ހިޝަންގެ ހަނދާން އާކޮށް ދެމުން ދިޔައީ މާޒީގައި އެތަކެއް ފަހަރު އޭނާގެ ކަންފަތު ހިނދުރި ތޮރުފާލި ޖުމްލަ އެކެވެ. ދެވަނަ ފަހަރު ވެސް އެ ޖުމްލަ ހިތަށް އަ އެވެ. އެންމެ ފަހުން ކުޑަ ދޮރުން ތަންކޮޅަކަށް ކަހާލާފައިވާ ވިންޑް ބްލައިންޑުން މުއްސަނދި ބެޑްރޫމުގެ އެތެރައަށް ބަލައިލި އެވެ. އެ ތާނގައިވާ ހުރިހާ ތަކެއްޗެއް ހިޝަން އާ އެންމެ ފަހުގެ ސަލާން ކުރުމުގެ ގޮތުން ކޮންމެ ވެސް އިޝާރާތެއް ކުރަން އުޅޭ ކަހަލަ އެވެ. ހަރަކާތެއް ނެތީ ބެޑްޝީޓް ރުލަށް ވެފައި އޮތަސް ހިއްގައިމު މާސްޓާ ބެޑްގައި ރުލެއްނެތި ހިމޭން ވެފައި އޮތީ ކައިފް އެވެ.
ފިނިފިނި ފަތިސް، ފަޖުރު ދަންފަޅީގެ ހުސްތަން ފުރާލުމުގެ ކުރިން ހިޝަން ތައްޔާރު ވެގެން އެ ހުރީ އެކަނި މާއެކަނި ގެއިން ނުކުމެގެން ދާށެވެ. އެކަމަކު ކައިފް ލޯ މަރާލައިގެން އެއޮތީ ކީއްވެގެން ހެއްޔެވެ؟ ކުރިން ވެސް ހިޝަންގެ އަތުގައި ހިފާ ގޮތަށް ލޯބިން ހިފާލައި، އުނގަނޑުގައި އަތް ވަށާޖައްސާލާނެ ހިތްވަރެއް ކައިފުގެ ނެތީ ހެއްޔެވެ؟ އެހެން ނޫނީ އެ އޮތީ މަރު ނިދީގައި ހެއްޔެވެ؟ އެހެންނާ މަރުވެފައި ހެއްޔެވެ؟
މިނެޓެއްހާއިރު ކައިފްގެ މޫނަށް ބަލަހައްޓައިގެން ހުރުމަށް ފަހު ހިޝަން ފިޔަވަޅެއް ކުރިޔަށް އެޅި އެވެ. ދެވަނަ ފިޔަވަޅާއެކު ހަނދާން އޭނާ ގޮވައިގެން މާލެ އަތޮޅު ބަނޑޮހުގަ ޑައިވިން ސްކޫލާ ދިމާ ގޮނޑުދޮށަށް ސޮއްސައިލި އެވެ.
ހިޝަން! ހޯލްޑް މީ ކްލޯޒް... އެންޑް ގިވްމީ މޯ..! ދުރަށް އަޅާ ކޮންމެ ފިޔަވަޅަކާއެކު ހިޔާލުތައް ހިޝަން އަށް ދުއްޕާން ކުރަމުން ދިޔައީ ކައިފް އޭނާ އާ ގާތުގައިވީ ފަހަރުތަކުގައި ވައި އަޑުން ލަސްލަހުން ބުނެ އުޅޭ ޖުމްލަތަކެވެ.
ޔޯ ލަވް އިން އެވްރީ ޑްރޮޕް އޮފް ބްލަޑް ދެޓް ފްލޯޒް ތުރޫ މައި ވެންސް..! ކޮންމެ ވާހަކަ އެއް އާވާން ފެށުމާއެކު ހިޝަން އަށް ރޮވެނީ އެވެ. ކުއްލިއަކަށް މޭ ނެގި ހިތު ޖެހެން ފަށަނީ އެވެ.
****
ދެ ރޮނގުން ކުރެ އެއް ރޮނގެއް ވެސް ސަހަލަ ނޫންކަން ހިޝަންގެ ސިކުނޑި އަށް ޑޮކްޓަރު ވައްދައި ދިން ހިސާބުން ފެށިގެން ހިޔާލުތައް ދިޔައީ ހިޝަންއާ ކުޅެ، ސިފަ ބަދަލު ކުރަމުންނެވެ. ދެމެދުގައި އުސް ފާރެއްލަމުންނެވެ.
"ހިޝަން! ފްރޮމް ވެއާ ޑިޑް ހީ ސްޓަޑީ، ހީ ޑަޒަންޓް ނޯ އެނީތިން... އެނީތިން އެބައުޓް ޕްރެގްނެންސީ،" ހޮސްޕިޓަލުން ނުކުމެ ކެބަކަށް އިންތިޒާރު ކުރަމުން ކައިފް ހިޝަންގެ އަތުގައި ހިފަން އުޅުނެވެ. ބެހެއްޓި ބުދެއްހެން ހިޝަން ހުރީ އެވެ. ހިތާމައިން ފޯވެފައި އެވެ. އެހެނަސް އެ މާޔޫސް ކަމުގައި އެންމެ ކަރުނަ ތިއްކެއް ވެސް ލޮލުން ވައްޓައެއް ނުލަ އެވެ.
"އެއީ އެއްވެސް އެއްޗެއް ދަންނަ ބައެއް ނޫން... ފައިސާ އަށް ގޮސް މުޅިން ހުސްވެފައި ތިބެނީ. އެމީހުން ބޭނުންވާ ގޮތަކަށް ކަންތައްތައް އަނބުރާލާނެ... ހުރިހާ ޕޭޝަންޓުންނަށް ދޭން އާދަވެފައި އޮންނަނީ އެއް ބޭސް ސިޓީ... ޑިސްޕްރިން އާއި ޕެނަޑޯލް..." ޓެކްސީ އަށް އަރަމުން ކައިފް މަސައްކަތް ކުރީ ހިނދުކޮޅަކަށް ނަމަވެސް ހިޝަންގެ ހިމޭންކަން ފޫ ދުއްވާލާށެވެ. އެހެނަސް ހިޝަންގެ ދުލުގައި ވަނީ ތަޅުލެވިފަ އެވެ. އޭނާގެ ހިޔާލުތައް ދިޔައީ ކައިފް ދޫކޮށް އުދުހެމުންނެވެ.
ތިން އަހަރު ވީއިރުވެސް އަހަރެން ކައިރީގައި ބޭބީ އެއް ނެތް! ދެން ނުވެސް ލިބޭނެ! ހިތަށް އެރިވަގުތު ކައިފްގެ މޫނަށް ހިޝަން ބަލައިލި އެވެ. ކައިފް އިނީ ގާތުގަ އެވެ. އޭނާގެ ސްޓައިލްގައި ހެވިފަ އެވެ. އެކަމަކު ކިތަންމެ ގާތުގައި ކައިފް އިނަސް ހިޝަންގެ ލޮލަށް ފެނުނީ ވަރަށް ދުރުގައި ކައިފް ހުއްޓަ އެވެ. ކައިފްއާ މެދު ދެކެމުން އައި ގޮތް ބަދަލުވެފައި ވަނިކޮށެވެ. ލޯތްބަށް ކިލަނބު ކަމެއް ގެނުވާފައި ވާތީ އެވެ. ހަމަ ކުއްލިއަކަށެވެ. އިންސާނުން ހާދަ ފަސޭހައިން ބަދަލުވެ އެވެ. ހިތުގެ ހުރިހާ ރޭވުމެއް ހާދަ ފަސޭހައިން ރޫޅި ދެ އެވެ.
"އަހަރެން ފާމަސީ އަށް ގެންގޮސްދީ؟" ހިޝަން އިސް ޖަހާލައިގެން އިން ގޮތުން ކައިފް ހައިރާނެއް ނުވެ އެވެ. އޭނާ އަށް ހުއްޓުން އެރީ ކުއްލިއަކަށް ހިޝަން ފާމަސީ އަށް ދާން އެދުމުންނެވެ. ހިޝަންގެ ޑިއުޓީ މިގަޑިއަކު ނޯންނާނެ އެވެ.
"މި ރެއަކު ނޫންތަ ޑިއުޓީ އޮތީ. ކީއްކުރަން މިހާރު ދަނީ... މައިންޑް ޗޭންޖްވީ؟ ކައިފް ސުވާލު ކުރިއެވެ.
"އެއީ މައްސަލަ އެއް ނޫނެއްނު. އަހަރެން ބޭނުން ކޮންމެ އިރަކަށް ޑިއުޓީ ސެޓް ކުރެވޭނެ... ޝަނާގެ ޑިއުޓީ އަދި ކިރިޔާ އެ ފެށެނީ. އޭނާ ފޮނުވާލާފައި އަހަރެންހަވާލު ވާނީ... ގެއަށްދާނީ މިރޭ،" ހިޝާން ބުންޏެވެ.
ފާމަސީގައި ހިޝަން އަށް ވަރަށް ބޮޑު ބާރެއް އޮވެ އެވެ. ބޭނުން ގަޑިއަކަށް ޑިއުޓީ ސެޓް ކުރުމުގެ އިހުތިޔާރު އޮންނަނީ ދީފަ އެވެ. ހިޝަން އަށް އެކަހަލަ އިހުތިޔާރު ތަކެއް ލިބިފައި އޮންނާތީ އޭނާ އުފާވާ ވަރަށް ވުރެ ހަގީގަތުގައި ކައިފް ފަހުރުވެރި ވެއެވެ. ބޭނުން އިރަކު ހިޝަން ގޮވައިގެން މާލެ ވަށައި ސައިކަލު ބުރުޖަހަން ދެވޭތީ އެވެ. ހިޝަން ފާމަސީ އަށް ދާން ފެށި ދުވަސްވަރު އެފަދަ އިހުތިޔާރެއް ނޯންނާތީ ކައިފް ރުޅި އާދެ އެވެ. އެ ދުވަސްވަރު ކައިފް ހިތްހަމަ ނުޖެހިގެން ބުނެ އުޅެ އެެވެ: އަޖައިބެއް، ތި އުޅެނީ ޖަލެއްގަ ބަންދުވެގެންތަ؟ ތީ އެމީހުންގެ ތުންފުއްސެއްތަ؟ އެކަމަކު މަގޭ ވައިފޯ! ހުނ!
"އަހަރެން ދާނީ މިރޭ... ކައި، އަހަރެން ބަލާ އަންނާނެ ކަމެއް ނެތް. ހިނގާލާފައި ދާނީ." ފާމަސީ ކުރިމައްޗަށް ޓެކްސީ މަޑު ކުރުމުން ކެބް ފެއާ ދައްކާނެ ވިހި ރުފިޔާ ކައިފް އަތަށް ދީފައި ހިޝަން ފޭބި އެވެ. ކައިފް ގޮވައިގެން ޓެކްސީ އޮބާލާ މަންޒަރު ބަލަން ހިޝަންގެ ޝައުގުވެރި ކަމެއް ނެތެވެ. ފަހަތް އެނބުރި ބަލައިވެސް ނުލައި ވަދެ، ހިޝަން ބެލީ ޝަނާ ގެއަށް ފޮނުވާލުމަށްފަހު ކައުންޓަރާ ހަވާލު ވުމަށެވެ.
"މީ ކޯންޗެއް! އަހަރެން! އަހަރެން ދިނީ ސަތޭކަ ރުފިޔާ... ފަންސަވީސް ރުފިޔާ ކެނޑީމަ މިކޮޅަށް ލިބެން ޖެހޭނީ ހަތްދިހަ ފަހެއް..." ހިޝަން ސިހުނީ ފަންސާސް ރުފިޔާގެ ނޫޓެއް އަތަށް ލައިގެން ކައުންޓަރު ކައިރީ ހުރި މީހާ ސުވާލު ކުރި އަޑަށެވެ.
"ސޮރީ!"
"ހިޔާލެއްގަ ހުރެވުނީ ދޯ؟" އެ މީހާ ހެވިފައި ހުރުމުން ހިޝަން ވެސް ހިނިތުންވާން މަސައްކަތް ކުރި އެވެ.
ހަގީގަތުގައި ވެސް ހިޝަންގެ ހިޔާލު އުޅުނީ ފާމަސީ ތެރެއަކު ނޫނެވެ. ހިތުގައި އުފައްދަމުން ދިޔައީ އެކަނި ހަޔާތަކާއެކު މާ ދުރަށް ދަތުރު ފަށާނެ އާ ވިސްނުމެކެވެ.
ރޭގަނޑު 11 ޖެހިފަހުން ހިޝަން ގެ އަށް ދިޔައީ ވެސް އެ ހިޔާލުތައް ރާވަމުންނެވެ.
ގެއަށް ގޮސް ކޮޓަރިއަށް ވަން އިރު ކައިފު އެނދުމަތީގައި އޮތުމުން ހިޝަން ބަލައިލި އެވެ. އެއީ އެެހެންނާ ކައިފް އޮންނަ ގޮތެއް ނޫނެވެ.
އެކަމަކު ހިޝަން އަޅައެއް ނުލަ އެވެ. ވަދެގެން ދިޔަ ގޮތުން ހީވަނީ ފކުރު ކޮށްކޮށް ސިކުނޑި ލޮޑުވެފައިވާ ހެންނެވެ. އާ ކަމަކާ ވިސްނާ ހިތް ފަނާވާން ކައިރި ވަމުން އަންނަ ހެންނެވެ.
"ހިޝަން!"
"ކިހިނެއްވީ؟ ކައި ބަލީތަ؟" ހިޝަންގެ އަޑުގައި ހުރީ ފަރުވާ ކުޑަ ގޮތެކެވެ.
"އާނ! ކުއްލިއަކަށް ވަރަށް ގަދައަށް ހުން އައިސްފި... ގައިގަވެސް އެބަރިއްސާ."
"ކައިފިންތަ؟ ބޭސްކާން ވީނު؟" ހިޝަން އެދުނެވެ.
"ބޭސް ވެސް ކައިފިން!"
"އެހެންވީރު ނިދާލާ. ހެނދުނަށް ރަނގަޅު ވެދާނެ... ކައި، މާބޮޑަށް ޓަޔަޑް ވީ ކަންނޭނގެ!"
އެންމެ ފުރިހަމަ ވިސްނުން ހިޝަންގެ ވިސްނުމަށް އައީ އެވަގުތު އެވެ. އެއާއެކު ގޮސް ކައިފްގެ ގާތުގައި އޮށޯވެލި އެވެ.
ތިނެތިން އެކަތި... މިފަހަރު މީ އަހަރެންގެ ފަހަރު! ހިޝަން ގެ ހިތަށް އެރި އެވެ. ގަދަ ހުމުން އަލިފާން ކޮށްފައިވާ ކައިފްގެ ކަނދުރާގައި އަތްތިލަ ބިއްސާލި އެވެ. ކައިފްގެ ނިތްކުރި މަތިން ފެށިގެން އިސްތަށިގަނޑުގެ ތެރޭގައި އަތްތިލަ ހިންގާލައި، ފިރުމައިދިނެވެ.
ކައި، މީ އެންމެ ފަހު ފަހަރު! ހިތާހިތާ ހިޝަން ކިޔާލި އެވެ.
"ކައި، ހާދަ ހިތްވަރެއް ނެތޭދޯ؟ އެންމެ ފަހަރަކު ހުން އައިމަ... ކެތްކޮށް ބަލަ! ބުނެބަލަ ބޮޑަށް ބަލީ އަހަރެންތަ؟ ކައިތަ؟ އުނ! އެކަމަކު އަހަރެން އެބަ ކެތް ކުރަމޭ! މާދަމާ އިރު އަރާއިރު މިހާ ގާތުގައި އަހަރެން ހުންނާނެތަ؟ އެ ޔަގީން ކަމެއް އަހަރެންގެ ނެތް... ކައި، އަހަރެން މިހުރީ މަރުވެފަ... އޮޕަރޭޝަނެއް ކޮށްފިއްޔާ އަހަރެން މަރުވާނެ. ނުކޮށްފިއްޔާ ވާނީ އަބަދަށްޓަކައި ބަލި މީހަކަށް. ދަރިޔަކު ލިބުމުގެ އެއްވެސް ފުރުސަތެއް ނެތް. އޭތި އަހަރެންގެ ރަހިމް ކައި، އަވަދިކޮށް އަހަރެންގެ ދުވަސް ދުއްވާލާނެ. އެކަމަކު ވެސް އަހަރެން އެބަ ކެތް ކުރަން..."
ކައިފް އާއެކު ފިތިގެން އޮވެ ހިޝަން ރޯން ފެށި އެވެ. ލޯ ފުސް ވާން ފެށި އެވެ. އެންމެ ފަހުން އޮބަހައްޓައިގެން ހުރި ކަރުނަތައްވެސް ހައްޔަރުން ދޫވި އެވެ. ކަރުނަތައް ހިޝަންގެ ދެ ކޯތާފަތަށް ބަންޑުން ވުމާއެކު ފޭދިގެން ގޮސް ދަތް ދޮޅީގައި ޖާގައެއް ހެދި އެވެ. ފަހަރަކު ތިއްކެއް ކައިފްގެ ކަނދުރާ މައްޗަށް ޖެހެން ފެށުމާއެކު ކައިފް ތެޅިގަނެ އެވެ. ހީކަރުވައިގެންފާ އޮއްވާ ކަނދުރާމަތީގައި އައިސް ކިއުބެއް ކާތާލުމުން ސިހުން އަންނަ ފަދަ ގޮތަކަށެވެ. ކައިފް މަޑުމަޑުން އަތް އުފުލައިލުމަށްފަހު ހިޝަންގެ ގައިގައި ބައްދާލި އެވެ.
"އައި ޖަސްޓް ވޮނަ ބީ ކްލޯޒް ޓު ޔޫ..." ކައިފުގެ އަޑު ބޭރުވީ ވަރަށް ލަސްލަހުން، އެހާމެ މަޑެވެ.
"ނޫން... ކައި،" ހިޝަންގެ ބަޑި ފަޅައިގެން ދިޔަ އެވެ. ދުރަށް ޖެހިލެވުނެވެ.
ކޮންކަހަަލަ ފިރިއެއް ހެއްޔެވެ؟ އެއޮތީ ގަދަ ހުމާއެކު ބަލި އެނދުގަ އެވެ. އަނބިމީހާ މަރާ ހަނގުރާމަ ކުރަނީ އެވެ. އެކަމަކު އޭނާގެ ފިކުރަކަށް އެއިން ކަމެއް ނާދެ އެވެ. އަދިވެސް އެދެމުން އެ ދަނީ ނަފްސުގެ އުފަލަކަށެވެ. ލޯބިން ހިޝަންގެ މޫނާއި ކަނދުރާގައި ފިރުމައިދޭން ހިތަށް ނާރަނީ ހެއްޔެވެ؟ ހިޝަންގެ ހަލާއި މެދު ހަމްދަރުދީވެ، ލޮލުން ކަރުނަ ތިއްކެއް ވައްޓާލަން ވެސް ދަހިވެތި ވަނީ ހެއްޔެވެ؟
އާއެކެވެ. އެހެން ނޫނީ އަނބިމީހާއަށް އެ ވަރު ވާއިރުވެސް ކެތް ގަދަ ފިރިންވެސް ރޯނެ އެވެ. ލޯބިވާ އަންބެއްގެ ހާލަށް ރުއިމަކީ މާމުޔަށްވުރެ ފޮނި ލައްޒަތު ލިބޭ ކަމެކެވެ. އެ ކަހަލަ ފިރިން ބޭނުންވާނީ ރޯށެވެ.
ބޭނުންވި އުފަލުގެ ވަރުބަލިކަމުގައި ކައިފް ނިދީ މެންދަމުން އަލިވި ފަހުންނެވެ. އޭރުވެސް ގާތުގައި އިނދެ ހިޝަން ރޮމުން ދިޔަ އެވެ. ކައިފްގެ މޫނަށް ބަލަހައްޓައިގެންނެވެ. އިރުއިރުކޮޅާ ފިރުމައިދެމުންނެވެ.
"އައި ލަވް ޔޫ ކައި... އައި ލަވް ޔޫ..." އެންމެ ފަހުން އުނގުގައި އޮތް ބާލީހާއެކު ކައިފްގެ މޫނުމައްޗަށް ހިޝަން ވެއްޓިގަތެވެ. ކައިފްގެ ހަށިގަނޑަށް ލޮޅުންތަކެއް އައިސް، އަރުން ކުކުރުމެއް ބޭރުވި ކަމެއް ހިޝަން ނުދެނެ ހުއްޓެވެ. އެކަމަކު ގިސްލަމުން ދިޔައިރު ހަނދާނުގައިވާ ޖުމްލަތަކެއް ދުލުން ބޭރު ކުރި އެވެ.
"ލެޓްސް މޭކް އިޓް އަ ސްޕެޝަލް ނައިޓް... ޔޫ... ދަ ހެލް އައުޓް އޮފް މީ،" އަޑު ވީއްލާ އެހެން ގޮވަމުން ދިޔައިރު ހިޝަންގެ ގިސްލުމުގެ އަޑުވެސް ބާރުވި އެވެ.
"ސޮރީ، ކައި... އައި ލަވް ޔޫ." ކައިފްގެ ގައިމަތިން މަޑުމަޑުން ތެދުވެ މޫނުގައި އަތް އެޅި އެވެ. ލޯ މަރާލައިގެން އޮތް ކައިފްގެ މޫނަށް ބަލަން ބޭނުން ނުވަނީ ކަންނޭނގެ އެވެ.
އިރުކޮޅަކު އިނުމަށްފަހު އެނދު މައްޗަށް ކޮޅަށް ތެދުވެ، ދެ ލޯ ފޮހެލި އެވެ. ސިއްރުން ކައިފްގެ މޫނަށް ބަލައިލުމަށްފަހު ލައިގެން ހުރި ފިޔާތޮށި ކުލައިގެ ހެދުމުގެ މޭމަތިން ބާރުކޮށްލާފައިވާ ޓައީގޮށް މޮހެލި އެވެ. ތުނިތުނި ހެދުން ނިއުޅި، ދެ ފައިތިލަ މައްޗަށް ހިމޭން ވުމުން ދުވެފައި ގޮސް ފާހާނައަށް ވަނެވެ. ގަނޑުފެން ހާ ފިނި ފެން އޮހެމުން ދިޔަ މާގަނޑުގެ ދަށުގައި ހިޝަން ހުރީ ހަރަކާތެއް ނެތިފަ އެވެ. އެކަމަކު ހިނދުހިނދުކޮޅަށް ހިތުގައި ޖެހެމުން ދިޔަ އެވެ. މިނެޓުން، މިނެޓަށް ކައިފަށް ގޮވަމުން ދިޔަ އެވެ.
"އައިމް ސޮރީ ކައި..." ފެނުގެ ތެރޭގައި ހުރެ ރޮމުން ދިޔައިރު ހިޝަންގެ ކެތްތެރިކަން ކޮޅުން ލައިދިޔަ ހާދިސާތަކުގެ ހިތި ހަނދާންތަކުގެ ތެރެއަށް ގެނބެމުން ދިޔަ އެވެ. ބޮޑޫ ދެ ލޯ ފުސްވެފައިވާއިރު ކަރުނައިގެ ތެރޭގައި ކަޅާ ހުދުގެ މަންޒަރުތައް ފެވެމުން ދިޔަ އެވެ.
***
"ހިނގާ ރޫމަށް ދަމާ!" ބަނޑޮހުގެ ޑައިވިން ސްކޫލާ ދިމާލުގައި އޮންނަ ފާލަން ކައިރިން ހިނގަމުން ހިޝަން ބުންޏެވެ.
"ހިޝަން، މި ކަހަލަ ހިތްގައިމު ހަނދުވަރެއް ދޫކޮށްފައި އަހަރުމެން ދާންވީތަ؟ ވަށައިގެން ބަލައިލަ ބަލަ! ހަނދުވަރުން ދުނިޔެ އެއޮތީ ފެންވަރުވާފަ... މާދަމާ އައުމުން އިރުގެ އަލި، ދުނިޔެ އަލިފާންކޮށް، ހިރަފުހުން އޮރިޔާން ކުރާނެ... މި ކަހަލަ ރެއެއް ލިބުމުން އަހަރެންމެންގެ ލޯބީގެ ކޮންމެވެސް ހަނދާނެއް ވެސް ލިބިގަންނަން ޖެހޭނެ. ލޯތްބަކީ މާދަމާ ވެސް ނިމިދާނެ އެއްޗެއް. ނިޝާނަކާއި ނުލާ ދިއުމަކީ މޮޔަ ކަމެއް... ވިލް މޭކް ލަވް ޓިލް ޑޯން... އުމް!" ކައިފް ހިޝަންގެ އަތުގައި ހިިފި އެވެ. މަޑުމަޑުން ހިނގަމުން ގޮސް ގޮނޑުދޮށުގެ ހިމުން ވެލިގަނޑު މަތީގައި ޖައްސާލުމަށްފަހު ހިޝަންގެ އުނގުގައި ބޯ އަޅައިލި އެވެ.
"ހިޝަން... ލެޓްސް މޭކް އިޓް އަ ސްޕެޝަލް ނައިޓް! ލެޓްސް މޭކް... ޕްލީޒް ޑޯންޓް ލީވް މީ ލައިކް ދިސް،" ކައިފްގެ މޫނު ކައިރިކޮށްލުމާއެކު ހިޝަންގެ ހަށިގަނޑުގެ ތެރެއަށް ހީވީ އުދަ ރާޅެއް ޖެހި ހެންނެވެ.
"ހޯލްޑް މީ ކްލޯޒް... ގިވް މީ މޯ،" ހިޝަންގެ ދެއަތް ބީހިލުމާއެކު ކައިފް ބުންޏެވެ .
"ކައި ޕްލީޒް... ގެޓް ޓް ގޯ." ހިޝަން ކައިފްގެ އުނގަނޑުގައި އަތް ޖައްސާލި އެވެ. އެސްފިޔަތައް ބާރުކޮށްލެވޭ އާލަމުގެ ތެރެއިން ނުކުތުމަށެވެ.
"ހިޝަން ޔޫއާ ފިލިން މައި މައިންޑް ވިތް ވިއާޑް އައިޑިއާސް... އައި ކެނޮޓް ކޮންޓްރޯލް މައިސެލްފް ފްރޮމް ފޯލިނިން އިން ލަވް ވިތް ޔޫ... ހިޝަން، އައި ލަވް ޔޫ..." ދެވަނަ ފަހަރުވެސް ކައިފް ހިޝަން އަސް ލެނބިލި އެވެ.
"ކައި! އައި ލަވް ޔޫ ޓޫ... އެކަމަކު ކައި، މިސާލަކަށް މިސްޓޭކެއް އައިއްޔޯ! އެހެން ވެއްޖިއްޔާ މެރީ ކުރާނަންތަ؟"
"ނޯ ހަނީ... ނޯ އައި އޭމް ނޮޓް ރެޑީ ޔެޓް... އެނގެއެއްނު.!" ކައިފްގެ ޖުމްލައިން ހިޝަން އަށް ހީވީ އޭނާގެ ދުނިޔެ އެކަތި ފަހަރުން ފަނާވި ހެނެވެ.
"ދެން... އޭރުންނޯ؟!"
"ހެދޭނެ ގޮތްތައް ހުންނާނެ... ކީއްވެ ހިޝަން ހާސްވަނީ... ކޫލް ބޭބީ!"
***
އެންމެ ފަހަރެއް ނޫނެވެ. އެކަހަލަ ތިން ފަހަރެއް ބައްދަލުވި އެވެ. އެކަމަކު ހާސްވާކަށް ނުޖެހެ އެވެ. ހުރިހާ ކަމެއްވެސް އޮބުނެވެ. ހާސްވާ ހިސާބަށް ދިޔައީ ދެ އާއިލާއިން ކައިވެނި ކުރަން މަޖުބޫރު ކުރުމުންނެވެ. ކައިވެންޏަށް ތިން އަހަރު ވީ އިރުވެސް ކުއްޖަކު ނުލިބުމުންނެވެ. ލިބޭނެ ކަމުގެ އުންމީދެއްވެސް ޑޮކްޓަރުން ނުދިނެވެ. ހިޝަންގެ ހާސްކަން އިތުރުވީ އެ ހިސާބުންނެވެ.
ތިން ފަހަރު މަތިން ބާރު ގަދަ ބޭސް ބޭނުންކޮށްފައި ހުރުމުން ރަހިމްގައި ސިސްޓެއް އުފެދިފައިވާތީ ހިޝަން އަށް ކުއްޖަކު ލިބުމުގެ ޗާންސެއް ނެތް ކަމަށް ޑޮކްޓަރު ބުނުން ވެގެން ދިޔައީ ލޯބީގެ ދުނިޔެ ގިޔާމާތް ވެގެން ދިއުމަށެވެ.
"އޮތީ ދެގޮތް... އޮޕަރޭޝަނެއް ކޮށްގެން ސިސްޓު ނެގުން ނޫނީ އަންދާލުން. އެހެން ހައދައިފިއްޔާ ފުރާނައަށް ނުރައްކާ ވުމުގެ ފުރުސަތު ވަރަށް ބޮޑު... ދެވަނަ ގޮތަކީ ޓްރައި ކުރުން. އެކަމަކު ޔުޓެރަސްގައި ސިސްޓް ހެދި ބޮޑުވަމުން ދާހާ ދުވަހަކު ބޭބީއެއް ފޯމް ވުމުގެ ޗާންސެއްނެއް." އެންމެ ފަހުން ދެއްކި ދުވަހު ޑޮކްޓަރު ހިޝަން ގާތުގައި ބުންޏެވެ. އެ ވާހަކަތައް ވީ ހިޝަންގެ ހިތް ތޮރުފާލި ޒަހަރުލީ ތީރަކަށެވެ.
ތިން ކުދިން ލިބިފައި އެދިޔައީ... ކައިފަށްޓަކައި އަހަރެން އެކަންތައް ކުރީ! ފައިނަލީ އަހަރެން މިވީ ބޭކާރު މީހަކަށް! އަހަރެންގެ ކުދިން ފަދައިން އަހަރެން ވެސް މިހިރީ މަރުގެ ތުންފަތް މަތީގަ! ޑޮކްޓަރު ޖަވާބުން ހިޝަން އަށް ދެރަވާން ވެސް ނޭނގުނެވެ. ރޮވޭ ގޮތެއް ވެސް ނުވި އެވެ. ވިސްނާލުމަށް ދިން ފުރުސަތުގައި ގެއަށް ދާން ނުކުތް ދަނޑިވަޅު ހިޝަންގެ ކެތްތެރިކަން ކޮޅުންލީ އެ ހިސާބުންވެސް ކައިފުގެ އާދަތަކަށް ބަދަލު ނައުމުންނެވެ.
ހިޝަން! ފްރޮމް ވެއާ ޑިޑް ހީ ސްޓަޑީ... ހީ ޑޯންނީ އެނީތިން... ޑޯންނޯ އެބައުޓް ޕްރެގްނަންސީ...! މިކަހަލަ ވަގުތެއްގައި އެއީ ފިރިއެއްގެ ރާގު ހުންނަންވީ ގޮތް ކަމަކަށް ހިޝަން އަކަށް ގަބޫލެއް ނުކުރެވުނެވެ.
ކައި! އަހަރެމެން ތިން މައިން ބޭކާރުކޮށްފައި ކައި އަކަށް ވެސް ދުނިޔޭގައި ހުރެވިގެން ނުވާނެ، އެއީ އިންސާފެއް ނޫން! ހިޝަންގެ ހިތަށް އެރި އެވެ.
"އަހަރެން ގެންގޮސް ފާމަސީއަށް ލައިދީ!" ހިޝަން އެދުނެވެ.
****
ފަތިސް ވުމުގެ ކުރިން ހިޝަން ފެންވަރާ ނިންމާލުމަށް ފަހު ޑްރެސިން ޓޭބަލްގެ ކައިރީގައި ހުރެ ހިތް ފުރެންދެން ރީތިވި އެވެ. އާ ދުނިޔެއަކަށް ދިއުމަށްޓަކައި ފޭވަރިޓް ފިޔާތޮށި ލިޕްސްޓިކް ތުންފަތުގައި ޖެއްސި އެވެ. ކައިފްގެ އެދުމަށް ކަރުން ނަގާފައި ފޮރުވާފައި އޮންނަ ދެ ތަޅުލީ ފަށް ކަރުގައި އެޅި އެވެ. ހިނގައިގަތުމުގެ ކުރިން ކައިފްގެ މޫނުގައި ބޮސް ދިނެވެ. "އައި ލަވްޔޫ ކައި... ކައި އައި ވާނާ ކޯލޯސްޓް ޔޫ... ބަޓް..."
އަނެއްކާވެސް ހިޝަން އަށް ރޮވެން ފެށި އެވެ. އެކަމަކު ލޯ ފޮހެލުމަށް ފަހު ބޭރަށް ނުކުމެ ވިންޑް ބްލައިންޑާ އިން ކޮޓަރީގެ ތެރެއަށް ބަލައިލި އެވެ.
ހިޝަން ހިނގައިފައި ދަނީ އެވެ. އަމިއްލަ އަތުން ކައިފް މަރާލުމަށް ފަހު އެވެ. ލޯބިން ފިރުމުމަށް ފަހު އެވެ. ލޯބިން ކުރެވުނު ކުށަކުންނެވެ. އެންމެ ފަހުން ހިނގަހިނގާ ހަށިގަނޑު ވާތާވެ ދެފައި ވާޅުވެއްޖެ އެކަމަކު އަދިވެސް ފަތިސް ދަޅަ ވީއްލޭ ކަށެއް ނޫޅެ އެވެ. ހިޝަންގެ ހިތަށް އަރަމުން ދިޔަ އެވެ. އަވަހަށް އިރު އަރާނެ ނަމަ އެވެ. ފިރުމުންތަކަށް ފަހު ސަޒާ ލިބި ގަތުމަށެވެ. (ނިމުނީ)