ދުނިޔެ

ގެއްލުންވުމުން ޗައިނާއިން ލަންކާއަށް 2.2 މިލިޔަން ޑޮލަރުގެ އެހީ ދެނީ

May 29, 2017

އަވަށްޓެރި ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެގައުމަށް ބޮޑެތި ގެއްލުންތައް ލިބި ގިނަ ބަޔަކު ހާލުގައި ޖެހިފައިވާތީ 2.2 މިލިޔަން ޑޮލަރުގެ އަގުހުރި އެހީގެ ސާމާނު ފޮނުވަން ޗައިނާ ސަރުކާރުން ނިންމައިފި އެވެ.

ޒިންހުއައި ނިއުސް އެޖެންސީން ބުނީ ސްރީލަންކާއަށް އެހީގެ ގޮތުގައި ފޮނުވާނީ ޓެންޓްތަކާއި ބްލެންކެޓާއި އެނޫންވެސް ކުއްލި ހާލަތުގައި ބޭނުންވާ އެހީގެ ތަކެތި ކަމަށެވެ. އަދި އެތަކެތި ވީހާ އަވަހަކަށް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެނޫހުން ބުންޏެވެ.

ލަންކާއަށް ވިއްސާރަކުރަމުންދާތާ ހަފްތާއެއްހާ ދުވަސް ވެފައި ވާއިރު ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގެ ސަބަބުން އެގައުމުން ވަނީ 100 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.
ލަންކާގެ ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރާ ހަވާލާދީ ސަންޑޭ ޓައިމްސް ނޫހުން ބުނީ މަރުވިމީހުންގެ އިތުރުން 99 މީހަކު ގެއްލިފައިވާ ކަމަށާއި 200382 މީހުން ހާލުގައި ޖެހިފައިވާ ކަމަށެވެ. ހާލުގައި ޖެހުނު މީހުންނަކީ ލަންކާގެ 14 ޑިސްޓްރިކްޓެއްގައި ދިރިއުޅޭ 52603 އާއިލާއެއްގެ މީހުންނެވެ.

ވިއްސާރައިގައި ހާލުގައި ޖެހުނު މީހުންގެ ތެރެއިން 2937 އާއިލާއަކަށް ނިސްބަތްވާ 12007 މީހަކު މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފަ އެވެ. އެމީހުން ގެންގޮސްފައި ވަނީ ރައްްކާތެރި 69 ތަނަކަަށެވެ.

ލަންކާއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެގައުމުގެ ހަތަރު ކޯރެއްގެ ފެންގަނޑު ވަނީ އުފުލިފައެވެ. އެގައުމަށް ވިއްސާރަކުރަން ފެށީ ވާރޭ ނުވެހޭތާ ގިނަ ދުވަސްތަކެއް ވެ، ބޯފެނާއި ދަނޑުފަނގަށް ބޭނުންކުރާ ފެނުގެ ދަތިކަން ކުރިމަތިވެފައި ވަނިކޮށެވެ.