އިންޑޮނޭޝިއާގެ މެދުތެރޭގައިވާ ސުލަވޭސީ ޕްރޮވިންސަށް ރިކްޓަ މިންގަނޑުން 6.8 ގެ ބާރުމިނުގައި މިރޭ ބިންހެލުމެއް އަތުވެއްޖެއެވެ.
ބިންހެލުމުގައި ބައެއް އިމާރާތްތަކަށް ގެއްލުންވި ނަމަވެސް މީހަކު މަރުވި ނުވަތަ ޒަހަމްވި ކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސާވޭ ބުނީ ބިންހެލުން އައީ ސުލަވޭސީ ޕްރޮވިންސްގެ ވެރިރަށް ޕާލޫގެ އިރު ދެކުނުން 79 ކިލޯމީޓަރު ދުރުގައިވާ މީހުން މަދު ސަރަހައްދަކަށް ކަމަށެވެ. ބިންހެލުން އައީ ބިމުގެ 9.1 ކިލޯމީޓަރު އަޑިއަށެވެ. ބިންހެލުން އައި ކަނޑުގެ ސަރަހައްދަކަށް ކަމަށް ވާތީ ސުނާމީއެއް އުފެދުމުގެ ބިރެއް ނެތް ކަމަށް އިންޑޮނޭޝިއާގެ މޫސުމާ ބެހޭ އިދާރާއާ ހަވާލާދީ ދަ ސްޓާ ނޫހުން ބުންޏެވެ.
ބިންހެލުން އައި ސަރަހައްދާ ކައިރީގައިވާ ޕޯސޯ ނަމަކަށް ކިޔާ ރަށަށް ލިބިފައިވާ ބައެއް ގެއްލުންތައް ފެންނަ ފޮޓޯތައް އިންޑޮނޭޝިއާގެ ނެޝަނަލް ޑިޒާސްޓާ އެންޑް މިޓިގޭޝަން އެޖެންސީން އިން ވަނީ ސޯޝަލް މީޑިއާ ޓްިވިޓާގައި އާއްމުކޮށްފައެވެ. އެ އެޖެންސީން އާއްމުކުރި އެއް ފޮޓޯއިން ފެންނަނީ ވެއްޓިފައިވާ އިމާރާތެކެވެ. އަދި އަނެއް ފޮޓޯއިން ގެންނަނީ ފިހާރައެއްގެ ހުރިހާ މުދާތައް ތަޅުން މައްޗަށް ފައިބާފައިވާ މަންޒަރެވެ.
"ޕެސިފިކް ރިންގް އޮފް ފަޔާ" ހިއްސާ ކުރާ އިންޑޮނޭޝިއާ އަކީ ގިނައިން ބިންހެލުންތައް އަންނަ ގައުމެކެވެ. އެގައުމަށް 2004 ވަނަ އަހަރު އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން އުފެދުނު ސުނާމީއެއްގައި އޭޝިއާގެ އެކި ގައުމުތަކުން ދެލައްކައަށް ވުރެ ގިނަ މީހުން މަރުވިއެވެ.