފަތުރާލާފައި ރިހިވިދުވަރު ފަށްތައް ވަކީން ސަހަލަ އެއް ނޫނެވެ. ބުނެވޭނީ ނަޔާ ދަތުރެއް ކަމަށެވެ. ލޯންޗު ނަގުލެއްހެން ބަޅުކޮށްލާފައި ގޮސް އުތީމުގެ ދޮން ފަޅުތެރެއަށް ވަނީ ވެސް އެ މަންޒަރުގެ ތެރޭގައި ތިއްބަ އެވެ.

"އަހަރެމެން ކުޑައިރު ކިޔާ މިރަށުގެ ހުރިހާ ދިމާއެއްގައި ވެސް ވެލި ތަފާތު ވާނޭ، ވަރަށް ހިމުން ވާނޭ. އަސްލު ވެސް ވަރަށް ހިމުންދޯ؟"

އުތީމަށް ފޭބުމާއެކު އިޝާ ބުންޏެވެ. ނުހަނު ގާތުން އެ އަޑު އައުމުން އަދުހަމް ބަލައިލި އެވެ. އޮފީހުގެ އެހެން ކުއްޖަކާ އިޝާ ވާހަކަ ދައްކަމުން ދިޔައީ ވަރަށް ގާތުގައި ހުރެގެނެވެ.

"މިރަށަކީ އަހަރެމެންގެ ގައުމީ ޖިހާދު އެ ރަށަކުން ފެށުނު ފަސްގަނޑު. އެހެންވީމާ މި ރަށުގެ ފަސްގަނޑު ހުރިހާ ގޮތަކުން ވެސް ތަފާތު ވާން ޖެހޭނެ!" އަދުހަމް ވެސް ބައިވެރިވެލި އެވެ.

"ވިހި ވަނަ ގަރުނުގެ ކަނޑުގެ މާރިނދު ނުވަތަ ކަނޑުމަތީ އިސްތިއުމާރުގެ އެންމެ ބޮޑު ބާރަކީ ޕޯޒުގީޒް! އެމީހުންނާ ދެކޮޅަށް ބޮޑުތަކުރުފާނު ކަނޑުމަތީގައި ކުރެއްވި ޖިހާދަކީ މިޒަމާނުގެ ގޮތަށް ބަލާއިރު ވިސްނުމާއި ހިޔާލު ވެސް ނުހިންގޭހާ މޮޅު ހަނގުރާމަ އެއް... އެ ތަކުރުފާނު ހާދަ މޮޅަކަށޭ އެކަން ކުރެއްވީ... ބޮޑުތަކުރުފާނަކީ ކަނޑުމަތީގެ ހުރިހާ ވަނަވަރެއް ރަނގަޅަށް އެނގި ވަޑައިގަންނަވާ ކަނޑުގެ ބާޒެއް!" ބޮޑުތަކުރުފާނަށް ތައުރީފުގެ ބަސްތައް އޮއްސަމުން ގޮސް ޖަލްސާކުރާ ހޯލަށް ފުރަތަަމަ ވަނީ އިޝާ އެވެ. އޭރު ފަޅު ނުފިލާ އޮތީ ސްޓޭޖްމަތި އެކަންޏެވެ.

"އިޝާ ކަނޑަށް އެއްލާލައިފިއްޔާ ކިހިނެތް ހަދާނީ؟" ހޯލުގައިވާ ގޮނޑިތަކުން ގޮނޑިއެއްގައި އިށީނުމުގެ ކުރިން އަދުހަމް އިޝާއާ ސުވާލު ކުރި އެވެ.

"ކިހިނެއްތޯ ވާނީ... ފަނާ ގަލެއްހެން އަޑިއަށް ނޫންތޯ ދާނީ؟" އެކަކަށް ވެސް ހީގަންނާކަށެއް ނުކެރުނެވެ. އޭރު ޖަލްސާ ފަށަނީ އެވެ.

ދޮޅު ގަޑިއިރު ފަހެވެ. ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި އޮތް ޖަލްސާއަށް ފަހު މާލެ އަށް ފުރާ ބައިވެރިން ވަނީ އުތީމު ގަނޑުވަރު ބަލާލާށެވެ. ދުވަހަކު ވެސް އަދި ލިބިފައިނުވާ އެ ޝަރަފު ލިބިގަތުމަށެވެ.

"މިހިރީ ހިރިގަލު ވަޅު... މިވަޅުން ފެން ބޮއެފަ ހިތުލާ ކަމެއް ވާނެޔޯ! ހުރިހާ އެންމެން ވިޝް ކުރަންވީނު!" ގަނޑުވަރުގެ މަރިޔާދުގެއާ އަށިގެކޮޅު ބެލުމަށްފަހު ވަޅުގެ ކައިރިއަށް ހުއްޓިފައި ޝަހުމާ ބުންޏެވެ.

"އަޅުގަނޑުގެ އޮތީ ވިޝް ލިސްޓެއް!" އަދުހަމް ސަމާސާ ކޮށްލި އެވެ.

"އެހެންނޫންތޯ ވާނީ އަމިއްލަ އެދުން ނުލާހިކު ބޮޑު ބޭފުޅެއްވިއްޔާ... ދެއްތޯ؟" ދަތުރުތެރޭގައި ވީމާ ކަމަށް ވެދާނެ އެވެ؛ އިޝާ އެކަހަލަ ސަމާސާއެއް ކުރުމުން އަދުހަމަށް ބަލައިލެވުނީ ކުއްލިއަކަށެވެ. ތަފާތު ނަޒަރަކުންނެވެ. ހަމަ އެވަގުތު އައްޒަގެ މަތިން ވެސް ހަނދާންވި އެވެ.

"އަހަރެން ހިތުލައިފިން!" އަދުހަމް އިޝާގެ މޫނަށް ބަލަމުން ވަޅުން ފެންދާންޏެއް ނެގި އެވެ.

"ވާދޫ ކަނޑަށް އެއްލައިލި ހިރިގަލެއް އުތީމަށް ލެއްގުމުން ބޮޑުތަކުރުފާނު ހެއްދެވި ވަޅެއް ކަމަށް ވާހަކަ ކިޔާ ވަޅު މިއީ ދެއްތޯ؟" ދާނީގައި ހިފަމުން އިޝާ ހީނލި އެވެ.

އަހަރެން ހިތުލީ އިޝާއަށް! އަދުހަމްގެ ހިތުގައި އޮތީ އިޝާގެ ނަމެވެ.

މާލެދާން ހަނިމާދުއަށް ފުރަން ދަތުރަށް އެރީ އެންމެން ވެސް އެވަޅުން ފެން ބޮއެގެނެވެ. ސަމާސާ އަކަށް ހަދައިފައި ކޮންމެ މީހަކު ވެސް ކަމަކު ހިތުލި އެވެ. ނުފުދިފައިވާ އެދުމެއް ފުއްދުމުގެ ނިޔަތުގަ އެވެ. އަދުހަމަށް ލޯންޗަށް އެރުނީ އެންމެ ފަހުންނެވެ. ކަންދިމާވި ގޮތުން އިންނަން ޖެހުނީ އިޝާ އިށީނދެ އިން ސީޓުންނެވެ.

އަހަރެން ވިޝް ކުރީމަ ވީގޮތް ބާ؟ އިށީނަމުން އަދުހަމުގެ ތުންފަތް ހިނިތުންވުމެއް ގެނަ އެވެ. އެވަގުތުު ވެސް އައްޒަގެ ހިޔާލު ހިޔާލު ސިކުނޑީގައި އެނބުރި ގަތެވެ. އަދުހަމަށް ސިހުން ގެނުވީ ކުއްލިއަކަށް އިޝާގެ އިސްތަށިގަނޑު ވަޔާ ރޫޅި ވިހުރިލުމަށް ފަހު އޭނާގެ މޫނުމަތީގައި ބާރަށް ޖެހެން ފެށެމުންނެވެ. ވަޔާއެކު އިޝާގެ އިސްތަށިގަނޑުން މީރުވަސް އާދެ އެވެ. އެކަމަކު މޫނުމަތީގައި އެ އިސްތަށިގަނޑުން ޖަހާ ކޮންމެ ފަހަރަކު ހީ ވަނީ ފިތް އިލޮއްޓަކުން އަޅާ ވިހެލާނެ އެވެ.

އިޝާގެ އިސްތަށިގަނޑުން ރެކެމުން އަދުހަމު ހުޅަނގު ފަރާތު ރެސް ބަލައިލި އެވެ. ދެންމެއާ ޖެހެންދެން ކޮތަރިވިލާ ޖަހާލާފައިވާ އުޑު ވަނީ ފެން ވިލާތަކުން ފުރާލައިފި އެވެ.

"އީ އީ... މަންމާ!" ކުއްލިއަކަށް ނެގި ވަރުގަދަ ރާޅަކާއެކު އިޝާގެ ސީޓުން އުފުލި އަދުހަމްގެ ގައިގައި އޮޅިގަތެވެ. ކޮންމެ ރާޅަކާއެކު އިޝާ އަދުހަމުގެ އުނގަށް ތިރިވެ ބާރަށް ހަފަހައްޓަ އެވެ.

އަދުހަމް ކަނޑަށް ބަަލައިލި އެވެ. ރާޅުތައް ހީވަނީ، ރުޅި އައިސް ރަތްވެފައިވާ ހެންނެވެ. ހަމަ އެވަގުތު ފެންބަރު ކައިފައިވާ ވާރޭ ވިލާތައް ރޫޅި ތަންދޮރު ވަކި ނުވާ ވަރަށް ވާރޭ އޮއްސާލި އެވެ. ވީ ގޮތް ވެސް ނޭނގުނެވެ. މާމުގުރެއްގެ އަޑުހެން އައި ގުގުރިއާއެކު އެންމެން ހަޅޭލައްވަން ފެށި އެވެ. ރާޅުތަކުގެ ތެރެއިން އެވެ.

އޮށްގާ އޮހޭހެން ވެހެމުންދިޔަ ވާރެ އާއި ޗަސްޗަސްލާފައި ޖަހަމުން ދިޔަ ރާޅުގަނޑު ތެރޭގައި އަދުހަމް ހޮޅިއެއްހެން އޮޅާލި ވަގުތު އެއްލި އަތުން ހިފުނީ އޮއި ތެރޭގައި އެނބުރެމުންދިޔަ ލައިފް ޖެކެޓެއްގަ އެވެ.

ލައިފް ޖެކެޓް ކަރަށް މަހާލުމާއެކު މާކަނޑުގެ ބިރުވެރި ކަމުގެ ތެރޭގައި އޭނާ ވަށައިގެން ހޯދާލި އެވެ. މުގުރިގެން އަންނަ ގަނޑުފެން ބުރިބުރިހެން އަންނަ ގޮށް ރާޅުތަކުގެ ތެރެއިން ބޯ ހިއްލައިލެވެނީ ކިރިޔާ އެވެ. އެއްވެސް ތަނެއް ނުފެނެ އެވެ. ހޯސް އަޅާފައި ވާރޭ އާދެ އެވެ.

ވާރޭ ކުޑަކޮށް ތުނިވެލައިފި އެވެ. އޭރު ލޮނުގަނޑުގެ ތެރޭގައި އަދުހަމު ބަޑި ތަޅަތަޅާ ވަރުބަލި ވެއްޖެ އެވެ. މާނޭވާތައް ކުރުވެ، މީހާ މުޅިން ލޮޑު ވެއްޖެ އެވެ. އެހެން އެއްވެސް މީހަކު ނުފެނެ އެވެ. ލޯންޗެއް ވެސް ނެތެވެ. ކަޅު ކަނޑުގައި އޭނާ އެކަނިވީ އިރު ވަށައިގެން ފެންނަނީ ހަތަރު އުދަރެސް އެކަންޏެވެ. ކުއްލިއަކަށް ހީވީ މީހަކު ހަޅޭއްލަވާ ހެނެވެ. ހަމަ އެވަގުތު އަދުހަމުގެ މޫނު މައްޗަަށް ރާޅެއް ވެސް ތަރަކޮށްލި އެވެ. އެ ރާޅު ބަނޑު ދަމައިލި ވަގުތު ބަލައިލިއިރު ނުހަނު ގާތުގައި އޮތީ އިޝާ އެވެ. ކުޑަކުޑަ ފިލާ ފޮއްޗެއްގައި އެލިގެން އޮވެ އިޝާ އެހީ އަށް އެދެނީ އެވެ. އަދުހަމް ބިރުގަތެވެ. އައްޒައާ ދަރިފުޅު އަޒްދަމްގެ މަތީން ހަނދާން ވުމާއެކު އިޝާއާ ދުރަށް ފަތަން ފެށި އެވެ.

ވިޝް ނުކުރެވުނު ނަމަ! އަދުހަމްގެ ހިތަށް އެރިއެވެ. އިޝާއަށް އެހީވާ ހިތެއް އޭނާގެ ނެތެވެ. ބާރުލާފާއި ތަންކޮޅަކަށް ދިއުމަށްފަހު އަދުހަމް ބަލައިލި އެވެ.

"އަދު...ހަމް" އެވަގުތު އިޝާ ބޯ ހިއްލާލާފައި ގޮވާލި އެވެ. އެ އާދޭހުން އަދުހަމަށް ހީވީ ފިނި ލޮނުގަނޑު ތެރޭގައި އޭނާ ގަނޑުވެއްޖެ ހެނެވެ. ހަރަކާތް ކެނޑި މަޑުމަޑުން އަޑިއަށް ދާން ފެށި އެވެ.

އަދުހަމު އަނެއްކާ ވެސް ބޯ ހިއްލާލި އެވެ. އިޝާގެ އާދޭހުގެ އަޑާއި ހަރަކާތްތައް އެހާ ގާތުން ފެނުމުން ކެތެއް ނުވި އެވެ. އިޝާއާ ދިމާއަށް ފަތަން ފެށި އެވެ. އެކަމަކު އުދަ އޮޔާއެކު ހީވަނީ ހައްތާ ދުރަށް ދަމާ ހެނެވެ. އިޝާ އަތުވީ އެތަށް އިރަކު ބަކަތަޅައި މީހާ ހަންވި ފަހުންނެވެ. އަތުގައި ހިފުމާއެކު އިޝާ ބެއްދީ އަދުހަމުގެ ކަރުގަ އެވެ. އަދުހަމް ހިތަވަރު ކުރުމަށްފަހު ލައިފްޖެކެޓް އިޝާގެ ކަރަށް ފައްތާލި އެވެ. އިޝާ އޮތީ ބިރުން ދެލޯ ބޮޑުވެފަ އެެވެ.

އިރުގަނޑެއް ފަހެވެ. ބުރަކަށި މަތީގައި އިޝާ ބާއްވައިގެން އަދުހަމް ފަތަމުން ދިޔަ އެވެ. ހީވަނީ ދެންމެ ނޭވާ އުފުރިދާނެ ހެނެވެ. ކުއްލިއަކަށް އަދުހަމްގެ ފައި ޖެހެން ފެށި އެވެ. ބޯހިއްލާލާފައި ބަލައލި އިރު އޮވެވުނީ ދޮން ފަޅެއްގެ ތެރޭގަ އެވެ. ލިބުނު ހިތްވަރާއެކު ފަތަން ފެށި އެވެ. ކުރިމަތީގައި އޮތް ރަށާ ދިމާއަށެވެ. ފަސް މިނެޓް ހިނގައިފި އެވެ. އިޝާ ގޮވައިގެން ރަށުގެ ދިޔަރެހަށް ދެވުނު އިރު އަދުހަމު ވާތާވެގެން ދެމިއްޖެ އެވެ. އިޝާ ވެސް ލޯ މަރާލައިގެން އޮތެވެ. ބުރަކަށި މަތީގަ އެވެ.

އިރުކޮޅެއް ފަހެވެ؛ އަދުހަމް ރާޅު ޖަހާ ފަށުގައި އިށީނދެ އުނގުމަތީގައި އިޝާ ބޭއްވި އެވެ. އިޝާ ލޯ ހުޅުވާލުމާއެކު އަދުހަމްގެ ހަށިގަނޑު ރޫރޫ ލައިގަތެވެ. އެވަގުތު އިޝާ އޮޅުލައިގަތެވެ. އަދުހަމްގެ ކޮނޑުގައި ބޯ އަޅައިލުމުން ދެއަތް އަދުހަމް ބުރަކަށި ވަށައި ޖައްސާ ބާރު ކޮށްލި އެވެ.

އިރުކޮޅަކުން އިޝާ ތެދުކުރަން އަދުހަމް މަސައްކަތްފެށި ކުޑަކޮށް ގައިގައި ވަރު ޖެހިލުމުންނެވެ. އެންމެ ފަހުން އިޝާ ތެދުކޮށް މޫނަށް ބަލައިލިއިރު އިޝާގެ ދެލޯ ވަނީ ބޮޑުވެފަ އެވެ. ކަޅި ވަނީ ހުއްޓިފަ އެވެ. ފުފިފައިވާ ހަށިގަނޑު ވަނީ ހަރުވެފަ އެވެ.

"އި...އިޝާ...ޝާ" އަދުހަމުގެ އަރުތެރެއިން ނުކުތީ ކުރެހިފައިވާ އަޑެކެވެ. ދެވަނަ ފަހަރު އޭނާ އިޝާ އަށް ގޮވާލި އެވެ. ޖަވާބެއް ނުދިނެވެ. އަދުހަަމަށް ރޮވެން ފެށީ ދެނެވެ. ފަހު ނަޒަރު ގެންދިޔައީ ރެސް މައްޗަށެވެ.

އޭނާގެ ހަނދާނުގައި މިހާރު އެއްވެސް ކަމެއް ނުވެ އެވެ. އޭނާގެ ހިމާޔަތުގައި އިޝާގެ ފުރާނަ ނެތް މަސްގަނޑު ކިހާ އިރެއް ވަންދެން އޮތް ކަމެއް ވެސް ނޭނގެ އެވެ. ދަތުރުމަތީ ގަދަ ވިއްސާރައިގައި ޖެހި ކަނޑު ވުމަށްފަހު އިޝާއާއެކު ހޮނޑާފުއްޓަށް ދެވުނު ކަމެއް އަދުހަމަކަށް ނޭނގެ އެވެ. މަރުވެފައިވާ އިޝާގެ ހަށިގަނޑު ގާތުގައި ބާއްވައިގެން އެއްރެއާ އެއްދުވާ ވަންދެން ގަބުވެފައި އިނދެވުނު ކަމެއް ވެސް އޭނާގެ ހަނދާނަކު ނެތެވެ.

ކޯސްޓުގާޑުގައި އައްޒަ އާއި އަޒުދަމް ގާތަށް އޭނާ ގެންދިޔައީ ކިހިނެއް ކަމެއް ވެސް އޭނާ ނުދެނެ ހުއްޓެވެ. އޭނާގެ ސިކުނޑި ވަނީ ހުސް ކަރުދާސްގަނޑެއްގެ ސިފައިގަ އެވެ. އައްޒަ އާއި ތުއްތު އަޒްދަމް ކިތަންމެ ވަރަކަށް ސުވާލު ކުރިއަސް އަދުހަމް ޖަވާބު ދޭނެ ހެއްޔެވެ؟ އަދުހަމްގެ ހުއްޓިފައިވާ މޫނުމަތިން ފައިދާވާ ކުލަވަރާއި ލޮލުން އޮހިގެން އަންނަ ކަރުނަތިކި ބުނާ ކަހަލަ އެވެ. ނަމަނަމަ އަހަންނާ ސުވާލެއް ނުކުރާށެވެ. ބޭނުމީ ކަރުނައިގެ ކޯރެއް ތެރޭ ފަތާލާށެވެ. (ނިމުނީ))